ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ މެނޭޖަރު ލެވެލްގެ މަގާމުތަކަކީ ހަމައެކަނި ދިވެހިންނަށް އަދާކުރެވޭ މަގާމުތަކެއްކަން ކަނޑައެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ޖާބިރު ހުށަހެޅުއްވި ގަރާރުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީފާތަކުގެ ތެރޭގައި ހިމެނޭ، ރިސޯޓު މެނޭޖަރުކަމާއި އެޗުއާރު މެނޭޖަރުކަމުގެ އިތުރުން، ޗީފް އެކައުންޓެންޓުގެ މަގާމުތަކަކީ ހަމައެކަނި ދިވެހިންނަށް އަދާކުރެވޭ މަގާމުތަކެއް ކަމަށް ހަދަން ވަނީ ގޮވާލައްވައިފައެވެ.
އެ ގަރާރުގައި ޖާބިރު ވިދާޅުވެފައިވަނީ، ގާތްގަނޑަކަށް 80 ޕަސެންޓް ރަށްތަކުގައި ރިސޯޓު މެނޭޖަރުންނަކީ ބިދޭސީން ކަމަށާއި 95 ޕަސެންޓް ރަށްތަކުގައި އެކައުންޓްސް މެނޭޖަރު ނުވަތަ ޗީފް އެކައުންޓެންޓަކީ ބިދޭސީން ކަމަށާއި 70 ޕަސެންޓް ރަށްތަކުގައި ހިއުމަން ރިސޯސް މެނޭޖަރުންނަކީ ވެސް ބިދޭސީން ކަމަށެވެ.
ދުނިޔޭގެ ނިސްބަތުން ދިވެހިންނަކީ ވިސްނުންތެރި ބަޔަކަށްވާ އިރު، ފަތުރުވެރިކަމުގެ ދާއިރާގެ ބޮޑެތި މަގާމުތަކަށް ދިވެހިންނަކީ ކުފޫ ހަމަނުވާ ބައެއް ކަމަށް ބަޔަކު ދެކުމަށް ވުރެ ބޮޑު މައްސަލައެއް އޮންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
އެހެންކަމުން، ފަތުރުވެރިކަން ހިނގަމުންދާ 50 އަހަރުގެ ތެރޭގައި މި ހާލަތާ ގުޅޭ ގޮތުން އައިސްފައިވާ ބަދަލުތައް ދެނެގަނެ، ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކަންތައްތަކަށް ހައްލެއް ގެނައުމަށްޓަކައި އެ ކަމަށް އޮތް އެންމެ ފުޅާ ތަޅުމަކީ ރައްޔިތުންގެ މަޖިލިސް ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލީހަށް ގަރާރު ހުށަހެޅުއްވީ އެ ކަމަށް މަޖިލީހުގައި ބަހުސްކޮށް، މަޖިލީހުގެ މެމްބަރުން ދެކޭ ގޮތް ހާމަކޮށް، އެ މައްސަލައަށް ހައްލެއް ހޯދުމަށް ކަމަށްވެސް ވިދާޅުވިއެވެ.
މި ގަރާރު ބަލައިގަންނަން ނެގި ވޯޓުގައި، 53 މެންބަރުންގެ ތެރެއިން ގަރާރަށް ވޯޓު ދެއްވީ އެންމެ 15 މެންބަރުންނެވެ. 28 މެންބަރުން ވޯޓު ދެއްވީ ގަރާރު ބަލައި ނުގަތުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު