ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ މައްސަލަތައް ހައްލުކުރަން މަދަނީ ޖަމިއްޔާތަކުގެ އިސްނެގުން ވަރަށް މުހިންމު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ސިވިލް ސޮސައިޓީ އެވޯޑް ދިނުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ މައްސަލަތައް ކަމަށްވާ މަސްތުވާތަކެތީގެ މައްސަލަތަކާއި ގޭންގު ކުށްތައް، އާއިލީ މައްސަލަތައް އަދި ތިމާވެށީގެ މައްސަލަތައް ހައްލުކުރަން ކުރާ މަސައްކަތަށް ޖަމިއްޔާތަކުގެ އިސްނެގުމާއި ބައިވެރިވުން ވަރަށް މުހިންމު ކަމަށެވެ.
"މި ދެންނެވި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމުގައިވެސް އަޅުގަނޑުމެންނަށް އެ މަގުން ހިނގިއްޖިއްޔާ ނަތީޖާ ހާސިލުކުރުން ފަސޭހަވާނެ. އަދި މިކަމުގައި ރަށްރަށުގެ މަދަނީ ޖަމިއްޔާތަކުން އިސް ނެގުމުން ނަތީޖާ ނެރުން އަދި އެއަށްވުރެ މާފަސޭހަވާނެ. އެ ރަށެއްގައި ހުރި އިޖުތިމާއީ މައްސަލަތަކާ ދެކޮޅަށް، އެ ރަށެއްގެ ޖަމިއްޔާތައް ތެދުވުމަކީ މިހާރުން މިހާރަށްވެސް ވަރަށް ބޭނުންތެރި ކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައްޔިތުން ދިރިއުޅެން ބޭނުންވާ ސުލްހަވެރި ދިރިއުޅުން ލިބެން އޮތީ އެ މައްސަލަތަކައް ހައްލު ގެނެސްދީ އިގުތިސާދީ، ސިއްހީ އަދި ތައުލީމީ ގޮތުން ރާއްޖެއަށް ކުރިއެރުން ލިބިގެންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ޖަމިއްޔާތަކަކީ މުޖުތަމައު ހަރަކާތްތެރިކުރުވާ މައި އިންޖީނު ކަމަށާއި ޖަމިއްޔާތަކުން ގައުމުގެ އިގުތިސޯދީ މިސްރާބު އަމާން އައްސޭރިއަކަށް ގެންދިއުމަށް ބުރަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. އެގޮތުން ޑިމޮކްރެސީގެ ހަމަތައް ނަގަހައްޓައި ދެމެހެއްޓުމުގައިވެސް އަދި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ހަރަކާތްތައްވެސް އެންމެ ފުޅާކޮށް ކުރަނީ ޖަމިއްޔާތަކުންކަން ރައީސް ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު