ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއާއި ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު އަދި ސްޓެލްކޯގެ ޗެއާމަން، ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު (ރިޓަޔާޑް) ދީދީގެ ބައްޕަ، މުހައްމަދު އިބްރާހިމް ދީދީ (ތުއްތުބީގެ މުހައްމައިދީ) އަވާރަވެއްޖެއެވެ.

އައްޑޫއަށް ނިސްބަތްވެވަޑައިގަންނަވާ މުހައްމައިދީ އަވަހާރަވިއިރު، އުމުރަކީ 86 އަހަރެވެ. އާއިލާއިން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މުހައްމައިދީ އަވަހާރަވެފައި ވަނީ ރޭ ދަންވަރު 2:36 ހާއިރުއެވެ.

އާއިލާއިން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މުހައްމައިދީގެ މޫނު ދެއްކުން ކުރިއަށްގެންގޮސްފައިވަނީ މިއަދު ހެނދުނު 7:30 އިން 10:30 އަށް އައްޑޫ ހިތަދޫ ބީޗްވިލާ ގޭގައެވެ. ކަށުނަމާދު އޮންނާނީ ހުކުރު ނަމާދަށް ފަހު މަސްޖިދުލް އިކްރާމް (ފަޒާ މިސްކިތް)ގައެވެ.

މުހައްމައިދީއަކީ، އައްޑުއަތޮޅުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެގޮތުން، ހިތަދޫ ކުޑަ ކަތީބުކަމާއި ހިތަދޫ ބޮޑު ކަތީބު ކަމާއި އަތޮޅުވެރިޔާގެ އެހީތެރިޔާ ކަމާއި އައްޑޫގެ އަތޮޅުވެރިކަން ހިމެނިވަޑައިގަންނަވައެވެ. މުހައްމައިދީ ވަނީ 43 އަހަރު ދައުލަތަށް ހިދުމަތް ކުރައްވާފައެވެ.