ދަރިވަރުންނަށް މަސައްކަތްތެރިކަން ދަސްކޮށްދިނުމުގެ މަގުސަދުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން ފެށި ދަސްވާރު ޕްރޮގްރާމް ހުއްޓާލީ ނަމަކަށް ކަމެއްކުރާ ގޮތަށް އުސޫލާ ހިލާފަށް އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާތީ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އައިޝާ މިހެން ވިދާޅުވީ، ދަސްވާރު ޕްރޮގްރާމް ހުއްޓާލުމާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، "އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު ސެޓްފިކެޓްތައް ހަދައިފަ ތިބި ކުދިންނަށް އެއްވެސް ގޮތަކަށް ސެޓްފިކެޓްދޭން ހަޔާ އެޑިއުކޭޝަނުން އެއްބަހެއްނުވި، އެއީ އުސޫލުތަކާ ހިލާފަށް އެކަން ގެންގޮސްފައޮތީމަ، ދަސްވާރު ކިޔަވައިދޭ އިންސްޓްރަކްޓާ ވާން ޖެހޭނީ ވަކި ވަރެއްގެ ކޮލިފިކޭޝަން ހުންނަ ބޭފުޅަކަށް، ނަމަކަށް ކަމެއް ކުރާގޮތަށް ހަމަ ކޮންމެ މީހެއް ލައްވާ އަދި އެއްޗެއް ކިޔަވާދިނޭ ކިޔައިފަ ކިޔަވައިދިނަސް އަޅުގަނޑުމެންނަށް ސެޓްފިކެޓް ދެވޭނެ އުސޫލެއް ނޯވޭ، އެހެންވީމަ އެ ޕްރޮގްރާމް އެގޮތަށް ކުރިއަށް ނުގެންދެވޭނެތީ އަޅުގަނޑުމެން ހުއްޓާލީ،" ކަމަށެވެ.

ތައުލީމީ ނިޒާމު މިހާރު އޮތްގޮތުން ކުދިން ބާކީ ވާތަން ފެންނަ ކަމަށާއި، "އެހެންނަމަވެސް ދަސްވާރު، އެ ކުދިންނަށް ވަރަށްބޮޑު އެހީތެރިކަމެއްދިން، ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި 2017 ވަނަ އަހަރަކީ ފަސް މާއްދާއިން އެންމެ ގިނަކުދިން ފެނުނު އަހަރު، ކީއްވެގެންތޯ މިހާރު ފަސް މާއްދާއިން ފާސްވާކުދިން އެހާ ބޮޑު އިންސައްތައަކުން މަދުވެގެން މިދަނީ،،"

ޝިޔާމު ކުރެއްވި މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކުދިން ބާކީވީ، ދަސްވާރު ޕްރޮގްރާމް އޮތް ގޮތުން ކަމަށެވެ. ކުދިން ބާކީވާ ގޮތަށް އެ ޕްރޮގްރާމް ކުރިއަށް ނުގެންދެވޭނެ ކަމަށް ތައުލީމީ ދާއިރާގެ ޓެކްނިކަލް ބޭފުޅުން ލަފާދެއްވި ކަމަށްވެސް މިނިސްޓާރު ވިދާޅުވިއެވެ.

މީގެކުރިން ފަސް މާއްދާއިން ރަނގަޅު ޖަތީޖާ ހޯދާގޮތް އޮޅުންފިލުވައިދެއްވަމުން މިިނިސްޓަރު ވިދާޅުވީ، "ކުރީގަ ފަސް މާއްދާ ލިބޭ ޕަސެންޓޭޖު އިންފްލޭޓް ކުރުމަށްޓަކައި އެއަށް މި ވައްދަނީ މިކަހަލަ ކޯސްތައް ހަދާފައިތިބޭ ކުދިން އެއީ މިވެނިވަރަކަށް މާއްދާއޭ ކިޔައިފަ، އަޅުގަނޑުމެން ބޭނުންވީ ދަރިވަރުންނަށް ހަގީގަތުގައި އެއްޗެއް އެނގިގެން ސްކޫލްތަކުން ނިކުންނަށް، އެގޮތުން އަޅުގަނޑުމެން ހަމަ ހަގީގީ ފަސް މާއްދާ ދަރިވަރުން ސްކޫލްގަ ކިޔަވައިފަ އިމްތިހާނުގައި ބައިވެރިވާނެ ގޮތަށް މަޖުބޫރު ކުރީ، އަޅުގަނޑުމެންނަށް އެނގޭ ޕަސެންޓޭޖު ދަށްވާނެކަން، އެކަމަކު އަޅުގަނޑުމެން އެ ފެންނަ ޕަސެންޓޭޖަކަށްނޫން ބަލަނީ، އަޅުގަނޑުމެން ބަލަނީ ދަރިވަރަށް އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭ ހިދުމަތަށް،"

ދަރިވަރުންނަށް މަސައްކަތްތެރިކަން އުނގަންނައި ދިނުމަށް، އަންނަ އޯގަސްޓްމަހު، 28 ސްކޫލެއްގައި ވޮކޭޝަނަލް އެޑިއުކޭޝަން ދޭން ފެށޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.