Close
ވާހަކަ

ދީވާނާ ހިތް - 57

5

"ޒާން... އަހަރެމެން މިއީ މޮޔައިންނެއް ނޫނޭ. މެރީކުރެވެންދެން ތި ދެމީހުންނަށް ބައްދަލުކޮށް ނުހެދޭނެ އިނގޭ" ޔަލާ ބުންޏެވެ.

"ވަޓް؟؟ ރަންކިޔައިފިއެއްނު. މިހާރު އެއްބައި މިލްކުވާނެއްނު..." ނަޒާން ބުންޏެވެ. ހިނިއައިވަރުން މަންޝާ އަނގަމަތީގައި އަތްއެޅިއެވެ.

****

ދުވާލުގެ އެންމެ ހޫނުގަދަ ވަގުތެވެ. އަމިއްލަ ކަމެއްގައި ބޭރުގައި އުޅެފައި އޮފީހަށްދާން ނައްޓާލި ވަގުތު މަގުމަތިން އެކުވެރިއަކާ ނަޒާން ދިމާވިއެވެ. ރަސްމީ ގަޑި ނިމެން މާގިނަ ވަގުތެއް ނެތެވެ. ދުވަސްތަކަކަށްފަހު އެކުވެރިޔާ ކަމަކަށް އެދުމުން ނޫނެކޭ ބުނަން ނަޒާނަށް ނުކެރުނެވެ.

"ކޮބާ ސައިކު؟ މަގޭ ހިތަށްވެސް އަރައިފިއޭ ހިނގާފަ ދާތަން ފެނުނީމަ" ނަޒާން ބުންޏެވެ.

"ހަން ފަޅައިގެން ގޮސްގެން ގަރާޖަށްލާފަ. ހިނގާބަލަ ކޯޓު ކައިރިއަށް. މުއްދަތަށް އިރުކޮޅަކުން ވަންނަންޖެހޭ"

ޖަވާދު ގޮވައިގެން ނަޒާން ނައްޓާލީ ކޯޓާ ދިމާލަށެވެ. އެހިސާބަށް ދެވެންދެން ދެ އެކުވެރިން އެކި ވާހަކަތައް ދެއްކިއެވެ. ކޯޓު ކައިރިއަށް ސައިކަލު މަޑުކޮށްލުމާއެކު ޖަވާދު ފޭބިއެވެ. ނަޒާން ނައްޓާލަން އުޅެނިކޮށް މަޑުކޮށްލީ ކޯޓު ކައިރިން އޭނާ ދެކެފަރިތަ މޫނެއް ފެނިގެންނެވެ. އެއީ ސިޔާދެވެ. އެތައް ފަހަރަކު އޮފީސް މަސައްކަތްތަކުގައި ނަޒާނާ ދިމާވެފަ ވާހަކަދެއްކިފައި ހުރި ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލެކެވެ. ސިޔާދު ވާހަކަދައްކަން ފެށުމުން ނަޒާނަށް ދާކަށް ނުކެރުނެވެ.

"މިއުޅެނީ ޝައިހާނުގެ ކޭސްގަ. އެނގޭ ދޯ. އަހަރެން ކިއިން ކަލޭ ދީފަ އޮތް ބަޔާން" ސިޔާދު ބުންޏެވެ.

ނަޒާން ހައިރާންވިއެވެ. ޝައިހާނުގެ ވަކީލަކީ ސިޔާދު ހެއްޔެވެ؟ އެހެންވިއްޔާ ޝައިހާން ސަލާމަތްވުމަކީ ގާތްކަމެކެވެ. ކުށްވެރިޔާއަކީ ކިތަންމެ ނުބައި ހަދާފައިވާ މީހެއްކަން އެނގޭހާ ގިނަ ހެކިތަކެއް ދިމާލަށް ފެންނަން އޮތަސް ސިޔާދު މަސައްކަތް ކުރަނީ އޭނާގެ ކޮޅަށް މައްސަލަ ނިންމުމަށެވެ. އެހެން ހުރިހާ އެއްޗަކަށް ވުރެ ބޮޑަށް އޭނާއަށް މުހިންމީ ފައިސާކޮޅެވެ.

"އަހަރެންގެ ބަޔާނުގައި ދޮގެއް ބުނެފައެއް ނޯންނާނެ... އެހެންނޫނަސް އަހަރެން ހީކުރީ ސިޔާދު މިހާރު ކުރިއަށް ވުރެ ޒިންމާދާރުވާނެ ކަމަށް. ތިކަހަލަ ތާކުންތާކު ނުޖެހޭ ކޭސްއެއް ނޫނީ ނުލިބެނީތަ؟؟" ނަޒާން ބުންޏެވެ.

"ލިބޭ. އެކަމަކު ލައްކައިން ހުށަހެޅީމަ ނޫނެކޭ ނުބުނާނެއްނު. ހަތަރު އަނބިން އެބަތިއްބޭ. ލާރި އޮވެގެންތާ ހަތަރު އަނބިން ގެންގުޅެވޭނީ" ނަޒާންގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ.

"މިހާރު އަޑުއެހުން އޮތީމަ ދޯ އައިސް ތިއުޅެނީ. ޝައިހާނާ ބައްދަލުކޮށްލާހިއްވޭ. އެކަމަކު ވަގުތެއް ނެތް. އަހަރެންގެ މެސެޖެއް ޝައިހާނަށް ރައްދުކޮށްދީފާނަން. މާދަމާ ރޭ އަހަރެމެންގެ ކައިވެނި އޮތީ ދިގަލި ރިސޯޓްގަ... އަލްހަމްދުލިއްލާހް... މަންޝާ އޭ ބުނީމަ މިހާރު ސިޔާދަށް އެނގޭނެ އެއީ ކާކުކަން.... އޭ.. ހުރެވޭކަށްނެތޭ...ދަނީ އިނގޭ"

ނަޒާން ލޯމަތިން ގޮސް އޮބާލަންދެން ސިޔާދު ބަލަހައްޓައިގެން ހުއްޓެވެ. ޖީބުން ނެގި ސިނގިރެޓް ފޮށިން ސިނގެރެޓެއް ރޯކޮށްލައިގެން ސިޔާދު މަގުގެ އެއްފަރާތަށް ޖެހުނެވެ. ގޯސް ހަދާފައިވަނީ ޝައިހާނެވެ. ނަޒާންގެވެސް މަންޝާގެވެސް ކުށުގެ ވެށީގައި ހުރި އަންހެންކުއްޖާގެ އެއްވެސް ކުށެއް ނެތެވެ. އޭނާ މަސައްކަތް ކޮށްފިއްޔާ ޝައިހާނު ދުވަހަކުވެސް ޖަލުން ސަލާމަތް ނުވާނެވަރު ކުރެވޭނެއެވެ. އެހެން ނަމަވެސް މައްސަލަ ޝަރީއަތަށް ފޮނުވުމުގެ މާކުރިންވެސް އޭނާއަށް އެތައް ފައިސާއެއް ލިބިއްޖެއެވެ.

****

އަރައިގެން ހުރި ކްރީމް ކުލައިގެ ސްޓާކީން ތެމިލާ ވަރަށް މޫދުގައި ހުރެފައި މަންޝާ ފަހަތް ބަލައިލިއެވެ. ހުދުކުލައިގެ ދޮންވެލި ފަސްގަނޑުމަތީގައި މަންޝާގެ ފަރި ހަރަކާތްތަކަށް ނަޒަރު ދޫކޮށްލައިގެން ނަޒާން އިނެވެ. އޭނާ ލައިގެން އިން ޖީންސު ތަނބިކަށިން މައްޗަށް ހިއްލާލާފައި ހުރި އިރު ލައިގެން އިނީ ހުދު ކުލައިގެ އަތްދިގު ގަމީހެކެވެ.

"ހާދަ ވަރަކަށޭ ތިބަލަނީ" ނަޒާން ބުންޏެވެ.

"ބަލާނެއްނު. އަހަރެންގެ ހިޔަނި ވިއްޔާ... ޒާން ތިހެން އުޅެއުޅެފަ މެރީކުރީމަ ބޭނުމެއް ނުވާނެ އަނބިމީހާ ފެންނަ ހިސާބަށް އަންނާކަށް" މަންޝާ ބުންޏެވެ.

"ދެން ތިއެއް އެނގޭނީ މެރީކުރީމަތާ. އަހަރެންނަކަށް ހިއެއްނުވޭ މަން ނުފެންނަ ހިސާބެއްގަ އެންމެ ސިކުންތަކަށްވެސް އަހަރެންނަށް ކެތްވާނެހެންނެއް" ނަޒާން ބުންޏެވެ.

ވާހަކަދައްކަމުން އައިސް ނަޒާން ކައިރީގައި މަންޝާ އިށީނެވެ. ނަޒާންގެ ކޮނޑުގައި ބޯއެޅުމަށްފަހު ދެ ލޯބިވެރިންގެ އިނގިލިތައް އެކަކު އަނެކަކުގެ އިނގިލިތަކާ މަހާލިއެވެ. ހިތްގައިމު ދުވަހެއްގެ ހިތްގައިމު ވަގުތެވެ. މޫސުމަށް އައިސްފައިވާ ބަދަލާ ގުޅިގެން މާބޮޑު އަތްވެއްވެސް ދިއްލާފައެއް ނެތެވެ. ކަނޑުން ނަގައިގެން އަންނަ ހިމޭން ވައިރޯޅި އެއްވެސް ހުރަހެއް ނެތި ބީހިލަނީ ދެ ލޯބިވެރިންގެ މޫނުގައެވެ. އެ ހިތްގައިމު ދުވަހުގެ އުފާވެރިކަން އެ ހިސާބުން ހޯދަމުން ދިޔައީ ހަމައެކަނި ނަޒާނާއި މަންޝާއެއް ނޫނެވެ. ފަތުރުވެރިން އެކިދިމާލުގައި ހަރަކާތްތެރިވަމުން ދިޔައެވެ.

"ކޮބާ މިރޭގެ ޕްލޭނަކީ؟" މަންޝާ އެހިއެވެ.

"ޕްލޭން އެނގޭނީ މިރޭ. މަން، އަހަރެންނަށް ގަބޫލެއްވެސް ނުކުރެވޭ. އަހަރެންނަށް މަން ލިބެނީތަ؟"

"ނޫން. އަދި ނުލިބޭ. އަދި ވަގުތު އެބައޮތް... ދެން ހިނގާދާން. މިހާރު މަންމަ ހޯދާނެ"

****

އިރުގެ އަލިކަން ފިލައި ދުނިޔެ މައްޗަށް އަނދިރިކަން ވެރިވެއްޖެއެވެ. އެހެންނަމަވެސް ހަމަ ވަރަށް ކުޑަކުޑަ ވަގުތުކޮޅަކަށެވެ. ސާދަވިލޭރޭގެ ބުރުހަމަ ހަނދުގެ އަލިކަން މުޅި ސަރަހައްދަށް ވަނީ ފޯރައިފައެވެ. ހަނދުވަރުގެ ރިހި އަލި މޫދަށް އެޅިފައި އޮތުމުން އަޖައިބެއް ކަހަލަ ފަރިކަމެއް ހުއްޓެވެ. ކައިވެންޏަށް ތައްޔާރުކޮށްފައިވަނީ އަތިރި މައްޗެވެ. ލުއި މިޔުޒެއްގެ އަޑު އިވިއިވި ހުއްޓެވެ. ނިވިދިއްލޭ އެކި ކުލަކުލައިގެ ބޮކިތަކުން މުޅި ރަށް ވަނީ ޖަރީކޮށްފައެވެ. އެކި މީހުން ކޮޅުކޮޅަށް ހަރަކާތްތެރިވަމުންދާތަން ފެނިފެނި ހުއްޓެވެ. ކައިވެންޏަށް ތައްޔާރުކޮށްފައިވާ މޭޒުމަތީގައި ހުރި ހުދާއި ރަތްކުލައިގެ ފިނިފެންމާތަކުގެ މީރު ވަސް މުޅި ސަރަހައްދުގައި ވަނީ ހިފާލައިފައެވެ.

"އެންމެން ތައްޔާރުވެއްޖެތަ؟ އަހަރެން ބޭނުމެއް ނޫން އެއްވެސް މީހަކު ކައިވެނިކުރާ ގަޑީގަ ދުރުގައި ހުންނާކަށް"

އާމިރު ވާހަކަދެއްކީ ކޮޓަރިން ނުކުތް މާޝިތާއާއެވެ. މާޝިތާ ހުރީ ނަމާދު ބުރުގާ އާ އެކުގައެވެ.

"އެތެރޭގަ ހުރިހާ ކުދީން ތައްޔާރުވަނީ. އާމިރު ކޮންތާކަށް ތިދަނީ؟"

"އަހަރެން މިދަނީ ކޯޓުން އައި ބޭފުޅުންނާ ހަވާލުވާން. މާޝީ އަވަސްކޮށް އަވަހަށް ނުކުމޭ... ނަޒާނާއެކު ހުރީ ކާކުތަ؟" އާމިރު އެހިއެވެ.

"ނަވާލް އެބައުޅޭ. ދެން މިދަނި އިނގޭ"

****

ތައްޔާރުވެގެން ގޮސް ނަޒާން އެންމެ ފުރަތަމަވެސް ހުއްޓުނީ ބޭރުގައި ޖޯލިފަތީގައި އިން މާޝިތާގެ ކުރިމަތީގައެވެ. އޭނާގެ ހަޔާތަށް އަންނަ އެންމެ އުފާވެރި ރެއެވެ. ޝައްކެއްވެސް ނެތް ގޮތުގައި އެފަދަ އުފާވެރިކަމެއް އޭނާއަށް ލިބެން އުޅެނީ އެ ނިޔަނެތި މައިމީހާގެ ހެޔޮ ދުއާގެ ސަބަބުންނެވެ. މާޝިތާގެ ދެއަތުގައި ނަޒާން ހިފިއެވެ. އޭނާ އެ ބެލުމުގައިވީ މާޝިތާއަށް ޝުކުރުވެރިވާ ފަދަ އަސަރުތަކެކެވެ. ހިތަށް ލިބުނު ހިތްހަމަ ޖެހުމެއްގެ ބޮޑުކަމުން މާޝިތާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ނަވާލްގެ ކައިވެނިވި ރޭގައި މާޝިތާއަށް ކުރެވުނު އިހުސާސާއި މިހާރު ކުރެވޭ އިހުސާސް ހާސްބައި ތަފާތެވެ. ވެދާނެއެވެ. ލޯބި ހާސިލް ކުރަން ދޮށީ ދަރިފުޅު އުޅުނު ހާލު އެންމެ ކައިރިން ދުށީ އޭނާއެވެ. އެ ލޯބި ނާކާމިޔާބުވުމުގެ ސަބަބުން އެ ދަރިފުޅު ލޮލުން އޮހޮރި ކަރުނަތަކާއި ކުރި ހިތާމަތަކާއި އެދަރިފުޅުގެ މިޒާޖަށް އައި ބަދަލުތައްވެސް އެންމެ ކައިރިން ދުށީވެސް އޭނައެވެ. ނަވާލް ކުރީ ދެފަރާތުގެ އާއިލާ އިން ހަމަޖެއްސި ކައިވެންޏެކެވެ. ނަޒާންގެ ކައިވެނި އެކުރަނީ އޭނާ އިންތިހާއަށް ލޯބިވާ އަންހެންކުއްޖާއާއެވެ. ހިތްވަރުގަދަ ކުއްޖެކެވެ. އެހިސާބަށް ދިރިއުޅުން ގެންނަން އެތައް ކަނޑެއްގައި އެކުއްޖާ ފަތައިފިއެވެ.

"މާޝާﷲ. މިރޭ ޒާން ހާދަ ރިއްޗޭ" މާޝިތާ ބުންޏެވެ.

ތެދެކެވެ. ނަޒާން އެތައް ގޮތަކުން ތަފާތެވެ. އެންމެ ބޮޑު ތަފާތަކީ އޭނާގެ ތުންފަތްމަތިން ނުފިލާ ހުރި ހިނިތުންވުމެވެ. ރެއަށް ހާއްސަކޮށްފައިވާ ގުޗީ ބްރޭންޑްގެ ރިހި ކުލައިގެ ޓަކްސީޑޯގައި ނަޒާން ފެންނަ ގޮތް ވަރަށް ރީއްޗެވެ. ތުނިތުނިކޮށް ހުރި ތުނބުޅި މަތިމަހާ އެކު ނަޒާންގެ މޫނު ވަރަށް ސާފެވެ. ހިނިތުންވެލާ އިރު ނަޒާންގެ އެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ކައިވެނިކުރާ މޭޒު ކައިރިއަށް ދިޔުމުގެ ކުރިން އޭނާގެ ދެލޯ ހުރިހާ ދިމާލެއް ހޯދާލިއެވެ. އޭނާގެ ހިތުގެ ތެޅުން ހުރީ އަވަސްވެފައެވެ. ދެލޯ ނޭދި އެދޭ ހިތުގެ ރާނީ ކައިވެނި ހެދުމުގައި ފެންނާނީ ކިހާ އަވަހަކަށް ހެއްޔެވެ؟ ވަގުތު ކުޑަތަންވެއްޖެއެވެ.

"އިރުކޮޅަކުން އެބައާދޭ. އަންހެންކުދިންނަކީ އެހާ އަވަހަށް ތައްޔާރުވެވޭ ބައެއް ނޫނެއްނު"

ނަޒާން ހިތުގައިވާ އެއްޗެއް ނިކަން ފަސޭހައިން މާޝިތާ ދެނެގަނެއްޖެއެވެ.

މާގިނަ އިރެއް ނުވެއެވެ. ކައިވެނިކުރާ މޭޒު ކައިރިއަށް ކައިވެނިވެވޭ އަންހެންކުއްޖާ އަދި ފިރިހެންކުއްޖާ ނޫން ކައިވެނީގެ މަޖިލީހުގައި ތިބެންޖެހޭ ހުރިހާ މީހުން ޖަމާވެއްޖެއެވެ. މަންޝާ ނުފެންނަނިސް އިށިންނަން ބޭނުންނުވެފައި ނަޒާން ހުއްޓެވެ.

"ސާބަހޭ ދޮންބޭ. އެހެރަ އަންނަނީ މަންޝާ ދައްތަ" ނާޔާ އިނގިލި ދިއްކޮށްލި ދިމާލަށް ނަޒާން ބަލައިލިއެވެ.

އެހާ ދުރުންވެސް މަންޝާގެ ނަޒަރު ނަޒާނަށް އަމާޒުވެއްޖެއެވެ. ހެޔޮވަރު ވަރަކަށް ޖެހެމުންދިޔަ ވައިރޯޅީގެ އަޑު ނޫން އެހެން އެއްވެސް އަޑެއް ވާން އުޅޭ ދެމަފިރިންނަށް އިހުސާސެއް ނުވެއެވެ. މަންޝާ ކައިރިއަށް ހުއްޓުމުން ނަޒާން ހިތާހިތުން ތައުރީފްކޮށްލިއެވެ. ކޮންފަދަ ފުރިހަމަ ކަމެއް ހެއްޔެވެ؟ ހީވީ ސާދަވިލޭރޭގެ ހަނދު ބިމުން ފާޅުވިހެންނެވެ. ނަޒާނާ އެއްކުލައިން ރިހިކުލައިގެ މާމެއިޑް ވެޑިން ޑްރެސްގައި މަންޝާގެ ރީތިކަން އިންތިހާއެވެ. ހެދުމުގެ އުނގަނޑާ ހަމައިން ތިރިއަށް ދޫކޮށްލާފައިވާ ރިހިކުލައިގެ ލޭސްގަނޑެއް އޮތް އިރު ލޭސްގަނޑުގެ އެންމެ ތިރިން ހަމަ އެކުލައިގެ މާތަކެއް ޖަހާފައި ހުއްޓެވެ. ބުރުގަލާއެކު ފަހަތަށް ދޫކޮށްލާފައިވާ ބައި ބިމުގައި ނުޖެހޭނެހެން ހަމްރާ ހިފައިގެން ހުއްޓެވެ. އެކަކު އަނެކަކަށް ބަލަހައްޓައިގެން ނަޒާނާއި މަންޝާ ތިބި އިރު އެ މަންޒަރު ފެނުނު ކޮންމެ މީހަކު ދެ ޒުވާނުންނަށް ހެޔޮ ދުއާކޮށްލިއެވެ. އެކަކު އަނެކަކަށްޓަކައި ދުނިޔެއަށް އައިސް ތިބި ދެމީހުން ފަދައެވެ. ނާޔާ އަތުގައި އޮތް ކެމެރާ އިން އެމަންޒަރުތަކުގެ ވީޑިޔޯ ނަގަމުން ދިޔައެވެ.

"ސާބަހޭ.... ދެން ނެތޭ މާގިނަ އިރެއް. ސެޓްފިކެޓާ ހަވާލުވެފަ ދެމަފިރިކަނބަލުން ކޮޓަރިއަށް ދިޔަސް އަހަރެމެން މަޖާނަގާނަމޭ މިތާ ތިބެ"

ހަމްރާ ބުނި އެއްޗެއް ބުނީ މަންޝާގެ ކަންފަތް ކައިރިގައެވެ. އެހިނދު ހީލާފައި މަންޝާ އިސްޖަހާލިއެވެ.

"ހިނގާ ދާން ދޮންބެދައްތާ. ދެން މިހާރު ދޮންބެދައްތަ ކިޔަސް ރަނގަޅުވާނެއްނު. ނޫންތަ މަންމާ" ނާޔާ ބުންޏެވެ.

ނަޒާން ދިއްކޮށްލި އަތުގައި މަންޝާ ހިފިއެވެ. މޭޒާ ހަމައަށް ދެވެންދެން ދެ ޒުވާނުންގެ އަތްތިލަ ހުރީ ގުޅުވާލައިފައެވެ. ދެކުދީން މޭޒުކައިރީގައި އިށީނުމާއެކު ވަކިން އެންމެންގެ ނަން ކިޔާލާފައި އެންމެން ތިބީ ހަމައަށްތޯ ކޯޓު މުވައްޒަފު ބެލިއެވެ. ކައިވެނީގެ މަޖިލިސް ފެށީ ދެނެވެ. ކުއްލިއަކަށް މަންޝާ ބަލައިލީ އުނގުމަތީގައި އޮތް އޭނާގެ އަތުގައި ނަޒާން ހިފެހެއްޓުމުންނެވެ. އެހިނދުކޮޅަށްވެސް މަންޝާގެ އަތުން ނަޒާން ދޫކޮށްލަން ބޭނުން ނުވިއެވެ. އެވަގުތުކޮޅަކީ، އެ ހިނގާ ކަމަކީ އޭނާގެ ހަޔާތުގައި އަންނާނެ އެންމެ އުފާވެރި އަދި ދުވަހަކުވެސް އޭނާގެ ހިތުން ފިލައިގެން ނުދާނެ ވަގުތުކޮޅެކެވެ. ފިރިހެނަކަށް ވިޔަސް އޭނާގެ ހިތުގެ ހިނގުން ހުރީ އަވަސްވެފައެވެ. އެ އުފާވެރި ރޭގެ އޭނާ އެންމެ އިންތިޒާރު ކުރި ވަގުތުކޮޅު ޖެހިއްޖެއެވެ.

"އަނބި ގަބޫލުކޮށްފިން"

އެހިނދު މަންޝާގެ އަތްތިލައަށް ނަޒާން ބާރުކޮށްލިއެވެ. މަންޝާ ދެލޯ މަރައިގެން އިންކަން އެނގުނީ އެވަގުތު މަންޝާގެ މޫނަށް ނަޒާން ބަލައިލުމުންނެވެ.

"ހާއި ވައިފީ..."

މަންޝާ ދެލޯ ހުޅުވާލީ ނަޒާންގެ އަޑަށެވެ. ދެން ލޯބިން ނަޒާންގެ މޫނަށް ބަލައިލިއެވެ.

ނަޒާންގެ ހިތުގެ ތެޅުން މަޑުވެލި ވަގުތުކޮޅެކެވެ. ހަމަޖެހުމުގެ ނޭވައެއް ލެވިއްޖެއެވެ. މުޅި އުމުރަށް އޭނާގެ މިލްކަކަށް މަންޝާ ވެއްޖެއެވެ. ނަޒާންގެ ދެލޮލުން ކަރުނައެއް ރޮނގަކަށް ފައިބައިގެން ދިޔައެވެ. އުފާވެރިކަމުގެ ހެއްކެކެވެ. މަންޝާ ނަޒާންގެ މޫނަށް ބަލަހައްޓައިގެން އިނެވެ. އޭނާ ހެއްދެވިފަރާތަށް ހިތާހިތުން ހަމްދުކުރިއެވެ. އޭނާގެ ސަބަބުން ނަޒާންގެ ހިތަށް އިންތިހާ ދަރަޖައިގެ އުފާވެރިކަމެއް ދެވުމުން ހިތަށް ހިތްހަމަޖެހުން ލިބިއްޖެއެވެ.

ކައިވެނިކޮށް ނިމުމާއެކު ހުރިހާ މީހުން ކޮޅަށް ތެދުވެ ކޯޓުގެ އިސްވެރިންނާ ސަލާމްކުރިއެވެ. މިހާދާއި އާމިރު އިސްވެ ހުރެ ކައިވެނިކޮށްދިން މީހުން ގޮވައިގެން ޖާފަތާ ދިމާލަށް ދިޔައެވެ. ވަލީމާގެ ކަންކަން ފެށުނީ ދެނެވެ. ދެފަރާތުގެ ބައްޕައިން ނޫނީ ހުރިހާ މީހުން އަދިވެސް ތިބީ ނަޒާނާއި މަންޝާ ކައިރީގައެވެ. ނަޒާން މަންޝާގެ ނިތުގައި ބޮސްދިނެވެ. ޖީބުން ނެގި މަހްމާ ފޮށި ހުޅުވާލާފައި ރޯސް ގޯލްޑް ކުލައިގެ ހިމަ އަނގޮޓި މަންޝާގެ ވައަތުގެ ކަށި އިނގިލީގައި އެޅުވިއެވެ. މަންޝާވެސް ނަޒާންގެ އިނގިލީގައި ކައިވެނީގެ ހަދިޔާ އެޅުވިއެވެ. ރިހިކުލައިގެ ވަރުގަދަ އަނގޮޓިއެކެވެ. އަނގޮޓީގެ އެތެރެފުށުގައި ދެމަފިރިންގެ ނަން ޖަހާފައި ހުއްޓެވެ.

ދައުވަތު އަރުވައިގެން އައި މީހުން ޕާޓީއަށް ޖަމާވާން ފެށުމާ އެކު މުޅި ތަން ހަލަބޮލި ވިއެވެ. މިހާދާއި އާމިރުގެ އެކުވެރިންނާއި ދެފަރާތުގެ އާއިލާގެ ކޮންމެ މީހެއްގެ އެކުވެރިންނާއި އެކުވެރިންގެ އެކުވެރިންނާއި ދަރީންނެވެ.

މަންޝާގެ ތުންފަތްމަތިން އެންމެ ހިނދުކޮޅަކަށްވެސް ހިނިތުންވުން ފިލައިގެން ނުދެއެވެ. އެންމެ ބޮޑު ހިތްހަމަ ޖެހުމެއް އޭނާއަށް ލިބުނީ އަގުލީމާއާ އެކު އައިސް ކައިރީގައި ހުއްޓުނު ސަމާހާ ފެނިފައެވެ. ސަމާހާ ހިނގާ އިރު މީގެކުރިން އަސައެއްގެ އެހީ ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް މިހާރު ސަމާހާ ކޮޅަށް ހުރީ އަސައެއްގެ އެހީގައެވެ. މަންޝާގެ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ރޮވުނެވެ. ސަމާހާއަށްވެސްވީ އެވަރެވެ. އަމިއްލަ ދަރިއެއް ފަދައިން އޭނާގެ މޭގައި މަންޝާ ޖައްސައިލިއެވެ.

"ދަރިފުޅާ. މި މަންމައަށް ކުށެއް ކުރެވިފައިވާނަމަ ހިތްހެޔޮކޮށް މި މަންމައަށް މައާފުކޮށްދޭތި އިނގޭ... މަންމަ ދަރިފުޅުދެކެ ވަރަށް ލޯބިވޭ. ޅީ ދަރިއެއްގެ ލޯބި ދަރިފުޅު އަތުން ލިބުމުގެ ނަސީބެއް މި މަންމައަށް ނުލިބުނު"

މަންޝާގެ ބޮލުގައި ފިރުމަމުން ސަމާހާ ވާހަކަދެއްކިއެވެ. މަންޝާއަށް ރޮވިއްޖެއެވެ. އޭނާ ސަމާހާގެ ގައިގައި ބައްދާލިއެވެ.

"އަޅުގަނޑު ހިތުގައި މަންމައާ މެދު އެއްވެސް ޝަކުވާއެއް ކިލަނބުކަމެއް ނެތް. އަޅުގަނޑު އެދެނީ މަންމައަށް ވަރަށް ހެޔޮ ދުވަސްތަކަކަށް... މަންމަގެ އުމުރު ދިގުކުރައްވަވައި މަންމަގެ ބައްޔަށް ﷲ ސުބްހާނަހޫ ވަތަޢާލާގެ ހެޔޮ ރަހްމަތުން ޝިފާ ދެއްވާށި"

ސަމާހާ ތުންފިއްތާލިއެވެ. ދެލޮލުން ކަރުނަތައް އޮހޮރިގަތެވެ. މަންޝާގެ މޫނަށް ސަމާހާ ބަލަހައްޓައިގެން ހުރީ ވަދާއީ ބެލުމަކުންނެވެ. ބުނާ ކަހަލައެވެ. ތި ދަރިފުޅު މަންމައަށް ފެންނާނެ ފަހު ފަހަރަށްވެސް ވެދާނެއެވެ. މަންމަގެ އުމުރުގައި އެހާ ތަނެއް ނެތް ކަމަށް ޑޮކްޓަރުން ބުނެފިއެވެ. ޔަގީނުންވެސް ޑޮކްޓަރުންގެ އުންމީދެއް ނެތެވެ. އުންމީދު އޮތީ ހަމައެކަނި އެންމެންގެ ވެރި ރައްބަށެވެ. އެ ފަރާތް ނޫނީ ހާލިސް ހިތަކާއެކު އިތުބާރުކުރަންވީ ހަމަ އެއްވެސް ފަރާތެއް ނެތެވެ.

****

ސިކުންތަކަށްފަހު ސިކުންތެކެވެ. ސަމާހާ އާ ބައްދަލުވި ފަހުން މަންޝާ ހިނިތުންވާން ޖެހެނީ ގަދަކަމުންނެވެ. އޭނާގެ ހިތާއި ސިކުނޑިން އެ ނިކަމެތި އަންހެން މީހާ ފިލައިގެން ނުދިޔައެވެ. އެންމެފަހުން ނަޒާނަށް ޖެހުނީ މަންޝާ ގޮވައިގެން އެއްފަރާތަކަށް ޖެހިލާށެވެ.

"ކޮންތާކަށް..." މަންޝާގެ އަތުގައި ހިފައިގެން ނަޒާން ހިނގައިގަތުމުން ޔަލާ އެހިއެވެ.

"އެބަ އަންނަން"

މީހުން މަދު ހިސާބަކަށް ދެވުމާއެކު މަންޝާގެ ކުރިމަތީގައި ނަޒާން ހުއްޓުނެވެ. މަންޝާގެ މޫނުގެ ދެފަރާތުގައި ނަޒާން ހިފަހައްޓާލިއެވެ. އޭރުވެސް މަންޝާގެ ދެލޮލުން ކަރުނައިގެ އަސަރު ނަޒާނަށް ފެނުނެވެ.

"މިކަހަލަ އުފާވެރި ރެއެއްގަ މަގޭ ލޯބިވާ އަނބިމީހާގެ ދެލޮލުން ކަރުނަ ފެނުނީމަ އަހަރެން ހާދަ ދެރައެއްވެއްޖޭ" ނަޒާން ބުންޏެވެ.

މަންޝާ ނަޒާންގެ ގައިގައި ބައްދާލިއެވެ. ދެލޮލުން ފައިބަން ތައްޔާރުވެފައިވާ ކަރުނަތައް ހިންދާލިއެވެ. ނަޒާނަށްޓަކައި ނަމަވެސް އޭނާ ހުރިހާ ހިތާމަތަކެއް ހަނދާން ނަތާއްލަން ޖެހޭނެއެވެ. އެހެން ނޫނީ މުޅި ރޭގެ އުފާވެރިކަން ގެއްލިގެން ހިނގައިދާނެއެވެ.

"ސޮރީ ޒާން... އެ މަންމަ ފެނުނީމަ ހަމަ ރޮވުނީ. އެއީ އަހަރެންނަށް ހާދަ ހިމާޔަތެއްދިން މީހެކޭ. ބަލި ފައި ދަމަމުން ކިތައް ރޭ ޝައިހާނުގެ އަތްދަށުން އަހަރެން ސަލާމަތް ކުރީ. އަހަރެންނަށްޓަކައި ޝައިހާނާ އެތައް ހަނގުރާމައެއް ކުރި" މަންޝާ ބުންޏެވެ.

"އަހަރެމެން މި ވީކް ތެރެއިން ދުވަހެއްގަ ދާނީ ދޯ އެމަންމަ އާ ބައްދަލުކޮށްލަން. އައި ޕްރޮމިސް... އިނގޭ.."

މަންޝާ ހީލިއެވެ. ނަޒާން މަންޝާގެ މޫނުގައި ބޮސްދިނެވެ. ހިނިތުންވެގެން ހުންނަން މަންޝާއަށް ހަނދާންކޮށްދިނެވެ. މަންޝާގެ އުނގަނޑުގައި އަތްއަޅުވާލައިގެން ހިނގައިގަތެވެ. ދެމަފިރިން ފޭބީ އެދިމާލުން އަތިރިމައްޗަށެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟