އާބަންކޯގެ ފަރާތުން ކ.ހިންމަފުށީގައި ތަރައްގީކުރި ޖަލުގެ މަސައްކަތް ނިންމާލައިފިއެވެ.

އާބަންކޯގެ ކޮމިއުނިޓީ ރެޕިޑް ރެސްޕޮންސް (ސީއާރްއާރް) ޓީމުގެ ފަރާތުން ކުރިއަށްގެންދިޔަ މި ޕްރޮޖެކްޓަކީ މާލެ ޖަލު ހިންމަފުއްޓަށް ބަދަލުކުރުމުގެ ގޮތުން ކުރެވުނު މަސައްކަތެއް ކަމަށެވެ. އެގޮތުން މާލެ ޖަލު ހުރި ސަރަހައްދުގައި ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް ހަދައި ނިމެން ގާތްވެފައިވާއިރު، އެތަނުގައި ދަރިވަރުންނަށް ކިޔަވައިދޭން ފަށަންވާއިރަށް ޖަލު އެ ސަރަހައްދުން ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އާބަންކޯ އިން ބުނީ ރައީސް އޮފީހުގެ އެދުމުގެ މަތިން އެ ކުންފުނިން ހިންމަފުށީގައި ތަރައްގީކުރި ޖަލަކީ މީގެ ކުރިން ބޭނުންކޮށް، ވީރާނާވެފައިވާ ބާ އިމާރާތެއް ކަމަށެވެ. އެތަނުގައި މިހާރު ވާނީ ހަތަރު ބްލޮކް ހިމެނޭ ގޮތަށް ޖަލެއް އިމާރާތްކޮށްދީފައި ކަމަށާއި ޖާގައިގެ ގޮތުން އެއިން ކޮންމެ ބްލޮކެއްގައި ގާތްގަނޑަކަށް 16 ގައިދީން ބޭތިއްބޭނެ ކަމަށެވެ.

އޭގެ އިތުރުން ގައިދީން ބޭނުންކުރުމަށް 12 ފާހަނައިގެ ފާހަނާ ބަރިއެއް އެތަނުގައި އިމާރާތްކޮށްފައިވާނެ ކަމަށާއި މައި އިމާރާތުގެ ސްޓަރްކްޗާ އާއި، ކަރަންޓުގެ މަސައްކަތާއި، ރިނޮވޭޝަނަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްފައިވާނެ ކަމަށްވެސް އާބަންކޯ އިން ބުންޏެވެ.

އިމާރާތުގެ މަސައްކަތްތައް ނިންމާލުމަށް ފަހު އާބަންކޯ އިން މިހާރު ވަނީ އެތަން ކަރެކްޝަންސްއާ ހަވާލުކޮށްފައެވެ.

އާބަންކޯ އިން އިތުރަށް ބުނީ ހުޅުމާލެ ތަރައްގީކުރުމާއި، ހުޅުމާލެއަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން އެ ކުންފުނީގެ "ބިޔޯންޑް ހުޅުމާލެ" ޕްލޭންގެ ދަށުން އާންމު މުޖުތަމައަށް ބޭނުންވާ އެހެނިހެން ކަންކަން ވެސް ކޮމިއުނިޓީ ރެސްޕޮންސް ޓީމުގެ ދަށުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހިންމަފުށީ ޖަލުގެ މަސައްކަތަކީ ވެސް އެ ޕްލޭންގެ ދަށުން ކުރެވުނު މަސައްކަތެއް ކަމަށް އެކުންފުނިން ބުންޏެވެ.