މާލޭގެ ޕާކުތަކަށް ވަންނަ ބިދޭސީންގެ އަތުން ފީ ނަގަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަން ނިންމީ މިއަދު ބޭއްވި ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 104 ވަނަ ބައްދަލުވުމުގައި ބައިވެރިވި 12 ކައުންސިލަރުންގެ ތެރެއިން 11 ކައުންސިލަރުންގެ ވޯޓުންނެވެ.

ކައުންސިލުން މިއަދު ނިންމީ ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ޕާކުތަކަށް ވަންނަ ބިދޭސީންގެ އަތުން ނަގާނެ ފީއެއް ކަނޑައެޅުމަށްފަހު ޖޫން މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ ފީ ނަގަން ފެށުމަށެވެ. އަދި ފަތުރުވެރިންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަތުން ތަފާތު ދެ އަގެއްގައި ފީ ނެގުމަށްވެސް ނިންމިއެވެ.

ޖަލްސާގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެހެން ގައުމުތަކުގައިވެސް އެ ގައުމުތަކުގެ ޕާކުތަކާއި މައިޒާންތަކަށް ވަންނަ ބިދޭސިންގެ އަތުން ފީއެއް ނަގާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސަލްޓަން ޕާކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނެގިއެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ ފީ ނެގުން ހުއްޓާލައިފައެވެ.