"މިއީ ނިލޯފަރުގެ ގެތަ؟"
ކާރުން ފައިބައިގެން ގޮސް ފަހަތު ސީޓުގެ ދޮރު ހުޅުވާލާފައި ނީލޯފަރުގެ އަތުގައި ހިފައި، ކާރުން ފޭބުމަށް އެހީތެރިވަމުން ތަމަންނާ އަހާލިއެވެ. ކާރުން ފޭބި ނީލޯފަރަށް ކާޝިފު ހަމަޖެހިލާފައި ބަލާލީ ދެނެވެ. ތަމަންނާއަށް އޭނާގެ މޫނަށް އެއްވެސް ކުލަވަރެއް އެރިއަސް ނުފެންނާނެކަން ޔަގީންވުމުން ފުން ނަޒަރަކުން އެ އަޖައިބެއް ކަހަލަ އިއްތިފާގުން ބައްދަލުވި އަންހެންކުއްޖާއަކީ ކާކުކަން ދެނެގަތުމަށް ކާޝިފު މަސައްކަތް ކުރި ކަހަލައެވެ.
"ނީލޯފަރު... ނީލޯ... އެކަމަކު، އެހެންވާނީ ކިހިނެއް؟"
ތަމަންނާއަށްވުރެ އިސްކޮޅުން ހަތަރުވަރަކަށް އިންޗި ދިގު ނީލޯފަރުގެ ބޮލުގައި އޮތީ ވަރަށް ދިގު އިސްތަށިގަނޑެއްކަން އޮޅާލާފައި ޖަހާފައި ހުރި ހުޅި ބުނެދެއެވެ. ލައިގެން ހުރީ ކިތަންމެ ދާވެ ބާވެފައި އޮތް ހެދުމަކަށް ވިޔަސް އެ ހެދުމުގައި އެއްވެސް މޭކަޕެއް އަދި އެއްވެސް ގަހަނާއަކާ ނުލައިވެސް ނީލޯފަރުގެ ރީތިކަން ފަނޑެއްނުވެއެވެ. ލޮލުގެ ފެނުމުން މަހުރޫމުވެ، އެލޮލުގެ ވިދުން ކިތަންމެ ފަނޑުވެފައި ހުއްޓަސް އެދެލޮލުގެ ރީތިކަން ފާޅުވެއެވެ. ކާޝިފު ދެއަތަކަށް ބޯހޫރާލިއެވެ. މިއީ ކޮންކަހަލަ ހިޔާލުތަކެއް ހެއްޔެވެ. ދާދި ދެންމެއަކު ފެނުނު ނުދަންނަ އަންހެންކުއްޖަކާ މެދު ހިތުގައި ހާސްކަމަކާއި ނޭނގޭ ޝައުގުވެރި ކަމެއް އުފެދެންވީ ކީއްވެ ހެއްޔެވެ. ހައިރާންވެދާނެއެވެ. ލޯބިވާ އަނބިމީހާ އެހުރީ ހަމަ ދިމާ ކުރިމަތީގައެވެ. އެކަމަކު ނަޒަރު ހުއްޓެންވީ އެހެން އަންހެންކުއްޖަކާ ދިމާއަށެވެ. އެހެންވެގެން ނުވާނެއެވެ.
ބޮޑު ގޭގެ ގޯތިތެރެ ހާމައަށް ފެންނާނެހެން ގޯތީގެ ވަށައިގެން ހުރީ ކާނޭޝަން ގަސްތަކުން ފެންސު ހަދައިފައެވެ. ތަނަވަސް ގޯތިތެރޭގައި ހައްދާފައިވާ ބަގީޗާ ގަސްތަކަށް ފެންދޭން ހުރި ދެބައި އުމުރުން މައްޗަށް ގޮސްފައިވާ އަންހެން މީހާ ދޮރާށި ކުރިމައްޗަށް މަޑުކޮށްލި ކާރުން ތަމަންނާ ނީލޯފަރުގެ އަތުގައި ހިފައި އެހީވެދީގެން ބޭލިތަން ފެނުމާއެކު އަތުގައި އޮތް ފެންދޭން ގެންގުޅުނު ޖަގު އެއްލާލާފައި ދުވެފައި އަތުވެއްޖެއެވެ.
"އަސްތާ ކޮއިފުޅާ، ކޮންތާކުން މިމަންޖެ ފެނުނީ؟"
އަންހެންމީހާގެ ކަރުގައި އޮތް ވިދުންގަދަ ބޮޑު ރަންހާރާއި އަތުކުރީގައި އޮތް ރަންއުޅާބައި އަދި ލައިގެން ހުރި މޮޅުފޮތީގެ އަގުބޮޑު ޑިޒައިންކޮށްފައިވާ ހެދުމުން އޭނާގެ ހައިބަތާއި ފެންވަރު ހާމަކޮށްދެއެވެ. ކާރު ތެރޭގައި އިން ކާޝިފު ފަރުވާތެރި ނަޒަރަކުން އަންހެންމީހާއަށް އެއްފަހަރު، އަނެއްފަހަރު ނީލޯފަރަށް ބަލަމުން ދިޔައެވެ. މިއީ ކޮން ގުޅުމެއް ހުރި ބައެއްބާވައެވެ. ނީލޯފަރާ މިގެއާއި މިރަށާ ހުރީ ކޮން ގާތްކަމެއްބާވައެވެ.
"މިއީ ދައްތަގެ ދަރިފުޅުތޯ؟ މިގޭ ކުއްޖެއްތޯ...." ތަމަންނާ އަހާލިއެވެ.
"މަގޭ ކޮއިފުޅާ.... ކިހިނެއް ވެފައި ތިހިރީ... ބޯއްތަމެން މިތިބީ ކަންބޮޑުވެ ހަދާނެ ގޮތެއް ނޭނގިގެން ޕޮލިހަށް ދާންވެސް ނިންމައިގެން... ކޮންތަނަކަށް ގެއްލުނީ...." އަންހެންމީހާ ނީލޯފަރުގެ ގައިގައި ހިފަހައްޓައިގެން ހުރެ އަސަރުން ފުރިފައިވާ އަޑަކުން ވާހަކަދެއްކިއެވެ.
"ދަރިފުޅެއް ނޫން. އެކަމަކު ދަރިފުޅަކަށްވުރެ ހާއްސަކަމާއި މުހިއްމުކަން ކުޑައެއް ނޫން... ނީލޯއަކީ މިގޭގެ ދިރުން.... މިގޭގެ އަލިކަން... ނީލޯއަކީ އަހަރެންގެ ކޮއްކޮގެ ދަރިފުޅު...." އަންހެންމީހާ ކިޔައިދިނެވެ.
"ނީލޯއަށް މަގު އޮޅުނީ ކަމަށް ވާނީ..... ގެނެސްދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ...." އަންހެންމީހާ ބުނެލިއެވެ.
"އޯހް، އެހެންތޯ....." ތަމަންނާއަށް މަޑުމަޑުން ބުނެލެވުނެވެ.
"ދެން އަޅުގަނޑު ދަނީ... ވަރަށް އުފާވެއްޖެ އެހީއެއް ވެދެވުނީމަ..." ތަމަންނާ ދިޔުމުގެ ހުއްދައަކަށް އެދުނެވެ.
"ކޮންމެވެސް އެހެނެ އިރަކުން އަންނަންވާނެ..." އަންހެންމީހާ ހިނިތުންވެލަމުން ބުނެލިއެވެ.
"ހިނގާ ފެންވަރައި ހެދުން ބަދަލުކޮށްލަން...... ބޯއްތަގެ ދޮން ދޫންޏާ.... ތިހެދުންގަނޑު ހަލާކުވެ ދާވެފައި އޮއްވައި ލައިގެން ބޭރަށް ދިޔައީ ކީއްކުރަންތަ؟"
ތަމަންނާއަށް އެއަޑު އިވުނެވެ. އެކަމަކު އޭނާއަށް އެ އަންހެންކުއްޖާގެ ކަންތައްތައް ވީ ހައްލު ނުކުރެވުނު އަރަތަކަށެވެ.
"ހިނގާ ގެއަށް ދަމާ ދޯ...." ކާރަށް އަރައި އިށީންނަމުން ތަމަންނާ ބުނެލިއެވެ.
"އެއީ ކާކު؟ އަންހެންމަންޖެގެ މަންމަތަ...؟" ކާރު ސްޓާޓް ކޮށްލަމުން ކާޝިފް އަހާލިއެވެ.
"މަންމައެއް ނޫން... ބޮޑު ދައިތައެކޯ..." ތަމަންނާ ބުނެލިއެވެ. "އަހަންނަށް އެވާހަކަ ގަބޫލެއް ނުކުރެވޭ... އެހާ މުއްސަނދި އާއިލާއެއްގެ އަންހެންކުއްޖަކު އެކަހަލަ ބާވެފައި އޮތް ހެދުންގަނޑެއް ލައިގެން ހަޑިވެފައި ހުރުން ވަރަށް ދެން އެހެން ކަހަލަ...." ތަމަންނާ ވިސްނުމެއްގެ ތެރޭގައި އިނދެ ވާހަކަ ދެއްކިއެވެ.
"އެއީ މުޅި މިރަށަށްވެސް މަޝްހޫރު ގެއެއް، މުއްސަނދި ބައެއް.... އެމީހުން ރަށުގަ ނޫޅެއޭ ބުނާތީ އަޑުއިވިފައި އޮތީ..... ދޭތެރެއަކުން ޗުއްޓީ ހަދާލަން އަންނާނެ އާއިލާ އެކީގައި... އެ ގެ ބަލަހައްޓައި ކަންތައް ކުރަން ހުންނާނެ މީހެއް، އެމީހާ އާއި އެމީހާގެ އަނބިމީހާ އެގޭގައި އުޅޭނީ، ގެ ބަލަހައްޓަން ގެ ފަޅު ނުވާނެހެން ބޮކި ދިއްލައި ސާފުކޮށް ހަދާނެ އެމީހުން... އެކަމަކު މިއަދު ކުއްލިއަކަށް އެގޭ މީހުން ރަށުގައި ތިބިތަން މިފެނުނީ، އެވެސް އަހަރެމެން މިރަށު ތެރެއިން ކުރިން ނުފެންނަ އަންހެންކުއްޖަކު އެގޭ މީހަކަށް ވެފައި ހުއްޓާ...." ތަމަންނާ ދެއަތަކަށް ބޯހޫރާލާފައި ވިސްނުމެއްގެ ތެރޭގައި އިނދެގެން ވާހަކަ ދެއްކިއެވެ.
"ކަމްއޯން... ޖާނާ... އަހަރުމެންނަށް ކީއްތަ؟" ކާޝިފު ތަމަންނާގެ އަތުގައި ހިފާލާފައި ހަމަޖެހިލުމަށް އިޝާރާތްކޮށްލިއެވެ. "އެކަން އެނިމުނީއެއްނު... ހިނގާ އަވަހަށް ގެއަށް ގޮސް ކޮފީއެއް ބޯން،"
ތަމަންނާވެސް އިތުރަކަށް ދެން އެވާހަކައެއް ނުދައްކައެވެ. އެކަމަކު އެއްކަމެއް ޔަގީނެވެ. ކާޝިފާއި ތަމަންނާގެ އެއްވެސް ހަމަނުޖެހުމެއް ނެތް އޮމާން އަމާން ހާޔާތުގައި ހަލަބޮލިކަމުގެ ބާނި އުފެދިއްޖެއެވެ. ރީތި ނަލަ ނަލަ ނީލޯފަރު ނަމަކަށް ކިޔާ މިބާނި އެ ދެމަފިރިންގެ ހަޔާތަށް ގެންނާނި ކޮންފަދަ ތޫފާނެއް ކަމެއް ނޭނގެއެވެ.
*********
"ކޮފީ...؟"
ހޫނުފެނުން ފެންވަރާލައިގެން ނުކުމެ އެނދުގައި އިށީނދެ އިން ނީލޯފަރު އޭނާގެ ބޯއްތަގެ އަޑު އިވިފައި އިސްއުފުލާލިއެވެ. ދެތަށި ކޮފީ ހިފައިގެން ކޮޓަރިއަށް ވަދެގެން އައި ނަރުގިސް ނީލޯފަރު އިށީނދެ އިން އެނދު ކައިރީ ހުރި ކުޑަ މޭޒުމަތީގައި ކޮފީތަށިތައް ބެހެއްޓިއެވެ. އަދި ނީލޯފަރުގެ ގާތުގައި އިށީނދެ ހުޅި ޖަހާފައި އޮތް ނީލޯފަރުގެ އިސްތަށިގަނޑު ނިއުޅާލިއެވެ.
"މި ހަމަ މަންމަގެ އިސްތަށިގަނޑު. އެއްވެސް ތަފާތެއް ނެތް..." ނަރުގިސް އެ ދިގު ރާޅުބާނި އިސްތަށިގަނޑުގައި އަތްފުނާ އަޅަމުން ބުނެލިއެވެ. ދެވަނަ ސިކުންތުގައި މިބުނެވުނީ ކީކޭކަން ހިތަށް އަރާފައި އަވަހަށް ވާހަކަ އޮޅުވާލަން ނަރުގިސް މަސައްކަތް ކުރިއެވެ.
"މިހާރު އެހެދުންގަނޑު އެއްލާލައިފިންތަ؟ ނީލޯވެސް ކުރާ ކަންތައް، ބޮޑާހާކާފައި ކޮންމެފަދަ ކަމެއްވެސް ޖެހިލުމެއް ނުވެ ކޮށްލާނެ...."
ފިޔާތޮށިކުލައެއްގެ ހެދުމުގައި އިން ނީލޯފަރު ދެންވެސް އަނގަޔަކުން ނުބުނެއެވެ. މަޑުމަޑުން އަތްދިއްކޮށްލާފައި ކުޑަކޮށް ހޫރުވާލުމަކަށްފަހު މޭޒުމަތީގައި ހުރި ކޮފީތަށީގައި އަތް ޖެހިއްޖެއެވެ. އަވަހަށް ކޮފީ ތަށި ނަގައިގެން ތުބުގައި ޖައްސާލިއެވެ.
"ބޯއްތާ...." ކޮފީތަށިން އެތިފޮދެއް ބޯލުމުން ނީލޯފަރަށް އަނގައިން ބުނެލާނެ ހިތްވަރެއް ލިބުނު ކަހަލައެވެ.
"ކީކޭ ދަރިފުޅާ....؟" ނަރުގިސް އަނެއް ކޮފީތަށި ނަގަމުން އަހާލިއެވެ.
"އަހަރެން މަންމައާ ވައްތަރުތަ؟" ނީލޯފަރު މަޑުމަޑުން ސުވާލުކޮށްލިއެވެ.
"ހަމައެކަނި ސިފައެއް ނޫން... ނީލޯގެ އުޅުމާއި ހިޔާލުތައްވެސް އަދި ވާހަކަދެއްކުމުގެ ގޮތާއި ރާގުވެސް ހަމަ ފަރުހީން. ފަރުހީންގެ ތަތްގަނޑަކަސް ނީލޯ ފުދޭ. އުމުރުގެ ބޮޑު ތަފާތު ކަމެއް ނެތްނަމަ ދެމީހުން އޮޅޭވަރުވާނެ... ތެދަށް ބުނަންޏާ ނީލޯ ފެންނަ ކޮންމެ ފަހަރަކު އަށާރަ ނަވާރަ ވަރަކަށް އަހަރުގެ ފަރުހީން އަހަރެމެންނަށް ފެންނަ ކަހަލަ...." ނަރުގިސްގެ އަޑު ބެދިއްޖެއެވެ. އެވާހަކަ ދައްކާ ކޮންމެ ފަހަރަކު ނަރުގިސްގެ ހިތަށް ތަދުވެއެވެ. އެކަމަކު އެ ނުފިލާ ރިހުމަކީ ދުރަށް ގޮސް އެއިން ސަލާމަތްވެވެން އޮތް ރިހުމެއްވެސް ނޫނެވެ.
"މަންމަ އެގޮތަށް ދިޔައީ ކީއްވެ...؟ މަންމަ އަހަރެމެންނަށް ދޫކޮށްލާފައި ދިޔައީ ކީއްވެ؟ އަހަރެމެން އެންމެން މަންމައާ ނުލައި އުޅޭނީ ކިހިނެއް...؟" ނީލޯފަރުގެ ޝަކުވާއަކަށް ހުއްޓުމެއް ނައެވެ. ނުވެސް އަންނާނެއެވެ. ހަގީގަތް ގަބޫލު ކުރަން ނަރުގިސްފަދަ ގޭގެ ބޮޑެތި މީހުންނަކަށްވެސް ފަސޭހައެއް ނޫނެވެ. ވީއިރު ނީލޯފަރު ކުޑަކުއްޖާއަށް މިކަންތައްތައް އެހާ ފަސޭހައިން ވިސްނައި ގަނެވޭނީ ކިހިނެއް ހެއްޔެވެ.
"ފަރުހީން އަށްވުރެ ބޮޑަށް ދަރިންދެކެ ލޯބިވާ އަންހެނެއް މިއާއިލާއަކު ނެތް... އަމިއްލަ ދަރިން ކީއްކުރަން އެހެން މީހުންގެ ދަރިންނަށްވެސް ފަރުހީނަކީ ލޯބިވާ މަންމައެއް.... ނީލޯމެން ދޫކޮށްލާފައި ދާން ފަރުހީން ދުވަހަކުވެސް ބޭނުމެއް ނުވޭ... އަހަންނަށްވުރެ ބޮޑަށް ފަރުހީންގެ ހިތުގެ ހާލު އެނގޭނެ މީހަކު ނުހުންނާނެ.." ނަރުގިސް އަތުގައި ހުރި ކޮފީ ހުސްވި ޖޯޑު މޭޒު މަތީގައި ބެހެއްޓިއެވެ.
"ފަރުހީން ތެޅުނު ހާލު.. ރުއި ރުއިން.... އެތަކުލީފު، އެ ވޭން، ރިހުން، އޭނަ ކޫސްވެސް ކިޔާ ނުލައި ކެތްތެރިވި... އެކަމަކު ދެންވެސް އުފުލަން ޖެހުނީ ވޭން.... އެންމެ ކުޑަކުޑަ އުންމީދެއް ލިބުނީތީ އެއުންމީދުވެސް ޖަހައިގަތީ... ފޭރިގަތީ...." ނަރުގިސް ހިންދިރުވާލިއެވެ. އެއީ ފަސޭހަ ވާހަކަތަކެއް ނޫނެވެ. ކިތަންމެ ހަނދާނުން ފޮހެލަން މަސައްކަތް ކުރިއަސް ފޮހެލެވޭނެ ކަންތައްތަކެއްވެސް ނޫނެވެ.
"ފަރުހީން ދުވަހަކުވެސް ނުބުނޭ... އެއްވެސް ވާހަކައެއް ކިޔައިނުދޭ... އެކަމަކު ހުރިހާ މަންޒަރެއް ދާދި ގާތުން އަހަރެން ދުށިން... އޭނަގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހާސްވުމަކީ ނީލޯ..... ދެންތިބީ ފިރިހެން ކުދިން.... އެކުދިން ތިބީ ތަންދޮރު އެނގިފައި... ވިސްނޭވަރުވެފައި... އެކަމަކު އެންމެ ކުޑައީ ނީލޯ... ދަރިފުޅަށް ގެއްލުމެއް ލިބިދާނެތީ ފަރުހީން އެކަމާ ފިކުރު ނުކުރާ އެއް ދުވަސްވެސް ނުދޭ... އޭނާ ބިރުގަނޭ.... އޭނަ އުފުލިވޭން އޭނާގެ ދަރިފުޅަކު އުފުލަން އޭނަ ބޭނުމެއް ނުވޭ...."
ނަރުގިސް ނީލޯފަރުގެ އަތްތިލައިގައި ހިފައި ބާރުކޮށްލިއެވެ.
"ދަރިފުޅާ... ނީލޯ... ފަރުހީނަށްޓަކައި ހިތްވަރުގަދަ ކުއްޖަކަށް ވާން ޖެހޭނެ. ފަރުހީން ނެތަސް ދަރިފުޅު ފިނޑިވެގެނެއް ނުވާނެ..." ނީލޯފަރުގެ ލޯ ފުރިގެން އެސްފިޔަތައް ތެމެން ފެށިއެވެ. އޭނާގެ ހިތް ވަނީ ހަލާކުވެފައެވެ. މިހާ ޅައުމުރުގައި ކުރިމަތިލާން ޖެހިފައިވާ ބޮޑެތި ކަންތައްތައް ހިތަށް ސިފަ ކުރާކަށް ފަސޭހައެއް ނޫނެވެ.
"އަހަރެން ވައުދުވިން..." ނީލޯފަރު ކުރަކިވެފައިވާ އަޑަކުން ބުނެލިއެވެ.
"މަންމަ އުފުލާފައިވާ ކޮންމެ ވޭނެއް. އެއިން ކޮންމެ ތަދެއްގެ އަގު އަހަރެން ހޯދާނަން..." ނީލޯފަރުގެ އަޑުގައި ހުރީ ހަރުދަނާ ކަމެކެވެ.
"ތެދަށް ބުނަންޏާ ފަރުހީންގެ އެންމެ ބޮޑު ބަލިފަޔަކީ ދަރިފުޅު..... ދަރިފުޅަށް ބަލިވެ އިންކަން އެނގުމުންވެސް ފަރުހީން ހުރީ ދާން ތައްޔާރަށް.... އެކަމަކު..... ދަރިފުޅު ވިހެއުމަށްފަހު ފަރުހީން ހުރިހާ ކަމެއްހެން ގުރުބާންކޮށްލީ ދަރިފުޅަށްޓަކައި.... ފަރުހީންގެ ނީލޯފަރަށްޓަކައި....."
"މަންމަގެ ދޮންދޫންޏާ، މަންމަގެ ނީލޯކަނބޯ..."
ނަރުގިސްގެ ބަސްތަކާއެކު ދުރުން މާދުރުން އިވޭ އަޑުތަކެއްހެން، ފަރުހީންގެ އެ ބަސްތައް ނީލޯފަރުގެ ކަންފަތުގައި ގުގުމަން ފެށިއެވެ. ދޮޅު އަހަރު ކުރިން އެއަޑު އަބަދުގެ އަބަދަށް ހުއްޓުނުކަން ގަބޫލުކުރަން އަދިވެސް ނީލޯފަރަށް ފަސޭހައެއް ނޫނެވެ. ގަބޫލު ކުރަން ކިތަންމެ އުނދަގޫވިޔަސް އަދި ޔަގީން ކުރަން ކިތަންމެ ބޭނުން ނުވިޔަސް ފަރުހީން ދެނެއް ދުވަހަކުވެސް ނާންނާނެ ކަމަކީ ބޮޑު ހަގީގަތެކެވެ.
"ބޮޑެތި، ބިރުވެރި، ކަންތައްތައް ހަނދާން ނައްތާލާފައި އާ ގޮތަކަށް އާ ވައްތަރަކަށް ދިރިއުޅެން ބައެއް މީހުންނަށް ހާދަ ފަސޭހައޭ... އެމީހުންގެ ދިރިއުޅުމުގައި އެފަދަ އެއްވެސް ކަމެއް ނުވާ ކަހަލަ.... ތެޅިފޮޅުންތަކާއި ހާސްވެ ކަންބޮޑުވުންތައް ގިނަ އެއްވެސް ދުވަހެއް އެމީހުން ދުވަހަކުވެސް ނުދެކޭ ކަހަލަ.... އެހެން އަހަރެމެންނަށް ނުވަނީ ކީއްވެ...؟ އަލުން އާ ދިރިއުޅުމެއް ފަށައިގެން ހުރިހާ ކަމެއް ހަނދާން ނައްތާލާފައި އެއްވެސް ކަމެއް ނުވާހެން އުޅެން އަހަރެމެންނަށް ފަސޭހަ ނޫނީ ކީއްވެ؟ ބޯއްތާ، އަޅެ ބުނެބަލަ.... އެގޮތަށް އެއްފަހަރު ސައިކަލުގައި އަނެއްފަހަރު ކާރުގައި އަނެއްފަހަރު ލޯބިވާ ބައިވެރިޔާއާ އެކު އުދުހި އުޅޭ އިރު އެއްވެސް ވަރަކަށް ހިތަށް އެކައްޗެއްވެސް ނާރާނެތަ؟ ތިމާމީހާއަކީ ކިހިނެއްވީ ކާކުކަން އެހާ އަވަހަށް ހަނދާނުން ފޮހެލެވޭނެތަ؟ އެއީ އެހާ ފަސޭހަ ކަމެއްތަ؟"
ޝަކުވާ ގިނަ ސުވާލުތައް ކުރަމުން ގޮސް ނީލޯފަރަށް ހަމަ ބާރަށް ރޮއިގަނެވިއްޖެއެވެ. ހިތްދަތިކަމާއި ވޭނުން އެ ކުޑަކުޑަ ހިތް ފަޅަފަޅައިގެން ދަނީއެވެ. ރޮމުން ރޮމުން ގޮސް ހިނދެން ގާތްވެފައި އިން ނީލޯފަރު، ނަރުގިސްގެ އުނގުގައި ބޯއަޅާލައިގެން އޮށޯވެލިއެވެ. މަންމަގެ ހޫނުކަން ލިބިގަތުމަށް ދަހި ވެފައިވާ އޭނާގެ ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. ނަރުގިސް، އޭނާގެ ލޯބިވާ މަލެއްފަދަ ކޮއްކޮގެ އެންމެ ފަހުގެ ނިޝާނުގެ ގޮތުގައި އޭނާގެ އަތްމައްޗަށް ދޫކޮށްލާފައި ދިޔަ ނީލޯފަރުގެ ބޮލުގައި ފިރުމަމުން އެނދުގެ ފަޑީގައި ބޯޖައްސާލިއެވެ. އަދި ވަރުދެރަވެފައިވާ ލޯ މަރާލިއެވެ.
(ނުނިމޭ)