ދުނިޔޭގެ ދިރިއުޅުމުގައި އެއްބަޔަކު ހިތްހަމަޖެހުމާއި އުފަލުގައި އުޅޭއިރު އަނެއްބަޔަކު ވޭނާއި ހިތާމައިގައި ހިތްދަތިކަން ތަހައްމަލު ކުރުމަކީ ފިތުރަތުގެ އާދައެވެ. ހަމަ އެހެންމެ ހިތާމައަކީ ވަކި މީހަކަށްޓަކައި ހާއްސަކޮށް ލިޔެވިފައިވާ އެއްޗެއްވެސް ނޫނެވެ. ހަމަ އެންމެންވެސް ތަކުލީފާއި ތުރާ އުފުލާނެއެވެ.
އެއީވެސް ވަކި މީހަކަށް ހާއްސަވެގެން ލިޔެވިފައިވާ ކަންތައްތަކެއް ނޫނެވެ. އެހެނެއް ކަމަކު ދުނިޔޭގެ ދިރިއުޅުމުގައި މިތަޖުރިބާ ކުރަން ނުޖެހޭ އެކަކުވެސް ހަމަ ނުހުންނާނެއެވެ. ކޮންމެވެސް އެއްހިސާބަކުން ކޮންމެވެސް އެއްކަމަކުން ހަޔާތުގެ ދަތުރުގައި ކޮންމެވެސް އެއްކަމެއްގައި ތަކުލީފާއި ތަދާއި ވޭނުގެ އިހުސާސް ކުރަން ޖެހޭނެއެވެ. ނުހަނު އުފަލުގައި އެއްވެސް ފިކުރެއް ނެތި އުޅެމުން އަންނަ މީހާވެސް ނޭންގި ހުއްޓައި ހިތްދަތިކަމުގައި ކަރުނައިގެ ކޯރެއްގައި ފަތަން ޖެހިދާނެއެވެ.
މިއީ ދުނިޔެ ދައްކާ ހަގީގަތެވެ. އެކަމަކާ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނެތި، ގުދުރަތީ ގާނޫނުގައި ލިޔެވި ހިނގާ ކަންތައްތަކެވެ.
******
މެންދުރަށް ދޮންކުރި އިރު ބޯވިލާގަނޑެއްގެ ފަހަތަށް ވަދެ ނިވާވެލުމާއެކުހެން މާހައުލަށް ވެރިވެފައި އޮތް ދިލަހޫނުކަން މަޑުމަޑުން ކެނޑެން ފަށައިފިއެވެ. އުދަރެސް ބަނަކޮށްލި ވާރޭވިލާގެ ތެތްފިނިކަން މެހެފިލަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދީފި ކަހަލައެވެ.
މިރީތި ހަވީރުގެ ހިތްގައިމުކަމުން އުފާ ލިބިގަންނަމުން ސައިކަލުން ފޭބި ކާޝިފު ދެއަތް މައްޗަށް ދަމާލައި މޯޅިއަކަށް ދެމިލިއެވެ. އަދި ސައިކަލުގެ ހުންގާނުގައި ބޯޖައްސާލައިގެން މަޑިމަތީގައި އޮށޯވެލި އެ ރީތި ކަމަށް ބަލައިލިއެވެ. އެއީ އޭނާގެ ރީތިކަމެވެ. އޭނާގެ މިލްކުވެރި މުދަލެވެ.
އެރީތި އެސްފިޔަތައް ތެޅިލިތަން ފެނުމުން ކާޝިފުގެ ހިތުގައި ވިކާލި ކަހަލައެވެ. ސައިކަލް މަތީގައި ހަމަޖެހިލާފައި ލޯމަރާލި ތަމަންނާގެ އިސްތަށިގަނޑުން ބައެއް ވައިރޯޅިއެއްގެ ލާނެތް ސަމާސާއަކުން ހޭވިއްޖެއެވެ. އަދި އިހުނަށްވުރެވެސް މިހާރު އެ ރީތި މުޖައްސިމާގެ ފަރިކަން އިތުރުވެގެންދިޔަ ކަހަލައެވެ،
"ގުދުރަތުގެ ކޮންފަދަ ފުރިހަމަ ކަމެއް.. ބަލާ ފޫހިވުމެއް ނެތް.."
ކާޝިފު، ތަމަންނާގެ އަތްތިލައިގައި ހިފާލަމުން ގޮވާލިއެވެ.
"ކާޝިފްގެ ޖާނާ، މިތަނަށް އަންނަ ކޮންމެ ފަހަރަކު މިމަގު އަހަރެންގެ ނަސީބު ބަދަލުކޮށްލި ގޮތް ހިތަށް އަރާފައި ހާދަ އުފަލެއް ވެއޭ. އަހަންނަށް އަހަރެން ޖާން ލިބުނީ މިތަނުން ވިއްޔަ...."
ތަމަންނާ ލޯ ހުޅުވާލިއެވެ. މުށިކުލައިގެ ދެލޮލުގައި ކާޝިފަށްޓަކައި ލޯބީގެ ގަދަވިދުމެއް ހުއްޓެވެ. އަހަރުތަކެއް ކުރިން މިމަގުގެ މިހިސާބުން ހަމަ މިކަހަލަ ފިނިހަވީރެއްގައި ކާޝިފާ ބައްދަލުވި ހަނދާންވެފައި ތަމަންނާގެ ތުންފަތްމަތީ ރަކި ހިނިތުންވުމެއް ކުޅެލިއެވެ.
ހަނިމާދޫ އެއާޕޯޓަށް ދާން އޮތް މަގު އޮތީ ހިމޭންވެފައެވެ. މިއަދު އަންނަން ހަމަޖެހިފައި އޮތް ފްލައިޓުތައް އައިސް ނިމިފައި ވާތީ ދެން އިތުރަށް އެއާޕޯޓާ ދިމާލަށް ދާނެ އެއްވެސް މީހަކު ނެތީ ކަމަށްވެސް ވެދާނެއެވެ. ފްލައިޓެއް ތާވަލުވެފައި އޮތްނަމަ މިހެން ދަތުރު ކުރާ ދުއްވާ އެއްޗެހި މަދެއް ނުވާނެއެވެ.
ބައެއް ހަވީރުތަކުގައި މިހިސާބަށް ގިނަ މީހުން ފިނިކޮށްލަން އަންނާނެއެވެ. ނަމަވެސް މިއަދުގެ ހަވީރު މި ރީތި ނަލަނަލަ މަގު މިއޮތީ ނުހަނު ހިމޭންވެފައެވެ. ތަމަންނާ އާއި ކާޝިފަށްޓަކައި ހިމޭންވެފައި އޮތް ކަހަލައެވެ.
ތަމަންނާ އާއި ކާޝިފުގެ ކައިވެންޏަށް އަހަރުވަނީއެވެ. އެކަމަކު އަދިވެސް ކާޝިފާއި ތަމަންނާގެ އުޅުމާއި ގުޅުން ހީވަނީ ހަމަ އިއްޔެ މެންދުރު އަލަށް ގުޅިގެން އުޅޭ ދެލޯބިވެރިން ހެނެވެ. އެކަކު އަނެކަކަށް ހަމަ ވަރަށް އަލެވެ. ކާޝިފުގެ ހަޔާތުގެ އެންމެ ބޮޑު ހަދިޔާއަކީ އޭނާގެ ނަޒަރުގައި ތަމަންނާއެވެ.
ކާޝިފްދެކެ ތަމަންނާ ވާ ލޯބި އެއަށްވުރެ ބޮޑު ކަހަލައެވެ. އެކަކު އަނެކަކަށް އަޅާލުމާއި އޯގާތެރިކަން އިންތިހާއަށް ބޮޑެވެ. އަންބެއްގެ ފަރާތުން ފިރިއަކަށް ލިބޭނެ ހުރިހާ އުފަލެއް ތަމަންނާ ކާޝިފަށް ހޯދައިދެއެވެ. ކޮންމެ އުފަލެއް ހިއްސާކުރެއެވެ. ކާޝިފްގެ ކޮންމެ ހިތާމައެއްގައި ބައިވެރިވެއެވެ. ކާޝިފަށް ހިތްވަރު ދެއެވެ.
ދިރިއުޅުމުގައި ދިމާވާ ކޮންމެ ދަތިކަމަކާއި އުނދަގުލަކުން ސަލާމަތްވާނެ އެހީތެރިކަން ފިރިމީހާއަށް ފޯރުކޮށްދިނުމުގައި ތަމަންނާ ހުންނަނީ ސަފުގައި އެންމެ ކުރީގައެވެ. އަދި ކާޝިފް ހުންނަނީ އެފަދަ އެއްވެސް ދައްޗެއް ތުރާލެއް އޭނާގެ ޖާނާއަށް ނުޖައްސައި ހަމައެކަނި ލޯތްބާއި އުފަލުން އޭނާގެ ޖާނާގެ އުނގު ފުރާލަން ތައްޔާރަށެވެ.
ކާޝިފަށް، އެންމެ ފުރަތަމަ ތަމަންނާ ފެނުނީ ވެސް ހަމަ މިމަގުން ދަނިކޮށެވެ. ކާޝިފަށް މިރަށް އަލެވެ. އޭނާގެ ވަޒީފާއަށް މިރަށަށް ބަދަލުވީ ނަލަނަލަ ޕަރީއެއްފަދަ ތަމަންނާ ފެނުމުގެ ހަމަ އެންމެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. ހަގީގަތުގައި އޭނާ އައީވެސް އެންމެ ހަފުތާއެއްގެ ދަތުރެއްގައެވެ. އެހެންނަމަވެސް ތަމަންނާއާ ބައްދަލުވެ، ހަނިމާދުއަށް ހިތް ޖެއްސުވިއެވެ.
ކާޝިފު ހަނިމާދޫ އެއާޕޯޓަށް ހަފުތާއެއްގެ ދަތުރެއްގައި އޮފީހުގެ ފަރާތުން ފޮނުވީ ގަދަކަމުން ކަހަލަ ގޮތަކަށެވެ. އެއީ ކާޝިފު އުފުލަމުން ދިޔަ ވޭނާއި ތަކުލީފުން މިންޖުވުމަށް އެދިގެން އޮފީހުގެ މެނޭޖްމަންޓުން ހަމަޖެއްސި ދަތުރެކެވެ. އޭރު ކާޝިފަކީ ބަލި މީހެކެވެ. ދިރިއުޅުމުގައި ދިމާވި އެ ބޮޑު ބިރުވެރި ހާދިސާއަށްފަހު ކާޝިފުގެ މުޅި ދިރިއުޅުން އޮތީ ހުދު ކާޝިފަށް ބުރައަކަށްވެފައެވެ. ދިރިއުޅުން ދިރިތެޅުމަކަށްވެ، ދުނިޔެ މަތިން ފޫހި ވެފައެވެ. އެއްވެސް ކަމަކަށް ޝައުގެއް ނެތެވެ.
ދިރިއުޅުމުގެ މަގުސަދެއްވެސް އަމުދުން ނުވެސް ނެތީއެވެ. ލޯތްބާ ބެހޭ އެކައްޗެއްވެސް އޭރަކު ކާޝިފަކަށް ނޭނގެއެވެ. ހަނިމާދުއަށް މި ދަތުރު އައުމަށް ނިންމީވެސް އެ މާހައުލު ބަދަލުކޮށްލުމަށް ގާތް މީހުންނާއި ލޯބިވާ މީހުން ދިން ނަސޭހަތާއި ބާރުއެޅުންތަކުންނެވެ.
ދިރިއުޅުމަށް އާ މަގުސަދެއް ލިބިދާނެ ކަމަށް ހީކުރީ ކާޝިފެއް ނޫނެވެ. އެކަމަކު ގާތް އެކުވެރިންނާއި އެހީވާން ތިބި އެންމެން ވެސް އުންމީދު ކުރީ މިދަތުރުން ކާޝިފަށް އަނެއްކާވެސް ދުނިޔެ ރީތި ތަނަކަށްވެ، އެންމެ ކުރީގެ އުފާވެރި، ހިތްހަމަޖެހިފައި ހުންނަ އަބަދުވެސް ހެވިފައި ހުންނަ ކާޝިފު އަނބުރާ އައުމަށެވެ. އަދި މާ ރީއްޗަށްވެސް ތަމަންނާގެ ސަބަބުން އެކަންތައް ފުރިހަމަ ވެއްޖެއެވެ.
މިހާރުދެން ކާޝިފް ދުވަހަކުވެސް އެނބުރި ދާން ބޭނުމެއް ނޫނެވެ. ދަންޏާ އޭނާއާ އެކުގައި އޭނަގެ އެ ނަލަނަލަ ޖާނާ ވެސް ދާންޖެހޭނެ ކަމަށް އޭނާ ވަނީ އެންމެންގެ ގާތުގައިވެސް ބުނެފައެވެ.
"ޖާން! ކިހިނެއްވީ؟ ކޮންކަމަކަށް ގެއްލިފަ؟" ހިޔާލުތަކުގެ ތެރެއިން ކާޝިފު ހޭލައްވާލީ ތަމަންނާގެ އަޑެވެ.
"ހަ އާ، އެއްވެސް ކަމެއް ނުވޭ، ހަމަ ވިސްނާލީ، ކަންތައް ވާ ގޮތާމެދު، ނުވެސް އެނގި ހުއްޓައި ތަގުދީރު ކުޅޭ ކުޅިވަރާއި ކޮށްލާ ސަމާސާ އާ މެދު ވިސްނާލީ...." ތަމަންނާގެ އަތުގައި ހިފައި ތެދުކުރަމުން ކާޝިފް ވާހަކަ ދެއްކިއެވެ.
"މާ ލަސްވެއްޖެއެއްނު؟ ހިނގާދާން!" ތަމަންނާ ސައިކަލުގެ ފަހަތުގައި އިށީނުމުން ކާޝިފު ބަލައިލީ އަތުކުރީގައި އޮތް ގަޑިއަށެވެ.
ކާޝިފު ސައިކަލު ސްޓާޓްކޮށްލާފައި ދުއްވަން ފެށީ އެހާ ބާރަކަށް ނޫނެވެ. އެހެންނަމަވެސް ކުއްލިއަކަށް ހަމަ ކުއްލިއަކަށް އެ އަންހެންކުއްޖާ ނުކުތް ދިމާއެއް ނޭނގި ސަައިކަލުގެ ކުރިމަތީ ހުއްޓާ ފެނުމުން ކާޝިފަށް ބްރޭކް ހިފާލެވުނީ ބާރަށެވެ. ފަހަތުގައި އިން ތަމަންނާ ސިހިފައި ކާޝިފުގެ ކޮނޑުގައި ބާރަށް ހިފެހެއްޓީ ގަތް ބިރުންނެވެ.
"މަރުވާ ހިތްވިޔަސް އެހެން މީހުން ސަލާމަތުން އުޅެން ބޭނުމޭ. ކޮންމެވެސް އެހެން ތަނަކަށް ގޮސް މަރުވާންވީނު، މި ސައިކަލު ކުރިމައްޗަށް ނުކުތީ ކީއްކުރަންތަ؟" ކާޝިފު ރުޅިއައިސްފައި ބުނެލިއެވެ.
އޭރުވެސް އެކުއްޖަކު ހުރީ ހަމަ އެތަނުގައެވެ. އެހުރިގޮތަށެވެ. އެކަމަކު ކާޝިފުގެ އަޑު އިވުމާއެކު އޭނާ ފަހަތަށް އެނބުރިލައިފިއެވެ. އެ އަންހެން ކުއްޖާގެ މޫނު ފެނުމާއެކު ކާޝިފުގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެއްޖެއެވެ. ނުތަނަވަސް ކަމެއް ކާޝިފުގެ މޫނު މައްޗަށް ވެރިވިއެވެ. ލޮލަށް ފެނުނު ފެނުމާމެދު ގަބޫލު ނުކުރެވިގެން އުޅޭ ކަހަލަ ގޮތަކަށް ކަޅިޖަހާ ނުލައި އެކުއްޖާގެ މޫނަށް ބަލަން ފަށައިފިއެވެ.
އެއަންހެން ކުއްޖާގެ ޒުވާން މޫނު ވަނީ މިލާ މޯޅިވެފައެވެ. އިސްތަށިގަނޑު ހުރީ އެއްވެސް ތަރުތީބެއް ނެތި ހޭވި ހަޑިވެފައެވެ. ލައިގެން ހުރީ ހަމަ އެހާމެ ބާވެފައިވާ ހެދުންގަނޑެކެވެ. ރޮއި ރޮއި ދެލޯ ހުރީ ދުޅަވެފައެވެ. ދެލޯ ވަޅުވަދެ ލޯކައިރި ހުރީ ކަޅުވެފައެވެ. ފެންނަ ފެނުމަށް ހީވަނީ ވަރަށް ބޮޑަށް ބަލިވެފައި ހުރުމުގެ ސަބަބުން ނުވަތަ ވަރަށް ބޮޑު ހިތާމައެއްގައި އުޅުމުގެ ސަބަބުން އެރީތި ހަށިގަނޑު ހިކި އަނަރޫފަ ވެފައި ހުރިހެންނެވެ.
ކާޝިފު، ސައިކަލުގެ ބަރުގޮނު ދެ ފަހަރަށް އަޅައިލުމަށްފަހު އަންހެންކުއްޖާގެ ކައިރިން އަޅާފައި ސައިކަލު ކުރިއަށް ދުއްވާލިއެވެ. އަންހެންކުއްޖާ ފަސްދީ ކުރިއަށް ދެވުނުތަނާހެން ކާޝިފުގެ އުނަގަނޑުގައި ބާރަށް ހިފަހައްޓާލަމުން ތަމަންނާ ގޮވާލިއެވެ.
"ޖާނާ... ބަލާލަ... އެ ކިހިނެއް އެ ހިނގަނީ...."
ތަމަންނާ އިނީ އެނބުރި ބަލާށެވެ. މަޖުބޫރުން ކާޝިފަށް ޖެހުނީ ސައިކަލު މަޑުކޮށްލާށެވެ. އަދި އެނބުރި ބަލައިލިއެވެ.
ތަމަންނާ އެއިޝާރާތް ކުރީ މަގުން އެއްފަރާތްވުމަށްޓަކައި އެ އަންހެންކުއްޖާ ގެނައި ހަރަކާތެވެ. ލޮލުގެ ފެނުން ގެއްލިފައިވާ މީހަކު ފަދައިން އޭނާގެ ދެއަތް ވައިގެ ތެރޭގައި ހަރަކާތް ކުރަން ފެށިއެވެ. ތަނެއްގައި އަތްޖެހޭތޯ ކަންނޭނގެއެވެ. ބޭއިހުތިޔާރުގައި ކާޝިފަށް ލޮލުގައި އޮތް އަވި އައިނުވެސް ނެގިއްޖެއެވެ. ބިރުން ގޮސް ނުވަތަ ދެރަވެގެން ގޮސް މަގުމަތީގައި ހުރި އަންހެން ކުއްޖާ ރޯން ފަށައިފިއެވެ. އެރުއިމުގައި ވަނީ އެހީއަކަށް އެދި ކުރެވޭ އާދޭހެވެ.
"އޭނާގެ ލޮލަކަށް ނުފެނޭ ކަންނޭނގެ!"
އެ އަންހެންކުއްޖާއާ ދިމާލުން ނަޒަރު ވަކިކޮށްލުމަށްފަހު ކާޝިފުގެ މޫނަށް ތަމަންނާ ބަލައިލިއެވެ.
"ޖާނާ، އޭތް ޖާނާ.... ކިހިނެއް ވެފަތަ ތިއިނީ....؟" ތަމަންނާ ކާޝިފުގެ އަތުގައި ހިފައި ތަޅުވާލަމުން އަހާލިއެވެ.
"ޖާން އޭނަ ގޮވައިގެން އަންނަންވީނު..." ކާޝިފު ބުނެލިއެވެ.
"ގޮވައިގެންނޭ! ކޮންތާކަށް ގޮވައިގެންދާންވީ...؟" ތަމަންނާ ހައިރާންވެފައި އަހާލިއެވެ.
"އޭނާ ބުނިތާކަށް! އޭނާގެ ގެއަށް ނުވަތަ ބަޔަކަށް އުނދަގޫނުވާ ހިސާބަށް ދުރަށް!" ތަމަންނާގެ ސުވާލަށް ކާޝިފު ދިނީ އަވަސް ޖަވާބެކެވެ.
"ޖާނާ އަމިއްލައަކަށްނު ތިބުނީ ލޮލަށް ނުފެންނަކަން ޔަގީނޭ، އެއީ އެހާލުގައި ހުރި އަންހެނެއް ނޫންނަމަ އަހަރެން ދިޔައިމުސް، ޖާނާގާތު ދާށޭ މި ބުނަނީީ އެހެންވެގެން އެކަންޏެއް ނޫން.... ޖާނާ އޭނައާ ވާހަކަ ދައްކައި ހަމައަކަށް އެޅެން ވާއިރަށް އަހަރެން އަންނާނަށް ސައިކު ބަހައްޓާފައި ކާރު ނަގައިގެން...."
ކުޑަހިނދުކޮޅަކަށް ނަމަވެސް ތަމަންނާއަށް ކާޝިފުގެ ވާހަކަތަކުން ހައިރާންކަމެއް ލިބުނެވެ. އެހެންނަމަވެސް ދެވަނަ ހިނދުކޮޅު ތެރޭގައި ފިރިމީހާގެ އިހުލާސްތެރިކަމާއި އިހުސާންތެރިކަން ހިތަށް އެރުމުން ހަމަޖެހުމެއް އިހުސާސް ކުރެވުނެވެ. ފަހުރުވެރި ނަޒަރަކުން ފިރިމީހާއަށް ބަލައިލަމުން "އެންމެ ރަނގަޅޭ މިދަނީީ..." އޭ ބުނާ ކަހަލަ ގޮތަކަށް ލޯމަރާލާފައި ތަމަންނާ ސައިކަލުން ފައިބައިފިއެވެ.
"އެއީ އަހަރެންގެ ޖާނާގެ ލޯބި ކަމަކީ..." ކާޝިފު ތަމަންނާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އަދި ސައިކަލް އަނބުރާލާފައި މަގުގެ އަނެއްކޮޅުން އޮތް ގޯޅިއާ ދިމާއަށް ސައިކަލް ދުއްވާލިއެވެ.
"ވަރަށް އަވަހަށް އަންނާނަން ކާރު ނަގައިގެން.... އަންނަން ވާއިރަށް އޭނައާ ވާހަކަ ދައްކައިގެން ދާން ޖެހޭ ތަނެއް އޮޅުން ފިލުވާލަބަލަ... ހިއެއް ނުވޭ މިރަށު ކުއްޖެއް ހެނެއް.... މިރަށަށް ބީރައްޓެހި މަންޖެއަކު އަމުދުން އެހާލުގައި މިހިސާބަށް އައިސްގެން އެއުޅެނީ ކީއްކުރަންބާ.... އެވެސް އެކަނިމާ އެކަނި.... މީހަކު ގޮތެއް ހަދާފާނެ ކަމަށް ބިރެއްވެސް ނެތި ވިއްޔަ އެއުޅެނީ..." ކާޝިފު ދިޔައީ ތަމަންނާއަށް ކަންތައް ކުރަންވާ ގޮތް ބުނެދީފައެވެ.
ކާޝިފު ގޮސް ގޯޅިން ލަނބާލުމުން ތަމަންނާ އެއަންހެންކުއްޖާ ހުރި ދިމާއަށް ހިނގައްޖެއެވެ. އަދި މަޑުމަޑުން އެއަންހެންކުއްޖާގެ ކައިރިއަށް ފިޔަވަޅު އެޅިއެވެ.
"ކިހިނެއްވެފައި ތިހުރީ...؟ މިތަނަށް އައިސް ތިއުޅެނީ އެކަނިތަ؟ ކީއްކުރަން... މިއަވަށުން ނުދެކެން.... އެހެން އަވަށަކުންވެސް ދުށް ފާޑެއް ނުޖަހާ...." ތަމަންނާ މަޑުމަޑުން ވީހާވެސް އަޑަަށް އޯގާތެރިކަމާއި ކުލުނު ގެންނަމުން ވާހަކަ ދެއްކިއެވެ.
"މީ ކޮންތަނެއް؟"
ތަމަންނާގެ އަޑު އިވުމާއެކު އެކުއްޖާ ވާހަކަ ދެއްކިއެވެ. ތަމަންނާގެ ސުވާލަކަށް ޖަވާބެއް ދިނުމުގެ ބަދަލުގައި ރޮމުންރޮމުން އެއަންހެންކުއްޖާވެސް ކުރީ ސުވާލެކެވެ.
"މިރަށު ކުއްޖެއްތަ؟" ދެފަރާތުންވެސް ކުރެވެމުން ދިޔައީ ސުވާލުތަކެކެވެ.
"މީ ކޮންތަނެއް؟" ތަމަންނާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަންހެންކުއްޖާ އަނެއްކާވެސް އަހައިލިއެވެ.
ރޮމުން ރޮމުންގޮސް އެއަންހެންކުއްޖާއަށް ގިސްލެވެންވެސް ފަށައިފިއެވެ. އެހެންކަމުން އޭނާގެ ސުވާލު ތަކުރާރު ކުރެވުނީވެސް އުނދަގުލުންނެވެ.
"މިއީ މިރަށުގެ ވެސް އެންމެ ދުރުގައި އޮންނަ ހިސާބު. ކިހިނެއް މިހިސާބަށް އާދެވުނީ....؟ މީހަކު ގެނައީތަ؟ ކޮބާ ގެނައި މީހާ...؟"
އެވަގުތު ތަމަންނާއަށް ކާރުގެ ބަރުގޮނުގެ އަޑު އިވިއްޖެއެވެ. އެނބުރި ބަލައިލި އިރު ކަޅުކުލައިގެ ނިސާން ލީފް ކާރެއް އެއްވެސް އަޑެއް ކިޔުމަކާ ނުލައި މަގުގެ އަނެއްކޮޅުން އާދެއެވެ. ފުލްބެޓްރީ މިކާރަކީ ތަމަންނާގެ ދެމަފިރިންގެ ކައިވެނީގެ ހަދިޔާއެވެ.
ކާރުގެ ތެރޭގައި އިން ކާޝިފުގެ އަތުގެ އިޝާރާތް ފެނުމާއެކު، ތަމަންނާ މަގުމަތީގައި ހުރި އަންހެންކުއްޖާގެ އަތުގައި ހިފައިގެން ކާރާ ދިމާލަށް ހިނގައިގެންފިއެވެ. މަޑުމަޑުން ހިނގާފައި ގޮސް ކާރުގެ ފަހަތު ދޮރު ހުޅުވާލުމަށްފަހު އެއަންހެންކުއްޖާ ކާރަށް އަރުވައިފިއެވެ. ދެން ދޮރު ލައްޕާލުމަށްފަހު ތަމަންނާ ގޮސް ކުރީ ސީޓަށް އަރާ ދޮރު ލައްޕާލައިފިއެވެ. އޭރުވެސް ގޮތް ނޭނގޭ އަންހެންކުއްޖާގެ ގިސްލުމުގެ އަޑު މަޑުމަޑުން ކާރު ތެރެއިން އިވެމުން ދިޔައެވެ.
ތަމަންނާ ކާރުގެ ދޮރު ލައްޕާލުމުން ކާޝިފް ކާރު ދުއްވާލައިފިއެވެ. އޭރު ކާރުގެ ކުރީ ކޮޅުގައި ހުރި ކުޑަ ލޯގަނޑުން ފަހަތު ސީޓުގައި އިން އަންހެންކުއްޖާގެ މޫނު ފެންނަން ހުއްޓެވެ.
"ކޮން ގެއެއްގެ ކުއްޖެއް؟ ކޮންތާކަށް ގެންގޮސްދޭންވީ؟" ކާރު ދުއްވާލުމުން ވާހަކަ ދެއްކީ ތަމަންނާއެވެ.
"އަދި މިއުޅެނީ ނަންވެސް އަހާ ނުލެވިގެން. ކޮން ނަމެއްތަ ކިޔަނީ؟" ތަމަންނާ ދާންވީ ތަން އެހުމުން އެއަންހެންކުއްޖާ ގޭގެ ނަން ބުނެދީފިއެވެ. އެހެންކަމުން އިތުރަށް އޮޅުންފިލުވުމުގެ ގޮތުން ތަމަންނާ ސުވާލުކޮށްލިއެވެ.
"ނީލޯފަރު...." އެއަޑު އިވުނީ ވަރަށް މަޑުމަޑުންނެވެ. އެއަޑާ އެކު ދުއްވަމުން ދިޔަ ކާރު ކުއްލިއަކަށް ހުއްޓިއްޖެއެވެ. ކުއްލިއަކަށް ވަރަށް ބާރަށް ބުރަކި ޖައްސާލުމުން ހުއްޓޭ ކަހަލަ ގޮތަކަށެވެ.
"އަހް.. އަޅޭ ކާޝީފްފްފް..." ކޮންމެވެސް އެއްޗެކޭ ބުނަން ތަމަންނާ އަނގަ ހުޅުވާލުމާއެކު ކާޝިފް އަވަސް އަވަހަށް ތަމަންނާގެ އަނގަމަތީގައި އަތް އަޅައި އޭނާ ބުނަން އެޅުނު އެއްޗެއް ބުނިޔަ ނުދީ ހުއްޓުވާލައިފިއެވެ. ދެން އަތުގެ އިޝާރާތުން އިހަށް ކާޝިފާ ވާހަކަ ނުދެއްކުމަށް ތަމަންނާ ގާތު ކާޝިފް ބުނެލިއެވެ.
"ކިހިނެއްވީ ކާރު ހުއްޓުނީ؟" ފަހަތު ސީޓުގައި އިން އަންހެންކުއްޖާ ސުވާލު ކޮށްލިއެވެ.
"އެއީ! ނޭނގިގެން ކުއްލިއަކަށް ބުރަކި ޖައްސާލެވުނީ....،" ކުޑަކޮށް ވިސްނާލުމަށް ފަހު ތަމަންނާ ޖަވާބު ދިނެވެ. ހަގީގަތުގައި ކަންތައްވީ ވެސް އެހެންނެވެ. ކާޝިފް އަނެއްކާވެސް ކާރު ދުއްވާލައިފިއެވެ. ކާޝިފުގެ މިހަރަކާތުގެ ސަބަބުން ތަމަންނާ އިނީ ހިސާބަކަށް ހައިރާންވެފައެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުން ތަމަންނާ، ކާޝިފްގެ މޫނަށް ބަލައިލިއެވެ. ކާޝިފް އެކަމާ ފަރުވާލެއް ނުބަހައްޓައެވެ.
"ކޮން ނަމެއްތަ ކިޔަނީ؟" ނީލޯފަރު ކުޑަކޮށް ހަމަޖެހިއްޖެ ކަހަލައެވެ. މަޑުމައިތިރި އަޑަކުން ނީލޯފަރު ސުވާލު ކޮށްލިއެވެ.
"ތަމަންނާ ގުރައިޝް...." ތަމަންނާ އޮޅުން ފިލުވައި ދިނެވެ.
"ހަނިމާދޫ ކުއްޖެއްތަ؟" ނީލޯފަރު ބޭނުންވީ އިތުރަށް އޮޅުން ފިލުވާށެވެ.
"ހޫނ! "
"ތަމަންނާތަ ކާރުދުއްވަނީ؟" ލޯ ކައިރީގައި ހުރި ކަރުނަތައް ފުހެލަމުން ނީލޯފަރު ސުވާލުކޮށްލިއެވެ.
ކާޝިފް ކުއްލިއަކަށް ލޯގަނޑުން ފެންނަން ހުރި ނީލޯފަރުގެ މޫނަށް ބަލާލައިފިއެވެ.
"ކިހިނެއްވީ؟" ޖަވާބު ދިނުމުގެ ބަދަލުގައި ތަމަންނާވެސް ކޮށްލީ ސުވާލެކެވެ.
"ކަމެއް ނުވޭ. ހަމަ އަހާލީ!" ސީޓުގައި ރަނގަޅަށް ހަމަޖެހިލުމަށްފަހު ސީޓުގެ މަތީ ކައިރީގައި ނީލޯފަރު ބޯއަޅާލިއެވެ.
ކާރުތެރެއަށް ހިސާބެއްގެ ހަމަހިމޭން ކަމެއް ވެރިވެގެން ހިނގައްޖެއެވެ. ތަމަންނާވެސް ހަމަ އެކައްޗެކޭވެސް ބުނެ ނުލައި ސީޓުގައި ލެނގިލައިގެން އިނެވެ. ހީވަނީ ކަމަކާ ވިސްނަނީ ހެންނެވެ. އޭރު މަޑުމަޑުންގޮސް އިރު އޮއްސިއްޖެއެވެ. އެކަމަކު އެކަން އެނގެނީ ބައެއް މީހުންނަށެވެ. ބައެއް މީހުންނަށް އިރު އެރުމަކުން އިރު އޮއްސުމަކުން ވަކި ތަފާތެއް ނުވެއެވެ. އެފަދަ މީހުންނަށް ހަޔާތުގެ ހަމަ ކޮންމެ ހިނދުކޮޅަކީ ވެސް ހަމަ ރޭގަނޑެވެ. އަނދިރިކަން ނޫން އެހެން ކަމެއް އެމީހުން ނުދެކެއެވެ.
އެތައް އިރަކު ދުއްވިފަހުން ނީލޯފަރު ބުނި ގެއާ ހަމައަށް އެމީހުންނަށް އާދެވިއްޖެއެވެ. އެގެ ބަލައިލުމުންވެސް އެއީ ހަމަ ފުދޭވަރެއްގެ ތަނަވަސް ބައެއްކަން އެނގޭހާވެއެވެ. ސުވާލު އުފެދުނީ އެގޭ މީހުންގެ މުއްސަނދިކަމާ މެދަކުއެއް ނޫނެވެ. އެކަމަކު މިހާތަނަށްވެސް އާއިލާއެއްގެ ނުކުޅެދޭ އަންހެންކުއްޖަކު އެހާ ދުރު ހިސާބެއްގައި އެއްޗެހި ދުއްވާ މަގެއްގެ މެދުގައި އެހާ ނިކަމެތި ހާލުގައި އެކަނިމާ އެކަނި އިންނަން ޖެހުނު ސަބަބަކާ މެދުގައެވެ.
(ނުނިމޭ)