ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް އެއް އަހަރުގެ މުއްދަތަކަށް ބީއެމްއެލް އިން ހިންގާ ޕްރޮގްރާމެކެވެ.
ބީއެމްއެލުން މިއަދު ބުނީ މި އިންޓާންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބުމުގެ އިތުރުން ބީއެމްއެލް ނުވަތަ މާލީ ދާއިރާގެ އެހެން އިދާރާއަކުން ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުސަތުވެސް ލިބިގެންދާނެ ކަމަށެވެ. އަދި އިންޓާންޝިޕް މުއްދަތުގައި ބައިވެރިންނަށް ދެވޭ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބައިވެރިންނަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓުތަކާއި ޑިޕާޓްމަންޓުތަކާއި ބްރާންޗުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބޭންކުން ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑިރެކްޓަރު ސަހާ ވަހީދު ވިދާޅުވީ 2018 ވަނަ އަހަރު ބޭންކުން ތައާރަފު ކުރި މި ޕްރޮގްރާމު މިހާތަނަށް 42 އަށް ވުރެ ގިނަ ބައިވެރިން ކާމިޔާބު ކަމާއެކު ނިންމާލާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 70 ޕަސެންޓު ބައިވެރިންނަށް ބޭންކުގެ ދާއިމީ ވަޒީފާ ލިބިފައިވާ ކަމަށް ސަހާ ވިދާޅުވިއެވެ.
ބޭންކުން ބުނީ މި ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް ކޮންމެ މަހަކު 6،000 ރުފިޔާގެ މުސާރަ އަދި ރަމަޟާން ބޯނަސްގެ އިތުރުން ޕެއިޑް ލީވް ވެސް ލިބޭނެ ކަމަށެވެ.
އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ބޭނުން ފަރާތްތަކުން 2 ޖުލައި 2023 ގެ ކުރިން [ލިންކު](https://www.bankofmaldives.com.mv/careers) މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅަން ޖެހޭނެއެވެ. މި ޕްރާމާ ބެހޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު