އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދެމުން އަންނަ 5،000 ރުފިޔާގެ އެލަވަންސް ބޮޑުކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް މި ސަރުކާރުން ގެންނަ ތަރައްގީ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އުމުރުން ދޮށީ މީހުންނަށް ދެމުންދާ އެލަވަންސަށް ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށެވެ. ނަމަވެސް ބޮޑު ކުރައްވަން ނިންމަވާފައިވާ އަދަދެއް ރައީސް ހާމައެއް ނުކުރައްވައެވެ.
"ދެން އޮތީ ދުވަސްވީ މީހުންނަށް، އަޅުގަނޑުމެންގެ އިސް ރަށްވެހިންނަށް ދެމުން އަންނަ އެލަވަންސަށް ހެޔޮ ބަދަލު. އެވެސް އަޅުގަނޑުމެން މިހާރު މިގެންދަނީ މުތޯލިއާ ކުރަމުން. އެއަށް ގެންނަން ޖެހޭ ބަދަލުތަކާ އެކީގައި އެއަށް ވެސް ކުރިއަށް އޮތްް ތަނުގައި އެ ބަދަލު އަންނާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ ކޮވިޑް ނައިނަމަ ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް މިހާރު ހުންނާނީ ހެޔޮ ބަދަލެއް އައިސްފައި ކަމަށެވެ.
ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެ، ސަރުކާރު ހިންގަން ލިބިވަޑައިގަތީ އެންމެ ދެ އަހަރު ކަމަށާއި ކޮވިޑުގެ ބަލިމަޑުކަން ނައިނަމަ، ޕޭ ހަމަނައިޒޭޝަންގެ ތެރެއިން ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ، ބޮޑު ބަދަލެއް އައިސްފައި މިހާރު ހުންނާނެ ކަމަށެވެ.
"ކޮވިޑް އަޅުގަނޑުމެންނާ ކުރިމަތިނުވި ނަމަ މިއަދު އަޅުގަނޑުމެން ތިބޭނީ ދައުލަތުގެ ހުރިހާ މީހުންގެ މުސާރައަށް ބޮޑު ބަދަލުތަކެއް ގެނެވިފައި،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމާ އެކުވެސް ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގައި، ނިންމާފައިވާ ކަމަށެވެ. މިހާރު މަސައްކަތް ކުރިއަށްދާ މަޝްރޫއުތަކުގެ މަސައްކަތް ނިމުމުން، ރާއްޖޭގައި އުމްރާނީ ތަރައްގީއަށް ކުރަން ހުންނާނީ ވަރަށް މަދު ކަންތައްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އުމުރުން ދުވަސްވީ މީހުންނަށް އެލަވެންސް ދޭން ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ނަޝީދުގެ ވެރިކަމުގައި ދޭން ފެށީ މަހަކު 2،000 ރުފިޔާއެވެ. ނަމަވެސް ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާނޫނަށް ބަދަލު ގެނެސް އެލަވެންސް ވަނީ 5،000 ރުފިޔާއަށް ބޮޑުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު