"ކާޝިފު... އޭހ...ކާޝިފް،"
އޮފީހުގެ މޭޒުދޮށުގައި އިން ކާޝިފަށް ސިހުމެއް ލިބުނީ އޭނާގެ ކޮނޑުގައި މީހަކު ހިފައި ތަޅުވައިގަތުމުންނެވެ. އޭރު އޭނާގެ ނިއްކުރިމަތިންނާއި މުޅި މޫނުމަތިންވެސް ވަނީ ދާހިއްލައިފައެވެ. މުޅި މީހާ އިނީ ފިނިވެފައެވެ. ހަށިގަނޑު ތުރުތުރު އަޅަނީއެވެ.
"ކޮންކަމަކާ ތި ހަޅޭއްލަވަނީ...." ކައިރީގައި ހުއްޓި ހުރީ ކާޝިފު މި އޮފީހަށް ވަނީއްސުރެ އޭނާގެ އެންމެ ގާތް އެކުވެރިޔާ ހުޒާމެވެ.
"ހަޅޭއްލެވީއޭ..." ކާޝިފު ހައިރާންވެފައި އަހާލިއެވެ.
"އާނ... ނަދީމާ އަހަންނަށް ގޮވާފައި އެންގީ ކަލެއަށް ކޮންމެވެސް ކަމެއް އެބަވެއޭ... ކަލޭ އޮފީހަށް އައިސް ވަނީވެސް ފާޑަކަށް ދުވެފައި އައިސް ވިއްޔަ.... މިއަދު މުޅިން އެހެން ގޮތަކަށް ތިއިނީވެސް.... ކިހިނެއްތަވީ....؟"
ކާޝިފު މޭޒުމަތިން ޓިޝޫއެއް ނަގާ މޫނު ފޮހެލަމުން ފުންނޭވާއެއް ލިއެވެ.
"ކީއްވެ އަނގައިން ނުބުނީ.... ކަލޭ ހީނާ އޭ ކިޔާ ހަޅޭއްލަވައިގަތް އަޑަށް އަހަރެން އައިސް މި ގޮވީ.... ކޮން ހީނާއެއް...؟ ފަހަރިއަށް ވަގަށް ކޮން ސަކަރާތެއް ތިޖަހަނީ.... މިއަވަށަކު ނޫޅޭ ހީނާއެއް..... ކޮން ހިސާބެއްގެ މަންޖެއެއްތަ؟"
ހުޒާމް މަޖާވެފައި ހުރެ ސުވާލަކަށްފަހު ސުވާލެއް ކުރަމުން ދިޔައެވެ. ކާޝިފަށް ހަމަ ހޭވެރިކަންވެ ވެގެން މިއުޅެނީ ކީއްކަން ރަނގަޅަށް ފަހުމްވީ ދެނެވެ.
"ހީނާއޭ... ތިވާނީ ކަލެއަށް އިވުނުގޮތް ކަމަށް.... ކުޑަކޮށް ވަރުބަލިވެފައި ހުރީމަ ލޯމަރާލެވުނީ... ވެދާނެ ހުވަފެނެއް ފެނުނީކަމަށް..."
ކާޝިފް ބޭނުންވީ އަވަހަށް އެވާހަކަ ހުއްޓާލުމަށެވެ. އެކަމަކު ހުޒާމް ހުރީ ދޫކޮށްލާ ކަހަލަ ފިކުރެއް ނުކުރިއެވެ.
"ކަލެއަށް ވަރުބަލި ވެފައި ލޯމެރުނީމަ ހީނާއަށް ގޮވެނީ ދޯ.... ދެން ހީނާ ކަލޭގެ ހުވަފެނުގައި އަންނަނީ އެހެންނު... ސާބަސް ކާޝިފަށް.... ނިކަން ހަމަޖެހޭ ވާހަކައެއް ދައްކަބަލަ...." މިފަހަރު ހުޒާމްގެ އަޑުގައި ހުރީ ހިތްހަމަނުޖެހުމާއި ރުޅިވެރިކަމެކެވެ.
"ސޮރީ... ހިނގާ އިހަށް މިވަގުތަށް ތިވާހަކަ ބާއްވަމާ... ފަހުން ހަމަޖެހިލައިގެން ކިޔައިދޭނަން، ޕްރޮމިސް..." ގޮޑިން ތެދުވެގެން ކާޝިފު ކުޑަކޮށް ކަރުއެލުވާލިއެވެ.
"އެންމެ ރަނގަޅު... އެކަމަކު ހީނާއަކީ ކާކުކަން ބުނެދޭން ޖެހޭނީ.... ތަމަންނާއަށް ވަގަށް ކަލޭ ކަޅަށް ޖައްސަނީ ކާކުކައިރިއަށްތޯ ބަލާލަން ޖެހޭނެ..." ހުޒާމް ކާޝިފުގެ ކެބިނުން ނުކުންނަން ދަމުން އަދިވެސް އެއްފަހަރު އެނބުރި ބަލައިލިއެވެ.
ހުޒާމް ދޮރުލައްޕާލާފައި ދިއުމުން ކާޝިފް ފުން ނޭވާއެއްލިއެވެ. އަދި މޭޒުދޮށުގައި އިށީނދެ މިއަދުގެ މަސައްކަތް ހުރި ހިސާބެއް ބަލާލަން ލެޕްޓޮޕް ހުޅުވާލިއެވެ.
އެހެންނަމަވެސް މަސައްކަތަށް ސަމާލެއް ނުވެވުނެވެ. ތަކުރާރުކޮށް އެއް އަޑެއް އޭނާގެ ސިކުނޑީގައި ރަނގަބީލު ޖަހަނީއެވެ.
"މަންމަ.... ބޭނުމީ... މަންމަ... ދެވޭނެހޭ...؟"
ކާޝިފަށް ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. މިއީ ކޮންފަދަ ކަންތައްގަނޑެއް ހެއްޔެވެ. ދިރިއުޅުމުގެ މިހިސާބަށް އައިސް ހަމަޖެހުމުގެ ނޭވާއެއް ލާން ހިންދެމިލިތަނާ އަނެއްކާ އަނެއް ކަމަކުން ސަލާމަތްވާން ތެޅިފޮޅެން ވީހެއްޔެވެ. މި ދިމާވީ ކުޑަކުޑަ އާދައިގެ ކަމަކާ ނޫނެވެ. އެ ނީލޯފަރު ކިޔާ އަންހެން ކުއްޖާ އޭނާގެ ފަސްފަހަތުން އެއަންނަނީ ކީއްވެގެން ކަން އެނގުނީ އަދިކިރިޔާއެވެ. އެތައް ހިސާބަކަށް ދުރަށް އައުމުންވެސް ހިޔަނިހެން ފަސްފަހަތުން އެ މާޒީ އަންނަނީއެވެ.
މިއިން އެއްވެސް ކަމެއް އޭނާގެ ޖާނާއަށް އެނގިއްޖެއްޔާ... އޯހް، މާތްކަލާކޯއެވެ. ތަންނާއަކަށް މިހަގީގަތާ ކުރިމައްޗެއް ނުލެވޭނެއެވެ.
ކާޝިފް އޭނާގެ ފްރެންޗްކަޓް ތުނބުޅިއާއެކު އަނގަމަތީގައި އަތް އަޅާލިއެވެ. ހާސްވެގެން ގޮސް ގޮތް ހުސްވަނީއެވެ. އޯހް. ދެން ކުއްލިއަކަށް ކޮންމެވެސް ކަމެއް ހަނދާން ވެއްޖެއެވެ. އަވަހަށް ލެޕްޓޮޕްގެ ސްކްރީނުގައި އިނގިލި ޖައްސާލިއެވެ. ފޭސްބުކް ހުޅުވާލުމަށްފަހު ފްރެންޑްލިސްޓަށް ދިޔައެވެ.
"ޑޮކްޓަރ އާރާ." ނަން ފެނުމާއެކު ކާޝިފަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނުކަހަލައެވެ. މެސެންޖާ ހުޅުވާލުމަށްފަހު ޑޮކްޓަރ އާރާއަށް ހެލޯ މެސެޖެއް ފޮނުވާލިއެވެ. އޮންލައިންގައި އިންކަން އެނގުމުން ކާޝިފަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް އިހުސާސްކުރެވުނެވެ.
"އޯހް ހައި ކާޝިފް. ކީކޭ؟" އެކޮޅުން ސުވާލުކޮށްފިއެވެ.
"ހައި ޑޮކްޓާރ، އައިނީޑް ޓު ޓޯކް، މުހިންމު ވާހަކައެއް ދައްކަން ބޭނުން..."
"ކޮންކަމަކާ؟ ކިހިނެއްވީ އަނެއްކާ؟ ހުރިހާ ކަމެއް ރަނގަޅުތަ؟"
އެއްވެސް ކަމެއް ރަނގަޅެއް ނޫން... ހުރިހާ ކަމެއްވެސް ގޯހުން ގޯހަށް ގޮސްފައި އޮތީ..."
"އެހެންވާންވީ ކިހިނެއް.... ކަންތައްތައް ހަމައަކަށް އެޅިއްޖެއޭ ބުނީމެއްނު... މީހަކާވެސް އިނދެ ހަމަޖެހިގެން އުޅޭ ވާހަކަ ބުނި ފަހުންވެސް މިހާރު އަހަރަކަށްވުރެ ގިނަދުވަސް ވެއްޖެ... ދެން މިއަދު ކުއްލިއަކަށް.... ކޮބާ މައްސަލައަކީ....؟"
"ހީނާ... ޑޮކްޓާރ ހީނާ..." ކާޝިފަށް މެސެޖު ކުރެވުނީ އެވަރަށެވެ. އެކޮޅުން ސުވާލުކޮށްފިއެވެ.
"ކޮންއިރަކު؟ ކިހިނެއް...؟ ޔަގީންތަ؟"
"މިހާރު ހަފުތާއެއް ވެއްޖެ... މިދިޔަ ހުކުރު ދުވަހު ފުރަތަމަ ފެނުނީ... އެ ދުވަހުވެސް އަހަރެން ހިތަށް އެރި ކޮންމެވެސް ތާކުން ދަންނަމޭ.... އެންމެ ފަހުން މިއަދު އަހަރެންގެ ކުރިމައްޗަށް ނުކުމެ ހަމަ ދިމާއަށް ބުނީ މަންމައޭ ބޭނުމީ، މަންމަ ދެވޭނެހޭ..."
"ކަމްއޯން.... ކާޝީ.. ހަމަޖެހޭ.... ޖަސްޓް ރިލެކްސް،"
"ޑޮކްޓަރ... އަހަންނަށް އެހީ ބޭނުން.... އަހަންނަކަށް މިކަމެއް ނުވާނެ ދެނެއް... މިހާރު ދެން މިހެން ވާކަށް ބޭނުމެއް ނޫން..."
"އޯކޭ އޯކޭ، އައިކޭން އަންޑަސްޓޭންޑް."
"އެގެއަށްވެސް ދިޔައިން.... މިރަށުގައި ހުރި އެންމެ މުއްސަނދި އެންމެ ވަރުގަދަ ގެ، އެގޭގެ ވެރި އަންހެންމީހާ އާއި މިހާރު އެގޭގައި އެއުޅޭ މީހުން ކުރިއަކުން މިރަށަކު ނޫޅޭ، މަދުފަހަރެއްގައި އައިސް އުޅުނަށް އެމީހުން ކުރިން މިރަށަކު އެގޮތަށް ނޫޅޭ. އަހަރެން ވަރަށް ހާސްވެ ކަންބޮޑުވޭ.... މިއަދު އަހަރެންގެ ކުރިމައްޗަށް އެއަންހެންކުއްޖާ ނުކުތީ.... މާދަމާ ހީނާ...."
ކާޝިފަށް އެހިސާބަށް ޓައިޕް ކުރެވުނުތަނާ މޭޒުމަތީގައި އޮތް ފޯނު ރިންގ ވާން ފަށައިފިއެވެ. ޑިސްޕްލޭއަށް އެއްވެސް ނަމެއް އަރާފައިނެތަސް އެއީ ކާޝިފް ހިތުދަސް ނަންބަރެކެވެ. އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.
"ކާޝީ.... ކޮން އިރަކު އަހަންނާ ބައްދަލު ވާނީ...؟" އެކޮޅުން އިވުނީ އަންހެން އަޑެކެވެ. ކާޝިފް ހިތުދަސް އަޑެކެވެ.
"އެންމެ އަވަހަށް އޮތް ފްލައިޓަކުން އަހަރެން ދާން ބޭނުން..." ކާޝިފް ރުންކުރު ރާގަކަށް ބުނެލިއެވެ.
"ވީއެންމެ އަވަހަށް އަހަންނާ ބައްދަލު ކުރަން އާދޭ..."
"އެންމެ ރަނގަޅު..ޔަގީނުންވެސް މާދަމާ އަހަރެން ހުންނާނީ ތިކޮޅުގަ...."
ކާޝިފަށް މާނޭވާއެއް ލެވުނެވެ. މިހާރުދެން އޭނާއަށް ކޮންމެވެސް ވަރަކަށް މަސައްކަތް ކުރެވިދާނެއެވެ. އޮފީހުގެ ފުނިޖެހިފައި ހުރި އޭނާގެ މަސައްކަތްތައް އަވަހަށް ނިންމުމަށް ހިތުލައިގެން އިށީނދެ ލެޕްޓޮޕުން މެއިލް ހުޅުވާލިއެވެ.
************
"ދަރިފުޅާ ނީލޯ..."
ކޮޓަރީގެ ދޮރުން އެތެރެއަށް ބޯދިއްކޮށްލަމުން ނަރުގިސް ގޮވާލި އަޑަށް އަވަސްއަވަހަށް ލެޕްޓޮޕް ލައްޕާލިއެވެ.
"ދަރިފުޅު ތީ ކުޑަކޮށް ނިދާލާނަމޭ ކިޔާފައި އައި ކުއްޖާ... ބޯއްތަ ދެފަހަރަކަށް މިހެން ދިޔައިރުވެސް ހޭލާ އިންތަން ފެނިގެން މިވަނީ... މިހާރު ޓިކެޓް ނެގީތަ؟"
"އާނ... ދޮންބެދައްތައަށް އެކަނި އުޅެވޭ ވަރަށް ވުރެ ހާލު ދެރަ ކަމަށް އަންގާފަ އެއޮތީ.... ދޮންބެ ސީދާ ނުބުނާނެ އަންނާށޭ... އެކަމަކު ބޭބީ ގެންގުޅެން ގޭ ކުއްޖަކު ހުރީމަ ރަނގަޅުވާނީ... ބޭރުން މީހުން ގެނައިމަ އެނުވާނެ އާއިލާ ބަޔަކަށް... އެމީހުން ކަންތައް ކުރާނީ ލިބޭ މުސާރައަށް..."
"އައްދެ.... އަހަރެމެންގެ ނީލޯވެސް ހާދަހާ ހަރު ވާހަކަ ދައްކަން އެނގެއޭ ދޯ...!"
ނީލޯފަރުގެ އެނދުގައި އިށީންނަމުން ނަރުގިސް ހީނލިއެވެ.
"ކާކުދެ ދަރިފުޅެއް މީ.... ފަރުހީންގެ..... ފަރުހީންއަކީވެސް ހަރުދަނާ ވިސްނުން ތޫނު އަންހެނެއްނު...."
ނީލޯފަރު ފަހުރުވެރިވެފައި ބުނެލިއެވެ
"މިއަދު ހެނދުނު ދިޔައީ.... ކޮންތަނަކަށް، ކުރަން ދިޔަ ކަންތައް ނިންމާލެވުނުތަ؟" ނަރުގިސް އަހާލިއެވެ.
"މާބޮޑަށްވެސް މާރަނގަޅަށްވެސް ފުރިހަމަ ކުރެވުނު... އެމީހާ ފެނުމުންވެސް ލޭ ކެކިގަތީ..." ނީލޯފަރު އަޑަށް ބާރުލާފައި ބުނެލިއެވެ.
"ދަރިފުޅަށް ހީވޭތަ ކުރަން މިއުޅެނީ ހަމަ އެންމެ ރަނގަޅަށްހެން..."
ނަރުގިސް ތަންކޮޅެއް މަޑުމަޑުން އަހާލިއެވެ.
"ބޯއްތާ... މިއަށްވުރެ ރަނގަޅަށް ކަންތައް ކުރަންޏާ ދާން ޖެހޭނީ ގާނުނާއި ގަވާއިދުގެ ތެރެއިން، އަނެއްކާވެސް ފުލުހުންގެ ސުވާލުތަކާއި ފޯމުތައް ފުރުމާއި ދެފަހަރުން އެއްފަހަރު ފޯމު ގެއްލި.... އަލުން ހަމަ އެފޯމު ހުށަހަޅަން ޖެހި.... ކޯޓުގެ ގޮނޑިތައް ހޫނުކުރަން ތިބެ އެއް ޝަރީއަތް ފަސްކުރިއްޔާ އަނެއް ޝަރީއަތް ކެންސަލް ވަމުން ގޮސް އެންމެ ފަހުން އެވާހަކައާއި މިވާހަކައާ ދިމާނުވެ ތާކުން ތާކު ނުޖެހި.... އެންމެ ފަހުން އެންމެ ފަހުން...."
ނީލޯފަރުގެ އަޑުބެދިއްޖެއެވެ. ލޮލުން ހޯސްލާފައި ކަރުނަ އޮހެން ފެށުމުން އަތުގެ ނުފުށުން ލޯ ފޮހެ ކަރުނަ ހުއްޓުވުމުގެ ނާކާމިޔާބު މަސައްކަތް ކުރަން ފެށިއެވެ.
"އޯހް... ބޯއްތަގެ ދޮންދޫންޏާ.... ބޯއްތައަށް ބުނަން ނުޖެހޭ އެއްޗެއް ބުނެވުނީ. ގަސްތުގައެއް ނޫން.... ތިހުރިހާ ކަމެއް އަދި ހަނދާނެއް ނުނެތޭ.... ބޯއްތަ އެގޮތަށް ބުނީ އެއްވެސް ހާލެއްގައި އެދުވަސްތައް އަލުން ގެންނާކަށް ނޫން..."
ނީލޯފަރު ނަރުގިސްގެ މޭގައި ބޯޖައްސާލިއެވެ. ނަރުގިސް ދެކެ ނީލޯފަރު އިންތިހާއަށް ލޯބިވެއެވެ. ނަރުގިސްގެ ގައިން ނީލޯފަރަށް މައިވަންތަކަމުގެ މީރުވަސް ދުވައެވެ. އެލޯތްބާއި އޯގާތެރިކަމަށް ނީލޯފަރު ވަނީ ކަރުހިއްކައިގެންފައެވެ. އެ ކަރުހިއްކުން ފިލުވައިދެނީ ނަރުގިސްއެވެ. ނަރުގިސްއަކީ ނީލޯފަރުގެ ޒަހަމްތަކަށް ކިރިޔާވެސް ފަރުވާއެއް ދެވޭ ހަމައެކަނި މީހާއެވެ.
"ބޯއްތަ ބިރު ގަންނާތީ... ފަރުހީންއަށް ބޯއްތަ ވީ ވައުދު ފުރިހަމަނުވެދާނެތީ ކަންބޮޑުވަނީ.... ދަރިފުޅު އެކަނި ތި ހަނގުރާމައަށް ނުކުމެ އުޅެނިކޮށް ޒަހަމްވެދާނެތީ ހާސްވަނީ..." ނަރުގިސް ނީލޯފަރުގެ ބޮލުގައި ފިރުމަމުން ވާހަކަދެއްކިއެވެ.
"އެކަހަލަ އެއްވެސް ކަމެއް ނުވާނެ، ބޯއްތާ... އިންސާފު ހޯދަން ކުރާ މަސައްކަތުގައި ކިތަންމެ ހަނި ދަތި މަގުތަކުންވެސް ހަނި އުނދަގޫ ކަށިމަގުތަކުން ވިޔަސް ދާން އެއްވެސް ޖެހިލުމެއް ނުވޭ، ލޯބިވާ މީހުންނަށްޓަކައި މިއީ ވަރަށް ކުޑަމިންވަރެއް..."
ނަރުގިސްގެ ހިތްފުރިގެން ދިޔައެވެ. މިމައުސޫމު ކުޑަކުޑަ އަންހެންކުއްޖާގެ ހިތުގައި ރިހުމާއި އަނިޔާއިން އުފަންވި ރޫހު، އިންސާފަށް އެދިގެން ނަގަން ތައްޔާރުވާ އެ ފިޔަވަޅު ހުއްޓުވަން އޭނާ ބޭނުމެއް ނޫނެވެ.
"މަން... މަ... މަ.... މަން... މާ...." ނަރުގިސްގެ އުނގުގައި ބޯއަޅާލައިގެން އޮވެ ނީލޯފަރަށް އޮތީ ނިދިފައެވެ. ނިދީގެ ތެރޭގައި ނީލޯފަރުގެ ތުންފަތް ތެޅިލިއެވެ. އަދި މަޑުމަޑު އާހަކާއެކު އެނަމުން ގޮވާލިއެވެ.
ނީލޯފަރުގެ ހަޔާތުގެ އެންމެ ހާއްސަ މީހާއަށެވެ. ނީލޯފަރުގެ ހުރިހާ ލޯތްބަކާއި އުންމީދެއް ގުޅިފައި ހުރީ އޭނާގެ މަންމައާއެވެ.
އެމަންމައަކީ ދަރިންނަށްޓަކައި އެތައް ގުރުބާނީއެއްވީ މަންމައެކެވެ.
ދަރިންނާއެކު ހަޔާތުގެ ހުރިހާ ރެއަކާ ދުވާލެއް ނުހަނު އުފަލުގައި ވޭތުކުރަމުން ދަނިކޮށް އައިނައި ތަނެއް ނޭނގި އެ ނުދަންނަ ބީރައްޓެހި މީހާ އައިސް، ދުނިޔޭގެ ހުރިހާ އުފަލަކާއި އަރާމެއް ގުރުބާން ކޮށްލާފައި ދަރިންނަށްޓަކައި ހިނިތުންވަމުން ދިޔަ އެ މަންމަގެ ޒުވާންކަމާއި އިހުސާސްތަކާ ކުޅެލީއެވެ.
ނަރުގިސް ސިހިގެން ދިޔައީ ގޭގެ ބޭރު ގޯތިތެރެރިން ބުޅަލެއް ހޭރިގަތް އަޑަށެވެ. އުނގުގައި އޮތް ނީލޯފަރުގެ ބޮލުގައި މަޑުމަޑުން ފިރުމާލަމުން ލޮލަށް ޖަމާވަމުން ދިޔަ ކަރުނަ އަތުން ފޮހެލިއެވެ.
(ނުނިމޭ)