ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ "އަކުއާ ރެސްޓޯރެންޓް" ކުރީގެ "ސެޓެލައިޓް ރެސްޓޯރެންޓް"ގެ އެއްބަސްވުމާ ހިލާފުވި މައްސަލައިގައި އެއް މިލިއަން ރުފިޔާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓް (އެމްއޭސީއެލް) އަށް ދައްކަން ނަޖާހު އާޓްޕެލަސް ޕްރައިވެޓްލިމިޓެޑުގެ މައްޗަށް ސިވިލްކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ ނަޖާހު އާޓްޕެލަސް އާއި އެމްއޭސީއެލްއާ ދެމެދު ހައެއް އޭޕްރީލް 2004 ގައި ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް ކުއްޔާއި ފެންބިލުތަކާއި ކަރަންޓް ބިލުތަކާއި ކުނި އުކާލުމުގެ ބިލުތަކަކަށް ދައްކަން ޖެހޭ ފައިސާ ދައްކާފައި ނުވާތީ، ނަޖާހު އާޓްޕެލަސް އިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށްބުނެ އެމްއޭސީއެލްއިން ކޮށްފައިވާ ދައުވާއެކެވެ.

މި މައްސަލަ ބެލުމަށްފަހު ސިވިލްކޯޓުން ހުކުމްކޮށްފައި ވަނީ، އެތަނުގެ ކުލީގެ ގޮތުގައި 1.2 މިލިޔަން ރުފިޔާ، އަދި ފެންބިލުތަކާއި ކަރަންޓް ބިލުތަކާއި ކުނި އުކާލުމުގެ ބިލުތަކަށް ދައްކަން ޖެހި 255،773 ރުފިޔާ ނުދައްކައި އޮތްކަން ސާބިތުވާތީ އެކު ޖުމުލަ 1.5 މިލިޔަން ރުފިޔާއިން، ނަޖާހު އާޓްސްގެ ފަރާތުން ޑިޕޮސިޓްގެ ގޮތުގައި އެމްއޭސީއެލްއަށް ދީފައިވާ 457،500 އުނިކުރުމަށްފަހު އެއްމިލިޔަން ރުފިޔާ ދައްކަން ޖެހޭކަމަށް ކަނޑައަޅާ ކަމަށެވެ.

އެ ފައިސާ އެމްއޭސީއެލްއަށް ދެއްކުމުގެ ގޮތުން މިމަހު 15 ގެ ކުރިން އެ ފައިސާ ސިވިލްކޯޓަށް ދައްކައި ދަރަނި ހަލާސް ކުރުމަށް ވެސް އެހުކުމުގައި ވެއެވެ.