ވާހަކަ

ކަސިޔާރު - 05

8

"ޖާނާ..." ނިދެމުން ދަނިކޮށް އިވުނު އަޑާއެކު ސިހިފައި ތަމަންނާއަށް ފުންމައިގެން ތެދުވެވުނެވެ. އަވަހަށް ކައިރީގައި އޮތް ފިރިމީހާގެ ގައިގައި ހިފެހެއްޓުމަށް އަތް ދިއްކޮށްލިއެވެ. އެހެންނަމަވެސް ތަމަންނާއަށް ހައިރާންކަމެއް ލިބުނީ އެނދުގައި ކާޝިފް ނެތުމުންނެވެ. އެނދުން ފައިބައިގެން އަވަހަށް ގޮސް ތަމަންނާ ބަލާލީ ފާހާނާގައި ކާޝިފް ހުރިތޯއެވެ. ފާހާނާ ހުރީ ބޮކި ނިއްވާލާފައެވެ. ހާސްވެފައި ހުރެގެން ތަމަންނާ އައިސް އެނދުގެ ސައިޑްކަބަޑް މަތީ އޮތް އޭނާގެ ފޯން ނަގާ ކާޝިފްގެ ނަންބަރަށް ޑަޔަލްކޮށްލިއެވެ.

"ރީން..ރިރިރީން..."

ތަމަންނާ ސިހިގެން ދިޔައީ ހަމަދާދި ގާތުން ކާޝިފްގެ ފޯން ރިންގވާ އަޑު އިވުމުންނެވެ. އެނދުގެ އަނެއް ފަރާތުގައި އޮތް ކާޝިފް ބޯއަޅާ ބާލީސް ހިއްލާލުމާއެކު ތަމަންނާއަށް ހުރިދިމާއިން އެނދުގައި އިށީނދެވުނެވެ. ފޯނުވެސް ގޭގައި ބާއްވާފައި... ރޭގަނޑުގެ މިގަޑީގައި ކާޝިފް ފޯނާއި ނިދާ ތަންމަތި ދޫކޮށްލާފައި އެ ދިޔައީ ކޮންތަނަކަށްބާވައެވެ. އޭނާ ނޭނގުމެއްގެ ތެރެއަށް ދޫކޮށްލާފައި އެގޮތަށް ދިއުމަކީ ކާޝިފު ދުވަހަކުވެސް ކުރި ކަމެއް ނޫނެވެ. ގިނަރޭރޭ ޑިއުޓީގެ ކަންތަކާހެދި ލަހުން ނިދަން އާދެވޭނީވެސް ތަމަންނާއަށެވެ. ކާޝިފު އެޝަކުވާ އަބަދުވެސް ކުރެއެވެ. ތަމަންނާ ފާރުގައި ހުރި ގަޑިއަށް ބަލާލިއެވެ.

އަސްތާ އެއޮއްގެން މެންދަމުން އަލިވެ ދޭއް ޖަހަނީއެވެ. ތަމަންނާ ނިދަން އޮށޯތީ ކާޝިފާއެކުގައެވެ. ކާޝިފްގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ ނިދުނުއިރު ކާޝިފުގެވެސް އަޑުދިޔައީ ނިންޖަށް ބަރުވަމުންނެވެ. އެކަމަކު މިހާރު އޭގެ ފަހުން ތިންގަޑިއިރު ފަހުން ހޭލައިގެން ކާޝިފް އެދިޔައީ ކޮންތަނަކަށްބާވައެވެ.

ފެން ބޯން ބޭނުންވިޔަސް އަދި އެއްޗެއް ކާން ބޭނުން ވިޔަސް ކޮޓަރު ތެރޭގައި ހުރި މިނީ ބާރއެއްގޮތަށް ބޭނުން ކުރާ މިނީ ފްރިޖުގައި ކޭކު، ބިސްކޯދު، ޖޫސްފަދަ ތަކެތިވެސް ހުންނާނެއެވެ. އެހެންނޫނަސް މީގެ ކުރިން ދުވަހަކުވެސް ކާޝިފް މިގޮތަށް ދަންވަރު ހޭލައިގެން އެއްވެސް ކަމެއްގައި އުޅެފައެއް ނެތެވެ.

ތަމަންނާ ފިކުރުބޮޑުވެ ހާސްވެފައި ހުރެގެން ގޮސް އަލަމާރިން އަތްދިގު ޖެކެޓެއް ނެގިއެވެ. އަދި ލައިގެން ހުރި ނިދާހެދުންމަތިން ޖެކެޓް ލައިގެން ފޯނު ނަގައިގެން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. މުޅި ގޭތެރެއަށް ވެރިވެފައި އޮތީ ނިދީގެ ހިމޭން ކަމެވެ. މަޑުމަޑުން ފިޔަވަޅު އަޅަމުން ތަމަންނާ ގޮސް ގޭގެ ބޮޑު ދޮރު ހުޅުވާލިއެވެ.

ގޯތި ތެރެއަށް ނުކުމެ ދޮރު ލައްޕާ ތަޅުލާފައި ތަމަންނާ ތެޅިތެޅި އޮތް ހިތަކާއެކު ބޭރަށް ދިއުމަށް ފިޔަވަޅު ނެގިއެވެ. މަހުގެ ފަހުކޮޅުގެ ރެއެއްކަމުން މިލަމިލަ ހަނދުވަރުގެ އަލިކަން ގޯތިތެރެއަށް ދީފައި އޮތް ގޮތުން ވެސް ތަމަންނާގެ ހިތަށް އިތުރު ހާސްކަމެއް ވެރިވުން ނޫން ކަމެއް ނުވިއެވެ. އިރުއިރުކޮޅުން ގޭގެ ވަށައިގެން ކޮންމެވެސް ދިމާއަކުން ބުޅާތައް ކޯޅިގަންނަ އަޑު ހިމޭންކަމުގެ ތެރެއިން އިވެނީ ބިރުވެރި ވަލުކުއްތާތަކެއް ހޭރިގަންނަ އަޑުހެނެވެ. އެއިން ކޮންމެ ފަހަރަކު ތަމަންނާގެ ހުރިހާ ލޯލިތަކަށް ދާނދެން ކޮޅަށް ޖެހި މުޅިމީހާ ފިނިވެ ރޫރޫއަޅައިގެންދެއެވެ.

"ޖާނާއެވެ. ކުއްލިއަކަށް އަންގާވެސް ނުލައި ތި ދިޔައީ ކޮންތަނަކަށް ހެއްޔެވެ. ފޯނުވެސް ގޭގައި ބާއްވާފައި ތިދިޔައީ ކޮންތަނަކަށް ހެއްޔެވެ؟ މިފަޅު އެކަނިވެރި ރޭގަނޑު އަހަރެން އެކަނި ދޫކޮށްލާފައި.... ޖާނާ...." ތަމަންނާގެ ހިތް ބާރުބާރަށް ގޮވަމުންދިޔައެވެ. ލޯފުރިގެން ކޯތާފަތް މަތިން ކަރުނައިގެ ސައިލާބު ދެމިގަތެވެ.

ހަގީގަތުގައި އޭނާއަށް ކާޝިފަކީ ކާކުކަން ނޭނގޭކަމާމެދު ކުއްލިއަކަށް ތަމަންނާ ސިހިއްޖެއެވެ. ފިނިފިނި ރޯޅިތަކުން ހަށިގަނޑު ސަލާމަތްކުރުމަށް ޖެކެޓުން ހަށިގަނޑު ރަނގަޅަށް ނިވާކޮށްލުމަށްފަހު ހަށަށް ބަދެލިއެވެ. އަދި ގޯތިތެރެއިންލާފައި މައި ދޮރާށްޓާ ދިމާއަށް ހިނގައިގަތެވެ.

އެމިނެޓެއްހާއިރު ތެރޭގައި އޭނާގެ ހިތަށް އަރާފޭބީ ކިތައް ކިތައް ވާހަކަ ކަމެއް ނޭނގެއެވެ. އާއެކެވެ. ކާޝިފާ ބައްދަލުވެ، އެކަކުއަނެކަކާ ގާތްވެ ކައިވެނިކޮށް ދިރިއުޅެން ފެށިތާ ދުވަސްތަކެއް ވެއްޖެއެވެ. އެހެނެއްކަމަކު ދުވަހެއްގައިވެސް ކާޝިފުގެ މާޒީއާ ބެހޭ އެއްވެސް ވާހަކައެއް ތަމަންނާއާ ހިއްސާކޮށްފައެއް ނެތެވެ. ކުޑައިރު ސުކޫލަށް ދިޔައިރު ދިމާވި ކަންތައްތަކުގެ ވާހަކަ ތަމަންނާ ކިޔައިދިނުމުން ކާޝިފުވެސް އޭނާގެ ސުކޫލު ދައުރުގެ ވާހަކަ ކިޔައިދެއެވެ. ޒުވާން ވަމުން އައިއިރު އުންމީދުކުރި ކަންތައްތަކާއި ބޭނުން ވިކަންތައްތަކުގެ ވާހަކަ ކިޔައިދިނުމުން ކާޝިފުވެސް އޭނަ ބޭނުންވިކަންތަކާއި ހާސިލުވިކަންތައްތަކުގެ ވާހަކަ ހިއްސާ ކުރެއެވެ. އެހެންނަމަވެސް މިއިން އެއްވެސް ވާހަކައެއްގައި ހާއްސައެއްކަމެއްވެސް ތަމަންނާއަށް ކާޝިފު ކިޔައިދީފައި ނެތްކަމުގެ އިހުސާސް ކުއްލިއަކަށް ތަމަންނާގެ ހިތަށް ތަދުކޮށްފިއެވެ.

"އަޖައިބެކެވެ. އެންމެ ކުޑަވަގުތުކޮޅަކަށް ފިރިމީހާ ނުބުނެ ކޮންމެވެސް ތަނަކަށް ދިއުމުން ތިއޮއްވާ ވަރެއްތާއެވެ. ބަލަ ތިވަރު ވާން ޖެހޭ ސަބަބެއް އެބައޮތް ހެއްޔެވެ. އޭނައަށް ކޮންމެވެސް މުހިންމު ކަމެއް ދިމާވެގެން ކުއްލިއަކަށް ދާން ޖެހުމުން ކަލޭގެ އަރާމު ނިދިން ހޭނުލައްވަން ވެގެން ދިޔައީކަމަށްވެސް ވެދާނެ ނޫންހެއްޔެވެ. ކަލެއާ ހެދި ހަމަ އަންތަރީސްވާވަރުވެއްޖެއެވެ. ފިރިމީހާދެކެ ކަލޭ ވާ ލޯތްބަކީ ތީހެއްޔެވެ؟ އޭނާއަށް ކުރާ އިތުބާރަކީ ތީ ހެއްޔެވެ. ކަލެއަށް ވާ ސާބަހެވެ."

ތަމަންނާއަށް ހަދާނެ ގޮތް ހުސްވިކަހަލައެވެ. އޭނާގެ ޒަމީރު ބާރަށް އޭނާއާ ދިމާއަށް ފާޅުގައި އިލްޒާމު އަޅުވަނީއެވެ. ދޮރާށިން ބޭރު މަގުގެ ދެކޮޅު ހޯދާ ބަލާލުމަށްފަހު ތަމަންނާ ގޭގެ ބޮޑު ދޮރުކަނީގައި ލެގިލިއެވެ. ވަރުބަލިވީ ކަހަލައެވެ. ހިތާއިސިކުނޑީގެ ހައިޖާނުގައި ހަފުސްވެފައި ހުރެވުނީއެވެ.

"ޖާނާ.."

އެހެން ހުއްޓިގެން ހުންނަތާ ދިހަ ބާރަ ވަރަކަށް މިނެޓު ފަހުން ތަމަންނާގެ ފަހަތުން އޭނާގެ ދެކޮޑުގައި އަތް ބާއްވާލަމުން ގޮވާލިއަޑު އިވިއްޖެއެވެ.

"މިގަޑީގައި..ކީއްވެ ނުކުމެ މިތާ ތިހުރީ...؟" ތަމަންނާ ގެ ފަހަތުގައި ހުއްޓި ހުރީ ކާޝިފެވެ. ތަމަންނާއަކަށް އަނގައިން ބުނާނެ ހިތްވަރެއް ނުލިބުނެވެ. ވަރުދެރަވެފައިވާ ގޮތަކަށް ކާޝިފްގެ މޭގައި ލައްވެގަނެވުނީއެވެ.

"އޯހް...ޖާނާ...އެންމެ ފަނަރަ ވަރަކަށް މިނެޓަށް އަހަރެން ނެތީމަ ތިވަރަށް ހާލުދެރަ ވީތަ! އޯހްހޯ. ވަރަށް ބޮޑަށް ސޮރީ ދޫންޏާ....މުހިންމު ކަމެއް ޖެހިގެން ކުއްލިއަކަށް އޮފީހަށް ދާން ޖެހުނީ... ޖާން އޮތީ ވަރަށް ނަލަކޮށް އަރާމުކޮށް ނިދާފައި... ކިހިނެއް ހޭލައްވާނީ.... އެހެންވެ ދިޔައީ..."

ތަމަންނާއަށް ފާޑަކަށް ކުކުރާލެވުނެވެ. ކަމަކާނުލާ ކާޝިފަށް ޝައްކު ކުރެވުނީތީ ހިތަށް އުނދަގޫވެއްޖެއެވެ. އެހެންނަމަވެސް ކީއްވެގެންކަމެއް ނޭނގެއެވެ. މިރޭގެ އެއްވެސް ތާކުންތާކު ނުޖެހޭ މިކަމުގެ ސަބަބުން ތަމަންނާގެ ހިތުގެ ކޮންމެވެސް އެއްކަނެއްގައި ކާޝިފާމެދު ނޭނގޭ ވަހުމެއް އުފެދިއްޖެއެވެ. ފެންނަފެނުމުގައި އެއްވެސް މައްސަލައެއް ޖެހޭ ވަރުގެ ކަމެއް މިރެއަކު ދިމާނުވެއެވެ. ބައެއްރޭރޭ ވަރަށް ފަތިހާ ކާޝިފު އޮފީހުން ގުޅައިގެން ގޮސްފައި އެބަހުރިމެއެވެ. އެހެންނަމަވެސް މިގޮތަށް ދަންވަރު އެންގުމެއް ނެތި އެވެސް ފޯނު ނުގެންގޮސް ތަމަންނާއަށް ކޮންމެވެސް ކަމެއްގެ އިހުސާސް އެބަކުރެވެއެވެ. ނޭނގެނީ ކޮން ކަމަކާ ކުރެވޭ އިހުސާސެއްކަން ފަހުމު ނުކުރެވޭތީއެވެ.

ތަމަންނާ ގޮވައިގެން ގޮސް ކޮޓަރިއަށް ވަދެ، ނިދެންދެން ކާޝިފު ތަމަންނާ ގާތުގައި އޮތެވެ. ތަމަންނާއަށް ރަނގަޅަށް ނިދުނުކަން ޔަގީން ވުމުން ކާޝިފު ތެދުވެ އެނދުގެ ސައިޑްކަބަޑުގައި ބުރަކަށި ޖައްސާލިއެވެ.

މިރޭ ސަލާމަތް މިވީ ކިރިޔާ..... މިހެން ކިހާ ދުވަހަކު އުޅެން ޖެހޭނެބާ..... ކީއްވެ..... ނުލާހިކު އުފަލުން ހަމަޖެހިގެން އުޅެނިކޮށް މިޖެހުނު ކަންތައްގަނޑު.... އަހަރެން ކިތަންމެ ބާރުލާފައި ބުންޏަސް އެމީހުން ގަބޫލެއް ނުކުރާނެ....ނުވެސް ކުރެވޭނެ....އަހަރެން ނަމަވެސް ވާނީ އެހެން..... އެކަމަކު މީގައި ކުރެވޭނެ ކަމެއްވެސް ވަކި އެބައޮތްތަ!"

ކާޝިފު ހިތާހިތުން ވާހަކަ ދެއްކިއެވެ. މިރޭ ކަންތައް ވީގޮތް ހިތަށް އެރުމުން އަނެއްކާވެސް އޭނާގެ ހިތްތެޅިގަތެވެ. ހާސްވެ ކަންބޮޑުވެއްޖެއެވެ.

"އަހަރެން މިއައީ އިންސާފު ހޯދަން.... އެކަން ކޮށްދެވޭނެތަ؟ އަހަރެން މިތެޅޭ ތެޅުން ކަލޭވެސް ތެޅޭނެ ދުވަހެއް އަންނާނެ....މާދަމާ ކަލޭގެ ލޯބިވާ އަނބިމީހާއަށް ކަލޭ ތީ ކިހާވަރެއްގެ މީހެއް ކަން އަންގަން ބޭނުން ނޫން ނަމަ އަހަރެން ބުނާ ގޮތްވެސް ހަދަން ޖެހޭނީ...." ދާދި ގާތުން އެއަޑު އޭނާއަށް އިވުނު ކަހަލައެވެ. ކާޝިފަށް ތެޅިގެންފައި ތަމަންނާއާ ދުރަށް ޖެހިލެވުނެވެ. ވިސްނުމެއްގެ ތެރޭ އިނދެފައި ކާޝިފަށް ތަމަންނާއަށް ބަލާލެވުނެވެ.

އެއްވެސް ކުށެއްނެޔް މައުސޫމު ކުއްޖެއް ހެން ނިދާލާފައި އޮތްއިރު ތަމަންނާގެ މޫނުމަތީގައި ކަންބޮޑުވުމުގެ އަސަރެއް ހުރިހެން ކާޝިފަށް ހީވަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ފަރުވާތެރިކަމާއެކު އަނެއްކާވެސް ތަމަންނާގެ މޫނަށް އޭނާ ބަލާލިއެވެ. އޭނާގެ ހިތުގެ ކަނެއްގައި ކަފުންކޮށް ވަޅުލާފައި އޮތް ދާސްތާން އޮޅެމުން ނިއުޅެމުން ގޮސް ހިނިތުންވެފައިވާ މޫނަކަށް ބަދަލުވެއްޖެއެވެ.

ރީތި އޮމާން މޫނެކެވެ. ސީދާ ތެދު ނަލަނަލަ ނޭފަތުގައި ވިދާބަބުޅާ ކުޑަކުޑަ ބޮޅެއް އިނެވެ. އަސަރުން ފުރިފައި ހުންނަ ފިނިފެންމާ ކުލައިގެ ކޯތާފަތެކެވެ. ހިތްތައް އެންމެ ނަޒަރަކުން ކަތިލާފަދަ ތޫނު ކަޅިރަވައެކެވެ. ތާއަަބަދު ފަނޑުވުމެއް ނެތް ރަކިކަމެއް އެކުލެވިފައި ހުންނަ ފުރިހަމަ ތުންފަތަކާއި ފުޅާ އަނގަމަތިން އަބަދުވެސް ނޭނގޭ ދައުވަތެއްގެ އަސަރު ފާޅުވޭވޭ ހުންނައިރު، ނުހަނު އޮފް އަރާ ސާފު ރީތި ދަތްތަކެކެވެ. ކާޝިފުގެ ލޮލާއި ހިތުގެ ސްކްރީނުން އެމޫނު ބޮޑުވަމުންގޮސް ހެޔަވަރުގެ އިސްކޮޅަކާއި ރޫފަ އެޅިފައިވާ ރީތި އަންހެނަކަށް ބަދަލުވެއްޖެއެވެ.

"އެތެރޭގެ ކުލަތައް ހުންނަން ވާނީ ކުޑަކުދިންނާ ގުޅޭ ކަހަލަ ގޮތަކަށް...މިގޮތަށް މިތަނުގައި ބަހައްޓާފައި މިހިރަ މޭޒު އެކޮޅަށް ބަދަލުކޮށްލާ....ދެން...." އަތުގައި އޮތް ފަންސުރުން މޭޒުމަތީގައިއޮތް ޗާޓުގައި ނޯޓުކުރަމުން ކޮޓަރީގައި ތިބި މީހުންނަށް އިރުޝާދު ދޭން ހުރި އަންހެންމީހާގެ އަޑު ކާޝިފުގެ ސަމާލުކަން ދަމައިގަތެވެ.

ދުވަހަކީ ގޭތެރެ ޒީނަތްތެރި ކުރުމާއެކު މާދަމާ ހަވީރު ގެއަށް އަންނަ އާ މެހެމާނާއަށް މަރުހަބާ ކިޔުމަށް ބާއްވާ ޕާޓީގެ ތައްޔާރީތައްވެސް ވަމުން ދިޔަ ދުވަހެކެވެ. އަހަރުތަކެއް ކުރިން އެއްދުވަހެކެވެ.

ސަތާރަ އަހަރު ކުރިން ކާޝިފު އުޅެމުން ދިޔަ އެ ދުނިޔެއަށް އަނެއްކާވެސް އޭނާގެ ހަނދާން ތައް އޭނާ ގޮވައިގެން އުދުހިގަތެވެ. މަޑުމަޑުން ތަމަންނާގެ އަތް ދުރަށް ޖައްސާލަމުން ކާޝީފު ފިނިނޭވާއެއް ލިއެވެ. އެއީ އެއްވެސް މީހަކު ހަނދާން ކުރަން ބޭނުން ނުވާ މާޒީއެވެ. ހުދު ކާޝިފުވެސް އެމާޒީއަށް އެނބުރި ދާން ބޭނުން ނޫނެވެ. ޒުވާންކަމުގެ ޖޯޝާއި ފުރިހަމަކަމާއި ރީތިކަމުގެ މަސްތުގައި ކާޝިފަށް ކުރެވެމުން ދިޔައީ ކީއްކަން އެންމެންނަށް އެނގުމުން އެކަމާ އެއްބަސްވެ ކާޝިފާ އެއްކޮޅަށް އެރި އެކަކުވެސް ނެތެވެ. ކިރިޔާވެސް އެހީތެރިކަމެއް ފޯރުކޮށްދިން އެކުވެރިޔާއަށްވެސް ކާޝިފުގެ އެއުޅުން ކަމަކުނުދެއެވެ. ކާޝިފަށް އުދުހެވެމުންދިޔައީ މުޅިން އެހެން މީހެއްގެ ވަރައިގެ ބާރުގައިކަން އެނގުނުއިރު އޮތީ ނުވާން ޖެހޭ ހުރިހާ ކަމެއް ވެފައެވެ.

އެނދުން ފައިބަމުން ތަމަންނާގެ ގައިމަތީގައި ރަޖާ އަޅައިދީ އޭސީ ދަށްކޮށްލިއެވެ. އެނދުން ފައިބައިގެން ގޮސް އަލަމާރި ހުޅުވާ އޭގެ މަތީބައިގެ އެއްކަނެއްގައި ތަންކޮޅެއް އެތެރެއަށް ޖައްސާފައި އޮތް ސިނގިރޭޓްފޮށްޓާއި ލައިޓަރު ނަގައިފިއެވެ. އަދި މަޑު ފިޔަވަޅުތަކެއްގައިގޮސް ކޮޓަރިން ނުކުމެގެން މެދުގޭތެރެ ހުރަސްކޮށް ގޮސް ބޭރު ގޯތިތެރެއަށް ނުކުމެއްޖެއެވެ. ގޯތިތެރެއަށް މިހާރު އޮތީ ފިނިމެންދަމުގެ ފިނިކަމާއި ހިމޭންކަން ވެރިވެފައެވެ. ފަތިސްދަމަށް އެޅެމުންދާތީ ވައިގައި އެންމެ ހެޔޮވަރުވަރަކަށް ފިނީގެ އަސަރު ހުއްޓެވެ. ގޯތިތެރެއިންލާފައި ގޮސް މައިދޮރާ ދިމާއިން އެތެރެއަށް ވާގޮތަށް އެއްފަރާތުގައި އިންދާފައި ހުރި ބޯގަންވިލާ އާއި ފިނިފެންމާ ގަސްތަކުގެ ކައިރީގައި ހުރި ޖޯލީގައި އިށީނދެ ކާޝިފު ފުންނޭވާއެއްދޫކޮށްލިއެވެ.

ސިނގިރޭޓް ރޯކޮށްލާފައި ފުރަތަމަ ދަމާލުމުން ކާޝިފު ކޮށި އެރީ ސަބަބެއް ނެތިއެއްނޫނެވެ. ތަމަންނާއާ ކައިވެނިކޮށްގެން މިވީ ދުވަސް ތެރޭ ކާޝިފު މަޑުމަޑުން މިއާދަ ދޫކޮށްލައިފިއެވެ. އެހެންނަމަވެސް ހާސްވެ ބޮލަށް މާބޮޑަށް ބަރުވެ ވާހަކަ ކިޔައިދޭނެ ހިއްސާކޮށްލާނެ މީހަކު ނެތުމުން މިއަށްވުރެ ވަކި ރަނގަޅު އެހީތެރިއަކު އޭނާއަށް ނުފެނުނީއެވެ. ސިއްހަތަށް ގެއްލުންވާނެކަމާއި ފުއްޕާމޭގައި ދިލަ ޖެހޭނެކަންވެސް އެނގެއެވެ. އެހެންނަމަވެސް މިވަގުތު ކާޝިފު ބޭނުންވަނީ ހިތަށް ހަމަޖެހުމެއް ލިބިގަންނާށެވެ.

ޖޯލީގައި އޮށޯވެލުމަށްފަހު ނިއްކުރިމަތީ އަތް ބާއްވާލައިގެން ސިނގިރޭޓް ތުބުން ނައްޓާ ވައިގެ ތެރެއަށް ދުންގަނޑު ދޫކޮށްލިއެވެ. މާދުރުން އުދަރެހުގައި ވިދާތަރިތަކުގެ މެދުގައި ހުރި ފަތިހަށް ރަނިކަން ކުރަން ފެށި މިރޭގެ ހަނދަށް ކާޝިފު ރަނގަޅަށް ބަލާލިއެވެ. ހަނދުވެސް ކިހާ ރީތިހެއްޔެވެ. އެކަމަކު އެހަނދުގައިވެސް ވަޅުގަނޑުތައް މިހިސާބަށް ފެންނަ ގޮތުންނަމަ ލައްތަކެއް އެބަހުއްޓެވެ. އެހެންހުރިއިރުވެސް ހަނދުގެ ރަނިކަން ފަނޑުކޮށްލެވޭނެ އެއްވެސް ތަރި އެއް ރޭގަނޑަކު ނެތެވެ. ކާޝިފަށް ހިނިތުންވެލެވުނީ ބޭ އިހުތިޔާރުގައެވެ. މިއީ ކޮންކަހަލަ ކަމެއް ހެއްޔެވެ.

ތަމަންނާއަކީ އޭނާގެ ލޯބިވާ އަނބިމީހާއެވެ. އެކަމަކު އޭނާގެ ބަސްނާހާ ހިތް އަނެއްކާވެސް މާޒީގެ އެރީތި ބާބު ހުޅުވަން އެދެނީއެވެ. އަނބުރާ ދުވަހަކުވެސް ނާދެވޭ މަންޒިލަކަށް އޭނާގެ އެރީތިކަން ވަނީ ގެއްލިގޮސްފައެވެ. އެންމެންވެސް އެކަމުގައި ކާޝިފު ކުށްވެރިކުރެއެވެ. އަދި ކާޝިފް އަމިއްލައަށްވެސް އެހެން ހީކުރެއެވެ. އެހެން ނަމަވެސް ހަގީގަތަކީ މުޅިން އެހެނެއްނޫނެވެ.

އެހެނެއްކަމަކު ކާޝިފުގެ މާޒީގެ އެކުށް، އެފާފަވެރި ހިތްހަމަޖެހުން، ކާޝިފަށް މަޖުބޫރުކުރީއެވެ. ކޮންމެވެސް އެއްގޮތެއް ހިޔާރުކުރަން ޖެހުނީއެވެ. އަދި އޭނާގެ އެ ލޯބި ހުރީ އަމިއްލައަށް ގުރުބާންވުމަށް ތައްޔާރަށެވެ.

"ރީތި ހުރިހާ އެއްޗެއް ފުރިހަމައެއް ނުވާނެ..." ކާޝިފަށް އެއަޑު އިވުނުކަހަލައެވެ.

"އެހެންވާނީ ކިހިނެއް... އެހެންނޫނަސް ރީތި ހުރިހާ އެއްޗެހި އަސަރުގަދައެއްވެސް ނުވާނެ. ފުރިހަމަނުވިޔަސް މައްސަލައެއް ނެތްތާ.... ތިހާ އަސަރުހުރި އެއްވެސް ކަމެއް ނުދެކެން...."

"މި އަސަރު ވިހައަކަށް ވެދާނެ..."

"އެހެންވިއްޔާ ތިއަސަރުގައި ވިހަވުމަށް ރުހެން...."

ކާޝިފަށް އެހުނުމުގެ އަޑު ސާފުކޮށް އިވެން ފެށިއެވެ. ފައްވާރާގެ ހިތްގައިމުކަން އެކުލެވިފައިވާ ސިހުރުވެރި ހީނލުމެކެވެ. ކާޝިފު މިރޭ ބޭނުންވަނީ އެހަނދާންތައް އާކޮށްލާށެވެ. ހަނދާންވުމާއި ހަނދާން އާކުރުމުގައި ވަރަށް ބޮޑުތަފާތެއް ހުރެއެވެ. އަދި މިރޭ ކާޝިފް އެތައް އަހަރަކަށް ފަހުއަމިއްލައަށް އެހަނދާންތައް އާކުރަން ބޭނުންވަނީއެވެ.

******

17 އަހަރު ކުރި.... ކާޝިފާއި ހާނީ....

"އަސްތަ... ކާޝީ.... އަތޫ އަންނަން ވާއިރަށް މިހުރިހާ މަސައްކަތް ނިމޭނެތަ.... ނިކަން ދޭބަލަ އެކޮޓަރި ތައްޔާރުކުރަން އިންޓީރިއާ ޑިޒައިނަރު އައިސް އެބައުޅޭ.... އޭނައަށް ކުޑަކޮށް އެހީވެދީ ކަންތައް ނިންނަން ދޭބަލަ..."

ގޭތެރޭގައި ހޭލަމޭލަ ވަމުންދަނީ މަސައްކަތުމީހުންނާއި އާއިލީ މީހުން އަވަދިނެތިއެވެ. ދެދުވަސް ކުރިން ވިހޭ ދަރިފުޅާއި ދަރިފުޅުގެ މަންމަ މާދަމާ ގެއަށް އަންނަން ވާއިރަށް ގޭތެރެ ތައްޔާރު ކުރަނީއެވެ. ފޯނުން އިނގިރޭސި ލަވައެއް ބަލަން އިން ކާޝިފް އޭނާގެ ދައްތަގެ ގޮވާލުމުގެ އަޑު އިވޭ ކަމަށްވެސް ނުހެދިއެވެ.

"އޭތް ކާޝީ... ސާބަސް އަޑު ނީވެނީތަ...؟ ކަންފަތުން ތި އުނގުރި ނަގާބަލަ...."

ކާޝިފްގެ ކައިރިއަށް ޖެހިލަމުން އޭނާގެ ދައްތަ އަފްޝަން ބާރަށް ގޮވާލިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟