"ކިހިނެއްތިވަނީ؟ މަންމަމެން އެތިބީ އަހަރެމެން ފެންނަ ހިސާބުގަ" ނަޒާންގެ އަތުގައި ހިފަހައްޓާލަމުން މަންޝާ ބުންޏެވެ.
"އެހެންވިއްޔާ މީހަކަށް ނުފެންނަ ހިސާބަށް އަހަރެން ގެންދެބަލަ" ލާނެއްކަން އެކުލެވޭ ރާގެއްގައި ނަޒާން ބުންޏެވެ.
މަންޝާގެ ލުއި ހީލުމުގެ އަޑު އިވިލިއެވެ. ޖެހެމުންދާ މަޑުމަޑު ވައިރޯޅިން މަންޝާ އަޅައިގެން ހުރި ޝޯލްގެ ފަހަތުން ތިރިއަށް ދޫކޮށްލާފައިވާ ބައި ވިހުރެމުން ދިޔަ އިރު އެ މަންޒަރު ވީ ނަޒާމް ބަލައި ފޫހިނުވާނޭ މަންޒަރަކަށެވެ. އަދި މަންޝާގެ ތުންފަތަށް ވެރިވެފައިވި ހިނިތުންވުން އެ މަންޒަރަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ޖީބުގައި އޮތް ފޯނު ނެގުމަށްފަހު ނަޒާން ފޯނުގައި އެ މަންޒަރުތަކުގެ ވީޑިޔޯ ރައްކާކުރަމުން ދިޔައެވެ. ލަދުގަނެފައި ހުރި މަންޝާއަށް އެނގުމެއްވެސްނުވާ ހާލުގައެވެ.
"އަހަރެންގެ ހިތް... މަން..." ނަޒާން މޭގައި އަތް އެޅިގޮތުން މަންޝާއަށް ހީވީ ނަޒާންގެ މޭގައި ރިއްސައިގަތް ހެންނެވެ. ކައިރިއަށް އައުމާއެކު މަންޝާގެ އުނގަނޑުގައި އަތްއަޅުވާލާފައި ގާތަށް ދަމާލިއެވެ. މީހަކު ބަލަން ހުރެދާނެ ކަމަކަށް ނަޒާން ނުވިސްނައެވެ. މަންޝާ ކައިރީގައި ހުންނަ އިރު އޭނާގެ ހަތަރެސްފައި ހިމޭނުން ބާއްވަން އޭނާއަށް އުނދަގުލެވެ.
"ދުރުގައި ހުރެގެންވެސް ކައިރީގައި ހުރެވެސް މަން އަހަރެންގެ ހިތާހާދަ ސަމާސާއެކޭ ތިކުރަނީ. ޕްލީޒް މިރޭ އަހަރެން އެހާ އަވަހަށް ފޮނުވާނުލައްޗޭ... ދާކަށް ބޭނުމެއް ނޫން...."
****
މަންޝާގެ އެދުމަކީ ކޮބައިކަން މިހާދު ކައިރީގައި ދިލްޝާދު ބުނީ ނިދަން އޮށޯތް ވަގުތުގައެވެ. އެ ހަބަރު ވީ މިހާދަށްވެސް އެތައް ހިތްހަމަޖެހުމެއް ގެނައި ހަބަރަކަށެވެ. އޭނާ ހުރީ ތައްޔާރަށެވެ.
"އަހަރެންގެ ދަރިފުޅާ ވާހަކަދައްކާނީ ހުދު އަހަރެން. އަހަރެން ހަމަ މިހާރު މިދަނީ"
ދިލްޝާދަށް މިހާދު ނުހިފެހެއްޓުނެވެ. މަރުގެ ތުންފަތްމައްޗަށް މަންޝާ ދިޔަ ހާދިސާއަށްފަހު ކަންކަމުގައި މިހާދު މާބޮޑަށް ޖަޒުބާތީވެއެވެ. ހާއްސަކޮށް މަންޝާގެ ކަމެއްގައި އެއްޗެއް ބުނޭތޯ މިހާދު ހުންނަނީ ތައްޔާރަށެވެ. އަދިވެސް އެދުވަހުގެ ވާހަކަދައްކާފައި ރޮއެވެސް ހަދައެވެ.
މިހާދު ފަހަތުން ދިލްޝާދު ނުކުތެވެ. މަންޝާގެ ކޮޓަރީ ދޮރުމަތީގައި ހުއްޓުނީ ދެމަފިރިން އެކުގައެވެ. މިހާދު ދޮރުފަތުގައި ޓަކި ޖަހާލިއެވެ. އެއާއެކު 'ދަރިފުޅާ' އޭ ގޮވާވެސްލިއެވެ. ދެވަނަ ފަހަރަށް ޓަކިޖެހުމުގެ ކުރިން ދޮރު ހުޅުވައިފިއެވެ. ދޮރުމަތީގައި ތިބި މައިންބަފައިން ފެނި މަންޝާ ހައިރާންވިއެވެ. އެހާ ދަންގަޑިއެއްގައި ވީކަމެއް ނޭނގި މައިންބަފައިން އައިސް ތިބުމުން މަންޝާގެ ހިތުގައި ބިރުވެރި ކަމެއްވެސް ހިނގާލިއެވެ.
"މަންމަ ބައްޕަ ކަމަކުތަ؟" މަންޝާ އެހިއެވެ.
"ބައްޕަ ވާހަކަދައްކާލަން. ވަގުތުކޮޅެއް ލިބިދާނެތަ؟" މިހާދު ބުންޏެވެ.
"ތިއީ ބުނާ ކަހަލަ އެއްޗެހިތަ ބައްޕާ. ބައްޕަ ގުޅާލިނަމަ އަޅުގަނޑު ތިކޮޓަރިއަށް ދިޔައިމުސް" މަންޝާ ބުންޏެވެ. މަންޝާގެ ކޮނޑަށް އަތް އެއްލައިގެން މިހާދު ހިނގައިގަތެވެ. އެނދުގައި އިށީނދެފައި މަންޝާގެ ބޮލުގައި ފިރުމާލިއެވެ.
"ދަރިފުޅު އެދޭ ކޮންމެ އެދުމަކަށް ބައްޕަ މިހުރީ ތައްޔާރަށް. ދަރިފުޅު ހިނިތުންވެފައި ހުންނަތަން ދެކެން ބައްޕަ ބޭނުމީ. ދަރިފުޅު ފަދައިން ނަޒާނަކީވެސް ދަރިއެއް ގޮތަށް ބައްޕަ ބަލައިގަތްތާ ކޮން ދުވަހެއް.... ބައްޕަ ލޮލާއި ބޮލުން ދަރިފުޅުގެ ތިއެދުމާ ގަބޫލު. މަދާމާ ވިޔަސް މިހާރު މިވަގުތު ވިޔަސް ބައްޕަ ވަލީދޭނަން. ބަދަލުގަ ބައްޕައަށް އެންމެ ކަމެއް ކޮށްދީ. ދަރިފުޅު ހިނިތުންވެފަ ހުރޭ"
ޖަޒުބާތީވެވުނު ވަރުން ރޮވުނީ މަންޝާ އާއި މިހާދަށް އެކުއެކީގައެވެ. ދެބަފައިންގެ ލޯބި ފެނިފައި ދިލްޝާދަށްވެސް ރޮވިއްޖެއެވެ.
****
ހެނދުނުގެ ނާޝްތާ ނިންމާފައި ދިލްޝާދު އިނީ ބޮޑުކޮޓަރީ ސޯފާގައެވެ. މިހާދުގެ އަންނައުނުތަކެއް ފަތް ޖަހަން އިނދެފައި އޭނާ ފަހަތް ބަލައިލީ މީހެއްގެ ހިލަންވެގެނެވެ. ފަހަތުގައި ހުރި މަންޝާ ފެނުމުން ދިލްޝާދަށް ލިބުނީ ހައިރާންކަމެކެވެ. މަންޝާ ރީތިވެގެން ހުރެގެންނެވެ.
"އެބަ އަންނަން މަންމާ" މަންޝާ ބުންޏެވެ.
"ކޮންތާކަށް؟" ދިލްޝާދު އެހިއެވެ.
"ހަމް މެންގެއަށް. ހާޒިން ބަލިކޮށް އުޅޭތީ ހަމް އެ އުޅެނީ އަޅުގަނޑު ކައިރިއަށް ނާދެވިގެން. ކޮންމެވެސް ވަރަކަށް ބޭރަށްވެސް ނިކުމެލަން ޖެހޭނެއްނު" މަންޝާ ބުންޏެވެ.
"މަންމަގެ މައްސަލައެއްނެތް. އެކަމަކު ދަރިފުޅު އެކަނި ބޭރަށް ދިޔަކަން އެނގިޖިއްޔާ ބައްޕަ ވަރަށް ހިތްހަމަނުޖެހޭނެ ކަންނޭނގެ. އަމުދުން އަދި އެއްކޮށް ރަނގަޅު ނުވަނިސް"
"އޯކޭވާނެ. ޑޮކްޓަރުވެސް ބުނި ދޯ އަވަހަށް ފަސޭހަވާނީ ތެދުވެ އުޅުނު ވަރަކުންނޭ"
އެންމެފަހުން ދިލްޝާދު އެއްބަސްވިއެވެ. މަންޝާ ފޮނުވާފައި ވަގުތުން އޭނާ މިހާދަށް ގުޅާފައި އެހަބަރު ދިނެވެ.
****
މަގުމަތިން ޓެކްސީއެއް ހުއްޓުވައިގެން މަންޝާ ދިޔައީ ނަޒާންގެ ގެއަށެވެ. ހީކުރިގޮތާ ހިލާފަށް މަގުމައްޗަށް އެކަނި ނިކުމެވުމުން މަންޝާ ބިރުގަނެއްޖެއެވެ. މަގުމަތިންދާ ކޮންމެ ފިރިހެނެއް އޭނާއަށް ފެނުނީ ޝައިހާންގެ ސިފައިގައެވެ. ކުރިއަށްދާން ނުކެރުނީ އެހެންވެއެވެ. ހަމްރާގެ ގެއަށް ދާން އޭނާ ބޭނުންވީ ނަޒާނާއެކު ނަޒާންގެ ސައިކަލް ފަހަތުގައެވެ.
ގޭޓުން ވަދެގެން އައިސް މަންޝާ ހުއްޓުނީ ދޮރުމަތީގައެވެ. އަންގާނުލާ ފުރަތަމަ ފަހަރަށް އެގޮތަށް ނަޒާންގެ ގެއަށް އާދެވުމުން އުނދަގޫވިއެވެ. ހަނދާނަށް އައީ ނަވާލާ ގުޅުން އޮތްއިރު ކެއުމަށް އެގެއަށް އައި ރެއެވެ. މަންޝާ ދެފަރާތަށް ބޯހޫރާލިއެވެ. އޭރާއި މިހާރު އެތައް ގޮތަކުން ތަފާތުކަން މަންޝާ އަމިއްލަ ހިތަށް ވިސްނައިދިނެވެ. އެންމެފަހުން ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލާފައި ބެލްއަޅާލިއެވެ. ދޮރުހުޅުވާލިއިރު ކުރިމަތީގައި ހުރި މީހަކު ފެނިފައި މަންޝާ އިސްޖަހައިލިއެވެ. ދޮރުހުޅުވީ ނަވާލެވެ. މަންޝާވެސް ލަދުން އިސްޖެހިއެވެ. ކަންބޮޑުވެފައި ހުއްޓާ ދޮރުހުޅުވި މީހެއްގެ ސަބަބުން ހައްތަހާ އުނދަގޫވިއެވެ. ނަވާލް ފެނުމުން މަންޝާ އަމިއްލަ ނަފްސަށް ލަދުގަތެވެ. އެގެއަށް އެންމެ ފުރަތަމަ އައިރު ނަވާލާ ލޯބީގެ ގޮތުން ގުޅިގެންނެވެ. ދެވަނަ ފަހަރަށް އައިރު ނަވާލްގެ ބޭބެ އާ ލޯބީގެގޮތުން ގުޅިގެންނެވެ. ހިތަށް އެރި އެއްޗެހިތަކުން އިސްޖަހައިގެން ހުރި މަންޝާގެ ދެލޮލުގައި ކަރުނަ ނީރާލިއެވެ. ނަޒާނާ ގުޅެން އޭނާ އެންމެ ބޮޑަށް ބޭނުންނުވި ސަބަބަކީވެސް އެއެވެ. ހިތަށް އަރާނެ އެއްޗެއް އަރާނެއެވެ. އިންސާނުންނަކީ ހިތް ކޮންޓްރޯލް ކުރުމުގެ ބާރު ލިބިފައިވާ ބައެއް ނޫނެވެ.
"އާދޭ އެތެރެއަށް" ނަވާލް ބުންޏެވެ.
މަންޝާ އެތެރެއަށް ވަނެވެ. ގޭތެރެއިން މީހަކު ނުފެނެއެވެ.
"ކިހިނެއްތަ؟" ނަވާލް އެހިއެވެ.
"ނަ... ނަޒާން...." މަންޝާ ބުންޏެވެ.
"މިތާ އުޅެއުޅެފަ ދެންމެ އެވަނީ ކޮޓަރިއަށް" ނަވާލް ބުންޏެވެ.
"އާދޭ އިށީންނަން" ނަވާލް ބުންޏެވެ.
މަންޝާ އެތެރެއަށް ވަދެ ނަވާލް ދެއްކި ތަނުގައި އިށީނެވެ. ނަވާލް ދިޔައީ ބަދިގެ އާ ދިމާލަށެވެ. އައިސްއަލަމާރި ކައިރީގައި ހުރި މާޝިތާގެ ފަހަތުން ނަވާލް ހުއްޓުނެވެ.
"ލަސްވީ ދޯ. ތިއާ ކައިރިގަ ބުނޭ މަންމަ އެބަދެއޭ. ފައި އެލުވާލައިގެން ނީންނާށޭ ބުނޭ"
"މަންމަގެ ބަޅީ ބަހޫ އައިސް އެބައިން" މާޝިތާ އަތުގައި ހުރި މޭވާ ތަށިން އާފަލެއް ނަގާ އެތިކޮޅެއް ނައްޓައިލަމުން ނަވާލް ބުންޏެވެ.
ފަހަތަށް އެނބުރުނު މާޝިތާއަށް ހެވުނެވެ. ހިންދީ ބަހުން ވާހަކަދެއްކުމަކީ ފަހަކަށް އައިސް އޭނާގެ ދަރީންގެ މެދުގައި ކުރާ ކަމެކެވެ. މިހާރު އެކަމުގެ ތެރެއަށް ތިއާ ވެސް ވައްދައިފިއެވެ. ބުނާ އެއްޗެއްގެ މާނަ ނޭނގެނީ ހަމައެކަނި މާޝިތާއަށެވެ.
"ދެންވެސް ދޭބަލަ. ވަރަށް ލަދުން އިނީ" ނަވާލް ބުންޏެވެ.
ބަދިގޭ ދޮރާ ހަމައަށް ގޮސްފައި ބޮޑުކޮޓަރިއަށް މާޝިތާ ބަލައިލިއެވެ. ސޯފާގައި އިން މަންޝާ ފެނި މާޝިތާގެ ދެލޯ ވިދައިގަތެވެ. ވަގުތުން އެދިމާލަށް ހިނގައިގަތެވެ.
މާޝިތާ އެދިމާލަށް އަންނަތަން ފެނުމާއެކު މަންޝާ ފުންމައިގެން ތެދުވެއްޖެއެވެ. އެއްވެސް އެއްޗެއް ބުނާކަށް މަންޝާއަށް ނޭނގުނެވެ. ފުރަތަމަ ހީކުރީ ނަވާލް އެތެރެއަށް ދިޔައީ ނަޒާނަށް ގޮވަން ކަމަށެވެ. މާޝިތާ އަންނަތަން ފެނުމުން ނަވާލް އޭނާ އައި ހަބަރު ދިނީ މާޝިތާއަށްކަން އިނގުނެވެ.
"ކީއްވެ ތިތެދުވީ. އަވަހަށް އިށީނދޭ..." މަންޝާގެ އަތުގައި ހިފައިލަމުން މާޝިތާ ބުންޏެވެ.
"މިހާރު ކިހިނެއް؟ އަދިވެސް ތަދުވޭތަ؟" އޯގާތެރިކަމާއެކު މާޝިތާ އެހިއެވެ.
"ރަނގަޅު" މަންޝާ ބުންޏެވެ.
"ނާޔާގެ އެންމެފަހު އެގްޒާމް ފަށައިގެން އުޅޭތީ މަންމައަށް މިއުޅެނީ އަދި މަންޝާއަށް ގޮވާލަން ނުދެވިގެން. އެކަމަކު ކޮންމެ ދުވަހަކުވެސް ނަޒާން ކައިރިން މަންޝާގެ ހާލު އޮޅުންފިލުވަން. ގޭ އެންމެން ރަނގަޅުތަ؟"
މަންޝާ ލަދުގަތެވެ. މާޝިތާ 'މަންމަ' ކިޔައިގެން ވާހަކަދެއްކުމުން މަންޝާއަށް ކުރެވުނީ އެހެންކަހަލަ އިހުސާސެކެވެ. ކުރިން ކައިވެންޏެއްކޮށްފައި ހުރި އަންހެނަކު ފިރިހެން ދަރިއެއްގެ ކައިވެންޏަށް އެހާ ފަސޭހައިން ގަބޫލުކުރާނެ މަޔަކު ބަފަޔަކު ހުރެދާނެކަމަށް ޤަބޫލުރަން މަންޝާއަށް އުނދަގުވެފައި އިނެވެ.
"މިއަދު ތިއާ ބަނޑުގައި ރިއްސާތީ އުޅޭތީ ނަވާލް އޮފީހަށް ނުގޮސް އުޅެނިކޮށް ތިއައީ. ގޭގައި ނެތީ ނާޔާ އާ ބައްޕަ އެކަނި. އެހެންދުވަހަކުން ވާނެ އިނގޭ އަންނަން އެންމެން ހަމަޔަށް ތިބޭ ވަގުތެއްގަ"
"އެބަ އަންނަން އިނގޭ" މާޝިތާ ތެދުވީ ކުއްލިއަކަށް އެއްޗެއްގެ މަތިން ހަނދާންވުމުންނެވެ. އިރުކޮޅެއް ނުވަނީސް ކުރިން އިންތަނުގައި އިށީނދެއްޖެއެވެ. ދެން މަންޝާގެ އަތުގައި ހިފާލާފައި ކައިރިއަށް ގެނެސް އަނގޮޓިއެއް މަންޝާގެ އިނގިލީގައި އެޅުވިއެވެ.
"ނަޒާން ކައިރީގަ ކުރިންވެސް މަންމަ ބުނިން މަންޝާ ހޭއެރި ދުވަހަކުން މަންމަގެ ފަރާތުން މިއަނގޮޓި އަޅުވާދެއްޗޭ. އެންމެފަހުން ހަމަ މަންމައެއްނު މިކަން މިކުރަނީ.... ކީއްވެ ވާހަކަނުދައްކާ ތިއިންނަނީ... މިއީ ހަމަ ދަރިފުޅުގެވެސް ގެއެއްނު"
****
ކޮޓަރިއަށް ނަވާލް ވަންއިރު ތިއާ ހުރީ ޟުހާ ނަމާދަށެވެ. ނަމާދުން ފައިބައިގެން އައިސް ތިއާ އިށީނުމާއެކު މަންޝާ އައިސް އިން ހަބަރު ނަވާލް ދިނެވެ.
"އަސްލުވެސް. ބުނެވެސްނުލާ" ތިއާ ބުންޏެވެ.
ތިރިއަށް ދާން ތިއާ ހިނގައިގަތްވަގުތު ނަވާލް ތިއާ ގެ އަތުގައި ހިފެހެއްޓިއެވެ.
"މަންޝާ އައިސް އިން ވާހަކަ ބުނާއިރަށް އަހަރެން މިއީ މިތާ އިން މީހެއް ކަމަށްވެސް ނެހެދިއެއްނު" ނަވާލް ބުންޏެވެ.
"ހެނދުނުން ފެށިގެން ދާދި ދެންމެއަކާ ޖެހެންދެންވެސް އަހަރެން އޮތީ މި އެނދުގަ ނަވާލްގެ ދެއަތުގެ ތެރޭގައި. އަހަރެން ބަނޑު ކިތަންމެ ބޮޑުވެފައި ހުއްޓަސް ނަވާލްގެ އެއްވެސް އެދުމަކަށް ދެކޮޅެއް ނަހަދަން" ތިއާ ބުންޏެވެ.
"އެހެންބުނި އެއްޗެއް ނޫން. ހީވަނީ މަންޝާ އައިސް އިނީ ދޮންބެ ހޯދަންހެން. އަހަރެން ދޮރުހުޅުވާލި ގަޑީގަ ވަރަށް ނުކެރިހުރެފަ ދޮންބެގެ ނަން ކިޔާލައިފި" ނަވާލް ބުންޏެވެ.
ތިއާ ހީލިއެވެ. މަންޝާ ލަދުގަންނާނޭވަރު އޭނާއަށް ވިސްނާލެވުނެވެ. ރަނގަޅުތާއެވެ. ކައިވެނީގެ ކުރިން ގެއަށް އައިސް އުޅުމުން ދޮންބެގެ އާއިލާ މީހުންނާ މަންޝާ އާ ދެމެދު އޮތް ބީރައްޓެހިކަންވެސް ކެނޑިގެން ހިނގައިދާނެތާއެވެ.
"އެހެންވީމަ ދޮންބެ އާ މަން އާ ދެމީހުން ހިތްހަމަޖެހޭވަރު ވީމަ އަހަރެމެން ނިކުންނާނީ" ހިނިތުންވެލަމުން ތިއާ ބުންޏެވެ.
****
"މިއީ ނާޔާގެ ކޮޓަރި... ތިދެކުދިންގެ ކައިވެންޏަށް ޒާންގެ ކޮޓަރި ތައްޔާރުކުރަމުން ދަނީ. ވަގުތީގޮތުން ޒާން އުޅެނީ މިކޮޓަރީގަ" މަންމަ ހިތަށް އަރާ ނާޔާ ގެއަށް އަންނަންދެން ދަރިފުޅު މިގޭގަ މަޑުކުރާނެނަމައޭ..." މާޝިތާ ބުންޏެވެ.
މަންޝާ ހިނިތުންވެލުމުން މާޝިތާ ދިޔައީ މޫނާ ދިމާލުން މަންޝާގެ ޝޯލް ރީތިކޮށްލަދީފައެވެ. މާޝިތާގެ ހިތްހެޔޮކަން ފެނި މަޑުމަޑުން މަންޝާގެ ބީރައްޓެހިކަން ކެނޑެމުން ދިޔައެވެ. އެކަމަކު ނަޒާންގެ ކޮޓަރި ކައިރީގައި ބަހައްޓާފައި އެދިޔައީ ކީއްވެހެއްޔެވެ؟ ނަޒާނަށް ގޮވާފަ ބޭރަށް ނެރެފަ ދިޔަނަމައެއް ނޫން ހެއްޔެވެ؟ ޓަކިޖަހަން ނުޖަހަން ހުރެފައި ފަހަތަށް އެނބުރުނު ވަގުތު މައްޗަށް އަރައިގެން އަންނަ އާމިރު ފެނި މަންޝާ ތެޅިގަތެވެ. އެތަނުގައި ހުއްޓާ އާމިރަށް ފެންނާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންކަމުން ވިސްނާނުލާ ނަޒާންގެ ކޮޓަތިތެރެއަށް ދެމިގަތެވެ. ކުރެވުނީ ކޮންކަހަލަ ކަމެއްކަން ނޭނގޭ ހާލު ރަނގަޅަށް ކޮޓަރި ތެރެއަށް ނަޒަރު ސީދާކޮށްލުމާއެކު މަންޝާއަށް ލިބުނީ ހައިރާންކަމެވެ. އެނދުމަތީގައި ނަޒާން ލާންނަގާފައި އޮތް ޓީޝާޓަކާ ޖީންސެއް އޮތެވެ. ކޮޓަރިތެރެއިން މީހަކު ފެންނާކަށް ނެތެވެ. ނަޒާން ވީ ފާހާނައިގައި މަންޝާއަށް އިނގުނީ ފެންވަރާ އަޑު އިވުމުންނެވެ.
ކުއްލިއަކަށް ފާހާނާގެ ދޮރުހުޅުވާލި އަޑު އިވުމާއެކު މަންޝާއަށް ހީވީ އެތެރެހަށީގައި ނޭވާ ތާށިވިހެންނެވެ. އެހާ އަވަހަށް ފާހާނައިގެ ދޮރަށް ފުރަގަސްދީފިއެވެ. ކޮޓަރިތެރެއިން މީހަކުގެ ހިލަންވިހެން ހީވުމާއެކު ނަޒާން އެތެރޭގައި މައިތިރިވިއެވެ.
"ނާއްކޯ... ދެން ނިކުންނަންވީނުން ކޮޓަރިން" ނަޒާން އެތެރެއިން ގޮވާލި އަޑު އިވުނެވެ. މަންޝާ ހިނިއައިސްފައި ހުއްޓެވެ. ނަޒާން ފާހަނައިން ނުނިކުންނަކަން އިނގުމުން މަންޝާއަށް މަޖާވެސްވިއެވެ.
"ދެން އަންގާވެސްނުލާ ބޯއީ ކުދިން އުޅޭ ކޮޓަރިއަށް ވަދޭތަ؟ ހުރެބަލަ. ދޮންބެވެސް ލަނޑެއްދޭނަން" ނަޒާން ބުންޏެވެ.
ވިއްދާ ނާޔާ ޖަވާބެއްނުދޭތީ ނަޒާން އެންމެފަހުން ވާހަކަދެއްކުން ހުއްޓާލިއެވެ. އެތެރޭގައި ހުރީ ނާޔާ ބާއޭ ހިތުގައި ސުވާލު އުފެދުނެވެ.
"އޯކޭ އެންމެ ރަނގަޅޭ. ދޮންބެގެ މިސްޓޭކް ދޮރު ލޮކްނުކުރެވުނީ. ތުވާލި ދިއްކޮށްލަބަ އެހެންވިއްޔާ..." ނަޒާން ބުންޏެވެ.
މަންޝާ ދެފަރާތް ހޯދައި ބަލައިލިއެވެ. ނަޒާންގެ ތުވާލި ފެނުމުން މަޑުމަޑުން ހިނގާފައި ގޮސް ތުވާލި ނެގިއެވެ. ފާހާނާ ކައިރީގައި ހުއްޓިފައި ދޮރުފަތް ފޭވެފައި ހުރި ދޭތެރެއިން ތުވާލި ދިއްކޮށްލިއެވެ.
މަންޝާ ލައިގެން ހުރި މެރޫން ކުލައިގެ ހެދުމުގެ އަތްކުރިން ބަޔަކާއެކު އިނގިލީގައި އިން ރިހިކުލައިގެ އަނގޮޓި ފެނުމުން ނަޒާނަށް ގަބޫލެއްވެސް ނުކުރެވުނެވެ. ވަގުތުން އެއީ ނާޔާ ނޫންކަމާ އެއީ މަންޝާ ކަން ނަޒާނަށް އިނގުނެވެ. އެވަރަށް ނާޔާ އޭ ކިޔާފައި ވާހަކަދެއްކިއިރު އެއްވެސް ޖަވާބެއްނުދީ ހުރީ މަންޝާ ވީމައެވެ. ތުވާލީގެ ބަދަލުގައި ނަޒާން ހިފީ މަންޝާގެ އަތުގައެވެ. ދަމާފައި އެތެރެއަށް ވައްދަން އުޅުމުން މަންޝާ ތެޅިގަތެވެ.
"އަޅެ ނޫން..." މަންޝާ ބުންޏެވެ.
ހިނިގަނޑެއް ޖަހާލާފައި ނަޒާން މަންޝާ އަތުން ދޫކޮށްލިއެވެ. މާގިނަ އިރެއްނުވެ ގައި ހިއްކައިގެން ނަޒާން ނިކުމެއްޖެއެވެ. ފާހާނާއަށް ފުރަގަސްދީގެން ހުރި މަންޝާ ފެނުމުން ނަޒާން ހިނިތުންވެލިއެވެ.
"އުފާވެރި ހެނދުނެއް. ވާއޮ... ހީވެސްނުކޮށްހުއްޓަ މިއޮށް ލިބުނު ސަޕްރައިޒެއް" ނަޒާންގެ އަޑު އައީ ގާތްވަމުންނެވެ.
މަންޝާ ސިހުނީ އޭނާގެ ފުރަގަހުން ނަޒާން އައިސް ތަތްވުމުންނެވެ. ކުރިއަށް ފިޔަވަޅެއް އަޅާނެ ވަގުތެއްވެސް ނަޒާން ނުދިނެވެ. މަންޝާ އޭނާގެ ދެއަތުގެ ތެރޭގައި ހައްޔަރުކޮށްލިއެވެ.
"ނޫން... ޒާން... އަހަރެން ވަރަށް ބިރުގަނޭ"
މަންޝާ ގަދަކަމުން ނަޒާނާ ދުރުވެލިއެވެ.
"ހަޑިކޮށް ތިއުޅެނީ" މަންޝާ ބުންޏެވެ. ނަޒާން ހީލި އަޑު އިވުނެވެ. ދުރަށްޖެހުނު ކަމެއް ނުޖެހޭކަމެއް މަންޝާއަށް ޔަގީނެއް ނުވިއެވެ. ފަހަތަށް އެނބުރި ބަލައިލަން ހިތަށް އެރި ވަގުތު މަޑުޖެހުނީ ނަޒާން ބުނެލި ޖުމްލައަކާއެކުގައެވެ.
"އަހަރެން މިހެން ހުއްޓަތަ ތިބަލަން އުޅެނީ. ނުބަލާ ހުރޭ. އެއްޗެހި ލަނީ" ނަޒާން ބުންޏެވެ.
މަންޝާ ހިނިއައިސްފައި ދެލޯމަރާ ބާރުކޮށްލިއެވެ. ނަޒާން އެއްޗެހިލާނެ ވަގުތުދީފައި އަނެއްކާވެސް މަންޝާ ބުންޏެވެ.
"އަހަރެން ތަނަކަށް ދާންވެގެންނޭ މިއައީ"
"ކޮންތާކަށް"
މަންޝާ ދިޔައީ ސިހިގެންނެވެ. ނަޒާންގެ އަޑު އައީ ކަންފަތާ ދާދު ގާތުންނެވެ. މަންޝާ ގަދަހަދަން އުޅުނަސް މިފަހަރު ނަޒާން ދުރަށް ނުދިޔައެވެ. މަންޝާ ނުބަލަން އުޅުމުން ނަޒާނަށް މަޖާވިއެވެ. މަންޝާގެ މޫނުގައި ހިފައި ގަދަކަމުން އޭނާ އާ ވީކޮޅަށް އެނބުރުވިއެވެ.
"ކައިވެނިކޮށްގެންވެސް އަހަރެންނަށް ނުބަލަން ތިހެން ދެލޯމަރައިގެންތަ ހުންނާނީ" ނަޒާން ބުންޏެވެ.
"ގަމީސް ލައިފިންތަ؟" މަންޝާ އެހިއެވެ.
ނަޒާންގެ ހަބަރެއް ނުވުމުން މަންޝާ ދެލޯ ލަސްލަހުން ހުޅުވާލިއެވެ. އޭނާގެ އުނގަނޑުގައި ހިފާ ގާތްކޮށްލި ގޮތަށް ނަޒާން ހުއްޓެވެ. ނަޒާންގެ މޫނާ ދެލޮލުގައިވި އަސަރުތައް ދެނެގަންނަން މަންޝާއަށް ދަތިވިއެވެ. ނަޒާންގެ އެބެލުމުން އުނދަގޫވެސްވިއެވެ.
"މަން ފެނުމުން އަހަރެންނަށް ކިހިނެއްތަ މިވަނީ؟ އަހަރެންނަށް.... ކަމެއް ކުރެވިދާނެ"
(ނުނިމޭ)