ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ނިލަންދެ އަތޮޅު އުތުރުބުރީގެ ހުރިހާ ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފ. އަތޮޅުގެ ރަށްތަކަށް މި ފެއްޓެވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ފ. ނިލަންދޫއަށެވެ. އޭގެފަހުން އެއަތޮޅު ދަރަނބޫދޫ އަށާއި، މަގޫދޫ އަދި ބިލެތްދޫގެ އިތުރުން ފީއައްޔަށް ވަޑައިގަންނަވާނެއެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އެރަށްރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއި، އާންމު ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެއެވެ.

މީގެ އިތުރުން އެރަށްރަށުގައި ސަރުކާރުން ހިންގައި ނިމިފައިވާ މަޝްރޫއުތައް އިފްތިތާހްކޮށްދެއްވުމަށާއި، ކުރިޔަށްދާ ބައެއް މަޝްރޫއުތަކުގެ މަސައްކަތް ކުރިޔަށްދާގޮތް ވެސް ބައްލަވައިލެއްވުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން، ފ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވުމުގެ އިތުރުން، ފ. މަގޫދޫގައި އަޅަމުންދާ އެއަރޕޯޓްގެ މަސައްކަތް ކުރިޔަށްދާގޮތްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވާނެއެވެ.