މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ އޭރުގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ހިންގި ތަހުގީގުގެ ހުރިހާ ލިޔެކިޔުންތަކެއް ދޭން އަމުރުކޮށްފިއެވެ.
އެމްއެމްޕީއާރުސީ މައްސަލައިގައި ހިޔާނާތުގެ ފަސް ދައުވާއެއް، ދައުލަތުން ނިހާނަށް ވަނީ ކޮށްފައެވެ. އެއީ މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދެ ދައުވާއެކެވެ. މި ހުރިހާ ދައުވާތަކެއްވެސް ކުރިއަށްގެންދަނީ އެއް ފަހަރާއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމަކީ، ޝަރީއަތުގެ މަރުހަލާ ފެށުމަށް ދެ ފަރާތަށް އިފްތިތާހީ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުމެކެވެ ނަމަވެސް މިއަދު އަޑުއެހުން ފެށުމާއެކު ނިހާންގެ ދިފާއީ ވަކީލު ހުސްނީ މުބާރަކު ވަނީ ސްޕްރީމް ކޯޓުގެ ރޫލިންއާ އެއްގޮތަށް ތަހުގީގު ފައިލްތައް ދިފާއަށް ދިނުމަށެވެ. އަދި އެއަށް ފަހު ޝަރިއަތް ފެށުމަށް އޭނާ އެދިވަޑައިގަތެވެ.
އެކަމާ ގުޅިގެން ދައުލަތުގެ ވަކީލާ ވިދާޅުވީ، ފައިލުތައް ދޭން ޖެހުމަކީ އިފްތިތާހީ ބަޔާން މިއަދު އިއްވަން އޮތް ހުރަހެއް ނޫން ކަމަށެވެ.
ދެ ފަރާތުން ދެއްކި ވާހަކަތައް އަޑުއެހުމަށް ފަހު މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ ތަހުގީގު ފައިލްތައް ބަލަން ފުރުސަތު ދީފައި އެހެން އަޑުއެހުމެއްގައި އިފްތިތާހީ ބަޔާން އިއްވަން އަލުން ފުރުސަތު ދެއްވުމަށެވެ. އަދި އެކަމަށް ވަކި އަޑުއެހުމެއް ބޭއްވުމަށް ނިންމެވިއެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ މަގާމުގައި ނިހާން ހުންނެވި އިރު، އޭނާގެ މަގާމުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި ކުރީގެ ނާއިބު ރައީސް އަދީބު ގާތު ރިޝްވަތަށް އެދި އަދި އޭނާ ދީފައިވާ ރިޝްވަތު ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ނިހާން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އަދީބު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، އެ ފައިސާ އާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސް އިން ފްލެޓެއް ގަނެފައިވާ ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.
އޭގެ އިތުރުން 2014 ވަނަ އަހަރު ޕީޖީގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަން ކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑުގެ ގަޑިއެއް ދިނުމަށް އަދީބު ގާތުގައި އެދުމުން، މ. ވިލާދަށުގެ/ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) މެދުވެރިކޮށް އަދީބު ދިން ގަޑި ބަލައިގަނެފައިވާ ކަމަށް ވެސް ޕީޖީން ބުނެފައިވެއެވެ.
ޕީޖީން އިތުރަށް ބުނެފައިވަނީ، ނިހާން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުންނެވި އިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާކުރެއްވި މަސްއޫލިއްޔަތުތައް އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި 650،000 ރުފިޔާ ދިނުމަށް އަދީބު ގާތު އެދިފައިވާ ކަމަށާއި އަދި އެ ފައިސާ ދިނުމުން އެ ފައިސާ ހިފާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު