އައްޑޫ ސިޓީއަށް އެމަނިކުފާނު ވަޑައިގެންނެވުމުން އެ ސިޓީގެ ރައްޔިތުން ދިން ހޫނު މަރުހަބާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފިއެވެ.

އައްޑޫގެ ބިން އިތުރުކުރުމުގެ މަޝްރޫއު އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ފަށްޓަވައިދެއްވުމަށް ރައީސް ވަނީ މިދިޔަ ހޮނިހިރު ދުވަހު އެ ސިޓީއަށް ވަޑައިގެންފައެވެ.

އެ ދަތުރުފުޅު މިއަދު ނިންމަވައިލެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައި ރައީސް ވިދާޅުވީ އައްޑޫގެ ރައްޔިތުން ބޭނުންވާ ގޮތަށް އެ ސިޓީ ތަރައްގީކޮށްދެއްވާނެ ކަމަށެވެ.

"އައްޑޫ ސިޓީގެ ރައްޔިތުން އަޅުގަނޑުމެންނަށް ތި ކުރެއްވި އިތުބާރާއި ވިދާޅުވި ހޫނު މަރުހަބާއަށް ޝުކުރު ދަންނަވަން. އައްޑޫގެ ކުރިމަގާ މެދު ތިބޭފުޅުން ކުރެއްވި ޕްލޭން އެ ގޮތުގައި ތަންފީޒުކޮށްދިނުމުގައި އަޅުގަނޑުމެން ކުރިއަށްދާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އައްޑޫގައި ހުރި ބްރައިން ފްރީޒިން ކެޕޭސިޓީ، 100 ޓަނަށް އިތުރުކުރުމުގެ މަސައްކަތް އަންނަ މަހު މިފްކޯއިން ފަށާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރ. އަތޮޅު ދެކުނުބިތުގައި އެޅުމަށް ސަރުކާރުން ވައުދުވި އެއާޕޯޓު އެ އަތޮޅު ބެރިޔަންފަރުގައި ތަރައްގީކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އައްޑޫއަށް މި ސަރުކާރުން ގެންނަ ތަރައްގީ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ކުރިމަތިލާން ނުޖެހުނު ނަމަ، ޕޭ ހަމަނައިޒޭޝަންގެ ތެރެއިން ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް މިހާރު ހުންނާނީ ހެޔޮ، ބޮޑު ބަދަލެއް ގެނެވިފައި ކަމަށެވެ.

އެ ޖަލްސާގައި ރައީސް އިތުރަށް ވިދާޅުވެފައިވަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދެމުން އަންނަ 5،000 ރުފިޔާގެ އެލަވަންސް ބޮޑުކުރައްވާނެ ކަމަށެވެ.