ވާހަކަ

ކަސިޔާރު - 03

4

"ޖާނާ ... އޭތް..."

ނިދީގެ ތެރޭގައި ކާޝިފު ފުރޮޅިލިއެވެ. އޭނާއަށް ތަމަންނާގެ އަޑު އިވެނީ ދުރުން ކަހަލައެވެ. ތެދުވަން ބޭނުން ނުވެފައި ބާލީހުގައި ބައްދާލަން ކަމަށް ހީކޮށްލިއެވެ. ނަމަވެސް މޫނަށް ފެންތިކިތަކެއް ޖެހުމުން ކާޝިފަށް މަޖުބޫރުވީ ލޯހުޅުވާށެވެ.

"ޖާނާ...ގަޑިން ވީ އިރެއް އެނގޭތަ؟ މިއަދު އޮފީހަށް ނުދާ މޫޑުގައޭ ނުބުނައްޗޭ....އާދީއްތަ ދުވަހާއި ބުރާސްފަތި ދުވަހު އޮފީހަށް ސަލާމް ބުނުމަކީ މުޅީން މަނާ ކަމެއް..."

އިސްތަށިގަނޑުން ފޮޅާލި ފެންތިކިތައް އަނެއްކާވެސް ކާޝިފުގެ މޫނަށް އެޅިއްޖެއެވެ. ކާޝިފް ތެޅިގެންފައި ބޯހޫރާލިތަން ފެނުމުން ތަމަންނާއަށް ހީނގަނެވުނެވެ.

"ކީއްކުރާނީ...އަނބިމީހާ ބޮސީ ވެފައި ދާން އަމުރުކުރަންޏާ ކިތަންމެ ނިދަން އޮންނަ ހިތްވިޔަސް ނޯ ޗާންސެއްނު..."

އެނދުން ފައިބައިގެން މޯޅިއަކަށް ދެމިލަމުން ބުނެލިއެވެ.

"އޯހޯ...މިސްޓަރ ސިމްޕަތީ ފީލް ހަޒްބަންޑް....ތި ވަޒީފާއަކީ އަޅުގަނޑުގެ ޗޮއިސް އެއްނޫން އިނގޭތޯ...! އަމިއްލައަށް ކުރާހިތުން ކުރާ ކަމެއްގައި ނިކަމެތި އަޅުގަނޑަށް ކުރެވޭނީ ކޮން އަމުރެއް...."

އިސްތަށިގަނޑުން ގޮށް ފިލުވަމުން ކުރިމަތީގައި ހުރި މޫނުބަލާ ލޯގަނޑުން ކާޝިފަށް ބަލާލާފައި ތަމަންނާ ބުންޏެވެ.

"އެހެންވިއްޔާ މި ކަންނެތްކަން ފިލުވާލަން އެހީއެއްވެދެވިދާނެތަ؟ ތިބުނާހާ ކުރާހިތްވާ ކަމަކަށް ލަސްވެގެން ކަމަކުނުދާނެތާ..."

ކާޝިފް ކުރިއަށް ޖެހި އަނބިމީހާގެ އުނަގަނޑުގައި ހިފާ ގަޔާ ކައިރިއަށް ޖައްސަމުން ބުނެލިއެވެ. އޭނާގެ ނިދިބަރުކަން ކެޑެމުންދާ އަޑުގައި ހުރި ލާނެތްކަން ތަމަންނާއަށް ފާހަގަ ކުރެވުނެވެ.

"އޯހްހޮހ...ކޮންކަހަލަ ކޮފީއެއް ކަމުދާނީ.....؟" ތަމަންނާ މަޑުމަޑުން އަހާލިއެވެ.

"އެއް މޭޒުމަތީސަމުސާ ލާނެތް ހީނލުމަކާއި، ބައިސަމުސާ ދަހިކޮށްލުމަކާއެކު ދެސަމުސާ ހޫނު ފޮނިކަމަކާއެކު ދޮޅުސަމުސާ ރަކިވެލުމެއްވެސް...." ތަމަންނާގެ އިސްތަށިގަނޑުގައި މޫނުޖައްސައިގެން ހުރެ ވައިއަޑުން ބުނަމުންދިޔައެވެ.

"އޭތް ރޯމިޔާ....ހެހެހެ...ސާބަސް...ރޮމޭންސްގެ ގަޑިއެއް ނޫން މީ. އޮފީހަށް ގަޑި ޖެހުނީމަ ރީއްޗެއް ނޫން.....އެހެންނޫނަސް މިހާރުދެން މާގިނަ ދުވަހެއްނުވެ ސާޅީސް އަހަރުވެދާނެ....ފޯޓީސްގައި ތިހެން އުޅުނީމަ ކިހިނެއް ވާނީ...؟"

ތަމަންނާ ނޭފަތް ދަމާލަމުން ސަމާސާ ރާގަކަށް ބުނެލިއެވެ.

"އޯހް...ކާކު ދެނެހުރި ވާހަކައެއް...؟ ތީ ދިވެހިންގެ އޮންނަ ގަވާއިދެއް....ދުނިޔޭގެ އެންމެ ތަރައްގީ ގައުމުތަކުގައި ފިރިހެނުން ޒުވާނުން ކަމަށް ބަލަނީވެސް ސާޅީހާ ގާތްވީމަ...ފިރިހެނުން އެންމެ ފުރިހަމައަށް ރީތިވާނީވެސް ސާޅީސްވީމަ...އަހަރެންގެ އުމުރު ތަންނާއަށްވެސް ގަބޫލެއް ނުކުރެވުނެއްނު....ދެން އަމުދުން އެހެން މީހަކަށް ގަބޫލު ކުރެވޭނެތަ؟"

"އޫމްހާ...ތެދެއް ތިބުނީ...ފަންސަވީސް އަހަރުވާއިރު، މީހަކާ ނީނދެ ދަރިއެއް ނުހޯދާ ހުންނަ އަންހެންމީހާއަށް އަހަރެމެންގެ މީހުން ގަބޫލު ކުރާ ގޮތުގައި ދެން އިންނާނެ މީހަކު ނުވާނެ.....ސާޅީސް އަހަރުވާއިރު މާމަ ކިޔަން ޖެހޭނެ...އެނޫނީ އެނުވާނެ މައްދިވެއްސަކަށް....ހެހެ...ކިހާމަޖާ...."

ތަމަންނާ ބޯހަލުވާލަމުން ކާޝިފްގެ ވާހަކައާ އެއްބަސްވިއެވެ.

"ލޯބީގަ އުމުރުގެ ބޭނުމެއް ނޯވޭ...ބޭނުމެއް ނުވެސް ހިފޭނެ....އެނގޭތަ އެލަވަ...." ތަމަންނާގެ ކޯތާފަތުގައި މޫނުޖައްސަމުން ކާޝިފް ލޯމަރާލިއެވެ.

"ނާ އުމްރުކި ސީމާހޯ ނާ ޖަންމުކަ ހޯ ބަންދަން....ޖަބް ޕިޔާރް ކަރޭ ކޯއީ...ތޯ ދޭކޭ ކޭވަލް މަން....ނައި ރީތު ޗަލާކަރް ތުމް... ޔޭ ރީތު އަމަރް ކަރްދޯ...."

ކާޝިފް އަބަދުވެސް އެލަވައިގެ އެކަޑި ކިޔައެވެ. އެއީ ކާޝިފަށް އާދަޔާހިލާފަށް ރީތި ލަވައެއްކަމަށް އަބަދުވެސް ބުނެއެވެ.

"އޯކޭ...އޯކޭ...މެރީ ޖާނާ...ދެންވެސް ދާންއުޅޭ.... އެހެންނޫނީ ވަރަށް ގޯސްވެދާނެ...އޮފީހަށް ނުދާ މޫޑަށް ދިޔައިމަ މާ ރީއްޗެއް ނުވާނެ..."

ތަމަންނާ ހީނގެންފައި ކާޝިފްގެ މޭގައި އަތްއަޅާ ދުރަށް ޖައްސާލިއެވެ. އަދި އަތް ދިއްކޮށްލާފައި ކައިރީގައި ހުރި ހަރުގަނޑު މަތީ އޮތް ތުވާލި ނަގާ ކާޝިފްގެ ކޮނޑަށް އެއްލާލިއެވެ.

"ފާހާނާ.....ނުކުމެ ތައްޔާރުވެގެން އާދޭ ސައިބޯން....ކޮފީވެސް ލިބޭނީ އޭރުން..."

ކާޝިފު މޫނު ހަދާލުމަށްފަހު ތުންފިއްތާލަމުން ގޮސް ފާހާނާއަށް ވަދެއްޖެއެވެ. އަދި ތަމަންނާ އިސްތަށިގަނޑު ރީތިކޮށްލުމަށްފަހު އެނދު ތަންމަތި އަޅަން ފަށައިފިއެވެ.

ކައިވެންޏަށް މިހާ ދުވަސްވީއިރުވެސް އޭނާއާއި ކާޝިފާ ދެމީހުންގެ ގުޅުމަށް އެއްވެސް ބަދަލެއް ނާދެއެވެ. މައްސަލަ ޖެހެން މައްސަލަ އެއް ދިމާވެސް ނުވަނީއެވެ. ތަމަންނާ އޭނާގެ ނަސީބާމެދު އަބަދުވެސް އުފާކުރެއެވެ. އަމިއްލަ ރަށުގައި ހިތްއެދޭފަދަ މީހަކާއެކު އުފާވެރި ދިރިއުޅުމެއް ބިނާ ކުރުމަށް އަބަދުވެސް ތަމަންނާ ދުށް ހުވަފެން ސީދާ ވުމުން އެކަމާ އޭނަ ހުންނަނީ އިންތިހާއަށް އުފާވެފައެވެ.

ކާޝިފަކީ ތަމަންނާއަށްވުރެ އަށެއްކަ އަހަރު ދޮށީ ނަމަވެސް ބަލާބެލުމަށް ތިރީސްފަސް އަހަރުގެ މީހެކޭ އެއްވެސް މީހަކު ނުބުނާނެއެވެ. ގިނަ ފަހަރު ކާޝިފުގެ އުމުރު ބުނުމުން މީހުން އެއީ ތެދެއްކަމަށް ގަބޫލެއް ނުކުރެއެވެ. އެންމެ ފުރަތަމަ އެކަން ތަމަންނާއަކަށްވެސް ގަބޫލެއް ނުކުރެވުނެވެ. އެހެންނަމަވެސް ކާޝިފުގެ އައިޑީކާޑު ފެނުމުން ހައިރާންވެފައި ހުރެ އެ އުމުރަށްވުރެ މާބޮޑަށްވެސް ޒުވާން ފިރިމީހާ ލިބުނީތީ ތަމަންނާ އުފާކުރިއެވެ.

"އަހަރެމެންގެ އުމުރު ކިހާ ތަފާތު.... އެކަމަކު އަހަރެމެން އެކަކު އަނެކަކު ދެކެ ކިހާ ލޯބިވޭ...." ކައިވެނީގެ ފުރަތަމަ ރޭ ކާޝިފްގެ އަތުގައި ހިފައިގެން އިނދެ ތަމަންނާ ބުންޏެވެ.

"މިކަހަލަ ކިތަންމެ ލޯބީގެ ވާހަކައެއް އުޅޭ....އުމުރުގެ ތަފާތު ލޯތްބަކަށް މުހިންމެއް ނޫން....ލޯބީގާ އުމުރަކީ ޝަރުތެއް ނޫން..."

ކާޝިފްގެ އެބަސްތައް އިވުމުން ތަމަންނާގެ ހިތަށް ލިބުނު ޔަގީންކަމަކީ މުޅި އުމުރަށް ކާޝިފްގެ އަނތްބެއްގެ ގޮތުގައި އިނުމަށް އަމިއްލަ ހިތާހިތުން ވައުދުވާން ފުދޭވަރުގެ ޔަގީންކަމެކެވެ.

ކައިވެންޏަށް އަހަރުވީއިރުވެސް ކުއްޖަކު ނުހޯދާ ތިބުމުން އާއިލާ ތެރޭގައި އޮތީ އެކަން މައުޟޫ އަކަށްވެފައެވެ. ހަގީގަތުގައި އަދި ދަރިފުޅަކު ހޯދަން ތަމަންނާވެސް ތައްޔާރެއް ނޫނެވެ. އެކަމަކު މިހާރު މަޑުމަޑުން ދެމީހުންގެ ދެމެދުގައި އެއްބަސްވެވި ތައްޔާރުވަމުންދާތާ ކުޑަ ދުވަސްކޮޅެއް ވެއްޖެއެވެ. ހަމަ މާދަމާވެސް ތަމަންނާ އާއިލާގެ މީހުންނަށާއި ކާޝިފަށް އުފާވެރި ހަބަރު ދޭން ޖެހިދާނެ ކަމަށް މިހާރު އިންނަނީ އިންތިޒާރުގައެވެ. އެދެމީހުންގެ ހަޔާތުގައި އާ ކުލައެއް ޖެހި އާ ބާބެއް ފެށުމުގެ ވަގުތު އަންނަނީ ކައިރިވަމުންނެވެ.

ތަމަންނާ ކޮޓަރިތެރެ ކުޑަކޮށް ތަރުތީބުކޮށްލުމަށްފަހު ބަދިގެއާ ދިމާއަށް ދިޔައެވެ. އުފާވެރި ހިޔާލުތަކެއްގެ ތެރޭގައި ހުރެގެންނެވެ.

ކާޝިފަށްޓަކައި އޭނާގެ ހިތާއި ސިކުނޑީގައި އުފެދިފައިވާ ލޯބި އެއްވެސް އިރެއްގައި އެއްވެސް އެހެން މީހަކާމެދު އުފެދިފައެއް ނުވެއެވެ. ސުކޫލު ނިންމާލާފައި އަމިއްލަ ރަށުގައި ހުރެގެން އާއިލާއާއެކުގައި ދުވަސްތައް ހޭދަކުރަމުން ދިޔައިރު ތަމަންނާއަށް އެތައް މެސެޖުތަކެއް ލިބުނެވެ.

ނަރުސްކޯސް ހެދިއިރު އެކުގައި އުޅުނު ހުރިހާ އަންހެންކުދިން އޭނަގެ ހުސްހަށިބައިކަމާމެދު ހައިރާންވެފައި ސުވާލުކުރިއެވެ. ހުސްހިތަކާއި މުސްތަގުބަލަށްޓަކައި ވިސްނުމެއް ނެތް ސިކުނޑިއަކާއެކު އެހާ އުފާވެރިކޮށް އުޅެމުން ދާތީ ރަށުތެރޭގައި ވާހަކަތަކެއް ދެކެވުނު ޒަމާނެއްވެސް ވޭތުވެއްޖެއެވެ. މަންމައާއި ދައްތަ ކަންބޮޑުވެފައި އޭނާގެ ކައިވެންޏަށް މީހަކު ހޯދަންވީތޯވެސް އަހައި އުޅުނެވެ. އާންމުކޮށްވެސް ރަށުގައި އަންހެންކުދިން ސުކޫލު ނިމި ވަޒީފާތަކަށް ދިޔަޔަސް ނުވަތަ ގޭގައި ތިއްބަސް، ވިހި އެކާވީސް އަހަރުވާއިރު މީހަކާ އިނދެ ދަރިން ތިބުމަކީ ސަގާފަތެއް ކަހަލައެވެ. އެހެންނަމަވެސް ތަމަންނާ ހުރީ ފަންސަވީސް އަހަރުވީއިރުވެސް ހުސްހަށިބަޔަށެވެ.

ހަމައެކަނި ހަޔާތެއްނޫނެވެ. ހިތުގެ ލޯތްބަށްވެސް ބައިވެރިއަކު ނެތްކަމީ ހަގީގަތެކެވެ. ފަންސަވީސް އަހަރު، ސައްބީސް އަހަރު، ދެން ހަމަކުއްލިއަކަށް އޭނާގެ ހަތާވީސް ވަނަ އަހަރު ހިތުގެ ކަނެއްގައި އިހުސާސެއް މޯޅިއަކަށް ދެމިލައިފިއެވެ. ހޮސްޕިޓަލުގެ އެނދުގައި އޮތް ކާޝިފަކީ ފުރަތަމަ ތަމަންނާގެ ޕޭޝަންޓެކެވެ. އެހެން ބަލިމީހުންނަށް އެހީވި ފަދައިން ކާޝިފަށްވެސް ފުރަތަމަ ދެދުވަހު ތަމަންނާ އެހީވެ ހިދުމަތް ދިނީ އާދައިގެ ނަރުހެއްގެ ގޮތުގައެވެ. އޭރުވެސް ތަމަންނާގެ ހުސްހިތުގައި ކޮންމެވެސް ތެޅުމެއް އުފެދެން ފަށައިފިއެވެ. އަދި ދެން ތިންވަނަ ދުވަހު ކާޝިފް ގެއަށް ފޮނުވާލާނެކަމުގެ ހަބަރު ހިފައިގެން އެ އެނދު ކައިރިއަށް ދިޔައިރު ތަމަންނާގެ ހިތްވަނީ މޯޅިވެފައެވެ. ވޭތުވެދިޔަ ދެދުވަހު ކާޝިފްގެ އެނދުގެ ކައިރިން ގިނަގިނައިން ހަރަކާތްތެރި ވެވޭތޯ މަސައްކަތް ކުރެވުނު ސަބަބު އެނގުނީ ދެނެވެ. އެންމެ ފުރަތަމަ ކާޝިފު ފެނުނު ދުވަހުގެ އެހިނދުކޮޅު ހިތަށް ފިނިވީ ކީއްވެގެންކަން ވިސްނުނީ އެދުވަހުއެވެ.

އަދިދެން ތަމަންނާގެ ހިތުގައި ކާޝިފު ހަމަ ރަނގަޅަށްވެސް ގެދޮރު ބިނާކޮށްފިއެވެ.

ހޮސްޕިޓަލުން ދިއުމުގެ ތައްޔާރީތައް ވަމުން ދިޔައިރު ކާޝިފުގެ ނަޒަރު ތަމަންނާގެ މޫނަކުން ދުރެއް ނުވިއެވެ. ޑިސްޗާޖް ފޯމު ހިފައިގެން އައިސް ހަވާލުކޮށްފައި ދާން އެނބުރިލި ތަމަންނާގެ އަތުގައި ހިފީ ކާޝިފެވެ. ބައްދަލުވެވިދާނެތޯ ސުވާލު ކުރީ ކާޝިފެވެ. އަދި ދެން އޭގެ ދެރޭ ފަހުން އައި ހުކުރުވިލޭރޭ އެދެމީހުންގެ ދެމެދުގައި ތާއަބަދަށްއެކުގައި ވާނެ ކަމުގެ ޔަގީން ވައުދެއް ކުރެވުނެވެ. އަދި އޭގެ ބަރާބަރު ފަސް މަސްފަހުން އައި ހޯމަ ވިލޭރެއެއްގައި އެވައުދު އަހުދު ކަށަވަރަކަށް ހެދުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ތައްގަނޑެއް ޖަހާލެވުނެވެ. އަނތްބަކާއި ފިރިއެއްގެ ލަގަބު ލިބުނީއެވެ. ކާޝިފު އެއުމުރުގައިވެސް ހުސްހަށިބަޔަށް ހުރީކީއްވެގެންތޯ ތަމަންނާ ސުވާލު ކުރާނީ ކިހިނެއްހެއްޔެވެ. ހުދު އޭނައަކީ އަމިއްލައަށް އެސުވާލަށް ފުދޭ ވަރުވާ ޖަވާބެކެވެ.

ކޮންމެއަކަސް ކާޝިފު މުޅިން ހަނިމާދޫއަށް ބަދަލުވީ ތަމަންނާއަށްޓަކައިކަން އެންމެނަށްވެސް އެނގެއެވެ. އެއާއިލާގެ އެންމެންވެސް ތަމަންނާއަށް ހާއްސަކަމެއް ބަހައްޓައެވެ. ކާޝިފަށް ލިބުނު މި ނަސީބާމެދު އެންމެންވެސް ތިބެނީ އުފަލުންނެވެ. އަދި ތަމަންނާގެ ހަޔާތަށް ބަހާރަކަށް ވެގެން އައި އެރީތި ފުރިހަމަ އަދި ހިތްގައިމު ފިރިހެންމީހާއަށްޓަކައި ތަމަންނާގެ އާއިލާއިން އުފާކުރާއިރު ތަމަންނާގެ މިނަސީބާމެދު ހަސަދަވާ އޭނަ ދަންނަ އަންހެންއެކުވެރިންނާއި ރައްޓެހިން ގިނައެވެ. ކާޝިފުގެ އާދަޔާހިލާފަށް ރީތި ދެލޮލާއި ހިނިތުންވުމާއި އެފުރިހަމަ އިސްކޮޅާއި ހަށިގަނޑަށްޓަކައި ތަމަންނާ ނޫނަސް ކަޅިއަޅާ ކިތަންމެ ބަޔަކު ރަށުގައި އުޅެއެވެ.

އެހެންވިޔަސް ތަމަންނާއަށް މައްސަލައެއް ނެތެވެ. އޭނާއަށް ޔަގީންވާ އެއްކަމެއް އޮވެއެވެ. ދުނިޔޭގެ ހުރިހާ އަންހެނުން އާދޭސް ކުރިއަސް އޭނާގެ ޖާން އޭނާގެ ކާޝިފް އެހެން ދިމާއަކަށް ބަލާވެސް ނުލާނެއެވެ. އެހެންނޫންނަމަ އެއުމުރުގައި ހުސްހަށިބަޔަށް ހުރި ކާޝިފް އޭނާގެ ލޯތްބާއި ކައިވެންޏަކަށް ނޭދޭނެތާއެވެ. ތަމަންނާއަށްޓަކައި ކާޝިފަކީ ޝަރުތެއް ނެތް ޔަގީންކަމެކެވެ.

އޮފީހަށް ދިއުމަށް ތައްޔާރުވެގެން ނުކުމެ ތަމަންނާއާއެކު ސައިބުއިމަކީ ކޮންމެދުވަހެއްގެވެސް ކާޝިފްގެ އާދައެކެވެ. ވަރަށްވެސް ލުއި ނާސްތާއަކަށްފަހު ދަބަސް ހިފައިގެން ގެއިން ކާޝިފު އޮފީހަށް ދިއުމަށް ސައިކަލަށް އަރާ ސްޓާޓް ކޮށްލިއެވެ. އަދި ލޯބިވާ އަނބިމީހާއަށް ބާއީ ބުނެލުމަސް އަތް ހޫރާލިއެވެ.

"އޮފީސް ނިމުނުހާ އަވަހަށް އަންނައްޗޭ...ޖާނާ...ބާއީ...."

ކާޝިފްގެ ސައިކަލް ގޯޅި އަޅަންދެން ތަމަންނާ ދޮރުމަތީގައި ހުއްޓެވެ. އަދި ދެން ގޭތެރެއަށް ވަދެގެން ހިނގައިގަތެވެ.

އެއާޕޯޓާ ދިމާއަށް މިސްރާބު ޖަހާފައި ހުރި ކާޝިފަށް ކުއްލިއަކަށް ސައިކަލްގެ ބްރޭކަށް ބާރަށް ހިފާލިއެވެ. އެއްކަލަ އަންހެންކުއްޖާ ހަމަ މިއަދުވެސް ނުކުތް ދިމާއެއް ނޭނގި އެއެރީ އޭނަގެ ސައިކަލް ކުރިމައްޗަށެވެ.

ނީލޯފަރު މަޑުމަޑުން އެއްފަރާތަކަށް ޖެހިލައިފިއެވެ. އަދި އިސްއުފުލާލުމެއްވެސް ނެތި ކުރިއަށްދާން ފިޔަވަޅު ނެގިއެވެ.

"ދެވަނަ ފަހަރަކު ތިކަން ތަކުރާރު ނުކުރާތި....އޭރަށް ތި ކުރެވެނީ ކީއްކަން ވަރަށް ރަނގަޅަށް ބުނެދޭން އަހަންނަށް އެނގޭ..."

ސައިކަލު ސްޓާޓް ކޮށްލުމަށްފަހު ކުރިއަށް ދުއްވާފައި ގޮސް ނީލޯފަރާ ކައިރިއަށް މަޑުކޮށްލާފައި ދަތްކުޑިވިކާލަމުން ބުނެލިއެވެ. ދެންވެސް ނީލޯފަރު ހަމަ އެއްވެސް އެއްޗެކޭ ނުބުނެ ކުރިއަށް މަޑުމަޑުން ފިޔަވަޅު އަޅަމުން ދިޔައެވެ.

އެންމެ ފަހުން ގަޑިއަށް ބަލާލާގައި ކާޝިފަށް މަޖްބޫރުވީ އެތަނުން ދާށެވެ.

"ހަނދާން ކުރާތި...ދެން ތިގޮތަސް މަގޭ ކުރިމައްޗަށް ނާންނާތި."

ރުޅިއައިސް ރަތްވެފައި އިނދެ ނީލޯފަރަށް ކަޅިއަޅާލަމުން ކާޝިފް ސައިކަލް ދުއްވާލިއެވެ. އޭރު އޭނާގެ ހިތާއި ސިކުނޑީގައި ނޭނގޭ ހާސްކަމަކާއި ރުޅިވެރިކަމެއް އެނބުރެމުން ދިޔައެވެ.

އެއާޕޯޓަށް ދިއުމަށް އަދި ދެ ގޯޅިއެއް ހުރަސްކުރަން ޖެހޭނެއެވެ. އެއަށްފަހު ދެން މާދުރަށް ދުއްވާކަށް ނުޖެހޭނެއެވެ. މިއަދު ހެނދުނުހެނދުނާ ސުންޕާ އަންހެންކުއްޖާ އޭނަގެ މުޅި ދުވަސް ހަރާބު ކޮށްލައިފިއެވެ. އެއީ ކިހިނެއް ވެގެން އުޅޭ އަންހެންކުއްޖެއް ހެއްޔެވެ. މިގޮތަށް މިމަގުން އޭނާގެ ސައިކަލު ކުރިމައްޗަށް އަންހެންކުއްޖާއަށް އެނުކުމެވެނީ ހަމަ ނޭނގިފަ ހުރެގެން ހެއްޔެވެ.

ކާޝިފް ފުންނޭވާއެއް ލަމުން އަމިއްލަ ހިތަށް ހަމަޖެހުމެއް ލިބޭތޯ މަސައްކަތްކުރަމުން ސައިކަލުގެ ދުވެލި ކުޑަކޮށް ބާރުކޮށްލިއެވެ. ގަޑިޖެހުމަކާވެސް ގާތްވަމުން އަންނާތީއާވެސް އެކުގައެވެ. އެކަމަކު މިފަހަރުވެސް ކާޝިފަށް ޖެހުނީ ބްރޭކް ޖައްސާށެވެ. ސައިކަލުގެ ކުރިމައްޗަށް ތަމަންނާ ނުކުތީ ހަމަ ކުޑަކުޑަ ތަންކޮޅެއް ދުރުންނެވެ.

މިފަހަރު ކާޝިފްގެ އަމިއްލަ ނަފުސަކަށް ބާރެއް ނުފޯރުވުނެވެ. ސައިކަލުގެ ހަރު ޖައްސާލެވުނީ އަމިއްލައަށް ބޭނުންވެގެނޭ ނުބުނެވޭ ވަރަށް އޭނާގެ ލޭ ހުރީ ހޫނުވެފައެވެ.

"އޭތް...." ކާޝިފަށް ފާޑަކަށް ހަޅޭއްލަވައިގަނެވުނީ އިހުތިޔާރަކާ ނުލައެވެ.

"ކުރިންވެސް ބުނިންދޯ މަރުވާ ހިތުން އުޅެންޏާ މާ ފަސޭހަ ގޮތްގޮތް ހުންނާނެއޭ...މިސައިކަލް ކުރިމައްޗަށް ނުނުކުންނާށޭ..."

ނީލޯފަރު ހުރީ އާދައިގެ ހުދާއިއަޅިކުލައެއްގެ ކުރެހުންތަކެއް ހުރި މިޑީހެދުމެއްގައެވެ. ހަމަ އެހުރި ގޮތަށް އަނގައިންވެސް ނުބުނެ އެއްފަރާތަކަށް ޖެހިލުމަށްފަހު ނީލޯފަރު އަނެއްފަރާތަށް އެނބުރިލިއެވެ.

"ތިހެން ނޭނގޭ ވާން އުޅުއްވާނެ ކަމެއް ނެތް.... ވެގެން އުޅޭ ގޮތެއް ބުނެދޭން ނޭނގެންޏާ ކުރިމައްޗަށް އަންނަނީ ކީއްކުރަން...؟"

ކާޝިފު ބާރަށް އަހާލިއެވެ. ދެންވެސް ނީލޯފަރު އަނގައަކުން ނުބުންޏެވެ. ހަމަ އެހުރި ގޮތަށް ޖެހި ބުދެއްހެން ހުރީއެވެ.

"ތީ މީގެ ކުރިންވެސް މިރަށުގައި އުޅުނު ބައެއް ނޫނެއްނު، މިހާރު ދެން މިރަށަށް ފާވެގަނެގެން ތިއުޅެނީޔޯ...؟ ޖަހާނެ އެހެން ސަކަރާތެއް ނުފެނުނީތަ؟ ނޫނީ މަށާ އަޅައިގަނެގެން ނެއްޓެން ނޭނގިގެން ތިއުޅެނީ ކޯޗެއް ހޯދާނަމޭހިތާތަ؟ ފަސްފަހަތުން ދާހާ ތަނަކަށް ތި އަންނަނީ ކީއްކުރާނަމޭ ހިތާތަ؟"

ސައިކަލުން ފައިބައިގެން ގޮސް ނީލޯފަރާ ދާދި ގާތަށް ހުއްޓެމުން ކާޝިފް ހަޅޭއްލަވައިގަތެވެ. ދެން ވެސް ނީލޯފަރު ހަމަ ހުރީ ހުރި ގޮތަށް އަނގައިން ނުބުނެއެވެ. އިސްޖަހައިގެން ފައިވާން ބޭލުމަށްފަހު ހުސްފައިގައި ހުއްޓިގެން ހުރެ ފައިގެ ބޮޑު އިނގިލިން ބިންމަތި ކޮއްޓަމުން ދިޔަ ނީލޯފަރަށް އަޑެއް ނީވޭކަހަލައެވެ.

"އޭތް....މިހިރަ ނުލަފާ އަންހެންކުއްޖާ....ކަލޭގެ ދެލޯ އަނދިރިގޮތަށް ކަންފަތްވެސް ބީރުވީތަ؟"

މިއީ ކާޝިފުގެ ނުފެންނަ ފަރާތެވެ. ކޮންޓްރޯލް ނުކުރެވޭ މި ރުޅިއާއި އޭނާގެ އަދަބެއް ނެތް ބަސްމޮށުންތެރިކަން އެއީ އޭނާގެ ގާތްމީހުންނާއި އާއިލާއަށް ނުފެންނަ ފަރާތެވެ. ކާޝިފުގެ އަދަބުވެރިކަމާއި ވާހަކަދެއްކުމުގައި ހުންނަ އަޅައިގަންނަ ގޮތާއި ބަސްމޮށުންތެރިކަމުގެ ފުރިހަމަކަމާއި އަހުލާގުގެ ރަނގަޅުވާހަކަ އެންމެންވެސް ދަނެއެވެ. އެކަމަކު މިއީ އެމީހުންނަށް ނޭނގޭ ކާޝިފެކެވެ. ތެދަށް ބުނަންޏާ މި ކާޝިފު ކަފުންކޮށް ވަޅުލިތާ ދެއަހަރުވެސް ވެއްޖެއެވެ. އެހެންނަމަވެސް ... މިފަދަ ވަގުތުތަކުގައި ކަފުން ފަޅާލާފައިވެސް އެ ހަރުކަށި ކާޝިފު ވުޖޫދަށް އާދެއެވެ.

"އޭތް...ކަލެއަށް އަޑު ނީވެނީހޭ...ދެލޮލަށް ނުފެންނަ، ދެކަންފަތް ބީރު، މިހާރު ވާހަކަވެސް ނުދެއްކާ މަނަކަށްވީތަ؟ މަ މިއަހަނީ ކަލޭ މަށަށް ތުރާ ޖައްސަނީ ކޯޗެއް ހޯދަން ކަމަށްހޭ...ކަލޭ ޖެހޭނީ މިއަދު ބުނަން...ޖަވާބެއް ދޭން....އެހެންނޫނި އަހަރެން ގެ އަތް ވަރަށް ދިގުވެދާނެ...."

ނީލޯފަރު އިސްއުފުލާލިއެވެ. ހަމަ ސީދާ ބަލާލީ ކާޝިފުގެ ލޮލަށްހެން ކާޝިފަށް ހީވިއެވެ. އެހެންނަމަވެސް ލޮލަށް ނުފެންނަ އަންހެންކުއްޖަކު އެހެން ބަލާނީ ކިހިނެއް ހެއްޔެވެ.

"ފާޑަކަށް ލޯ ނާޅާ...." ކާޝިފު އިތުރަށް ނީލޯފަރާ ގާތަށް ފިޔަވަޅެއް އަޅާލިއެވެ. އެކަން ނީލޯފަރަށް އިހުސާސްވީކަމަށްވެސް ވެދާނެއެވެ. އެހެންނަމަވެސް އެމޫނު މައްޗަކުން އެއްވެސް ޖެހިލުންވުމެއްގެ އަސަރެއް ނުފެނެއެވެ.

"ކަލޭ ބޭނުންވާ އެއްޗެއް ބުނެބަލަ...އޭރަށް އެއެއްޗެއް ދީފަވެސް އަހަރެންގެ މަގުން ކަލޭ ފައްސާލަން ބޭނުމޭ..." ކާޝިފްގެ އަޑު ހީވަނީ ފަޅަފަޅައިގެން ހިނގައިދާނެހެނެވެ.

"...އަ..." އެވަގުތު ނީލޯފަރުގެ ތުންފަތް ތެޅިލިއެވެ. ކާޝިފުގެ ހަރުކަށިކަން ފަޅިސިކުންތައް ނަމަވެސް ފިނިވެގެން ދިޔަކަހަލައެވެ. މިއީ ކާކުބާވައެވެ.

"އައަަބަަވައެއް ނޫން...ކަލޭ ހޯދަން ތިއުޅޭ އެއްޗެއް ބުނެބަލަ....މަށަށް ތުރާ ކުރަނީ ކޯޗެއް ހޯދަން ކަމަށްހޭ....؟" ކާޝިފު ފަހު ބަސްތަކަށް ބާރުލަމުން ބުންޏެވެ.

"މަންމަ....."

ނީލޯފަރުގެ އަޑު ފަޅައިގެންދިޔަ ގުގުރިއެއް ފަދައެވެ. އެ ބާރު ހަޅޭކުގެ އަޑު ކާޝިފުގެ ކަންފަތް ބައްކޮށްލިކަހަލައެވެ. އޭނާގެ ދެލޯ ބޮޑުވެއްޖެއެވެ. ވިއްސާރަވާން ތައްޔާރުވެފައި އޮތް ނުހަނު ފިނފިނި މާހައުލުގައިވެސް ކާޝިފުގެ ނިއްކުރިމަތިން ދާތިކިތައް ފާޅުވެއްޖެއެވެ. މުޅިމީހާ ރޫރޫ އަޅައިގަތް ކަހަލައެވެ. ފަހަތަށް އެއް ފިޔަވަޅު ދެފިޔަވަޅު އަދި ދެން ފަހަތަށް ޖެހެމުން ގޮސް ސައިކަލުގައި ކާޝިފްގެ ފައި ޖެހިއްޖެއެވެ.

"މަންމަ.....ބޭނުންވަނީ މަންމަ....ދެވޭނެތަ...؟ ދެވޭނެހޭ؟...؟"

ކާޝިފް ސައިކަލަށް އަރާ ސްޓާޓް ކުރެވޭތޯ ތެޅިގަތެވެ. އޭނާއަށް ބިރެއް ފެނުނު ކަހަލައެވެ. ނީލޯފަރުގެ މޫނުން އޭނާއަށް ފިތްކަނޑައިގެންދާކަހަލަ ބިރެއް ފެނުނުކަހަލައެވެ. ނީލޯފަރުގެ ބާރު އަޑުން އެގޮވަމުން ދިޔަ ބަސްތައް ހޮނުގުގުރިއެއްހެން ކާޝިފުގެ ކަންފަތަށް ވިރިގެން ފައިބައިގެންދިޔަފަދައެވެ. އެ ލަފުޒު ކާޝިފުގެ ކަންފަތާއި ސިކުނޑީގައި ބިރުވެރި ރަނގަބީލެއް ހެން ޖެހެނީއެވެ.

"މަންމަ....ބޭނުން ވަނީ މަންމަ، ދެވޭނެހޭ....؟ މަންމަ....މަންމަ...."

ނީލޯފަރުގެ އަޑު ފަޒާގެ ތެރެއަށް އަރައިގެން ދިޔައެވެ. މުޅި ހިސާބުގައި ގުގުމަމުން ދިޔައެވެ. އެއަޑު ތަކުރާރު ވަމުން ދަނީއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟