ވާހަކަ

ދީވާނާ ހިތް - ފަހުބައި

5

ދެވަނަ ފަހަރަށް މަންޝާއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ސައިޑްކަބަޑު މަތީގައި އޮތް ފޯނު ނަގާފައި ބަލައިލި އިރު އަރާފައި އިނީ ދިލްޝާދުގެ ފޮޓޯއެކެވެ. ކޮޓަރިތެރެއަށް އަލިވެފައި އޮތުމުން މަންޝާ ގަޑި ބަލައިލިއެވެ. ހެނދުނު ހަތެއްޖަހަން ހުރީ ފަސް މިނެޓެވެ. އަނެއްފަރާތަށް އެނބުރުނުއިރު ނަޒާން އޮތީ އަދިވެސް ގަދަ ނިދީގައެވެ. އުނގަނޑާ ހަމައިން ފެށިގެން އެނދުން ތިރިއަށް ސޮހިފައި އޮތް ކުއިލްޓް މަޑުމަޑުން މައްޗަށް އެރުވޭތޯ މަންޝާ މަސައްކަތްކުރިއެވެ. ހާމައަށް ފެންނަން އޮތް ނަޒާންގެ ބުރަކަށި ފެނުމުން މަންޝާ ލަދުގަންނަ ގޮތްވިއެވެ. ހަނދާނަށް އައީ މުޅި ރޭގަނޑު ނަޒާންގެ އަތުތެރޭގައި ހޭދަކުރި ގޮތެވެ. މަންޝާ ނަޒާންގެ މޫނަށް ބަލައިލިއެވެ. ނަޒާން އޮތީ ފުން ނިދީގެ ތެރޭގައިކަން ޔަގީނެވެ. ހިތްއެދެމުން ދިޔައީ ނަޒާންގެ މޫނުގައި ބޮސްދޭށެވެ. ނަޒާންގެ މޫނާ ދިމާލަށް މަންޝާ ގުދުވެލިއެވެ. އެހެންނަމަވެސް ނަޒާންގެ މޫނާ ދާދި ގާތްވެފައި ވަނިކޮށް ނަޒާން ދެލޯ ހުޅުވާލީ ގަދަކަމުންނެވެ. މަންޝާ ދިޔައީ ސިހިގެންނެވެ. ނޭނގޭ ކަމަށް ހަދާފައި ތެދުވަން އުޅެނިކޮށް ނަޒާން ކޮށްލީ އެންމެ ހަރަކާތެކެވެ. މަންޝާ އޮތީ ނަޒާންގެ ގައި މަތީގައެވެ.

"ކީއްކުރަން ތިއުޅެނީ؟" މަންޝާ ބުންޏެވެ.

މަންޝާގެ ބޮލުގެ އިސްތަށިތައް ދެފަރާތުން ނަޒާންގެ މޭމައްޗަށް ފައިބާފައި އޮތެވެ. އެ އިސްތަށިތައް ނަޒާންގެ ދެއަތުން މަންޝާގެ ކަންފަތުގެ ފުރަގަހަށް ލައްވާލިއެވެ.

"ކޮންތާކަށް ދާން ތިއުޅެނީ؟" ނަޒާން ބުންޏެވެ.

"ފެންވަރަން" މަންޝާ ބުންޏެވެ. ނަޒާން ބަލަހައްޓައިގެން އޮތްގޮތުން މަންޝާ ލަދުގަންނަ ގޮތްވިއެވެ.

"އަހަރެން ސުވާލެއްކޮށްލަންތަ؟" ނަޒާން ބުންޏެވެ. މަންޝާ ބޯޖަހާލިއެވެ.

"ތަދުވިތަ؟"

ސުވާލުގެ މާނަ ނޭނގޭކަމަށް ހަދާން އުޅުނަސް އެކަމެއް ނުވިއެވެ. ލަދުގަތްކަމުގެ އަސަރު މަންޝާގެ މޫނުމަތިން ފާޅުވެލިއެވެ.

"ކީއްވެ އެވަރަށް ޒާން އޭ ކިޔާފަ ގޮވީ" މަންޝާ ރަކިވާ މަންޒަރު ދުށުމަކީ ނަޒާނަށް އުފަލެއް ކަހަލައެވެ.

"ކޯޗެކޭ ތިކިޔަނީ؟ އެވާހަކަ ނުދައްކަބަލަ" މަންޝާ ބުންޏެވެ.

ނަޒާން ހީލާފައި ކުޑަކޮށް ބޯއުފުއްލާލާފައި މަންޝާގެ ނޭފަތުގެ ކުރީގައި ބޮސްދިނެވެ.

"ތެންކިޔު މައި ލަވް... އަހަރެން ހާދަ އުފަލެއް އެބަވެޔޭ. ރޭގެ ފަހުން އަހަރެންގެ ހިތުގައި މަންއަށްޓަކައި އޮތް ލޯބި އެތައް ތަނެއް އުފުލިއްޖެ. ތިއީ ހަމަ ރަންކޮޅެއް. މިޒަމާނުގައި ބިކުރުވެރި އަންހެންކުއްޖެއް ކަނޑު އަޑި އަތްފުނާ އެޅިޔަސް ނުލިބޭނެ. ތިއީ އަހަރެންގެ ނަސީބު. މަންގެ މައިންބަފައިންނަކީ ނަސީބުވެރި ބައެއް"

މަންޝާ ނަޒާނާ ހަތަރުކަޅި ހަމަކޮށްލިއެވެ. ޝުކުރުއަދާކުރާ ކަހަލަ ގޮތަކަށް އިޝާރާތްކޮށްލިއެވެ. ކުރިން ކުރަންއުޅެ ނުކުރެވުނު ކަންތައް ލަދުން އޮވެފައި ނަމަވެސް ފުރިހަމަކޮށްލިއެވެ. ނަޒާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"މިތަނަށްވެސް" ނަޒާން އިނގިލި ޖައްސާލީ އޭނާގެ ތުންފަތުގައެވެ.

"ފަހުން..." މަންޝާ ތެދުވީ ކުއްލިއަކަށެވެ. އެނދު ކައިރީގައި ރަނގަޅަށް ކޮޅަށް ނުހުއްޓެނީސް ކުއިލްޓް މަންޝާގެ ހަށިގަނޑާ ވަކިވެއްޖެއެވެ. ޖެހި ބުދެއްހެން ދާންވީ ދިމާލެއް ނޭނގިފައި ހުއްޓާ ނަޒާން މަންޝާގެ ކުރިމަތީގައި ހުއްޓުނެވެ. ނަޒާން ކުރިމަތީގައި ހުއްޓުނުއިރުވެސް އިސްއުފުލާލަން މަންޝާއަށް ނުކެރުނެވެ.

"ހަނީމޫން ވަސް ނުކެނޑޭހާ ހިނދެއްގައި އަހަރެމެން މިތިބީ އެކަކު އަނެކަކު ހިތުގައި ގައިދުވެފައި. އަދިވެސް ހިތެއްނުފުރޭ. ވައިފީ ފެންނަ ކޮންމެ ހިނދަކު އަހަރެން ތިލޯތްބަށް ހިތްއެދޭނެ. މި ކަރުހިއްކުމަކަށް ނިމުމެއްނެތް.... އަދި މިކަން ހުއްޓުވާކަށް ހުރަހެއްވެސް ނެތް... އެއް އިންސާނަކު އަނެއް އިންސާނާކަށްޓަކައި ދީވާނާ ވާނީ މިހާވަރަކަށް..." ނަޒާންގެ ދުލުން ބޭރުވީ ކޮންމެ ޖުމްލައެއްގެ ޖާދޫގައި މަންޝާ ހުރީ ޖެހި ބަނދެވިފައެވެ. ނަޒާންގެ ކޮންމެ ބީހިލުމަކަށް މަންޝާ ފިދާވަމުން ދިޔައެވެ. އަނެއްކާވެސް އުފާވެރި ހިނދުކޮޅެކެވެ.

****

ތަށްޓަށް ކާއެއްޗެހި އެޅުމުގެ ބަދަލުގައި ކައިރީގައި ހުރި ތިއާގެ ބަނޑުގައި ނަވާލް ފިރުމާލިއެވެ. ބަނޑުގައި ލޯބިން ބޮސްދިނެވެ. ދުވަސްފުރުމުގެ ކުރިން ހަދަންޖެހޭ އެންމެފަހުގެ ސްކޭން ހަދާފައި ދެމަފިރިން ގެއަށް އައީ ހަމަ ދެންމެއެވެ. ފުރާ ފުރިހަމަވެ ސިއްހަތު ސަލާމަތުން އޮތް ދަރިފުޅު ފެނުނު ހިނދު ނަވާލްގެ ހިތް އުފަލުން ފުރުނެވެ. ތިއާ އަކީ އޭނާގެ ނަސީބެވެ. ކެތްތެރިކަމެއްނެތި އޭނާ އިންތިޒާރުކުރަމުން ދަނީ ދަރިފުޅު ދުނިޔެއަށް އުފަންވާނެ ދުވަހަކަށެވެ.

"ފަޅާލާފަ ނަގަންވީނުން"

ނަވާލްގެ ތަށްޓަށް ރިހަ އަޅަން ހުރި ތިއާ ހީލިއެވެ. ފަހަކަށް އައިސް އެއީ ނަވާލްގެ އާދައެވެ. ތިއާ ކައިރީގައި ހުރިއްޔާ އަބަދުވެސް ނަވާލްގެ ކަމަކީ ތިއާގެ ބަނޑުގައި ފިރުމުމެވެ.

"ޑެޑީގެ ޕްރިންސަސް..."

ތިއާ ހީލިއެވެ. ދަރިފުޅު ޖިންސެއް ނުބަލައެވެ. އެހާ އަވަހަށް ނަވާލް ގޮތް ނިންމައިފިއެވެ.

"އެހެން ކިހިނެއް އެނގެނީ ޕްރިންސަސްއެއް ކަމެއް" ތިއާ ބުންޏެވެ.

"ބޭނުމީ ތިއާ ކަހަލަ ވަރަށް ލޯބި ކުޑަކުޑަ ޕްރިންސަސްއެއް"

"ދެން އެންމެ ރަނގަޅޭ. ކޮންމެ ކަހަލަ ކުއްޖަކަށް ވިޔަސް އެވާނީ އަހަރެމެން ދެމަފިރިންގެ ލޯބީގެ ނިޝާނަށް. އަހަރެމެން ދިރިއުޅުނު ހަނދާނަކަށް. އަދި މަންމަ އާއި ބައްޕަގެ ފުރަތަމަ މާމަކާފަ ދަރިފުޅަށް"

ތިއާގެ އަތުގައި ހިފައި ގެނެސް ބޭންދީ ކައިރީގައެވެ. ރޮށި ތަށި މޮޑެލާފައި އޭނާގެ އެންމެ ފުރަތަމަ ލަވާލީ ތިއާގެ އަނގައަށެވެ. ތިއާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ދެމަފިރިންގެ ގުޅުން އެގޮތުގައި ލެއްވުމަށް އެދި ތިއާ ހިތާހިތުން ދުއާކޮށްލިއެވެ.

****

އުފަލާއި ހިތްހަމަޖެހުމުގައި ފަނަރައަށް ވުރެ ގިނަ ދުވަސްކޮށްފައި ނަޒާންގެ ދެމަފިރިން މާލެ އައި ދުވަހު ނަޒާންގެ އާއިލާގެ ފަރާތުން ހޫނު މަރުހަބާއެއް ކިއެވެ. އަމިއްލަ ދަރިއެއް ފަދައިން މާޝިތާގެ މޭގައި މަންޝާ ޖައްސާލިއެވެ. ދެމަފިރިންނަށް ހާއްސަކޮށް ކޭކު ފެޅިއެވެ. އަމިއްލަ ގެދޮރުން ނުލިބޭހާ ލޯތްބާ އޯގާތެރިކަން ނަޒާންގެ ގެއިން މަންޝާއަށް ލިބުނެވެ.

"އޭތް... މަޑުކޮށްބަލަ. އަދި ނުވެއެއްނު ކޮޓަރިއަށް ވަންނަން"

ކޮޓަރި އާ ދިމާލަށް ދިޔަ މަންޝާގެ އަތުގައި ތިއާ ހިފެހެއްޓިއެވެ. ކޮޓަރިއަށް ދިޔަ ނަޒާން އިޝާރާތުން އަންނާށޭ ބުނިކަން އެނގެނީ ހަމައެކަނި މަންޝާއަށެވެ. އެހެންނަމަވެސް ތިއާ އާ އެކުގައި މަންޝާ ދިޔައީ ބަދިގެއަށެވެ. ގޭތެރޭގައި އެކި އެއްޗެހި ހުރިތަންތަން މަންޝާއަށް ތިއާ ކިޔައިދެމުން ދިޔައެވެ.

"އަހަރެން ވިހަން ވާއިރަށް މަން ޖެހޭނެ އިނގޭ ލޯޑުގަ އިންނަން. މިހާރަކު ހުރަހެއް ނެތެއްނު. އަނެއްކާ އެވަރުގެ ކަމެއް ދޮންބެ ކުރިތަ؟"

ތިއާ އަހާލި އެއްޗަކުން މަންޝާ ލަދުގަތެވެ. އެހާ އަވަހަށް ދަރިއަކު ހޯދުމުގެ ވިސްނުން ދެމަފިރިން ނުގެންގުޅޭ ކަމުގައި ބުންޏެވެ.

****

ސޯފާގައި އިން ދިލްޝާދު އިނީ މަންޝާ ދެކިލާހިތުން ކެއްމަދުވެފައެވެ. ގުޅާފައި މިއަންނަނީ އޭ ބުނި އިރުން ފެށިގެން ދިލްޝާދު އެއްތާކު ދެފައި ހަރުނުލައެވެ. ދޮރުމައްޗަށް މަންޝާ އެރިކަން އެނގެއެވެ. ދިލްޝާދަށް ހަމަޖެހެވުނުއިރު ދިލްޝާދު ދެއަތުގެ ތެރެއަށް މަންޝާ ވަދެއްޖެއެވެ. ދިލްޝާދު މަންޝާގެ މޫނުގައި ލޯތްބާއެކު ފިރުމާލިއެވެ. މަންޝާ ދުރުކޮށްލާފައި މޫނަށް ރަނގަޅަށް ބަލައިލިއެވެ. ދެކައިވެނީގެ ތަފާތު ދިލްޝާދު ދެނެގަތެވެ. މިހާރު މަންޝާގެ ތުންފަތްމަތިން ފެންނަން ހުރި ހިނިތުންވުމާއި މިޒާޖަށް އައިސްފައިވާ ބަދަލު ދިލްޝާދުގެ ހުރިހާ ސުވާލަކަށް ޖަވާބު ލިބިގެންދިޔައެވެ. އެވަރުންވެސް މަންޝާގެ ދުލުން ބުނާ އަޑުއަހާ ހިއްވިއެވެ.

"ދަރިފުޅު ހެޕީތަ؟"

"ވަރަށް ވަރަށް މަންމާ.... މިހާ އުފާ އަޅުގަނޑު ދުވަހަކުވެސްނުވޭ. އޯ މަންމާ.... ތެންކިޔު ސޯ މަޗް ހުރިހާ ކަމަކަށް" ދިލްޝާދު ދެކޮނޑުގައި ހިފާ އެނބުރިލުމަށްފަހު ދިލްޝާދުގެ މޫނުގައި މަންޝާ ބޮސްދިނެވެ. މަންޝާގެ އެ އަމަލުން އެކަނިވެސް ދިލްޝާދު ހިތް ފުރިގެން ދިޔައެވެ.

"އެކަނިތަ އައީ؟ ކޮބާ ނަޒާން؟" ދިލްޝާދު އެހިއެވެ.

"އޮފީހުގަ. ބުނި ނިންމާފަ ބަލައި އަންނަންދެން މަންމަ ކައިރީގަ އިންނާށޭ" މަންޝާ ބުންޏެވެ.

އިރުކޮޅެއް ނުވަނީސް މިހާދު އައިސް ވަނެވެ. މަންޝާ އަންނަކަން އެނގޭތީ ބޭރުން އައި އިރު އޭނާ އައީ ޕިއްޒާ ހިފައިގެންނެވެ. ހުރިހާ ދަރީން އެކުގައި ބައިވެރިކޮށްގެން އުފާވެރި އެތައް ވަގުތެއް މިހާދު ހޭދަކުރިއެވެ.

"މާޝިތާ އާއި އާމިރު ރަނގަޅުތަ ދަރިފުޅަށް" ދިލްޝާދު އެހިއެވެ.

"ތިހެން އަހާއިރުވެސް މަންމައަށް އެނގޭނެ. ޒާންގެ މަންމަގެ ދެލޮލުން އަޅުގަނޑަށް ސިފަވަނީ ތި މަންމަ. ޒާންގެ މަންމަ އަޅުގަނޑު ގައިގަ ލޯބިން ފިރުމާލާ ކޮންމެފަހަރަކު އަޅުގަނޑަށް އިހުސާސްވަނީ ތިމަންމަގެ ބީހުން" މަންޝާ ވާހަކަދެއްކިއެވެ.

"އެކަމަކު... " މަންޝާ ހުއްޓާލިއެވެ. މަންޝާއަށް ބަލަހައްޓައިގެން ތިބި އެންމެން ހިމޭންވިއެވެ. އެހިސާބަށް ބުނެފައި މަންޝާ ހުއްޓާލި ސަބަބެއް އެނގެން ބޭނުންވެފައެވެ.

"ބައެއްފަހަރު ނަވާލް ކުރިމަތީގައި އުޅެން އުނދަގުވޭ. ވާހަކަދައްކަންވެސް ފަސޭހައެއްނޫން" މަންޝާ ބުންޏެވެ.

"ކިހިނެއްވީ؟ ދަރިފުޅުމެންގެ ގުޅުމާ ނަވާލް ދެކޮޅުތަ؟ އެކަމަކު ކީއްވެ؟" ދިލްޝާދު ކަންބޮޑުވިއެވެ.

"އެއީ... އެއީ..." އެވާހަކަ ބުނަން މަންޝާއަށް އުނދަގުވިއެވެ.

"އެއީ.. އެންމެ ފުރަތަމަ ލޯބީގެ ގޮތުން އަޅުގަނޑު ގުޅުނީ ނަވާލް އާ"

މަންޝާ ބުނެލި ޖުމްލައާއެކު ދިލްޝާދަށް ހީވީ ކަންފަތް މަތީގައި މީހަކު އެތިފަހަރެއް ވިއްލާލިހެންނެވެ. އެވީ އުންމީދުކުރި ފަދަ ކަމެއް ނޫނެވެ.

"އެހާ ކަންބޮޑުނުވޭ މަންމާ. އެހާ ގިނަ ދުވަހަކަށްނޫން. އެއީ ލޯތްބެއްނޫން މަންމާ. ލޯބީގެ ގުޅުމަކަށް ވުރެ ބޮޑަށް ނަވާލް އިސްކަން ދިނީ ލޯބިނުވެ ކުރާ ކައިވެންޏަކަށް. އަޅުގަނޑު ހިތުގައި ޝަކުވާއެއްނެތް. އޭރު ދެރަވެގެން ރޯންވެސް ރުއިން. އެކަމަކު ފަހުން ވިސްނުނު. އެގޭ މީހުންނަށްވެސް މިވާހަކަ މިހާރު އެނގޭ. އެކަކަށް އެއްކަމެއްވެސް މިހާރު ސިއްރުވެފައެއްނެތް"

ހިތަށް އުނދަގޫވާ ގޮތް ވިއެވެ. އެހެންނަމަވެސް މަންޝާ އުފަލުން ހުރުމުން ދިލްޝާދު ހިނިތުންވެލިއެވެ.

"އަދި ހަނދާންނެތިފަ މިއިނީ. ހަމް ބުނި އެގެއަށް ޑިނާ އަށް އަންނަން. ޒާން ގޮވައިގެން. އެހެންވީމަ އެކީއެކައްޗަކަށް ނިންމާފަ ގެއަށް ދާނީ"

******

ދެ އަހަރުފަސް

ހުޅުމާލޭގެ އަތިރިމަތީގެ ވަކި ސަރަހައްދެއް ވަނީ ނިވިދިއްލޭ ބޮކިތަކުން ޖަރީކޮށްފައެވެ. ރީތި އިނގިރޭސި ލަވައެއްގެ އަޑު އިވިއިވި ހުއްޓެވެ. މީހުން އެހާ ގިނައެވެ. ދެމަފިރިންނަށް ހާއްސަކޮށްފައިވާ ތަނުގައި ތިބި ދެމަފިރިން ތިބީ ހުދާއި ގަދަ ފެހިކުލައިގެ ކައިވެނީގެ ހެދުމުގައެވެ. ޕާޓީއަށް އައިސް ތިބި މީހުންގެ ތެރެއިން ދެފަރާތުގެ އާއިލާ ވެސް ފާހަގަވަނީ ހުދާއި ފެހި ކުލައިގެން ހެދުން އަޅާފައި ތިބުމުންނެވެ.

ހުދުކުލައިގެ ދިގު މިޑީއެއް ލައިގެން ހުރި ދޮޅުއަހަރުގެ އަންހެންކުއްޖެއްގެ އަތުގައި ހިފައިގެން ދެ އަހަރުގެ ކުޑަ އަންހެން ކުއްޖެއް އައީ ދުވެފައެވެ. ދެކުދިން އައިސް ވަނީ ދެކުދިންގެ މަންމަގެ އުނގުތެރެއަށެވެ. ކާން އިން ތަށި ދުރުކޮށްލާފައި ދެއަހަރުގެ މަނާލް އުރާލާފައި އުނގުގައި ބައިންދާފައި ތިއާ ހީލިއެވެ. މަނާލް އަނގަ ހުޅުވާލީ ތަށީގައި ހުރި ކާއެއްޗެހި ކާންވެގެންނެވެ. މަނާލްގެ އަނގައަށް ތިއާ ކާއެތިކޮޅެއް ލަވާލިއެވެ. ކާލައިގެން އެކުއްޖާ ދުއްވައިގަތީ ރައްޓެއްސަކާ ވާހަކަދައްކަން ހުރި ނަވާލާ ދިމާލަށެވެ.

"ދަރިފުޅާ އެމަންޖެ ނޫރަބަލަ" މަންޝާ ކުޑަކުޑަ ޝައިނާ އުރާލިތަން ފެނުމުން މާޝިތާ ބުންޏެވެ.

"ކިހާ ވަރަކަށް އަހަރެންވެސް ބުނާނީ. މީހާ ހީވަނީ ފަޅައިގެންދާން އުޅޭހެން ވިއްޔާ. މަން... ޝައިއްކޮ އުރަން ކިޔަސް މިދުވަސްކޮޅު ނޫރަބަލަ" ތިއާ މާޝިތާ އާ އެއްބައިވެލިއެވެ.

"އެނގެއެއްނު ޔަލާއަށް ވީގޮތް. ޔަލްވީއަށް ހަ މަސްވިއިރު ދެވަނަ ފަހަރަށް ޕްރެގްވެއްޖެ. ބަނޑަށް ހަތްމަހުގަ ޔަލްވީ އުރާލާއިރަށް ބޭބީ ފައިބައިގެން ދިޔައީ. ﷲ އިރާދަކުރެއްވިއްޔާ އެފަދަ ގޮތެއް މިއާއިލާގެ އެކަކަށްވެސް އަދި މާބަނޑު އެއްވެސް އަންހެނަކަށް ކުރިމަތިނުކުރައްވާށި. މަން އެބަޖެހޭ ވަރަށް ވިސްނަން" ތިއާ ވާހަކަދެއްކިއެވެ.

"މީނީނު މާމަގެ ދޮންދޮނާ. އަވަހަށް ހިނގާ މާމަ އާ އެކު ފޮޓޯއެއް ނަގާލަން ދާން." މަންޝާގެ އުނގުގައި އިން ޝައިނާ ނިކަން ފަސޭހައިން ދިލްޝާދާއެކު ހިނގައިގަތެވެ. މޭޒުމަތީގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުން މަންޝާ ބަލައިލިއެވެ. ގުޅަނީ ނަޒާން ކަން އެނގުމުން މަންޝާ ދެފަރާތް ހޯދާލިއެވެ. ނަޒާން އިނީ ކުރިމަތީގައެވެ. އެހެންނަމަވެސް ތަނުގެ ފަނޑު އަލިކަމުގެ ތެރެއިން އެހެން މީހަކަށް ނަޒާން ފެންނަ ހެނެއް ހިއެއްނުވެއެވެ. މަންޝާ ފޯނު ނަގާފައި ކަންފަތުގައި ޖެއްސިއެވެ.

"އާދެބަލަ" ނަޒާން ބުންޏެވެ.

"ކޮންތާކަށް؟" މަންޝާ އެހިއެވެ.

"ވިސްނާލަބަލަ. މިއަދު ހަތަރުދަމު އަދި އަހަރެންގެ އަނބިމީހާގެ ގައިގައި އަތްޖައްސާނުލެވޭ. އަހަރެން ކިހާ މިސްވާނެ. ތިހެން ނުތަޅުވަބަލަ. ޕްލިޒް. ދީވާނާހިތުގެ ވެރިއެއް. ރަހުމްކޮށްބަލަ"

މަންޝާ ހީލިއަޑު އިވުނެވެ. ފޯނު ބާއްވާފައި މަންޝާ ތެދުވަން އުޅުނެވެ. ނުވަމަހުގެ ބަނޑާއެކު މީހާ ވަނީ ބަރުހެލިވެފައެވެ. ފުރަތަމަ ފަހަރާ ހިލާފަށް ދެވަނަ ފަހަރަށް ބަލިވެއިނުމާއެކު މީހާއަށް ބޮޑެތި ބަދަލުތަކެއް އައެވެ. އިތުރަށް ދޮންކުލަ ގައިގައި ޖެހުނުއިރު ހަށިގަނޑާއި މޫނާއެކު ފުފިއްޖެއެވެ. އެހެންނަމަވެސް މަންޝާގެ ރީތިކަން ފަނޑުކޮށްލެވޭވަރެއް ނުވެއެވެ.

ކައިރިއަށް އައިސް ހުއްޓުމާއެކު މަންޝާގެ އަތުގައި ހިފާލައިގެން އޭނާ ހިނގައިގަތީ އެއްގަމަށެވެ. މަގު ހުރަސްކޮށްލާފައި ދެމަފިރިން ދިޔައީ މިރޭ މަޑުކުރަން ހަމަޖެހިފައިވާ ހޮޓަލަށެވެ. ވަކި ހިސާބަކުން ނުދަންނަ އަންހެންކުއްޖަކާ ދެމަފިރިންނަށް ދިމާވިއެވެ. ސަލާމްގޮވާލީ ކުރިން ޒާރާއެވެ.

'މިއީ ޒާރާ... މަރުހަބާ ދެމަފިރިންނަށް"

ޒާރާ އަމިއްލައަށް ތައާރަފްވެލިއެވެ. ޒާރާ އަކީ ކާކުކަމެއް ނަޒާނަށްވެސް މަންޝާއަށް ވެސް ނޭނގުނެވެ. އެހެންނަމަވެސް ޒާރާއަށް އެނގުނެވެ.

"ނޭނގުނު ދޯ. އަހަރެން އާންމުކޮށް އުޅެނީ މާލެޔަކު ނޫން. ރަށުގަ. މާލެ އައިސް މިއުޅެނީ ސެމިނާއަކަށް. އަހަރެން ބުނަން މިއުޅެނީ ވަރަށް މުހިންމު ވާހަކައެއް. ނަޒާނަށް. ކައިވެންޏަކީ ޖަހާލެވޭ ގޮށެއް ނޫން. އެނދުމަތީގައި ދެމަފިރިން ހޭދަކޮށްލާ ވަގުތެއްވެސް ނޫން. އަދި ދަރިން ހޯދާލީމަ ކައިވެން ފުރިހަމަވެސްނުވޭ. ވަފާތެރިކަމާއި އިތުބާރަކީ ދިރިއުޅުމެއް ކާމިޔާބު ކުރެވޭނެ އެންމެ މުހިންމު ދެ ވަސީލަތް. ތެދުވެރި ލޯތްބެއް އަނބިމީހާގެދެކެ ވަންޏާ ދުވަހަކުވެސް ތި ދެއަތް އެކަކު އަނެކަކާ ވަކިކޮށްނުލާތި. މަންޝާއަށް ލޯތްބާއި އޯގާތެރިކަންދޭތި. ހަގީގަތުގައި ދިރިއުޅުމުގައި އެންމެ ބޮޑު ގުރުބާނީއެއްވާ ފަރާތަކީ އަންހެންމީހާ. ފިރިމީހާގެ ދަރިން ދުނިޔެއަށް ގެނައުމުގައި އެތައް ތަކުލީފަކާއި ވޭނެއް ތަހައްމަލްކުރޭ. އެކަން ވިސްނަން ޖެހޭނީ ފިރިމީހާ. ދުނިޔެއަކީ ކެހިވެރިތަނެއް. ރީތި އަންހެނުން ދުނިޔޭގައި އުޅޭ. ފިރިހެނާގެ މަގު އޮޅުވާލެވޭނެހާ ކުޅަދާނަކަން މިބުނާ ރީތިކަމަށް ދައުވާކުރާ އަންހެނުންނަށް ލިބިގެންވޭ. އެފަދަ އަންހެނެއްގެ މަޅީގައި ކޮންމެސް ނުޖެހޭތި. ވަރަށް ހެއްވާ ދޯ އަހަރެން... ހެހެހެ... ކައިވެނިކޮށްގެން އުޅޭ ކޮންމެ ދެމަފިރިއަކަށް އަހަރެން މިވާހަކަތައް ބުނެދޭން ބޭނުންވޭ. އެއްޗެކޭ ހީނުކުރައްޗޭ.... ތިއީ ނިމުމެއް އޮތް ލޯތްބެއްނޫން. އެހެންވިޔަސް ދެން ހުޅުވާލެވޭނީ އަހަރެންގެ ފޮތް... ވަރަށް ޝައުގުވެރި ހިތްދަތި ހާދިސާތައް. ކިއި މީހެއްގެ ދެލޮލުން ލޭކަރުނަ އޮހޮރޭނެ... ދެން ދަނީ އިނގޭ.... މިރޭ އަލަށް ކައިވެނިކުރި ދެމަފިރިންނަށް އަހަރެންގެ ހެޔޮ ދުއާ އާއި ސަލާމް ރައްދުކޮށްދެއްޗޭ"

ޒާރާދިޔަ ދިމާލަށް ބަލަހައްޓައިގެން ނަޒާނާއި މަންޝާ ތިބީ ކިޔާނެ ބަހެއް ނޭނގިފައެވެ. އަލަށް ބައްދަލުވުމާއެކު ސަލާމް ގޮވާލާފައި އެދެއްކީ ހާދަ އެހެންކަހަލަ ވާހަކަތަކެކެވެ.

"ހީވަނީ ވަރަށް ހިތްދަތި ދުވަސްތަކެއް ތަހައްމަލް ކުރަމުންދާ ކުއްޖެއްހެން. އެކަމަކު ނޭނގެ. ވަރަށް އިންޓްރެސްޓިން" މަންޝާ ބުންޏެވެ.

ކޮޓަރިއަށް ވަދެވުމާއެކު މަންޝާ އެނދުގައި އިށީނެވެ. އެހާ ތަންކޮޅަކަށް ހިނގާލިއިރު މުޅި މީހާ ލޮޑުވެއްޖެއެވެ.

"ތިހެރީ ޒާން ކަންތައްކުރާގޮތް. ނާއްކޮ ކިހާ ދެރަވާނެ އަހަރެމެން ނެތީމަ" މަންޝާ ބުންޏެވެ.

"ޕާޓީ ނިމުމަކަށް އިރުކޮޅަކުން އަންނާނެ. އެހެންނޫނަސް ނާއްކޮމެން ވަގުތުން ފުރާނެ. އަހަރެން ބުނާނަމޭ މަން ބަލިވީމަ ގޮވައިގެން އައީއޭ" ނަޒާން ބުންޏެވެ.

އެނދުގެ ހެޑްބޯޑުގައި މަންޝާ ލެގިލިއެވެ. ދެފައި އެނދުމައްޗަށް އަރުވާފައި ރަނގަޅަށް ހަމަޖެހިލިއެވެ. މަންޝާގެ މަހެތިކަން ވަށާލާފައިވާ ދެފައިތިލައިގައި ނަޒާން ބޮސްދިނެވެ. މަންޝާ ކައިރިއަށް އަރާފައި ބަނޑުގައި ބޮސްދިނެވެ.

"މާދަމާ ނޫންކަމެއްވެސް ނޭނގެ ޒާންގެ ޕްރިންސް މިދުނިޔެއަށް އަންނާނީ" މަންޝާ ބުންޏެވެ.

"ބައްދަލުކުރާހިތުން މިހާރުވެސް ކެއްނުވޭ. އެކަމަކު ކައިވެނީގެ ފަހުން އަހަރެންނަށް އަބަދުވެސް މިފެންނަނީ މަން ބޮޑު ބަނޑެއްލާފަ ހުއްޓަ. ތިކަން ހުއްޓާލާނީ ކޮންއިރަކުން؟" ނަޒާން ބުންޏެވެ. ނަޒާނަށް ހިނިތުންވެލަމުން މަންޝާ ދެލޯ އަޅާލިއެވެ.

"އަހަރެން މިހެން ބައިދަނީ ޒާންއެއްނު. އަހަރެން ހިއެއްނުކުރަން ޒާން އެހާވަރަށް ދަރިން ބޭނުންވާ ކަމަކަށް" މަންޝާ ބުންޏެވެ. އޭނާ އެއްއަތުން ނަޒާންގެ އިސްތަށިކޮޅުގައި ފިރުމަމުން ދިޔައެވެ.

"ކީއްކުރާނީ. ދުރުގައި ހަމަ ނުހުރެވުނީ. މަން ފެނުނީމަ އެވާގޮތެއްވެސް ނޭނގޭ. އަހަރެންނަށް ކައިނުލެވި ތިހުރީ ހަމަ ކިރިޔާ. ސީރިޔަސްލީ. އަހަރެންގެ މި ދީވާނާކަން ދުވަހަކުވެސް ނުފިލާނެ" މަންޝާގެ އަތާ އަތް ގުޅުވާލަމުން ނަޒާން ބުންޏެވެ.

ކުއްލިއަކަށް އެތެރެއަށް ހުޅުވުނު ދޮރުން އެވަނީ ދެމަފިރިންގެ ކުޑަކުޑަ ދަރިފުޅެވެ. ޝައިނާ ދުވެފައި އައީ އެނދާ ދިމާލަށެވެ. ޝައިނާ އައިގޮތުން ނަޒާން އެނދުން ފުންމާލިއެވެ. ޝައިނާ ވެއްޓިދާނެކަމުގެ ބިރު ހިތުގައި ބޮޑުވީއެވެ. ޝައިނާ އުރާލާފައި އަލުން އެނދަށް ނަޒާން އެރީ ކޮޓަރީ ދޮރުލައްޕާފައެވެ.

"ރޮވިފަތަ ޑެޑީގެ ލޯބިކޮޅު" ޝައިނާ ދެމަފިރިންގެ މެދުގައި ބާއްވަމުން ނަޒާން ބުންޏެވެ.

"ރޯންހެދީމަ މަންމަ ކަންނޭނގެ ލާފަ އެދިޔައީ"

މާގިނައިރެއްނުވެ ޝައިނާ ނިދައިފިއެވެ. ހަށިގަނޑަށް ވެރިވެފައިވާ ވަރުބަލިކަމުގައި މަންޝާގެ ލޯޖެހެންވެސް މާގިނަ އިރެއް ނުނެގިއެވެ. ޝައިނާގެ މޫނާ މޫނު ޖައްސާލައިގެން ނިދާފައި އޮތް މަންޝާއަށް ނަޒާން ބަލަހައްޓައިގެން އިނެވެ. ކައިވެންޏަށް ދެއަހަރުވެ ދެކުދިންނަށް ބަލިވެ އިންއިރުވެސް މަންޝާގެ ރީތިކަން ނަޒާނަށް ފަނޑެއްނުވިއެވެ. އެއީ އޭނާގެ ލޯތްބެވެ. ދުވަހަކުވެސް ފަނޑުވުމެއްނުވާނެ ދެގޮތެއްނުވެ ދާއިމަށް ދެމިހުންނާނެ މިތުރެވެ. މަންޝާއަށްޓަކައި އެއްދުވަހުން އަނެއް ދުވަހަށް އޭނާގެ ހިތުގައި ލޯބި ދަނީ މޫލައި ވަރުގަދަވަމުންނެވެ.

ނަޒާން މަންޝާގެ މޫނާ ކައިރިވެލިއެވެ. މަންޝާގެ މޫނުގައި ބޮސްދިނެވެ. ޝައިނާގެ މޫނުގައި ބޮސްދިނެވެ. މަޑުމަޑުން މަންޝާގެ ބަނޑުގައި ނަޒާން އަތްޖައްސާލިއެވެ. މަންޝާގެ ބަނޑުން ތޮޅިލި އިހުސާސް ނަޒާނަށްވީވެސް އެވަގުތުއެވެ. ބުނާ ކަހަލައެވެ. ޑެޑީމެންގެ އުފަލުގައި ކޮއްކޮވެސް ބައިވެރިކުރާށެވެ. ނަޒާންގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. އާއެނކެވެ. ނަޒާންގެ ދީވާނާ ހިތުގެ ފަރުވާއަކީ މަންޝާއެވެ. މަންޝާގެ ލޯތްބެވެ. މިއަދު އެ ލޯބި މާބޮޑަށްވެސް ނަޒާނަށް ކާމިޔާބު ވެއްޖެއެވެ. އޭނާ އުންމީދުކުރި ވަރަށް ވުރެވެސް ފުރިހަމަކޮށެވެ.

-- ނިމުނީ --

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟