ބިލެތްދޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ރޭ ބުނި ގޮތުގައި މިމީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފ. އަތޮޅު ފުލުހުންނާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ބިލެތްދޫގައި މި މަހުގެ 25 އިން 26 އަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 38 އަަހަރުގެ ފިރިހެނަކާއި 45 އަހަރުގެ ފިރިހެނަކާއި 46 އަހަރުގެ ފިރިހެނެއް އަދި 36 އަހަރުގެ އަންހެނެކެވެ.
އެ އޮޕަރޭޝަންގެ ތެރެއިން ބިލެތްދޫ 8 ގެއެއް ކޯޓު އަމުރުގެ ދަށުން ބަލައިފާސްކޮށް، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 45 ރަބަރު ހޯދައިފައިވެއެވެ.
މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބިލެތްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 36 އަހަރުގެ މީހާއާއި 38 އަހަރުގެ މީހާ އަދި 46 އަހަރުގެ މީހާއަށް 15 ދުވަސް ދީފައިވެއެވެ. އަދި 45 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް ތިން ދުވަސް ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ބިލެތްދޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފައި މިވަނީ ފ. ފިލިތެޔޮ ރިސޯޓް ކައިރީގައި ކަނޑުއަޑީގައި ފޮރުވާފައި ހުރި 45 ކިލޯގެ ހެރޮއިން ފުލުހުން ހޯދި ދުވަސްވަރާ ދިމާކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު