Close
ވާހަކަ

ދީވާނާ ހިތް - 55

4

ޖުމްލަ ބުނެ ނިންމާލިއިރު ނަޒާންގެ މޫނުވަނީ ނުރައްކާތެރި ދަރަޖައަކަށް މަންޝާގެ މޫނާ ގާތްވެފައެވެ. ދެމީހުން ދެމީހުންގެ އިހުސާސްތައް ކޮންޓްރޯލްކުރަން މަސައްކަތެއް ނުކުރެއެވެ. ނަޒާންގެ ނޭވާގެ ހޫނުކަން އިހުސާސްވެގެން ދިޔަ ވަގުތު މަންޝާގެ ދެއަތްތިލަ މުއްކެވިގެން ދިޔައެވެ.

ވަގުތުތަކެއް ފާއިތުވެގެން ގޮސްފިއެވެ. ދެ ޒުވާނުން އެކަކު އަނެކަކުގެ ލޯބީގައި ބެހިގެންދާން އުޅުނު ވަގުތު ކުއްލިއަކަށް އެ އުފާވެރި ވަގުތަށް ނިމުމެއް ގެނުވީ އެނދުމަތީގައި އޮތް މަންޝާގެ ފޯނެވެ. ނަޒާން ފުންމައިގެން ތެދުވިއެވެ. ތަންކޮޅެއް ދުރުގައި އޮތް މަންޝާގެ ފޯނު ގެންގޮސް މަންޝާ އަތަށް ދީފައި މަންޝާ އާ މާދުރަށް ނަޒާން ޖެހުނެވެ. ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެގިލާފައި ކަކުލުން މައްޗަށް ޖެހިފައިވާ އޭނާގެ ހެދުން ތިރިއަށް ދަމާލާފައި ރީތިކޮށްލިއެވެ. ނަޒާނަށް ނަޒަރެއްދީފައި ފޯނަށް މަންޝާ ޖަވާބުދިނެވެ.

"ހަމް... ލަސްވީ ދޯ. އެބަދަން"

ދެއަތްތިލައިގެ ތެރޭގައި މޫނު ފޮރުވާލައިގެން އިން ނަޒާނަށް މަންޝާ ބަލައިލިއެވެ. ނަޒާން އަމިއްލަ ނަފްސު ކުށްވެރިކޮށްގެން އިންކަން މަންޝާއަށް އިނގުނެވެ. ކުރިން އެއްޗެއް ބުނަން މަންޝާއަށް ވެސް ނުކެރުނެވެ. ލައިގެން އިން ހެދުމަށް މަންޝާ ބަލައިލިއެވެ. މުޅި ހެދުމުގައި ރުލެވެ. އެއިން ގޮތަށް ބޭރަށް ނިކުންނަންވެސް ލާހިކެއްނޫނެވެ. އަނެއްކޮޅުން ނަޒާން ހިމޭނުން އިންނަތާ އިރުގަނޑެއް ވެއްޖެއެވެ. ވާހަކަދައްކަން ފަށާނެގޮތެއް މަންޝާއަށް ނުވިސްނުނެވެ.

ކުއްލިއަކަށް މަންޝާ ސިހުނީ އޭނާގެ ގާތަށް ޖެހި ނަޒާން އޭނާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލުމުންނެވެ.

"މަން... ކައިވެނިން ބޭރުން ކުރަންނުވާވަރުގެ ކަމެއް ކުރެވިދާނެ. އަހަރެންގެ އަމިއްލަ ނަފްސު މިފަހަރު ކޮންޓްރޯލްކުރެވިއްޖެ. ދެންފަހަރަކުން އެއީ އަހަރެންނަށް ވާނެކަމެއް ނޫން. އަހަރެންނަށް ދުވަހަކުވެސް ކަމެއްކޮށްދެންޏާ ބަންދު ކޮޓަރިއެއްގެ ތެރޭގައި އަހަރެން ހުއްޓަ އެތަނަށް މަން ނުވަންނައްޗެ. މަން ފެނުނީމަ ދުރުގަ އަހަރެންނަށް ނުހުރެވޭ. އަތުންފައިން ގޯހެއް ހެދިދާނެތީ ވަރަށް ބިރުގަނޭ...."

ނަޒާންގެ ދެއަތުގައި މަންޝާ ހިފަހައްޓާލިއެވެ.

"އަހަރެން ޒާންއަށް ވަރަށް އިތުބާރުކުރަން. އަހަރެންނަށް އިނގޭ ކައިވެނިން ބޭރުން ކަމެއް ކުރެވުނަސް ޒާން އަހަރެންދެކެ ފޫހިނުވާނެކަން"

ނަޒާން މަންޝާގެ ދެލޮލަށް ބަލައިލިއެވެ.

"އެކަމަކުވެސް އަހަރެންގެ ހިތުގައިވަނީ އެއަށްވުރެ މާ ޠާހިރު ލޯތްބެއް... އިނގެއެއްނު އަހަރެން މީ ދީވާނާވެފަ ހުރި މީހެއްކަން. އެވަރުވެފަ ހުރި މީހަކު ކޮންމެފަދަ ކަމެއްވެސްކޮށްފާނެ. މަން ކީއްވެ ދުރަށް ނުދިޔައީ؟ ކީއްވެ އަހަރެންގެ ހަތަރެސްފައި ނުހުއްޓުވީ؟

"އެއީ ޒާންއަށް ތިކުރެވޭ އިހުސާސް އަހަރެންނަށްވެސް ކުރެވޭތީ. ޒާންއަށް އަހަރެންނަށްވެސް އެދެވޭތީ. އަހަރެން... އަހަރެންވެސް ވަރަށް ލޯބިވޭ..."

މަންޝާގެ ދުލުން ލޯބިވާކަން ހާމަކުރި ހިނދު ނަޒާނަށް އުފަލުން ބަހެއްވެސް ނުކިޔުނެވެ. މަންޝާގެ ދުލުން އެހެން ބުނާއަޑު އަހަން އޭނާ ހާދަ ދުވަހަކު އިންތިޒާރުކޮށްފިއެވެ. އެންމެފަހުން އެ ޖުމްލަ އެންމެ ހިތްއެދޭ މީހާގެ ދުލުން ބުނާއަޑު އޭނާއަށް އިވިއްޖެއެވެ.

****

ބަދިގޭގައި އުޅުނު ތިއާ އަތުގައި އޮތް ސަމްސާ ތަށިތެރެއަށް ދޫކޮށްލާފައި މޭޒުމަތީގައި އޮތް ފޯނަށް ބަލައިލިއެވެ. ގުޅަނީ ނަޒާނެވެ. ތިއާ ހައިރާންވިއެވެ. ނަޒާން ގުޅާނީ ގެއިން ބޭރުގައި ހުރެގެން ހެއްޔެވެ؟ ގޭގައި ހުރިނަމަ ކޮންމެހެން ގުޅަނީ ކީއްކުރަން ހެއްޔެވެ؟ މަންޝާ ދިޔައީ ހެއްޔެވެ؟ ތިއާ ފޯނު ނެގިއެވެ.

"ވަޓް...؟؟ އެ ކިހިނެއްވީ އަނެއްކާ؟" ތިއާ ބުންޏެވެ. ޖަވާބެއްނުދީ ނަޒާން އިރުކޮޅެއް ނެގިއެވެ.

ތިއާ ކޮޓަރިއަށް ވަންއިރު ނަސީބަކުން ނަވާލް އުޅުނީ ފާހާނައިގައެވެ. އަލަމާރި ހާވާފައި ތިއާ ނެގީ އިސްތިރިކުރަންނުޖެހޭ ހެދުމެކެވެ. ހެދުން ހިފައިގެން ދެފަރާތް ހޯދާލާފައި ނަޒާންގެ ކޮޓަރީގައި ތިއާ ޓަކިޖެހިއެވެ.

"ކޮބާ؟ ކިހިނެއްވީތަ ހެދުމަށް" ތިއާ ބުންޏެވެ.

ތިއާ އެތެރެއަށް ވަނުމުން ނަޒާން ނިކުތީ ބޭރަށެވެ. ހެދުން އައިސް ހުރި ތިއާ ފެނުމުން މަންޝާ ގަތީ ލަދެވެ. އެތެރޭގައި ނުހުންނަން ނަޒާން އެދިޔައީވެސް ތިއާ އާ ކުރިމަތިލާން ނުކެރިގެންނެވެ.

"އަސްތާ..." ތިއާ އަނގަމަތީގައި އަތްއެޅިއެވެ.

ތިއާގެ ސިކުނޑިއަށް ވަނީ މާ ނުބައިކޮށެވެ. އެންމެފަހުން މަންޝާ އާއި ނަޒާން ހައްދުން ބޭރުވީ ހެއްޔެވެ؟

"ޔާ ﷲ... މަން... ކީއްތިކުރީ؟ " ތިއާ ބުންޏެވެ.

"ސޮ...ސޮރީ..." މަންޝާ ބުންޏެވެ.

"އެކަމަކު... ތިދެމީހުންގެ ކައިވެނިކުރަން މަހެއްވެސް ނެތް. މިއަންނަ ހަފްތާގައި ރަންކިޔޭނެ. އެހާތަނަށްވެސް ކެތްނުކުރެވުނުތަ؟ ކިހާދެރަކަމެއް ތިކުރީ..." ތިއާގެ އަޑުގައި ކަންބޮޑުވުން ވިއެވެ.

"އަޅެ އެކަހަލަ ކަމެއް ނޫން" މަންޝާ ހިނިއައެވެ. "އެކަމަކު... ނަސީބަކުން އަހަރެމެން ކޮންޓްރޯލްކުރިން... ތިއާ މިވާހަކަ ނުދައްކައްޗޭ އެކަކު ކައިރީގަވެސް. ނަޒާން އެދިޔައީ ވަރަށް ދެރަވެގެން"

****

މަންޝާ ނިކުންނަންދެން ސައިކަލުމަތީގައި ނަޒާން އިނެވެ. މަންޝާ އައިސް ހުއްޓުމުން ނަޒާން ބަލައިލިއެވެ. މަންޝާ ހެދުން ބަދަލެއް ނުކުރެއެވެ. އެހެންނަމަވެސް އެ ހެދުމުގައި ކުރިން ޖެހިފައި ހުރި ރޫތައް ހުރީ ފިލުވާފައެވެ. ބަލާބެލުމަށް އަލުން ހެދުން އިސްތިރިކޮށްފައެވެ.

"ތިއާ އިސްތިރިކޮށްދިނީ. އިނގޭތަ ތިއާ ހާދަ ސުވާލެއްކުރިއޭ" ސައިކަލު ފަހަތަށް އަރާ އިށީންނަމުން މަންޝާ ބުންޏެވެ.

"ދެން.. ލަވް ބުނީތަ"

"ދެން ބުނާނެ ދޯ. ތިއާ ހުރީ ރޮވެން ކައިރިވެފަ އަހަރެމެން ގޯހެއް ހެދީކަމަށް ހީކޮށް"

"ދެން ނުކެރޭނެ ތިއާ ކުރިމައްޗަށް އަރާކަށް" ނަޒާން ބުންޏެވެ. މަންޝާ ހީލިއަޑު އިވުނެވެ.

ހަމްރާ އުޅޭގެއަށް އާދެވުމުން މަންޝާ ސައިކަލުން ފޭބިއެވެ. މަންޝާ އެތެރެއަށް ވަންނަންދެން ނަޒާން ބަލަހައްޓައިގެން އިނެވެ.

"ދާންވީމަ ގުޅައްޗެ ލަވް" ނަޒާން ބުންޏެވެ. އޭނާ ކުރިއަށް ދުއްވާލީ މަންޝާ އެތެރެއަށް ވަނުމުންނެވެ.

****

މަންޝާ ފެނުމުން މަޑުމަޑުން ހަމްރާ އެނދުން ތެދުވިއެވެ. ނިދިފައި އޮތް ހާޒިންއަށް ނުހޭލެވޭނެހެން ބާލިސް ގައި ކައިރިއަށް ޖައްސާފައި ހަމްރާ ކޮޓަރިން ނިކުތެވެ. މަންޝާ ހަމްރާގެ ދެއަތުގައި ހިފާލިއެވެ. އިރުކޮޅަކުން ހަމްރާގެ އަތުގައި ހިފައިގެން ސިޓިންގރޫމުގައި އެނބުރެން ފެށިއެވެ. ހަމްރާ ހުރީ ހައިރާންވެފައެވެ. ބޭސްކޮށްގެން ބޭރުން އައިފަހުން ދެ ރަހްމަތްތެރީން އަދިކިރިޔާ ދިމާވިއެވެ. މަންޝާއަށް އެހާ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ އެހެންވެ ހެއްޔެވެ؟

"މަންޖެ ކިހިނެއްވީ؟ މަޑުޖެހިބަލަ. މަގޭ ހޮޑުލަވައިގަނެއްޖެ" ހުއްޓެމުން ހަމްރާ ބުންޏެވެ.

ހަމްރާގެ އަތުން ދޫކޮށްލާފައި ހެމުން ގޮސް މަންޝާ އިށީނީ މެޒުކައިރީގައި ހުރި ގޮނޑީގައެވެ.

އައިސްއަލަމާރި ކައިރިއަށް ގޮސް އަނބު ޖޫސް ފުޅި ހިފައިގެން އައިސް ބިއްލޫރި ތައްޓަކަށް އަޅާފައި މަންޝާއަށް ދިއްކޮށްލިއެވެ.

"ކިހިނެއްވީ މާ އުފަލުން.... "

"ހަމް... ވީ އާ ގެޓިން މެރީޑް..."

ހަމްރާއަށް ނުވިސްނުނެވެ. ކާކު ހެއްޔެވެ؟ ނަޒާން ހެއްޔެވެ؟

"ނަޒާނާތަ؟" ހަމްރާ އެހިއެވެ.

މަންޝާ ބޯޖަހާލިއެވެ. އޭނާ ހިތަށް ލިބިފައިވާ ހިތްހަމަޖެހުމުގެ އަސަރު ދެލޮލާ ހަމައަށް ފޯރިއެވެ. ދެލޮލުން އުފާވެރިކަމުގެ ކަރުނަ ތިއްކެއް ފައިބައިގެން ދިޔައީ އެހެންވެއެވެ.

"ކޮންއިރަކު ވީކަމެއް؟"

މަންޝާ ހުރިހާ ވާހަކައެއް ހަމްރާއަށް ކިޔައިދިނެވެ. ނަޒާނާ ލޯބީގެގޮތުން ގުޅުނުގޮތާ ދެމީހުންގެ މެދުގައި ދާދި ދެންމެއަކު ހިނގައިދިޔަ ކަންތަކެވެ.

"ސީރިޔަސްކޮށް ހަމް... އަހަރެންނަށް ދުވަހަކުވެސް މިހާރު މިކުރެވޭ އިހުސާސެއް ނުކުރެވޭ. އަހަރެން ހާދަ ލޯތްބެއްވެޔޭ. އިނގޭ އަހަރެންނަށް ނަޒާން ވަރަށް ތެޅުވުނުކަން. އެދުވަސްތައް ހިތަށް އެރީމަ ވަރަށް ދެރަވޭ. އަހަރެން ބޭނުން ނަޒާން ވަރަށް އުފަލުގަ ބަހައްޓަން. އަހަރެންގެ ފަރާތުން އޭނައަށް ލިބުނު ހިތްދަތިކަން ފިލައިގެންދާވަރަށް އޭނައަށް ލޯބިދޭން ބޭނުން"

"ތިއައީ އެވަރުކޮށްފައެއްނު. ދެރަދޯ ސޮއިކޮށްފަ އޮތް ލިޔުން އެވަގުތު ނެތީމަ" ހަމްރާ ބުންޏެވެ.

"ތިބުނީ؟" މަންޝާއަށް އަދި ނުވިސްނުނެވެ.

"މިބުނީ އެ އޮތްނަމަ އެންމެ ފޯރިގަދަ ހިސާބުން ހުއްޓާލާކަށް ނުޖެހުނީހެއްނޫންހޭ..."

ހަމްރާ ބުނި އެއްޗެއް ވިސްނުމާއެކު މަންޝާ ނުހޭން ދެ ތުންފަތް ފިއްތާލިއެވެ.

"ތިބުނާ ލިޔުމެއްގެ މަތިން ހަނދާނެއްނެތް. ތިބުނާ ހިސާބަކުން ހުއްޓަންޖެހުނީ މަންޖެގެ ފޯނު އައިމަ"

****

ރޭގަނޑުގެ ވަގުތެވެ. ކާއެއްޗިއްސަށް ހޫނުކޮށްފައި ބަދިގެއިން ދިލްޝާދު ނިކުތްއިރު ވަރަށް ބާރަށް ޒަވީ ކޮޓަރި އާ ދިމާލަށް ދިޔަތަން ފެނުނެވެ. އެ މަންޒަރު ފެނި ޒަވީ އާ ދިމާލަށް ހިނގުން ބާރުކޮށްލެވުނީ ބޭއިހްތިޔާރުގައެވެ. ވެގެން އުޅެނީ ބޮޑުކަމެއްކަން ދިލްޝާދަށް އިނގުނީ ކައިރީގައި ހުރިއިރުވެސް ޒަވީއަށް އިނގުން ނުވީމައެވެ. ސިޑިން އަރައިގެން ޒަވީއަށް ކޮޓަރި އާ ހަމައަށް ދިޔައިރު ދިލްޝާދު ހުރީ ފަހަތުގައި ޖައްސާފައެވެ.

"ކިހިނެއްވީ؟" ހާސްވެފައި ދިލްޝާދު އެހިއެވެ.

"ޔަލާ... ދޮރުހުޅުވަބަލަ" ޒަވީ ގޮވަމުން ދިޔައެވެ.

"ޔަލާ... ޔަލާއަށް ކަމެއްވީތަ؟ ދެންމެ ބަދިގެއަށް އައި. ބޯއަނބުރާ ވާހަކަ ބުނި. މާބޮޑުވަރު ނުވެއޭވެސް ބުނި"

"މަންމަ ތަޅުދަނޑި ގެނެސްދީބަލަ އަވަހަށް"

ތަޅުދަނޑިފަތި ބަލާ ދިލްޝާދު ދުއްވައިގަތެވެ. އެހިނދު އަނެއްކާވެސް ކޮޓަރީ ދޮރުފަތުގައި ތަޅަމުން ޔަލާއަށް ގޮވަމުން ދިޔައެވެ. މިފަހަރު ވަރަށް ބާރަށެވެ. ކޮޓަރިން މިހާދާއި މަންޝާވެސް ނިކުމެގެން އައިސް ޒަވީ ކައިރީގައި ހުއްޓުނެވެ. އެންމެންގެ މޫނުމަތީގައި ވަނީ ހާސްކަމެވެ.

"އަން... ހުޅުވާ އަވަހަށް"

ހިތްއަވަސްވެފައި ހުރިވަރުން ޒަވީއަށް ތަޅަށް ތަޅުދަނޑި އަމާޒުކުރެވުނީވެސް އެތައް ފަހަރަކު މަސައްކަތްކޮށްގެންނެވެ. އެތެރެއަށް ދޮރުހުޅުވިގެން ދިޔުމާއެކު ފުރަތަމަވެސް ޒަވީގެ ލޮލުގައި އަޅައިގަތީ ކޮޓަތި މެދަށް ވެއްޓިފައި އޮތް ޔަލާއެވެ. މާދުރަށް ފޯނު ބުރައިގެން ގޮސްފައި އޮތެވެ.

"ޔާރައްބީ. މަގޭ ދަރިއަށް ކިހިނެއްވެފަ މިއޮތީ"

ކުރިއަށްދިޔަ ދިލްޝާދުގެ ދެފައިގައި ތުރުތުރު އަޅައިގަތެވެ.

****

ނަޒާން އަންނަދެން ހޮސްޕިޓަލު ދޮރުމަތީ މަންޝާ މަޑުކޮށްގެން ހުއްޓެވެ. ސައިކަލު ޕާކުކޮށްފައި އެދިމާލަށް އައި ނަޒާނާ ދިމާލަށް މަންޝާ ބާރަށް ދިޔައެވެ. ނަޒާނާ އަރާހަމަވުމާއެކު ނަޒާންގެ އަތުގައި މަންޝާ ހިފިއެވެ. މަންޝާގެ މޫނަށް ނަޒާން ބަލައިލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ.

"ފަހަރި މިހާރު ރަނގަޅުތަ؟" ނަޒާން އެހިއެވެ.

"މިކޮޅަށް ގެނައިރުވެސް ހޭއަރާފަ އޮތީ. ވާހަކަވެސްދެއްކި އެމްބިޔުލާންސްތެރޭގަ. ބުނީ ވަރށް ބައިވަރު ހޮޑުލެވިފަ ބްލެކްއައުޓް ވީކަމަށް" އެތެރެއަށް ވަންނަމުން މަންޝާ ބުންޏެވެ.

"މަގޭ ލަވްގެ ހާލު ރަނގަޅުތަ؟ ރޭގަ އަހަރެމެން ދެމީހުން މެދުގަ ވީކަންތައް މިސްވިތަ؟"

"މަގޭ ދީވާނާ ހިތް" ނަޒާނާ މަންޝާ ދިމާކޮށްލިއެވެ. އެހިނދު ނަޒާނަށް ހެވުނެވެ.

އެތެރެއަށް ދެ ޒުވާނުން ވަދެގެން ގޮސް މަޑުކޮށްލީ ބޭރު ގޮނޑިބަރީގައި އިން ދިލްޝާދު ކައިރީގައެވެ. ދިލްޝާދާއި މިހާދުގެ މޫނުމަތީގައި މިހާރު ހާސްކަމެއްނެތެވެ. މަންޝާއާއެކު ނަޒާން ހުއްޓާ ފެނުމުން މިހާދު ހިނިތުންވެލިއެވެ. ގާތްކަމާއެކު ނަޒާންގެ ގައިގައި ބައްދާލާފައި ބުރަކަށީގައި ކުޑަކޮށް ޖަހާލިއެވެ.

"ﷲ އިރާދަކުރެއްވިއްޔާ ބައްޕައަށް ވަރަށް އުފާވެރި ހަބަރެއް ލިބޭނެ"

ދިލްޝާދު މިހާދުގެ މޫނަށް ބަލައިލީ ހައިރާންކަމާއެކުގައެވެ. މިހުރިހާއިރު މިހާދު އަނގައިން އެއްވެސް ބަހެއް ނުކިޔައެވެ. މިހާދު ސިކުނޑީގައި އެނބުރެނީ ކޮންކަމެއް ހެއްޔެވެ؟

"ދަރިފުޅުމެން ތިދާ ތަނަކަށް އަވަހަށްދޭ. ފަހަރިއަށް ވާގޮތް އަންގާނަން"

ނަޒާނާއެކު މަންޝާ ހިނގައިގަތެވެ. މައިންބަފައިންގެ ލޯމަތިން ގެއްލެންދެން ދެކުދިން ތިބީ ދުރުގައެވެ. ހޮސްޕިޓަލުގެ ދޮރާ ހަމައިން ނަޒާންގެ އަތްތިލައިގެ ތެރެއަށް މަންޝާ އަތްލައްވާލިއެވެ. މަންޝާގެ އެލޯބިވެތި ކުޑަކުޑަ އަމަލުން ނަޒާންގެ ހިތަށް ލިބުނު އިންތިހާދަރަޖައިގެ އުފަލެކެވެ.

****

މިހާދު އިންތިޒާރުކުރަމުންދިޔަ ހަބަރަކީ ކޮބައިކަން އިނގުމުން ދިލްޝާދުގެ ހިތްވެސް ތެޅިލިއެވެ. މީގެކުރިން އޭނާއަށް ނުވާ އިހުސާސްތަކެއް ކުރެވިއްޖެއެވެ. ދަރިއަކު ކައިވެންޏެއްކުރާ ހިސާބުން ފެށިގެން ކޮންމެ މައެއް ބަފައެއްވެސް އެންމެ އިންތިޒާރުކުރާނީ މާމަ ދަރިއެއް ނޫނީ ކާފަ ދަރިއަކު ލިބޭނޭ ދުވަހަކަށެވެ. ޔަލާގެ ބޯއެނބުރުމާއި ނުބައި ވަސްދުވުމާއި ހޮޑުލުމާމެދު ފުންކޮށް ދިލްޝާދަށް ވިސްނާލެވުނީ އަދި ކިރިޔާއެވެ. އެތެރޭގައި ހުރި ނަޒާނަށް ގުޅާފައި އެތައް ފަހަރަކު ރިޕޯޓް ލިބުނުތޯ ޔަގީން ކުރިއެވެ. އެންމެފަހުން އަޑުއަހަން ބޭނުންވި އުފާވެރި ހަބަރު ލިބުނީ ޒަވީ ބޭރަށް ނިކުތްފަހުންނެވެ.

"ޔަލާ ޕްރެގް މަންމާ... ކޮންގްރާ މަންމަ ބައްޕަ" ޒަވީ ހުރީ އިންތިހާދަރަޖައަށް އުފާވެފައެވެ. މިފަހަރު ދިލްޝާދަށް ވުރެ ކުރިން އުފާވެރިކަމުގެ ކަރުނައެއް ވެއްޓުނީ މިހާދުގެ ދެލޮލުންނެވެ. ހެއްދެވިފަރާތަށް މިހާދު ޙަމްދުކުރިއެވެ.

"ހަމަތެދެއްތަ ދަރިފުޅާ" ދިލްޝާދު އެހިއެވެ. ޒަވީ ބޯޖަހާލުމާއެކު ދިލްޝާދުގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ޒަވީގެ ދެއަތުގައި ހިފަހައްޓާލިގޮތަށް ދިލްޝާދު ހީލިއެވެ. މަޑުމަޑުން ޒަވީގެ މޭގައި ދިލްޝާދު ބޯޖައްސާލިއިރު ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ.

****

"ކޮންތާކަށް މިދަނީ؟" ސައިކަލް ފަހަތަށް އަރާ އިށީންނަމުން މަންޝާ ބުންޏެވެ.

"ޑޭޓަކަށްނު" ނަޒާން ބުންޏެވެ.

"ސީރިޔަސްލީ... ނުވެސްބުނޭ" މަންޝާ ބުންޏެވެ.

"ކައިރިއަށް ޖެހިލަބަ" ނަޒާން ބުންޏެވެ. މަންޝާ މަޑުމަޑުން ކައިރިއަށް ޖެހިލިއެވެ.

"އަދިވެސް"

މަންޝާ އަނެއްކާވެސް ކުޑަތަންކޮޅެއް ކައިރިއަށް ޖެހިލިއެވެ.

"އަދިވެސް" އޭނާ ކައިރިއަށް ޖެހިލާށޭ ބުނާ ކޮންމެފަހަރަކު މަންޝާގެ މޫނަށް ވާގޮތް ނަޒާން އިނީ ޝައުގުވެރިކަމާއެކު ސައިކަލުގެ ލޯގަނޑުން ބަލާށެވެ.

"ދެންޖެހޭނީ އުނގަށް އަރާކަށްނު" މަންޝާ ބުންޏެވެ.

"މަ އޯކޭ. މަންއަށް ކެރޭނެތަ؟" ނަޒާން ބުންޏެވެ.

މަންޝާ ހީލިއަޑު އިވިލިއެވެ. އޭނާގެ ދެއަތް ނަގާ ފަހަތުން ގެންގޮސް ނަޒާންގެ އުނގުގެ ދެފަރާތުން ބޭއްވިއެވެ. ހިތަށް އިހުސާސްވީ ގާތްކަމެވެ. ވީއެންމެ އަވަހަކަށް ނަޒާންގެ އަންބެއްގެ މަގާމު ލިބޭނެނަމައެވެ. އެސްފިޔަޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައި ދުވަސްތައް ފަހަތަށް ދާނެނަމައެވެ. ކަމަކަށް ކެތްތެރިކަމެއްނެތި އިންތިޒާރުކުރާއިރު ދުވަސްތައް ހާދަ ދިގެވެ. ފުންނޭވައެއް މަންޝާ ދޫކޮށްލިއެވެ. މިފަހަރު ނަޒާންގެ މޫނަށް ލޯގަނޑުން މަންޝާ ބެލިއެވެ. ނަޒާން ބަލައިލަން އުޅޭހެން ހީވާއިރަށް މަންޝާ އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލައެވެ. ރެސްޓޯރަންޓާ ހަމައަށް ދެވެންދެން ދެޒުވާނުންގެ ކަމަކީ އެއީއެވެ.

"އަވަރ ފަސްޓް ޑޭޓް ނައިޓް. ސްޕެޝަލް ވާންޖެހޭނެއްނު"

ދޮރުން ވަދެފައި މަންޝާގެ އަތްތިލައިގައި ނަޒާން ބޮސްދިނެވެ. ފެހިކުލައިގެ ފަނޑު އަލީގެ ތެރޭގައި މަންޝާ އާ ކައިރިވެލިއެވެ. ފަހަތުން އުނަގަނޑުގައި ހިފަހައްޓާލިއެވެ. މަންޝާ ބަލައިލުމާއެކު ނުވިސްނާހުއްޓާ މަންޝާގެ ކޯތާފަތުގައި ބޮސްދިނެވެ.

"ސާބަހޭ... އަވަހަށް މެރީކުރަންވީ" ދެފަރާތަށް ބޯހޫރާލާފައި މަންޝާ ބުންޏެވެ.

"ތިހެންނެއްނު އަހަރެން މިކިޔަނީ" ނަޒާން ބުންޏެވެ.

"ޒާންއަށް މަޑުންނުހުރެވެންޏާ އަހަރެން ބިރުގަނޭ"

މަންޝާ ބުނެލި ޖުމްލައަށް ނަޒާން ޖަހާލީ ހިނިގަނޑެކެވެ. ދެން މަންޝާގެ ކޮނޑުގައި އަތްއަޅުވާލާފައި ގަޔާ ކައިރިކޮށްލިއެވެ. އެންމެ އެތެރެއަށް ވަދެގެން ގޮސް ނަޒާން ހުޅުވީ ރެސްޓޯރަންޓްގެ އޭސީކޮށްފައި ބައެވެ. މާގިނަ މީހުނެއް އެތެރޭގައި ނެތެވެ. ކޮންމެ މޭޒެއް ހުރީ އެއް މޭޒު އަނެއް މޭޒާ ދެމެދު ތަނަވަސްކަން ނުގެއްލޭނެހެން ޕާޓިޝަންޖަހާ ނިވާކޮށްފައެވެ. ހިތްގައިމު ވަހެއް ތަނުގައި ހިފާލާފައި ހުރިއިރު ލުއިލުއި މިއުޒިކެއްގެ އަޑު އިވިއިވި ހުއްޓެވެ. މަންޝާ އެންމެ ހައިރާންވީ ހުސް މޭޒެއްގައި އިށީނުމުގެ ބަދަލުގައި ނަޒާން އަންހެނަކު އިން މޭޒަކާ ދިމާލަށް ނަޒާން ހިނގައިގަތުމުންނެވެ. އެކަން ނަޒާނަށް އަންގައިދިނުމުގެ ގޮތުން ނަޒާންގެ އަތަށް މަންޝާ އެއްފަހަރު ދަމާލިއެވެ.

"އޭނީ މީހެއް" ނަޒާނަށް އިވޭ ވަރަށް ސިއްރުން މަންޝާ ބުންޏެވެ.

"އިނގެއޭ. ސޮރީ މަން.... އެއީވެސް އަހަރެންގެ ދިރިއުޅުމުގަ ވަރަށް ހާއްސަ މީހެއް... އަހަރެން ލޯބި...."

"ސްޓޮޕް އިޓް ޒާން..." ބުނެވުނީ ބާރަށްކަން މަންޝާއަށް އިހުސާސްވީ މީހުންގެ ނަޒަރު އެދިމާލަށް އަމާޒުވުމުންނެވެ.

"ތިއީ ސަމާސާއެއްތަ؟ އެހެންވިއްޔާ އަހަރެން ބުނާނީ ތި ސަމާސާ ވޯކެއްނުކުރާނެއޭ... ލެޓްސް ގޯ" ނަޒާންގެ އަތުގައި މަންޝާ ހިފިއެވެ. ދާން ހިނގާށޭ ބުނާކަހަލަ ގޮތަކަށް ނަޒާންގެ އަތުގައި ހިފައި ދަމައިގަތެވެ.

"މަން.. މިއީ ސަމާސާއެއް ނޫން. ސީރިޔަސް އެއްޗެއް. އަހަރެން މަން މިރޭ މިތަނަށް މިގެނައީ ވަރަށް ހާއްސަ ފަރާތަކާ ބައްދަލުކޮށްދޭން"

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟