ޕައިލެޓުކަން ކިޔަވާ 479 ދަރިވަރަކަށް ސްޓޫޑެންޓު ލޯނު ދިނުމަށް ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ސްޓޫޑަންޓު ލޯނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވި 1225 ދަރިވަރުންނަށް މި އަހަރު ލޯނު ދޭން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވަނީ އިއުލާނުކުރައްވައިފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމުގެ ތަފުސީލުތައް ދެއްވަމުން، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ޕައިލެޓުކަން ކިޔަވުމަށް 479 ދަރިވަރަކަށް ލޯނު ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މިހާރުވެސް ޕައިލެޓްކަން ކިޔަވާ 24 ދަރިވަރަކު ހިމެނޭ ކަމަށް ވިދާޅުވިއެވެ.

"މިއީ ރެކޯޑު އަދަދެއް. ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީއަށް އާދަޔާ ހިލާފު ހެޔޮ ބަދަލެއް ރައީސުލްޖުމްހޫރިއްޔާގެ މި ނިންމުމުގެ ސަބަބުން އަންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ތަފާތު އެހެން ހަތް ދާއިރާއަކުންވެސް ލޯނު ދޫކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެއާޕޯޓް މެއިންޓަނަސްސް ލައިސަންސާއި ޝިޕިން ލައިސަންސާއި އެއާ ޓްރެފިކް ކޮންޓްރޯލް ލައިސަންސްގެ އިތުރުން އެމްބީބީއެސް (ޑޮކްޓަރުކަން) ކިޔެވުމަށް ލޯނު ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

"އެމްބީބީއެސް، ލޯނު ހުރިހާ ދަރިވަރުންނަށް ފުރުސަތު ދީފައިވޭ މިފަހަރުވެސް، އެގޮތުން 133 ދަރިވަރުންނަށް އެމްބީބީއެސް ހެދުމުގެ ފުރުސަތު ދީފައިވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ސްޓޫޑަންޓު ލޯނު ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުގެ 15 ގައެވެ. މި ލޯނު ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު މާޗު މަހު ހަމަވި އިރު، 1,507 ދަރިވަރަކު ލޯނަށް އެދި ހުށަހަޅާފައިވެއެވެ.