މަންޝާ ހީލިއެވެ. ނަޒާން މަންޝާގެ މޫނުގައި ބޮސްދިނެވެ. ހިނިތުންވެގެން ހުންނަން މަންޝާއަށް ހަނދާންކޮށްދިނެވެ. މަންޝާގެ އުނގަނޑުގައި އަތްއަޅުވާލައިގެން ހިނގައިގަތެވެ. ދެމަފިރިން ފޭބީ އެ ދިމާލުން އަތިރިމައްޗަށެވެ.
ދޮންވެލި ފަސްގަނޑުމަތީގައި މަންޝާގެ ގައިގައި ފަހަތުން ބައްދާލައިގެން ނަޒާން ހުއްޓެވެ. ޕާޓީގައި ހަރަކާތްތެރިވާ މީހުންގެ ސަކަރާތުގެ އަޑާއި އެކިކޮޅުކޮޅަށް ހަރަކާތްތެރިވާ ތަން ފަހަތަށް އެނބުރޭ އިރު، ދިމާލަށް ހުރީ ފެންނާށެވެ. ދެމަފިރިންނަށްވުމަށްފަހު ފުރަތަމަ ފަހަރަށް އެކަނިވެލަން ލިބުނު ފުރުސަތުގައި ސިކުންތަކަށްވެސް މަންޝާއާ ދުރުގައި ހުންނަން ނަޒާން ބޭނުން ނުވިއެވެ.
"ޒާން... ބަލާބަ މިރޭގެ ހަނދު" މަންޝާ ބުންޏެވެ. އެއް ފަހަރު އުޑަށް ނަޒާން ބަލައިލިއެވެ.
"ޔެސް. އަހަރެންގެ ދެ އަތުގެ ތެރޭގައި މިރޭ ހުރީ އަހަރެންނަށްޓަކައި އެންމެ ފުރިހަމަ ހަނދު. މާޝާﷲ"
އަނގައިން އަޑެއް ލައްވާލާފައި މަންޝާ ދުރަށްޖެހުނީ އޭނާގެ ކޯތާފަތްމަތިން ނަޒާންގެ ތުންފަތުގެ ބީހުން އިހުސާސްވުމުންނެވެ.
"ސާބަސް... " ހެމުން ހެމުން މަންޝާ ދުއްވައިގަންނަން އުޅުނެވެ. ހެދުން ކޮށި ކޮށްލައިގެން ދުވަން ފަސޭހަނުވުމުން އެންމެފަހުން ހުއްޓި ފަހަތް ބަލައިލިއެވެ. ނަޒާން މަންޝާއާ ދިމާލަށް ދިޔައެވެ. ހަނދާނުގެ ޑައިރީގައި ރައްކާކުރަން ކޮންމެހެންވެސް ޖެހޭ އުފާވެރި ވަގުތުކޮޅަކަށް އެ ވަގުތުކޮޅު ހަދަން އިންތިހާއަށް ނަޒާން ހުރީ ބޭނުންވެފައެވެ. މަންޝާގެ ބޮޑު ހެދުމާއެކު ނަޒާންގެ އަތްދަނޑި މައްޗަށް މަންޝާ ހިއްލާލިއެވެ. އެއްގަމަށް އަރަން ދަނިކޮށް މީހަކު ގޮވާލި އަޑަށް ނަޒާން ދިޔައީ ސިހިގެންނެވެ. މަންޝާ އަތުން ދޫނުވީ އޭނާއަށް މާކުރިން އެކަމަށް ހުޝިޔާރުވެވުމުންނެވެ.
"މާތްކަލާކޮ... މިރޭގެ ކުޅިވަރު ފަށައިގެން އުޅެނިކޮށް ދޯ މި ހިސާބަށް މި އާދެވުނީ" ހަމްރާ ދިމާކޮށްލިއެވެ. އޭނާ އެތަނަށް އައީ ވެސް މަންޝާ ހޯދަމުންނެވެ.
"ޕާޓީ ނުނިމެނީސް ތި ދެމީހުން ފިލީމަ ކޯއްޗަކަށް އެވީ"
މަންޝާއާއި ނަޒާން އެކަކު އަނެކަކަށް ބަލައިލިއެވެ. އެކަކު އަނެކަކަށް ހިނިތުންވުމެއް ދީފައި އެއްގަމަށް އަރައިގެން ހަމްރާއާއެކު ހިނގައިގަތެވެ.
****
އެންމެންގެ ތެރެއިން ހިނގާފައި އައި ޒުހާންގެ ދެލޯ އެކި ދިމާ ހޯދަމުން އައިސް އެންމެފަހުން މަޑުޖެހުނީ އޭނާ ހޯދަމުން އައި އިންސާނާ ލޮލުގައި އަޅައިގަތުމުންނެވެ. ޒުހާން އަވަހަށް އެ ދިމާލަށް ހިނގައިގަތެވެ. މި ހުރިހާ އިރު ނާޔާއާ އެކަނި ވާހަކަދައްކާލަން އޭނާއަށް ވަގުތުކޮޅެއް ނުލިބެއެވެ. އޭނާ ބަލައިލާ ކޮންމެފަހަރަކު ނާޔާ ކައިރީގައި މީހަކު އެބަހުރެއެވެ. އެންމެފަހުން ނާޔާ އެކަނި ޖޯލިފަތި ކައިރީގައި ހުއްޓައި ފެނުމުން ޒުހާން އެ ދިމާލަށް ދިޔައެވެ.
ނާޔާ ބަލައިލީ ފަހަތުން މީހަކު ކަރުކެހިލިހެން ހީވުމުންނެވެ. ޒުހާން ފަހަތުގައި ހުއްޓައި ފެނުމުން ނާޔާ ރަކިވިއެވެ. ދެފަރާތުގެ އާއިލާއިން ދެކުދީންގެ ކައިވެނި ހަމަޖެއްސި ފަހުން ނާޔާއަށް އިސް އުފުލައި ޒުހާނަށް ބަލައިލަންވެސް ނުކުރެއެވެ. ޒުހާން ބަލާކަން އެނގުނަސް ނާޔާ ހުންނަނީ ނޭނގޭކަމަށް ހަދައިގެންނެވެ. އެންމެފަހުން އެކަނި ހުއްޓައަި ޒުހާން ކައިރިއަށް އައުމުން ނާޔާއަށް ބަހެއް ކިޔަންވެސް ނުކެރުނެވެ.
"ވަގުތުކޮޅެއް ލިބިދާނެތަ ވާހަކަދައްކާލަން" ޒުހާން ބުންޏެވެ. ނާޔާ ބޯޖަހާލިއެވެ.
"ހަމަޖެހިލައިގެން ވާހަކަދައްކާލަން މިތަން އެހާ ރަނގަޅެއް ނޫން ކަންނޭނގެ. ތަންކޮޅެއް އެކޮޅަށް ހިނގާލަމާ"
ޒުހާނާއެކު ނާޔާ ހިނގައިގަތެވެ. ވަކި ހިސާބަކަށް ދެވެންދެން ދެ މީހުން ކުރެ އެކަކުވެސް ވާހަކަ ނުދައްކައެވެ. އެހެންނަމަވެސް ގުޅުމެއް ކުރިއަށް ގެންދެވޭނީ ގުޅުމެއް ފަށަން އުޅޭ ދެމީހުންގެ މެދުގައި މުއާމަލާތްވެސް ކުރެވިގެންނެވެ. ނާޔާގެ ފަރާތުން ޒުހާން އޮޅުންފިލުވަން ބޭނުންވާ ކަންތައްތަކެއް ހުރި ފަދައިން ޒުހާންގެ ކިބައިން ނާޔާ އޮޅުންފިލުވަން ބޭނުންވާ ކަންކަންވެސް އެބަހުއްޓެވެ. ޒުހާނަށް ފުރުސަތު ނާޔާ ދިނެވެ.
"މިތަން ރަނގަޅު ކަންނޭނގެ. ހިނގާ އިށީނދެލަން"
ހަމަހިމޭން ހިސާބެކެވެ. އިށީންނަން ޒުހާން ދެއްކީ ދެމީހުންގެ ޖާގައިގެ އެލުވާފައި ހުރި އުނދޯއްޔެކެވެ. ކުރީން އިށީނީ ޒުހާނެވެ. އިންނަންޖެހޭލެއް ކައިރިކަމުން ނާޔާ ފަސްޖެހުނެވެ. ކުރިން މީހަކަށް އިތުބާރުކުރެވި ފަސްބައިގައި ޖެހުނު ލަށްގަނޑަށްފަހު ފިރިހެނަކާ ބައްދަލުކޮށް އެކަހެރިވުމަކީ ކުރަން މިހާރު ނާޔާއަށް ފަސޭހަކަމެއް ނޫނެވެ.
"ވާހަކަދައްކާލަން މިތާ އިނަސް މައްސަލައެއް ނޫނެއްނު. އިށީނދެބަލަ. އަހަރެންނަށް އިތުބާރުކުރޭ"
ނާޔާ އިށީނެވެ. ދެ ޒުވާނުންގެ މެދުގައި ހަމަހިމޭން އިރުކޮޅެއް ފާއިތުވެގެން ދިޔައެވެ. އަނެއްކާވެސް ކުރިން ވާހަކަދެއްކީ ޒުހާނެވެ.
"ނާޔާ ކީއްވެ ވާހަކަނުދައްކަނީ؟" ޒުހާން ބުންޏެވެ.
"ނޭނގެ. އަހަރެންނަށް އުނދަގޫ ގޮތެއް ވަނީ. ވެދާނެ އަހަރެންނަށް މިކަހަލަ ގުޅުން އާ ކަމަކަށްވެސް. މިބުނީ މި ގުޅުމަކީ ފެމެލީ އިން ހަމަޖެއްސި ގުޅުމަކަށްވީމަ" ނާޔާ ވާހަކަދެއްކިއެވެ.
ނާޔާ ވާހަކަދައްކަން ފެށުމުން ޒުހާންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ނާޔާގެ ފަރާތުން އަދިވެސް އޭނާ އެނގެން ބޭނުންވާ އެތައް ކަމެއް އެބަހުއްޓެވެ.
"މީހުން ބުނޭ ކައިވެންޏެއް ކުރުމުގެ ކުރިން ދެފަރާތުގެ މާޒީ އެކަކު އަނެކަކަށް އެނގުން އެއީ ކޮންމެހެން މުހިންމުކަމެއް ނޫނޭ. އެކަމަކު އަހަރެންގެ ނަޒަރިއްޔާތު ތަފާތު. މިހެން މިބުނީ ކައިވެނިކުރާ ފަހުން އެކަކު އަނެކަކުގެ ފަރާތުން ކަމެއް އެނގިގެން ނޫނީ އެހެންކަމެއް ދިމާވިޔަސް މަސްލަހަތު އިތުރަށް ގޯސްނުވާނީ އެކަކު އަނެކަކަށް ކައިވެނީގެ ކުރިން އެނގިފައި އޮތީމަ. އަހަރެން ވައުދުވަން. އަހަރެން މިއުޅެނީ ކުޅިވަރެއް ކުޅޭކަށް ނޫން. ވަރަށް ލޯބިވެޔޭ ނޫނީ ނާޔާ ނުލައި ދުނިޔޭގައި ނޫޅެވޭނޭ ބުނަން އަދި މާ އަވަސް. އެކަމަކު ތެދެއް ބުނެފާނަން. އެންމެ ފުރަތަމަ ފެނިލުމުންވެސް އަހަރެންނަށް ނާޔާ ވަރަށް ކަމުދިޔަ. އަހަރެން ބޭނުންވީ ފަދަ ސިފަތަކެއް މިޒާޖު އަހަރެންނަށް ފެނުނީ ހަމައެކަނި ނަޔާގެ ފަރާތުން. މީގެކުރިން އަހަރެންގެ ހަޔާތުގައިވެސް އަންހެންކުއްޖެއް ހުރި. އެކަމަކު އެ ގުޅުމަށް ވީ އެންމެ ހަތަރު މަސް. އެ އަންހެންކުއްޖާ އަހަރެންނަށް ބިޓްރޭ ވީ. އެ ގުޅުން މެދުކެނޑުނަސް އަހަރެންނަށް މާބޮޑު އަސަރެއް ނުކުރީ އެދުވަސްކޮޅު އެއީ އަހަރެން އޭނަ ދަސްކުރަން މަސައްކަތްކުރި ދުވަސްކޮޅު. ލޯތްބެއް ނުވޭ. އެކަމަކު އެ ގުޅުމަށް ވަރަށް ގަދަރުކުރިން. އަހަރެންގެ ހިތަށް އެނގުމެއްވީ ހަމައެކަނި ނާޔާ ފެނުނު ހިސާބުން. ބައްޕަ ކައިރިއަށް އަހަރެން މި ވާހަކަތައް ގެންދިޔަކަން އެއީ މި ގުޅުމަށް އަހަރެން ސީރިއަސްވީ މިންވަރު ހާމަކޮށްދޭ ކަމެއް"
ނާޔާގެ ފަރާތުން ޖަވާބެއް އާދޭތޯ ޒުހާން އިންތިޒާރު ކުރިއެވެ. ނާޔާގެ އެއްވެސް ހިލަމެއް ނުވުމުން ޒުހާން ނާޔާއަށް ބަލައިލިއެވެ. ހަގީގަތުގައި ޒުހާންގެ ހުރިހާ ވާހަކަތަކެއް ނާޔާ އަޑު އަހައިފިއެވެ. ޒުހާންގެ ކުރު މާޒީ ކިޔައިދޭން ޒުހާނަށް ވަރަށް ފަސޭހައެވެ. އެކަމަކު ނާޔާއަށް އެއީ ފަސޭހަކަމެއް ނޫނެވެ. އެ ވާހަކަތައް ފަށާނެ ގޮތެއްވެސް އޭނާއަށް ނޭނގެއެވެ. ޝައިތާނާގެ ވަސްވާހުގައި ޖެހިގެން ދިރިއުޅުން އަމިއްލަ އަތުން ވިއްސި ވިހާލިކޮށްލި ދުވަސްތައް ހިތަށް އެރިޔަސް އޭނާގެ ފުރާނަ ރޮއެގަނެއެވެ. ޒަރޫކްގެ ތަސްވީރު ހިތަށް އެރުމާއެކު ނާޔާ ނޭވާހާސްވާގޮތްވިއެވެ.
"ނާޔާ... ޔޫ އޯލްރައިޓް؟"
ނާޔާއަށް ވީގޮތް ފެނިފައި ޒުހާން އެހިއެވެ. ނޭނގުމުގެ ތެރެއިން އޭނާއަށް ނާޔާގެ އަތުގައި ހިފެހެއްޓުނެވެ. ބިރުގަނެފައި ވަގުތުން އެ ޒުހާންގެ އަތް ނާޔާ ދުރުކޮށްލިއެވެ.
"ސޯ ސޮރީ... އިޓްސް އޯކޭ ނާޔާ. އަހަރެން އެއްވެސް އެއްޗެއް ނާހާނަން. ރިލޭކްސް...." ޒުހާން ބުންޏެވެ.
ނާޔާ ކޮޅަށް ތެދުވިއެވެ. ޒުހާންގެ ވާހަކަތައް ކިޔައިދިނީ އެކަމަށް ނާޔާ ނޭދެނީހެވެ. ނާޔާވެސް ކިޔައިދޭންޖެހެއެވެ. ނާޔާ ވަރަށް ހިތްވަރުކުރިއެވެ.
"ފަހަރެއްގަ އަހަރެންނަކީ ޒުހާން އުންމީދުކުރާ ފަދަ ކުއްޖަކަށް ނުވެދާނެ. ޒުހާނަށް ތި ކަމުދިޔައީ އަހަރެންގެ ބޭރުފުށުގެ ރީތިކަން. މާޒީގެ ތެރެއިން ދުވަހެއްގައި އަހަރެންނަށް ވަނީ ވަރަށް ބޮޑު ކުށެއް ކުރެވިފަ. އެއީ އަހަރެންގެ މުޅި ދިރިއުޅުން އަހަރެންގެ އަތުން ހަލާކުކޮށްލި ދުވަސް. އަހަރެންނަށް ނުވިސްނުނީ. ނޫން... ނުވިސްނުނީކީ ނޫން. ރަނގަޅު ގޮތް ބުނެދޭން ގާތްމީހުން މަސައްކަތްކުރި. އަހަރެން ގަބޫލު ނުކުރީ. މީހެއްގެ ލޯބީގެ ދަޅައިގައި ޖެހި އަހަރެން ހުރީ ހެވާ ނުބައި އޮޅިފައި. އެ ލޯބީގެ ހަގީގަތް އެނގި އަހަރެންނަށް ދެލޯ ހުޅުވާލެވުނުއިރު ވަގުތު ފާއިތުވެއްޖެ. ބޮޑު ވަޅުގަނޑަކަށް އަހަރެން ވެއްޓި ވަޅުލެވިގެންދިޔަ ވަގުތު އާއިލާ އިން އަހަރެންގެ އަތުގައި ނުހިފިނަމަ އަހަރެން މިއަދާ ހަމައަށްވެސް ދުނިޔޭގައި ހުންނާނެއެކޭ ނުބުނާނަން. އަހަރެންނަށް ކުރެވުނީ ކުށެއް. ފާފައެއް. އެކަމަކަށް އަހަރެން ތައުބާވެ މުޅިން އާ ދުނިޔެއަކަށް ނޭވާލާން ފަށައިފިން. އަހަރެންނަށް އުފާވެރި ދިރިއުޅުމެއް ހައްގު. ހެޔޮލަފާ އޯގާތެރި ފިރިއެއްގެ ލޯބި އަހަރެންނަށް ހައްގު. އަހަރެންނަށް ކުރެވުނީ އުފާވެރިކަމާއި ހިތްހަމަޖެހުމުން އަހަރެން މަހުރޫމުވާންޖެހޭ ވަރުގެ ކަމެއް ނޫން. މިއީ އަހަރެންގެ ހަގީގަތަކީ. ގޮތް ނިންމާނީ ޒުހާން. ޒުހާންގެ ކޮންމެ ނިންމުމަކަށް އަހަރެން އިހުތިރާމު ކުރާނަން"
****
ހަފުލާގެ ހުރިހާކަމެއް ނިމުމާއެކު މާލެއިން އައި މީހުން ފުރުވާލުމަށް ދެފަރާތުގެ އާއިލާ ލޯންޗު ކައިރިއަށް ޖަމާވިއެވެ. ނަޒާންގެ އަތުގައި ހިފައިގެން މަންޝާ އައީ ހުރިހާ މީހުންގެ ފަހަތުންނެވެ. ދެފަރާތުގެ އާއިލާ ފުރަންދެން ނަޒާނާއި މަންޝާ މަޑުކޮށްގެން ތިއްބެވެ. ކުރިއަށް އޮތް ހަތަރު ދުވަސް ދެމަފިރިން ހޭދަކުރާގޮތަށް އޮތީ ރިސޯޓުގައެވެ.
ލޯންޗަށް އެރުމުގެ ކުރިން މާޝިތާ އައިސް މަންޝާގެ ކައިރީގައި ހުއްޓުނެވެ. މަންޝާގެ މޫނުގައި ފިރުމާލިއެވެ. ނިތްކުރީގައި ބޮސްދިނެވެ.
"އަވަހަށް އަންނައްޗޭ. މުޅި ގެ ދަރިފުޅަށް އިންތިޒާރުކުރާނެ"
"އެއީ ތެދެއް. މާތްﷲ ދަރިފުޅުމެންގެ ކައިވެނީގައި ބަރަކާތް ލައްވާށި..." އާމިރު ބުންޏެވެ.
މަންޝާ ބަލައިލީ ދުރުގައި ހުރި ދިލްޝާދުގެ މޫނަށެވެ. އޭނާގެ ކައިވެނި އެންމެ ފުރަތަމަ ކުރެވުނު ރެއާ މިރޭ މަންޝާއަށް އަޅައިކިޔުނެވެ. ފުރަތަމަ ރޭގައި ދިލްޝާދުގެ ތުންފަތްމަތިން އުފާވެރިކަމެއް މަންޝާއަށް ނުފެނެއެވެ. އެހެންނަމަވެސް މިރޭ ފެންނަން ހުރި ދިލްޝާދުގެ ދެލޮލުން އުފާވެރިކަމުގެ ކަރުނައެއް ވެއްޓުނު ތަން މަންޝާއަށް ފެނުނެވެ. ހިނިތުންވުމެއްވެސް ފެނިއްޖެއެވެ.
"ދަރިފުޅު ކައިރީގައި ބައްޕަ ނުބުނާނަން ބައްޕަގެ ދެލޯ ނޭދި އެދޭ މި ދަރިފުޅަށް އޯގާތެރިވާކަށް. ދަރިފުޅަށް ބައްޕަ ޝައްކެއް ނުކުރަން. ތިއީ ހަމަ ލައްކައަކުން އެކެއް. މަރުހަބާ ދަރިފުޅުމެންނަށް" މިހާދު ބުންޏެވެ.
ފުރައިގެން ދިޔައިރު ދެފަރާތުގެ އާއިލާގެ ފަރާތުން ފެނުނީ ލޯތްބާއި އޯގާތެރިކަމެވެ. އުފާވެރި ހަފުލާއެއް ނިންމާލަން އެކަކުވެސް ބޭނުންނުވެފައި ހުރި ކަހަލައެވެ. އެހެންނަމަވެސް ކޮންމެ ކަމަކަށްވެސް ނިމުން އަންނަ ފަދައިން މަންޝާގެ ކައިވެންޏަށް އައި މެހުމާނުންނާއި އާއިލާ މެންބަރުންނަށް ހަފުލާ ނިމިއްޖެއެވެ. ލޯންޗު ލޮލުކޮޅަށް ގެއްލެންދެން ބަލަހައްޓައިގެން ދެމަފިރިން ތިއްބެވެ.
"ލެޓްސް ގޯ ލަވް"
ހިނގާފައި ނަޒާން އެދާ ދިމާލެއް މަންޝާއަށް ނޭނގެއެވެ. ނަޒާންގެ މޫނަށް މަންޝާ ބަލައިލިއެވެ. ރޭގެ ބާކީ އޮތް ހުރިހާ ވަގުތެއް މިރޭ އޭނާ ހޭދަކުރާނީ ނަޒާންގެ ހިދުމަތުގައެވެ. ނަޒާންގެ ޖާދޫވީ ފިރުމުންތަކާއި ނަޒާނާއެކު ލޯބީގެ މަސްތީ ދާނެއްގައެވެ. ނަޒާން އުޅޭނެގޮތް ހިތަށް އެރުމުންވެސް މަންޝާގެ ހަށިގަނޑަށް އެނގުންވެލައިގެން ދިޔައެވެ. މަންޝާގެ ތުންފަތް މައްޗަށް ވެރިވެގެން ދިޔައީ ހިނިތުންވުމެކެވެ.
ދެމަފިރިންނަށް ހާއްސަކޮށްފައިވާ ބަޔާ ހަމައަށް ދިއުމުގެ ކުރިން މަންޝާގެ ދެލޮލުގައި ހުދު ކުލައިގެ ފޮތިކޮޅަކުން ބަނދެލިއެވެ. އެއްވެސް މީހެއްގެ ހިލަމެއްވާ ހިސާބެއް ނޫނެވެ. ދެމަފިރިންނަށް ހާއްސަކޮށްފައިވާ ބަޔަށް އެހެން މީހުންނަށް ކައިރިވާން އޮތީ މަނާކޮށްފައެވެ. އެއީ ރައޫފްގެ ފަރާތުން ނަޒާނަށް ދިން ހަދިޔާއެވެ.
"ކޮންތާކަށް މިދަނީ؟" މަންޝާގެ ދެކޮނޑުގައި ހިފަހައްޓާލައިގެން ނަޒާން ކުރިއަށް ދިޔައެވެ. ވައިގެ ތެރޭގައި މަޑުމަޑުން ދެއަތް ހަރަކާތްކުރަމުން ދިޔައެވެ.
"މިދަނީ އަހަރެމެންގެ ކުޑަކުޑަ އުފާވެރި ދުނިޔެ އާ ދިމާލަށް"
މަންޝާ ހީލި އަޑު އިވުނެވެ. ދެން އައި ސިކުންތުގައި މަންޝާގެ ކުރިމަތީގައި އިށީނެވެ. މަންޝާއަށް އެކަން އެނގުނީ އޭނާގެ ފައިގައި ނަޒާން ހިފާލުމުންނެވެ.
"ވަޓް؟ ތިއޯ..." މަންޝާ ބުންޏެވެ.
މަންޝާގެ ފައިވާން އަތަށް ނަގާފައި މިފަހަރު ނަޒާން ކުރީ މަންޝާ އުންމީދުކޮށްގެން ހުރިފަދަ ކަމެއް ނޫނެވެ. ނުވިސްނާ ހުއްޓައި ނަޒާންގެ ދެއަތް މައްޗަށް މަންޝާ ހިއްލާލިއެވެ. އެ ހިނދު މަންޝާގެ ހީލުމުގެ އަޑު އިވިގެން ދިޔައެވެ.
"ވާއު... " މަންޝާ ބުންޏެވެ. ނަޒާން އޭނާ ތިރިކޮށްލި ވަގުތު ފައިތިލައިގައި ޖެހުނީ ތާޒާ އެކި ކުލަކުލައިގެ މާތެކެކެވެ. އެއާއެކު ހިތްފުރޭހާ މީރުވަހެއްވެސް ނޭފަތުގައި ޖެހިއްޖެއެވެ. މަންޝާގެ ދެލޯ މިނިވަންކޮށްދިނީވެސް އެވަގުތުއެވެ. ދެމަފިރިންނަށް ތައްޔާރުކޮށްފައިވާ ކުޑަކުޑަ ގެ ހުރީ ފުދޭވަރަކަށް ދުރުގައެވެ. މުޅި ސަރަހައްދު ނިވިދިއްލޭ ބޮކިތަކެވެ. ހުވަފެނީ ގޮތެއް ހުއްޓެވެ. މުޅި ސަރަހައްދުގެ އެކި ދިމާލުގައި ހުދު ކުލައިގެ ފޮތިގަނޑުތައް އެލުވާފައި ހުއްޓެވެ. ޖެހެމުންދާ މަޑުމަޑުން ރޯޅިއަށް އެ ފޮތިތައް ހެލިލާއިރު ހިތްގައިމު ގޮތެއް ހުއްޓެވެ. ވަށައިގެން މުޅި ސަރަހައްދަށް މަންޝާ ބަލައިލިއެވެ. ހެދުން ކޮށިކޮށްލައިގެން މަންޝާ ކުރިއަށް ދިޔައެވެ.
"ގަޑިން ވީ ކިހާއިރެއްތަ؟"
ނަޒާން ހިނިއައެވެ. މަންޝާ ގަޑިއަހާލިގޮތުން މަންޝާއާ ލާނެއް ސަމާސާއެއްކޮށްލަން ނަޒާން ބޭނުންވިއެވެ.
"ކިހިނެއްވީ؟ މިރޭ މަން އެއްކޮށް ކައިނުލެވޭ ކަމެއްވެސް ނޭނގޭ. ހިއެއްނުވޭ އިރުއެރިޔަސް އަހަރެން މައިތިރިވާނެހެނެއް"
މަންޝާއަށް އަނގަމަތީގައި އަތްއެޅުނެވެ. ނަޒާން ބުނި އެއްޗެއްގެ ސަބަބުން ލަދުން ނަޒާނަށް ބަލައިލަންވެސް ނުކެރުނެވެ. އެކަން ނަޒާނަށް ެނގުމުން އައިސް މަންޝާގެ އަތުގައި ހިފައި ހުއްޓުވިއެވެ.
"މި ހިސާބުން ފަށަމާ ހިނގާ" ނަޒާން ބުންޏެވެ. ގަސްތުގައި މަންޝާ ރަކިކޮށްލަން ބުނި އެއްޗެކެވެ.
"މާ ނޯޓީވެގެން ތިއުޅެނީ" މަންޝާ ބުންޏެވެ. ނަޒާން ހިނިގަނޑެއް ޖަހާލާފައި މަންޝާގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަނެވެ.
****
ތަނަވަސް ބޮޑު ކޮޓަރިއަށް ވަދެވުމާއެކު މަންޝާގެ ކަޅި ކޮޓަރީގެ އެކި ދިމާލަށް ދަތުރުކޮށްލިއެވެ. މުޅި ކޮޓަރީގައި ވަނީ ދިއްލާފައިވާ އުއްބައްތިތަކުގެ ފަނޑު އަލިކަމެވެ. ހިތްތައް މޮޔަކުރުވާހާ މީރުވަހެއް ނޭފަތުގައި ޖެހުމާއެކު މަންޝާއަށް ދެލޯ މަރާލެވުނެވެ. ދިމާލަށް ހުރި ބޮޑު އެނދުގައި އަޅާފައިވާ ހުދު ކުލައިގެ ބެޑްޝީޓްގެ ކުލަ ވަކިނުވާވަރަށް ހުދާއި ރަތްކުލައިގެ ފިނިފެންމާގެ ފިޔަތަކުން ވަނީ ޖަރީކޮށްފައެވެ. އެނދުގެ ފަހަތަށް ފެންނަން ހުރި ބިއްލޫރިގަނޑުގެ ފަހަތުންވެސް ކޮޓަރި ފަދައިން ޖަރީކޮށްފައިވާ ތަން މަންޝާއަށް ފެނި އެއީ ކޮންތަނެއްތޯ ބަލައިލާ ހިތްވިއެވެ. ކޮޓަރިއަށް ވަނީއްސުރެ މަންޝާގެ ހަރަކާތްތަކަށް ބަލަމުންދިޔަ ނަޒާނަށް މަންޝާ ބަލައިލީ އެއީ ކޮންތަނެއްހޭ އަހާލާ ކަހަލަ ގޮތަކަށެވެ.
"ހިނގާބަލަ ބަލައިލަން"
މަންޝާގެ އަތުތެރެއަށް އަތް ލައްވާލައިގެން ނަޒާން ހިނގައިގަތެވެ. ބިއްލޫރި ދޮރު ކަހާލާފައި ދެމަފިރިން ބޭރަށް ނިކުމެލިއެވެ. ކޮޓަރިއެއް ފަދަ ތަނެކެވެ. ސްވިމިންޕޫލެއްގެ އިތުރުން ތިރީގައި ގޮދަޑިއެއް އަޅާފައި އޮތެވެ. އެ ސަރަހައްދުގައިވެސް މީރު ވަހެއް ހުއްޓެވެ.
"ފެނިއްޖެއެއްނު. ދެން މަށަށް ވަގުތުކޮޅެއް ލިބިދާނެތަ؟" ނަޒާން ބުންޏެވެ.
"ކީއްކުރަން؟" މަންޝާ އެހިއެވެ.
އެ ހިނދު ނަޒާން އައިސް މަންޝާ ކުރިމަތީގައި ހުއްޓުނެވެ. މަންޝާގެ ބަނޑާއި ހަމައިގައި ނަޒާން އަތްތިލަ ޖައްސާލިއެވެ. އެހިނދު މަންޝާގެ ބަނޑު އެތެރެއަށް ހިނދިގެން ދިޔަކަން ނަޒާނަށް އިހުސާސްވިއެވެ. މަންޝާއަށް ވީގޮތް ފެނިފައި ނަޒާން ކައިރިއަށް ހިނިއައެވެ.
"ކީއް ތިކުރަނީ؟ " މަންޝާގެ އަޑު ނިކުތީ ވަރުބަލިވެ މާނޭވާ އަޅަމުންދިޔަ މީހެއް ފަދައިންނެވެ.
"އަދި ކައިރި މިވެވުނީ ކައިވަތެއްހާ މިންވަރަށް. އެހާ އަވަހަށް ވަރުބަލިވީ. އަދި އަހަރެންނަށް ކަމެއް ނުވެސް ކުރެވެއެއްނު" ނަޒާން ބުންޏެވެ. މިފަހަރު މަންޝާ ގަތީ ލަދެވެ. ކައިވެނީގެ ފުރަތަމަ ރެއަކީ ކޮންމެ އަންހެންކުއްޖެއްގެ ހަޔާތުގައިވެސް އަންނާނެ އެންމެ އުފާވެރި ދުވަސް ފަދައިން އެރޭ މަންޝާގެ ހަޔާތަށް އައި އެންމެ އުފާވެރި ރެއަށް ވެއްޖެއެވެ. ކައިވެނިވުމާ ހަމައިން ފެށިގެން މަންޝާގެ ހިތް އަވަސްވެފައި ހުރީ ދެމަފިރިން ކޮޓަރީގެ ހަތަރުފާރުން އެތެރޭގައި އެކަނިވުމާއެކު ނަޒާންގެ އަމަލުތައް ހުންނާނެގޮތަކާ މެދުގައެވެ. އެންމެފަހުން އެވަގުތު އައިސް ޖެހިއްޖެއެވެ. ނަޒާންގެ ބީހުންތައް އިހުސާސްވާ ކޮންމެފަހަރަކު މަންޝާއަށް ހީވަނީ ހަށިގަނޑަށް ކަރަންޓް ޝޮކެއް އަރައިގެންދާ ހެންނެވެ.
"ޒާން...." މަންޝާ ނަޒާނަށް ގޮވާލިއެވެ.
"ޝްޝްޝް..... މިވަގުތު އަނގައިން ބުނާކަށް ހުއްދައެއް ނެތް. ލެޓްސް އެކްޝަން ޑޫ ދަ ޓޯކިންގް" ނަޒާންގެ އަޑު އައީ މަންޝާގެ ކަންފަތް ކައިރިންނެވެ. އެ ހިނދު މަންޝާގެ މުޅި ހަށިގަނޑުން ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ.
މަންޝާ ބަލަހައްޓައިގެން ހުރީ ނަޒާންގެ ލޮލަށެވެ. ފުންމިން ނޭނގޭ ޖާދޫވީ ދެލޮލެވެ. ނަޒާން ފަދައިން އެ ލޯބީގެ މަސްތުގައި މަންޝާވެސް ބޭނުންވަނީ ބެހިގެންދާށެވެ. ނަޒާން ދިޔަ ހިސާބަކަށެވެ. ލޯބީގެ ބަދަލުގައި ލޯބި ދީގެންނެވެ. މަންޝާ އަތުގައި ހިފައިގެން ގެންގޮސް ބޭންދީ ޕޫލް ކައިރީގައި އަޅާފައި އޮތް ގޮދަޑި މަތީގައެވެ. ނަޒާން އިށިނީ ކައިރީގައެވެ. މަންޝާގެ ބުރުގަލުގައި ޖަހާފައިވާ ދަތިތައް ވަރަށް ބަލައިގެން ނަޒާން ނައްޓަމުން ދިޔައެވެ. އެ ހުރިހާ އިރަކު އެކަކުވެސް އަނެކަކާ އަނގައިން ނުބުނެއެވެ. މަންޝާގެ ދިގު އިސްތަށިގަނޑު މިނިވަންވެގެން ދިޔަ ވަގުތެވެ. ހީވީ ނަޒާންގެ ހިތުގައި އިތުރު ވިންދެއް ޖަހާލި ހެންނެވެ. ކުރިމަތީގައި އިން މަންޝާގެ މޫނުގެ ދެފަރާތުގައި ނަޒާން ހިފަހައްޓާލިއެވެ. މަޑުމަޑުން އޭނާގެ މޫނާ މަންޝާގެ މޫނު ގާތްކުރިއެވެ. ދެމަފިރިންގެ ނޭވާ އެކަކު އަނެކަކުގެ މޫނަށް އެޅޭހާ ކައިރިވެގެން ދިޔައެވެ. ލަދުގެ ފަރުދާ ކެހިގެން ދިޔައިރެއް މަންޝާ ހަނދާނެއްވެސް ނެތެވެ. މިފަހަރު އެކަކުގެ ހިތުގައި އެއްވެސް ނުތަނަވަސްކަމެއް ނެތެވެ. ހަލާލުގޮތުގައި ކައިވެނީގެ ފުރަތަމަ ރޭގެ އުފަލާއި ހިތްހަމަޖެހުން ދެމަފިރިން ލިބިގަންނަމުން ދިޔައިރު އުއްބައްތިތަކުގެ ހުޅުކޮޅު އަލަތު ކައިވެނިކުރި ދެމަފިރިންނަށް މަރުހަބާ ކިޔާ ފަދައިން ދެއަތަށް ބަނޑި ލައްވަމުން ދިޔައެވެ. ލުއި ފަތެއް ގެންގުޅޭހެން ނަޒާންގެ އަތުތެރޭގައި މަންޝާ ގެންގުޅުނެވެ. އެއްވެސް ތަކުލީފެއް ވޭނެއް މަންޝާއަށް ނުލިބޭނޭ ފަދައިން އެ މަލުގެ ކޮންމެ ފިޔައެއްގައި ނަޒާން ބީހުނީ ނުހަނު ލޯތްބާއި އޯގާތެރިކަމާ އެކުގައެވެ.
(ނުނިމޭ)