ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަބްދުﷲ ޖަމީލް އަވަހާރަވެއްޖެއެވެ.
އަބްދުﷲ ޖަމީލް އަވަހާރަވީ ގިނަ ދުވަސްތަ އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިއަދު ހެނދުނު މާލޭގައި އޭނާގެ ގޭގައެވެ.
މަޝްހޫރު ދީނީ އިލްމުވެރިޔާ މުހައްމަދު ޖަމީލް ދީދީގެ ދޮށީ ފިރިހެން ދަރިކަލުން އަބްދުﷲ ޖަމީލް ވަނީ ހަ މިނިސްޓްރީގެ މިނިސްޓަރުކަން ކުރައްވައިފައެވެ. އެގޮތުން އޭނާ ވަނީ ހޯމް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ، ހެލްތު މިނިސްޓްރީ، އެޓޮލްސް މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ އަދި ހޯމް އެފެއާޒް އެންޑް ހައުސިން މިނިސްޓްރީގެ ވަޒީރުކަން ކުރައްވައިފައެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތ. އަތޮޅުގެ މެންބަރުކަން 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ކުރައްވައިފައިވާ އިރު، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ތ. އަތޮޅުގެ މެންބަރުކަން ވެސް އޭނާ ވަނީ 14 އަހަރަށް ވުރެ ގިނަ ދުވަހު ކުރައްވައިފައެވެ.
އޭނާއަކީ ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލްގެ ބައްޕާފުޅެވެ. އަދި ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލާއި ކުރީގެ ހެލްތު މިނިސްޓަރު ޑރ. އާމިނަތު ޖަމީލް ބޭބޭފުޅެވެ.
ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވުމުން އޭނާއަށް ވަނީ 2008 ވަނަ އަހަރު ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވައިފައެވެ. އޭނާ ވަނީ ދައުލަތަށް 54 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު