ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީ ދާއިރާގައި ދެކުނު އޭޝިއާ ސަރަހައްދުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2023ގެ އިވެލުއޭޝަން ރާއްޖޭގައި އިއްޔެ ފަށައިފިއެވެ.
ރާއްޖޭގައި ސަޓާގެ ހޮސްޕިޓަލިޓީ ޕާޓްނަރު ކަމަށްވާ މާގިރި ހޮޓަލުގައި އަންނަނީ މިހާރު ރާއްޖޭން ނޮމިނޭޓްކުރާ ފަރާތްތަކުގެ ޕްރެޒެންޓޭޝަންތައް ހޯސްޓް ކުރަމުންނެވެ. މި އަހަރުގެ ޖޫރީ މެންބަރުންގެ ތެރޭގައިވެސް ޓްރެވަލް އެންޑް ހޮސްޕިޓާލިޓީ ދާއިރާގެ މާހިރުންނާއި އިންޑަސްޓްރީގެ ފަންނުވެރިން ހިމެނިވަޑައިގަންނަވައެވެ.
ސަޓާ އިން ބުނީ, އެ އެވޯޑަށް ރާއްޖޭން ނޮމިނޭޓްވި ފަރާތްތަކުގެ އިވެލުއޭޝަން ނިންމުމަށްފަހު ޖޫރީގެ މެންބަރުން ދެން ދާނީ ސްރީ ލަންކާއަށް ކަމަށެވެ. އެއަށްފަހު އިންޑިއާ, ނޭޕާލް, ބޫޓާން އަދި ބަންގްލަދޭޝް އަށް ދާނެއެވެ.
މި އަހަރުގެ އެވޯޑްގެ ގްރޭންޑް ގާލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހު އިންޑިއާގައެވެ. ބާއްވާނެ ސީދާ ތާރީހެއް އަދި ތަނެއް އަދި ނުނިންމައެވެ.
ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ލަންކާގެ ކޮލަމްބޯގައެވެ. އަދި ޖެހިގެން އައި 2017 އަހަރު ރާއްޖޭގެ އައްޑޫ ސިޓީގެ އީކުއޭޓާ ވިލޭޖުގައި އެވޯޑް ހަފުލާ ބޭއްވި އިރު، 2018 ވަނަ އަހަރު ސަޓާ އެވޯޑްސް ހަފުލާ ބޭއްވީ އިންޑިއާގެ މުމްބާއީގައެވެ. 2019 ވަނަ އަހަރު އެވޯޑްސް ހަފްލާ ބާއްވާފައިވަނީ ލަންކާގެ އަމާރީ ގޯލްގައެވެ. އަދި ޕެންޑަމިކްއާ ގުޅިގެން 2020 ވަނަ އަހަރު އެ އެވޯޑް ހަފްލާ ބާއްވާފައިވަނީ ވާޗުއަލްކޮށެވެ.
އެންމެ ފަހުން މިދިޔަ އަހަރު އެވޯޑް ހަފުލާ ބާއްވާފައިވަނީ ރާއްޖޭގައި ހިންގާ އަދާރަން ހުދުރަންފުށި ރިސޯޓުގައެވެ. އެ އަހަރު ރާއްޖެއަށް 21 ދާއިރާއަކުން ރަން އެވޯޑް ލިބިފައިވެއެވެ.