ނުކުޅެދުންތެރިކަން ހުންނަ މީހަކު ރޭޕް ކުރި މީހަކު 15 އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހަކު ރޭޕް ކުރިކަން ސާބިތުވެ، ޖަލަށްލާން ހުކުމް ކޮށްފައިވަނީ ލ. ކަލައިދޫ، ޑޭޒީމާގެ، އަހުމަދު ޝާރިކްގެ މައްޗަށެވެ.

ދައުލަތުން އަހުމަދު ޝާރިކްގެ މައްޗަށް ކޮށްފައިވަނީ ވިސްނުމުގެ ބާރު ކެނޑިފައިވާ ނުވަތަ ހަމަ ބުއްދި ގެއްލިފައިވާ ނުވަތަ ޖިސްމާނީ ގޮތުން އަމިއްލައަށް ދިފާއުވުމުގެ ބާރެއް ނެތް މީހެއްގެ މައްޗަށް ވެރިވެގަނެ، އޭނާއާ އެކު ޖިންސީ އަމަލު ހިންގިކަމުގެ ކުށުގެ ދައުވާއެވެ.

ކުރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައި ބުނީ ދައުލަތުން އަހުމަދު ޝާރިކްގެ މައްޗަށް ކޮށްފައިވާ ދައުވާއަށް އޭނާ އިންކާރު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް އިހުސާން ވަނީ، އޭނާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ޖިންސީ ކުށުގެ ގާނޫނުގެ 38 ވަނަ މާއްދާގެ (ހ) އާއި އެމާއްދާގެ (ށ) ގެ ދަށުން އަހުމަދު ޝާރިކް 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރައްވައިފައެވެ.