ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން 2021 ވަނަ އަހަރު ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި ދައުވާކޮށްފައިވާ ގއ. ކޮނޑޭ، ފޮޅޭމާގެ، ތަހުމީން އަހުމަދު ހުށަހަޅާފައިވާ ހެކިތަކާ ގުޅޭ ގޮތުން އަލުން ގޮތެއް ނިންމުމަށް ކަނޑައަޅައި މިއަދު ބޭއްވި އަޑުއެހުމުގައި ދެ ހެއްކެއް ބަލައިނުގަތުމަށް ކުރިމިނަލް ކޯޓުން ނިންމައިފިއެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ވަނީ ނުވަ މީހެއްގެ މައްޗަށް ދައުވާކޮށްފައެވެ. އެގޮތުން މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނީ، ޓެރަރިޒަމްގެ އެކި ދައުވާ އުފުލިފައިވާ ތަހުމީން އަހުމަދާއި މުޖާޒް އަހުމަދާއި އަލީ ހައިޝަމާއި މުހައްމަދު ނާޒިމާއި އިސްހާގާއި ފަހުމީ އަލީގެ ޝަރީއަތްތަކެވެ.
އެ މައްސަލައިގައި އިބްތިދާއީ މަރުހަލާގައި ދިފާއީ ހެކި ހުށަހަޅަން ދިން މުއްދަތު ތެރޭގައި ތަހުމީންގެ ފަރާތުން ދިފާއީ ހެކި ހުށަހަޅާފައި ނުވެއެވެ.
އޭނާގެ ވަކީލުން ކޯޓުގައި ވިދާޅުވި ގޮތުގައި ހެކި ހުށަނޭޅުނީ އޭނާގެ ކުރީގެ ވަކީލެއްގެ އިހުމާލުންނެވެ. އެގޮތުން ހެކި ހުށަހެޅުމުގެ ފުރުސަތު ގެއްލުނީ ހެކި ހުށަހެޅޭނެ އެންމެ ފަހު ތާރީހު ކުރީގެ ވަކީލަށް އޮޅިގެން ކަމަށް ތަހުމީންގެ ވަކީލުން ވިދާޅުވެފައިވެއެވެ.
ތަހުމީންގެ ކުރީގެ ވަކީލު ވަނީ އިހުމާލަށް އިއުތިރާފުވެ، އެކަމުގެ ސަބަބުން ތަހުމީނުގެ ހައްގެއް ގެއްލޭތީ ހެކިތައް ބަލައިގަތުމަށް އިތުރު ފުރުސަތެއް ދިނުމަށް އެދި ކޯޓަށް ސިޓީއެއްވެސް ފޮނުވައިފައެވެ. އެހެންވެ، ގާޒީ ނިންމަވާފައިވަނީ ހެކިތައް ހުށަހަޅައިގެން އަލުން ގޮތެއް ނިންމުމުގެ ބައި ކުރިއަށް ގެންދިއުމަށެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ ތަހުމީނުގެ ފަރާތުން ހުށަހެޅި ހަ ދިފާއީ ހެކިންގެ ތެރެއިން ދެ ދިފާއީ ހެއްކެއް ބަލައިނުގަތުމަށް ނިންމައިފައެވެ.
އެއީ އެ ދެ ހެކިންނަކީ ދައުވާގައި ހިމެނޭ ތަނުގައި ނެތް ކަމުގެ ދިފާއު ބިނާ ކުރުމަށް ހުށަހަޅާފައިވާ ދެ ހެކިން ކަމަށްވެފައި، ތަހުގީގު މަރުހަލާގައި ތަހުމީނު ހަނު ހުރެފައިވާތީ، ދައުވާގައި ހިމެނޭ ތަނުގައި ނެތް ކަމުގެ ދިފާއު ނުނެގޭނެ ކަމަށް ގާޒީ ކަނޑައެޅުއްވުމުންނެވެ.
ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި މިހާތަނަށް ހުކުމްކޮށްފައި ވަނީ ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދަށެވެ. ކުށަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވެ، 2021 ވަނަ އަހަރު ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.
އެ މައްސަލަ ބެލުމަށް ތިން ފަނޑިޔާރުންގެ ބެންޗެއް ކުރިމިނަލް ކޯޓުން ކުރިން އެކުލަވައިލިޔަސް، އެކިފަހަރު މަތިން ބެންޗު ބަދަލުވުމަށްފަހު މިހާރު ވަނީ ބެންޗު އުވާލައިފައެވެ. މިހާރު އެ މައްސަލަ ބައްލަވަނީ ގާޒީ ސޮފްވަތު ހަބީބް އެކަންޏެވެ. ގާޒީ ވަނީ އެ މައްސަލަ އަލުން ނުފަށައި ކުރިން ގެންގޮސްފައިވާ ހިސާބުން ކުރިއަށްގެންދަން ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު