ސެންޓައެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ދެމިލިޔަން ޑޮލަރު ދެއްކުމަށް ދައުލަތުގެ މައްޗަށް ސިވިލްކޯޓުން ކުރި ހުކުމް ތަންފީޒު ކުރުން މަޑުޖައްސައިލުމަށް ހައިކޯޓުން އަމުރު ކޮށްފިއެވެ.
މި މައްސަލައަކީ ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސް/ ދިވެހި ދައުލަތުގެ އެދުމަށް، ސެންޓައެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފޯރުކޮށްދިން މެޑިކަން އިކުއިޕްމެންޓް އެންޑް ކޮންސިއުމަބަލްގެ އިންވޮއިސްގެ ފައިސާ އާއި އޭގެ ސާޗާޖަށް އަރާފައިވާ މިންވަރު އެއްކުރުމުން އަންނަ 5.1 މިލިޔަން ޑޮލަރު ދައުލަތުން ދައްކާފައިވާ ނުވާކަމަށް ބުނެ ސެންޓައެންޓަޕްރައިސަސްގެ ފަރާތުން ސިވލްލޯޓަށް ހުށަހެޅި މައްސަލައެވެ.
މި މައްސަލައިގައި ސެންޓައެންޓަޕްރައިސަސް އިން ބުނެފައި ވަނީ، ދައުލަތާއި އެފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ރަށްރަށުގެ ހެލްތުސެންޓަރުތަކާއި، ހެލްތު ޕޯސްޓް ތަކަށާއި، އަދި ރީޖަނަލް ހޮސްލިޓަލް ތަކަށް ފޯރުކޮށްދީފައިވާ އިކުއިޕްމެންޓް އެންޑް ކޮންސިއުމަބަލްސްގެ އިންވޮއިސް އަށް ދައްކަން ޖެހޭ ދެމިލިޔަން ޑޮލަރު ނުދައްކާ އޮތް ކަމަށެވެ. އޭގެ އިތުރުން އޭގެ ސާޗާޖަށް ވާ 3.6 މިލިޔަން ޑޮލަރު ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ކޯޓުގައި އެފަރާތުން އެދިފައިވަނީ އިންވޮއިސްތަކަށް ދައްކަން ޖެހޭ ދެމިލިޔަން ޑޮލަރާއި، އިންވޮއިސްގެ ޓާމް އެންޑް ކޮންޑިޝަންގެ ދަށުން ސާޗާޖަށް ލިބެން ޖެހޭ ޖުމުލަ 3.6 މިލިޔަން ޑޮލަރު އެއްކުރުމުން އަންނަ އެކު ޖުމްލަ 5.1 މިލިޔަން ޑޮލަރަކީ ދައުލަތުން ދައްކަން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި އެފައިސާ ދައްކައި ހަލާސް ކުރުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
މި މައްސަލަ ބެލުމަށްފަހު ސިވިލްކޯޓުން ކުރި ހުކުމުގައި ވަނީ، އިންވޮއިސްއަށް ދައްކަން ޖެހޭ ދެ މިލިޔަން ޑޮލަރަކީ ދައްކަން ޖެހޭ ފައިސާއެއް ކަމަށް ސާބިތުވާ ކަމަށެވެ. ނަމަވެސް ސާޗާޖުގެ ގޮތުގައި ހޯދަން އެދިފައިވާ 3.6 މިލިޔަންޑޮލަރަކީ އިންވޮއިސްގައިވާ ފައިސާ ދައްކަން ދީފައިވާ 30 ދުވަހުގެ މުއްދަތުގައި ނުދެއްކިއްޖެނަމަ އުގޫބާތެއް ދިނުމުގެ ގޮތުން ލެވިފައިވާ ޝަރުތެއްކަން އެނގޭތީ، ސާޗާޖުގެ ގޮތުގައި ހޯދަން އެދިފައިވާ ފައިސާ އަކީ ދިވެހި ދައުލަތުން ނަގައިދެވިދާނެ ފައިސާއެއްކަމަށް ނުދެކޭ ކަމަށެވެ.
އެހެންކަމުން އިންވޮއިސް ފައިސާގެ ޖުމުލަ ދެ މިލިޔަން ޑޮލަރަކީ ސެންޓައެންޓަޕްރައިސަސް އަށް ދައުލަތުން ދައްކަން ޖެހި ނުދައްކައިވާ ފައިސާއެއްކަން ސާބިތުވާ ކަމަށް ކަނޑައަޅައި 28 އޭޕްރީލް 12:00 ގެ ކުރިން ސިވިލްކޯޓަށް އެފައިސާ ދައްކައި ހަލާސް ކުރުމަށް ސިވިލްކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އެ ހުކުމާމެދު ހިތްހަމަނުޖެހިގެން ދައުލަތުގެ ފަރާތުން އެ މައްސަލަ ވަނީ ހައިކޯޓަށް ހުށަހަޅައިފައެވެ.
އެއާއެކު އެ މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމަންދެން ސިވިލްކޯޓުން ކުރި ހުކުން ތަންފީޒުކުރަން ހުއްޓުވުމުގެ ވަގުތީ އަމުރަކަށްވެސް ދައުލަތުން އެދިފައިވެއެވެ.
އެކަމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ނެރުނު އަމުރުގައި ވަނީ، އެ މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމުމުގެކުރިން އެ ފައިސާ ދީފައިވާ ހާލަތެއްގައި، ހައިކޯޓުން ކުރާ ހުކުމަކުން މައްސަލައިގައި ތަފާތު ނަތީޖާތަކެއް ނިކުމެ ގެއްލުންތަކެއް ލިބިދާނެތީ، ހައިކޯޓުން ގޮތެއް ނިންމުމުގެ ކުރިން، ސެންޓައެންޓަޕްރައިސަސްއަށް ދައްކަން ސިވިލްކޯޓުން ދައުލަތަށް އެންގި ފައިސާ އެއްވެސް ފަރާތަކަށް ދޫނުކޮށް ސިވިލްކޯޓުގައި ބެހެއްޓުމަށް އަމުރުކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު