އެޓާނީ ޖެެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބުދާރީވުމަށް އޭނާއަށް 30 މިނެޓުގެ ފުރުސަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމައިފިއެވެ.

ޗާގޯސް މައްސަލައިގައި 13 މެންބަރުންގެ ސޮޔާ އެކު ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މަޖިލީހަށް ވައްދައިފައެވެ.

އެކަމާ ގުޅިގެން އާއްމު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ރިފްއަތަށް 30 މިނެޓުގެ ފުރުސަތެއްދޭން ހުށަހެޅުއްވީ، ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްގަނީ އަބްދުލް ހަކީމެވެ. އޭނާ ވިދާޅުވީ، އިތުބާރު ނެތް މައްސަލަތަކުގައި މީގެ ކުރިން ވެސް އަމަލު ކުރާ ގޮތަކީ މިނިސްޓަރަށް ޖަވާބުދާރީވާން 30 މިނެޓުގެ ވަގުތެއް ދިނުން ކަމަށެވެ.

އެއީ ދެ ގަޑިއިރުގެ ބަހުސް ފެށުމުގެ ގޮތުން 10 މިނެޓާއި ބަހުސްގެ މެދު ތެރެއިން 10 މިނެޓާއި ބަހުސް ނިންމާލުއެކު 10 މިނެޓްގެ ފުރުސަތެއް ރިފްއަތަަށް ދިނުމަށެވެ. ދެން އޮތް އެއްގަޑިއިރާ 30 މިނެޓްގެ ވަގުތުގައި މެންބަރުންނަށް ވަގުތު ދެއްވުމަށް ވެސް ހުށަހެޅުއްްވިއެވެ.

މެންބަރު ގަނީގެ އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާންއެވެ. އަދި ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން އެގޮތަށް ފާސްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ، ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން ގާނޫނުގައި ބުނާ 14 ދުވަހުގެ ނޯޓިސް ބަންޑާރަ ނާއިބަށް ދީފައިވާ ކަމަށެވެ.

ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން، ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދޭނީ މަދުވެގެން ރައްޔިތުންގެ މަޖިލީހުގެ 10 މެމްބަރުންގެ ސޮޔާއެކުގައެވެ.

އެފަދަ މައްސަލައެއް މަޖިލީހަށް ވެއްދުމާއެކު، މަޖިލީހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް އެކަން އަންގަންވާނެއެވެ. އަދި ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު އެ ވަޒީރަކަށް ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެ.

ދެ ގަޑިއިރުގެ ބަހުސަކަށްފަހު ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަަމަށް ފާސް ކުރެވޭނީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ވޯޓުން އެމީހެއްގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކޮށްގެން ކަމަށްވެސް ބުނެފައިވެއެވެ.

މަޖިލިސް ރައީސް މިއަދު ވިދާޅުވީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި އެޖެންޑާ ކުރާނެ ދުވަހެއް މެންބަރުންނަށް ފަހުން އަންގަވާނެ ކަމަށެވެ.