ލަވަޔާއި މިއުޒިކް ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަގު ތުހުމަތުކޮށް، ޗެނަލް 13 އިން ހިޔާލު ފާޅުކުރަމުންދިޔަ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަން ނިންމި މައްސަލައިގައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
މި ކުއްލި މައްސަލަ މިއަދު މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވީ، އެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަނީ ސަރުކާރުން ޕުރެޝަރުކޮށްގެން ކަމަށެވެ. އެއީ މިނިވަންކަމާއެކު ހިޔާލު ފާޅު ކުރުމަށް ޗެނަލް 13 އިން ކުރަމުންދާ މަސައްކަތްތަކަށް ބިރުދެއްކުން ކަމަށްވެސް ވިދާޅުވިއެވެ.
"ޑިމޮކްރެޓިކް އަގުކުރުންތަކާއ،ި ވެރިކަން ހިންގުމުގެ ރަނގަޅު އުސޫލުތައްކަމަށް ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަނެފައިވާ މިންގަނޑުތަކާއ،ި 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރު އެމައްޗަށް ބިނާކުރާނެކަމަށް ބުނި އުސޫލުތަކާއި އަސާސްތަކާ ހިލާފަށް މިނިވަން މުއައްސަސާއަކަށް ނުފޫޒު ފޯރުވައިގެން ޗެނަލް 13 އަށް ބިރުދެއްކުމާއި އިންޒާރުދިނުމަކީ ދަށު ދަރަޖައިގެ އަމަލެއްކަން ފާހަގަކުރުމާއެކު އެ އަމަލު ކުށްވެރިކޮށ،ް މުސްތަގިއްލުކަމާއެކު ވަކި ބައެއްގެ ނުފޫޒަށް ތަބާނުވެ، މަސައްކަތްކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ގޮވައިލުމާއި އެކު ސަރުކާރަށް ފާޑުކިޔާ މީޑިއާތަކަށް ބިރުދެއްކުމާއި އިންޒާރުދިނުން ހުއްޓައިލުމަށް ސަރުކާރަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ގޮވައިލަން،" ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޗެނަލް 13 އަކީ ސަރުކާރުން ދައުލަތުގެ ކުންފުނިތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަޖެޓާއި އެނޫންވެސް ގޮތް ގޮތަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ދެމުން އަންނަ އެކި މާލީ އިނާޔަތްތަކާއި އެހީތެރިކަމުގެ ކެހިވެރި ދަންތުރާގައި ނުޖެހ،ި މިނިވަން މީޑިއާއެއްގެ ހަގީގީ ޒިންމާކަމަށްވާ، ސަރުކާރު ޖަވާބުދާރީކުރުވައ،ި ސަރުކާރުގެ ނުރަނގަޅު ކަންކަމަށް ފާރަވެރިވެ، އެކަންކަމުގެ ހަގީގަތް ރައްޔިތުންނާ ހަމައަށް ތިލަކޮށްދިނުމުގެ މަސައްކަތްކުރާ މަދު މީޑިއާތަކުގެ ތެރޭގައި ގުނައިލެވޭ މީޑިއާއެއް ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސައަށް މަޖިލީހުގައި ބަހުސްކުރަން ފެނޭތޯ ނެގި ވޯޓުގައި، މައްސަލައަށް ބަހުސްކުރަން ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 49 މެންބަރުންގެ ތެރެއިން 20 މެންބަރުންނެވެ. އެ މައްސަލަ ބަލައި ނުގަތުމަށް 26 މެންބަރުން ވޯޓު ދެއްވިއެވެ.
އެ މައްސަލައަށް ބަހުސްކުރަން ފާސްކުރަން 24 މެންބަރުންގެ ވޯޓު ބޭނުންވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު