Close
ވާހަކަ

ދީވާނާ ހިތް - 53

3

"ދަރިފުޅު ތީނީ އުފަލުންތަ؟" ދިލްޝާދު އެހިއެވެ. މަންޝާގެ އަތުން ފުނާ އަތުލާފައި ދިލްޝާދު އަތުން ފުނާއަޅުވަމުން ދިޔައެވެ.

"އަޅުގަނޑު އުފަލުން މިއިނީ. މަންމާ، އަޅުގަނޑު ވަރަށް މުހިންމު ވާހަކައެއް ބުނަން ބޭނުން" މަންޝާ ބުންޏެވެ.

****

"މަންމަ އަޑުއަހާނަން. އެކަމަކު އޭގެ ކުރިން މަންމަ ދަރިފުޅު ކައިރީގައި ވާހަކައެއް ބުނަން ބޭނުން" ދިލްޝާދު ވާހަކަދެއްކިއެވެ. މަންޝާ ބޯޖަހާލިއެވެ.

"ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެ. ދަރިފުޅު ތިކުރީ ކުށެއް. އެއީ މަންމައަށް ދަރިފުޅުގެ ދިރިއުޅުމުގެ ކަންކަން ސިއްރު ކުރުން. ވޭނާއި ތަކުލީފު އުފުލަމުން ދިޔަ އިރު މަންމަ ކައިރީގައި އެވާހަކަތައް ނުދެއްކުން. މަންމަ އުންމީދު ކުރަން ކުރިއަށް އޮތް ތަނުގައި މަންޝާގެ ފަރާތުން އެފަދަ ކަމެއް ދެން ނުހިނގާނެ ކަމަށް" ދިލްޝާދު ވާހަކަދެއްކިއެވެ.

"އެފަދަ ކަމެއް ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ދިރިއުޅުމުގައި ދެން ނުހިނގާނެ. އަޅުގަނޑު ދެން ކުރާނެ ކައިވެންޏަކީ ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު ކުރާނެ އެންމެފަހު ކައިވެނި. އެއީ އަޅުގަނޑުދެކެ އެއްވެސް އަމިއްލަ އެދުމެއްނެތި އެންމެ ލޯބިވާ މީހަކީ" މަންޝާ ބުންޏެވެ.

ލޯގަނޑުން ފެންނަން ހުރި މަންޝާގެ މޫނަށް ދިލްޝާދު ބަލައިލިއެވެ. މަންޝާގެ ތުންފަތް މައްޗަށް ވެރިވެފައިވި ހުވަފެނީ ހިނިތުންވުން ދިލްޝާދު ހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު ލިބުނެވެ.

"ކައިވެންޏެއް ކުރަންތަ ތިއުޅެނީ؟' ދިލްޝާދު އެހިއެވެ. މަންޝާ ދިލްޝާދަށް ބަލައިލިއެވެ. ފަހަތަށް އެނބުރިފައި ދިލްޝާދުގެ މޫނަށް މަންޝާ ބަލައިލިއެވެ. ދިލްޝާދު ކުރި ސުވާލުގެ ޖަވާބު މަންޝާ ދުލުން ހާމަނުކުރިއެވެ. ދިލްޝާދުގެ ގައިގައި މަންޝާ ބައްދާލިއެވެ.

"އެންމެ ފުރަތަމަވެސް އޭނާއަށް ނޫނެކޭ ބުނުން އެއީވެސް އަޅުގަނޑު ކުރި ކުށެއް. މަންމާ، ނަޒާންދެކެ އަޅުގަނޑަށް ލޯބިވެވިއްޖެ. ޝައިހާނާ ކައިވެނިކުރުމުގެ ކުރިންވެސް އަޅުގަނޑަށް އެކަން އިހުސާސް ކުރެވުނު. އެކަމަކު ޝައިހާނަށް ވަފާތެރިވުމަށްޓަކައި އަޅުގަނޑަށް މަޖުބޫރުވީ އެކައިވެނި ކުރަން. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށްނު. މަންމާ، ނަޒާން އަޅުގަނޑުދެކެ ލޯބިނުވާނަމަ އަޅުގަނޑުގެ ފަސްފަހަތުން އެހެން ނޫޅޭނެއްނު. މިފަހަރު އަޅުގަނޑު ނަޒާން މާޔޫސްކޮށެއް ނުލާނަން. އޭނާއަށް ހައްގު ލޯބި އޭނާއަށް ދޭނަން. އަޅުގަނޑު ކައިވެނި އަވަސްކޮށްދީ. މިވާހަކަތައް އަޅުގަނޑުގެ ފަރަތުން ބައްޕަ އާއި ދޮންބެ ކައިރީގައި ބުނެދީ"

ދިލްޝާދުގެ ދެލޮލުން ކަރުނަ ނީރާލިއެވެ. މަންޝާ އުފަލެއް ލިބުމަކީ މި ދުނިޔޭގައި ދިލްޝާދު ދުނިޔެއިން އެދޭ އެންމެ ބޮޑު އެދެމުވެ. އޭނާއަށް އެނގުމެއްވެސް ނުވާ ހާލު އަލަތު ކައިވެނީގެ ފަހުން މަންޝާ ހޭދަކުރި ހިތްދަތިކަން ހިތަށް އަރާ ކޮންމެ ފަހަރަކު ދިލްޝާދުގެ ހިތް ރޮއެގަނެއެވެ. އެދުވަސްތައް ބަދަލުކުރުމުގެ ބާރު އިންސާނުންނަށް ލިބިފައިވާނަމަ އެންމެ ފުރަތަމަ އޭނާ ކުރާނީ އެކަމެވެ. މިހާރު މަންޝާގެ ނިންމުން ލަސްކުރާކަށްވެސް އެކައިވެނި ކުރުމުގެ ކުރިން ވިސްނަން މަންޝާއަށް ފުރުސަތުދޭކަށްވެސް ދިލްޝާދު ބޭނުމެއް ނުވިއެވެ. މަންޝާގެ އެ ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެވެ. ނަޒާނަކީ މަންޝާދެކެ ލޯބިވާނެ، ލޯބި ދީގެން ގެންގުޅޭނެ ޒުވާނެކެވެ. އެކަމަކު ދެވަނަ ކައިވެނި ކުރުމުގެ ކުރިން މަންޝާ އަދި މަޑުކުރަންޖެހޭނެކަން ދިލްޝާދު ހަނދާންވިއެވެ.

"އެކަމަކު ފުރަތަމަ ކައިވެނީގެ އިއްދައިގައި ދަރިފުޅު އިންނަންޖެހޭނެއްނު. އެއީ އިސްލާމްދީނުގައި އެކަން އޮންނަ ގޮތް. މަންޝާ ހަނދާންނެއްނެތްތަ؟"

"އަޅުގަނޑު ހަނދާން އެބަހުރި މަންމާ. އެކަމަކު ކައިވެންޏަށްފަހު އަންބަކާއި ފިރިއަކާ ދެމެދު އޮންނަންޖެހޭ އެއްވެސް ގުޅުމެއް އަޅުގަނޑާއި ޝައިހާނާ ދެމެދު ނެތް. އެންމެ ފުރަތަމަ ރެއިން ފެށިގެން ފަހު ރެއާ ހަމައަށް އަޅުގަނޑަށް ލިބުނީ އަނިޔާ އާއި ވޭނާއި ކެކުޅުން. އަޅުގަނޑުގެ ގައިގެ އެތަން މިތަނުގައި ލާފައިވާ ލަކުނުތައް އެންމެ ކައިރިން ފެންނާނެ އެކަކު އެއީ ޝައިހާންގެ މަންމަ. ވީއިރު އަޅުގަނޑު ފުރިހަމަ ކުރަންޖެހޭ އިއްދައެއް އޮންނާނެތަ؟"

މަންޝާގެ ވާހަތައް އަހާފައި އިސްޖަހައިގެން ހުރި ދިލްޝާދުގެ ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. މަންޝާގެ ދިރިއުޅުމުގެ ވާހަކަތައް މަންޝާގެ ދުލުން އަޑުއިވުމުން ދިލްޝާދުގެ ހިތް ފަޅައިގެންދާވަރު ވިއެވެ. ކަރުނަތައް ހިފަހައްޓަންވެސް ދިލްޝާދަށް އުނދަގުވިއެވެ. އޭނާގެ އޮތީ އެންމެ ޝަކުވާއެކެވެ. ގިނިކަންޏާ އެތަކުލީފުތައް މަންޝާ ބަރުދާސްތުކުރީ ކިއްވެ ހެއްޔެވެ؟ މައިންބަފައިން ދުނިޔޭގައި ނެތީ ހެއްޔެވެ؟

"އެއީ އަޅުގަނޑަށް މަންމަމެން މުހިންމުވީމަ. މަންމަމެންނަށް އެކަން އެނގި ވެދާނެގޮތަކާމެދު އަޅުގަނޑު ބިރުހީވީމަ. ބައްޕައަށް އެންމެފަހުން ވީގޮތްވެސް މަންމަ ނިކަން ދެކިބަލަ. މަންމާ، ކުރެވުނު ކުށަށް މައާފްކޮށްދީ. އަޅުގަނޑުގެ ކައިވެނި އަވަސްކޮށްދީ"

ދިލްޝާދު މަންޝާއަށް ޔަގީންކަންދިނެވެ. އެ އާއިލާ އިން އެންމެ އިސްކަމެއްދޭނެ ކަމަކީ މަންޝާގެ ކައިވެންޏޭ ބުނެ މަންޝާ

ހިތްހަމަޖައްސައިދިނެވެ.

****

ވަޒީފާ ނިމުމުން ތިއާ ބޭނުންވީ މަންޝާގެ ގެއަށް ދާށެވެ. އެހެންކަމުން ތިއާ ބޭނުންވި ފަދައިން ނަވާލް ކަންތައްކޮށްދިނެވެ. ތިއާ އެގެއަށް ލާފައި ނަވާލް ދިޔައީ ނަޒާން ފޮނުވާފައި އިން މެސެޖްގައި އަންނަން ބުނެފައި އިން ކެފޭއަށެވެ. ނަޒާން ދައްކަން އުޅެނީ ކޮންވާހަކައެއްކަން ނަވާލަށް އެނގެއެވެ. އެކަމާ ކުރިމަތިލުމަކީ ނަވާލަށް އުނދަގޫ ކަމެކެވެ. އެހެންނަމަވެސް ނަވާލްގެ ސުވާލުތަކަށް ޖަވާބުދިނުމަކީވެސް ކޮންމެހެން މުހިންމު ކަމެކެވެ. ނަވާލްގެ ހިތަށްވެސް ހިތްހަމަޖެހުމެއް ލިބޭނީ އޭރުންކަން އެނގެއެވެ.

"ދޮންބެ އައިރު އަހަރެން ގޮވައިގެން އައިނަމަ" ސައިކަލުގައި އައިސް މަޑުކޮށްލި ނަވާލް ބުންޏެވެ. ދެބެއިންނަށް ކެފޭ ކައިރިއަށް މަޑުކޮށްލެވުނީ ދާދި އެކުއެކީގައެވެ.

"ތިއާ ގޮވައިގެންނޭ ބުނި." ނަޒާން ބުންޏެވެ.

ދެބެއިން އެތެރެއަށް ވަދެގެން ދިޔައީ އެކުއެކީގައެވެ. މޭޒު ކައިރީގައި ދެބެއިން އިށީނުމާއެކު ވެއިޓަރަކު އައިސް އޯޑަރު ނަގައިފިއެވެ.

"ތިއާ ގޮވައިގެން ނަވާ އަންނާނެ އިރަކަށް ދޮންބެ އިނިން މަޑުކޮށްގެން. ހަބަރެއްނުވީމަ މިއައީ. ގުޅީމަ ފޯނެއްވެސް ނުނަގަ" ނަޒާން ބުންޏެވެ.

"ތިއާ ބޮޑުމަންމަމެން ގެއަށް ދާންބުނީމަ އެގެއަށްލާފަ މިއައީ. އަހަރެމެން ދެމީހުން ކޮފީއަށް އައިކަން މަންމައަށް އެނގޭތަ. މަންމަ ހުންނާނެ ސައިހަދައިގެން" ނަވާލް ބުންޏެވެ.

"ބުނިން މަންމަ ކައިރީގަ"

ނަވާލް އިނީ ހިތްއަވަސްވެފައެވެ. އެކި ދިމަދިމާލުން ނުގުޅޭ ވާހަކަތައް ނަވާލް ދައްކަމުން ދިޔައި އަވަހަށް ވަގުތު ދުއްވާލުމުގެ ބޭނުމުގައެވެ. އެހެނީ މަންޝާގެ ވާހަކަ ނަޒާން ނުފަށާހާ ހިނދެއްގައި ނަވާލް އިނީ އެވާހަކަ ނުފަށާށެވެ.

"ނަވާ، ކަންތައްތައް މިވީ ދޮންބެ ހީކުރި ގޮތަކަށް ނޫން. ލޯތްބަކީ ހާދަ ފާޑެއްގެ އެއްޗެކޭ ދޯ. އަހަރެންނަށް ކިހިނެއް އެނގޭނީ އަހަރެންގެ ފިރިހެން ކޮއްކޮގެ ކުރީގެ ލޯބިވެރިޔާދެކެ އިންތިހާދަރަޖައަށް ދޮންބެއަށް ލޯބިވެވިދާނެ ކަމަކަށް" ނަޒާން ބުންޏެވެ.

"ތިވާހަކަތައް ދެއްކުން މުހިންމުތަ؟" ނަވާލް ބުންޏެވެ.

"ހެހެހެ... އެކަމެއްގެ ސަބަބުން ހިތަށް އުނދަގޫތަކެއް ވަންޏާ އެންމެ ރަނގަޅުވާނީ އެކަމެއްގެ ވާހަކަ ދެއްކުމެއްނު. ދޮންބެއަށް މިވާހަކަތައް ދެއްކެން އޮތީ ނަވާ އާ. ނަވާ ދޮންބެއަށް މިކަން ސާފުކޮށްދީބަލަ. ދޮންބެއަށް މިކުރެވުނީ ލަދުވެތި ކަމެއްތަ؟" ކޮފީތަށިން ކޯވަރެއް ބޯލަމުން ނަޒާން ބުންޏެވެ.

"ދޮންބޭ. ހަގީގަތުގަ ތިވާހަކަތައް ދެއްކީމަ ލަދުގަންނަނީ އަހަރެން. މާޒީގައި ހިނގާފައިވާ ކަމެއްގެ ވާހަކަ ކޮންމެހެން ދައްކަނީ ކީއްކުރަން. މަންޝާ މިހާރު އަހަރެންގެ ފަހަރިއެއް އެއީ. ލޯބީގެ ގޮތުން ނަމެއްގަ ގުޅިގެން އުޅުނިން. އެގުޅުމަށް މާގިނަ ދުވަހެއްވެސް ނުވޭ. އެހެން ލޯބިވެގެން އުޅޭ މީހުން އުޅުނުގޮތަކަށް ނޫން އަހަރެމެން އުޅުނީ. މިގޮތަށް މިކަން ވާންއޮތީމަ ކަންނޭނގެ އޭރުވެސް ދުރުކަމެއް އިހުސާސްވީ. ލޯތްބެއް އެޓްރެކްޝަނެއް ނެތް. އަހަރެންނަށް ލޯބިވެވުނީ ހަމައެކަނި ތިއާ ދެކެ. އެނޫނީ ދެން ބޭނުމެއްވެސް ނޫން. ދޮންބެއަށް އެނގޭނެ އަހަރެން ތިއާ އާ މެރީކުރީ ކީއްވެގެންކަން. ދޮންބެ އަހަރެންނަށް ޝައްކުކުރަނީތަ؟"

ނަޒާން ހިނިގަނޑެއް ޖަހާލިއެވެ. މަންޝާ ހާދަ ތެދުވެރިއެވެ. މަންޝާ އެވާހަކަތައް ނަޒާނަށް މާކުރިން ކިޔައިދީފިއެވެ. ނަވާލް ކިޔައިދިން ގޮތަށެވެ. އެއްވެސް ތަފާތެއް ނެތެވެ. ނަވާލަށް އެއްވެސް ކަމަކަށް ނަޒާން ޝައްކެއް ނުކުރެއެވެ. ބޭނުންވީ އެވާހަކަތަކާ މެދު ނަވާލް ދެކޭގޮތް ބަލައިލުމަށެވެ.

"ތިއާ އަށް އެނގޭތަ؟" ނަޒާން އެހިއެވެ. ނަވާލް ބޯޖަހާލިއެވެ.

"ދޮންބެ އެކަން މާބޮޑު ކަމަކަށް ނަހަދައްޗެ. އަހަރެން އެދެނީ ދޮންބެ އާއި މަންޝާ އަށް ވަރަށް އުފާވެރި ދުވަސްތަކަކަށް"

****

ތިއާ އަށް ގެއަށް ވަދެވުނުއިރު މަންޝާގެ އާއިލާ ތިބީ ހަވީރުގެ ސަޔަށް އިންސާފުކުރާށެވެ. އެންމެ ފުރަތަމަ ތިއާ ފެނުނީވެސް މަންޝާ އަށެވެ. މަންޝާ ތެދުވެގެން ގޮސް ތިއާގެ ގައިގައި ބައްދާލިއެވެ. މަންޝާގެ އެ އަމަލުން މިފަހަރު ތިއާ ވީ ދެރައެވެ. އެވަގުތުކޮޅު ތިއާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ދެލޯ ކައިރި ފޮހެލާފައި ތިއާ ވެސް މަންޝާގެ ބުރަކަށީގައި ފިރުމާލިއެވެ.

"އައިމް ސޯ ހެޕީ ފޯ ޔޫ" ތިއާ ބުންޏެވެ.

"ނޫޅެންތަ ފަޅާލާކަށް" ނުކުމެފައިވާ ތިއާގެ ބޮޑު ބަނޑުގައި މަންޝާ ފިރުމާލިއެވެ.

ފަހުން ތިއާ ސައިބޯން އިށީނެވެ. އޭނާ އިނީ މަންޝާ އާ އެކަނި ވާހަކަދައްކާލެވޭނެ އިރެއްގެ އިންތިޒާރުގައެވެ. އެންމެފަހުން އެވަގުތު ނުލިބުމުން އޭނާ މަންޝާއަށް ގޮވާލާފައި އެކުގައި ކޮޓަރިއަށް ދާން ބުންޏެވެ.

"މިރޭ ކައިގެން ދާން މަޑުކުރަންވީނުން" ތިއާ ސިޑިން އަރައިގެން ދަނިކޮށް ދިލްޝާދު ގޮވާލާފައި ބުންޏެވެ.

ކޮޓަރިއަށް ވަދެވުމާއެކު ކޮނޑުގައި އޮތް ދަބަސް ބާއްވާފައި މަންޝާގެ އަތުގައި ހިފައިގެން އެނދުގައި ތިއާ އިށީނެވެ. މަންޝާ ތިއާގެ މޫނަށް ހައިރާންކަމާއެކު ބަލައިލިއެވެ.

"އެނގޭ ނިމިފަ އޮތް ކަމެއްކަން. އަހަރެންނަށް އެނގުނީ ނަވާލް ކިޔައިދިނީމަ. މަން... އައިމް ސޮރީ. އަހަރެން ގަސްތަކު ނޫން. މިހާރު އަހަރެން ދެރަވޭ އަދި ލަދުވެސްގަނޭ" ތިއާ ބުންޏެވެ.

ތިއާގެ ވާހަކަތައް މަންޝާއަށް ވިސްނުނެވެ. މަންޝާވެސް އިސްޖަހާލިއެވެ. ކަންތައްތައްވެފައި އޮތް ގޮތުން އެވާހަކަތައް އިވުމުން މިހާރު ހުދު މަންޝާއަށްވެސް އިހުސާސް ކުރެވެނީ ލަދުވެތި ކަމެކެވެ.

"ތިވާހަކަތައް އަހަރެމެން ނުދެއްކުން އެންމެ ރަނގަޅުވާނީ. ތިވާހަކަތައް ދައްކާކަށްވެސް އަހާކަށްވެސް އަހަރެމެންގެ ހަތަރު މީހުންނަށްވެސް ފަސޭހައެއްނުވާނެ" މަންޝާ ބުންޏެވެ.

"އެކަމަކު އަދި އެއްކަމެއް އަހަރެން މަންއަށް ސާފުކޮށްދޭން ބޭނުން. އަހަރެންގެ ކައިވެންޏަށް އެދި ނަވާލް އައި ސަބަބު. އަހަރެމެން ކައިވެނީގެ ކުރިން ކުރަންނުވާވަރުގެ އެއްވެސް ކަމެއް ނުކުރަން. ވީގޮތަކީ...."

ތިއާ މަންޝާއަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. ހައިރާންވި ނަމަވެސް ބޮޑަށް މަންޝާ ކައިރިއަށް އައީ ހިންޏެވެ. އެދެމެދުގައި ހިނގީ އެކަހަލަ ކަމެކޭ މަންޝާގެ ހިތަށްވެސް ނާރައެވެ. މަންޝާ ތިއާ އަށްޓަކައި ހިތްހެޔޮކުރިއެވެ. ތިއާ އާއި ނަވާލްގެ ނިންމުމަކީ އެންމެ ރަނގަޅު ނިންމުން ކަމުގައި ބުންޏެވެ.

"މާޒީވެ ދިޔަ އެއްވެސް ކަމެއް އަހަރެން ހިތުގައި ކީއްކުރަން ހަނދާނެއްވެސްނުވޭ. އަހަރެންގެ ދިރިއުޅުން މިހާރު މާ ރީތި މާ އުޖާލާ. ތިއާ. އަހަރެން ނަޒާންދެކެ ހާދަ ލޯތްބެއްވެޔޭ. ނަޒާންގެ މީހަކަށް ވާހިތުން އަހަރެން މިހުންނަނީ ކެތްމަދުވެފަ" މަންޝާ ބުންޏެވެ.

"ހޮއެ ހޮއެ... ހާދަ ވަރެކޭ.. " ތިއާ ބުންޏެވެ. މަންޝާ ލަދުން އިސްޖަހާލިއެވެ.

****

ރޭގަނޑުގެ ކެއުމުގައި ބަޔަކު ބައިވެރިވާނެ ވާހަކަ ނަޒާން ކައިރީގައި މާޝިތާ ބުނީ މިސްކިތުން އައިސް ގެއަށް ވަން ފަހުންނެވެ. އޭނާ ހުރީ ކައިގެން މަންޝާ އާ ބައްދަލުކުރަންދާން ބޭނުންވެފައެވެ. އެވަގުތަށް ކެތްމަދުވެފައެވެ. މަންޝާ ނުފެންނަތާ ސައުވީސް ގަޑިއިރު ފާއިތުވެގެން ދިޔައިރު އެ ސައުވީސް ގަޑިއިރު އޭނާއަށް ވީ ސައުވީސް އަހަރަށެވެ. އަމިއްލަ ބޭނުމެއް އޮތް ނަމަވެސް މާޝިތާ އެދުނު ވަގުތު އާއިލާއަށް ހުސްކުރުމަށް ނަޒާން ނިންމިއެވެ. އެއީ މުހިންމު ކަމެކެވެ. ނާޔާގެ ދިރިއުޅުމުގެ ކަންކަން ދެ އާއިލާގެ މެދުގައި ނިމިގެންދާ އިރު އެންމެ ބޮޑު ބޭބެ އެތަނުގައި އިނުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ.

ގޭތެރެއަށް ވަން އާމިރުގެ ފަހަތުން ވަން ރައޫފްގެ އާއިލާ ފެނި ހުރިހާ މީހުން އެއްކޮށް ކޮޅަށް ތެދުވިއެވެ. ރައޫފްގެ ފަހަތުގައި އޭނާގެ ދެ ފިރިހެން ދަރީން ތިއްބެވެ. ބޮޑު ދަރިފުޅު ދިހާނާއި އެނާގެ އަނބިމީހާ އާއި ދޮޅު އަހަރުގެ ކާފަ ދަރިފުޅު ހުއްޓެވެ. ވަކިން ހުރީ ޒުހާނެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ސޯފާގައި އިން ނާޔާއަށެވެ. ނާޔާ ހުރީ ލަދުންނެވެ. އެއީ އޭނާއަށް މުޅިން އާ ކަމެކެވެ. ފުރާވަރު އުމުރަށް އެޅުނު ހިސާބުން އޭނާ އުންމީދުކޮށްގެން ހުރީ އޭނާގެ ހަޔާތަށްވެސް އަންނާނީ އޭނާ އިންތިހާއަށް ލޯބިވާ އޭނާއަށް އެތައް ގޮތަކުން ކަމުދާ ޒުވާނެއް ކަމަށެވެ. ކައިވެންޏަކާ ހަމައަށް ދިޔުމުގެ ކުރިން އެކުގައި އެތައް ވަގުތެއް ހޭދަކޮށް ލޯބީގެ އެތައް ސަމާސާއެއް ކުރެވޭނެ ކަމަށެވެ. ޒަރޫކަށް އެހާ ފަސޭހައިން ހިތް ދެވުނީވެސް އެހެންވެއެވެ. އެހެންނަމަވެސް ކުރެވުނު ބޮޑު ކުށެއްގެ ސަބަބުން ނާޔާގެ ދިރިއުޅުން ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ދެފަރާތުގެ އާއިލާ އިން ރާވައިގެން ހަމަޖެއްސި ކައިވެންޏަކާ ދިމާލަށް ދުވަހަކުވެސް ދާންޖެހިދާނެ ކަމަށް ނާޔާ ހިއެއް ނުކުރެއެވެ. އެހެންނަމަވެސް އޭނާއަށް އެގޮތްވެސް އެންމެ ރަނގަޅެވެ.

ދެފަރާތުގެ އާއިލާ އެއްބަޔަކު އަނެއް ބަޔަކަށް ތައާރަފުވިއެވެ. ރައޫފް ނާޔާގެ ބޮލުގައި ފިރުމާލީ އޯގާތެރިކަމާއެކުގައެވެ.

"ކާންވެސް ތައްޔާރުވެފަ ހުރީ. ހިނގާ އެންމެ ފުރަތަމަ ކާންދާން" މާޝިތާ ބުންޏެވެ.

ކާމޭޒު ކައިރީގައިވެސް ޒުހާން ބަލަހައްޓައިގެން އިންނާތީ ނާޔާއަށް އުނދަގޫވިއެވެ. އަދި އެންމެ ފަހަރަކުވެސް ނާޔާއަށް އިސްއުފުލާ ޒުހާނަށް ބަލައިލަން ނުކުރެއެވެ. މައިންބަފައިން ހަމަޖެއްސި ގުޅުމަކަށް ވީތީ ނާޔާއަށް ކުރެވެނީ މުޅިން ތަފާތު އިހުސާސެކެވެ.

ކެއުން ކުރިއަށްދިޔަ ވަގުތު މާގިނަ ވާހަކަތަކެއް ނުދެކެވެއެވެ. ވާހަކަތައް ފެށުނީ ކައިގެން އައިސް ބޮޑުކޮޓަރިއަށް އެންމެން ޖަމާވިފަހުންނެވެ.

"އަހަރެން މިފަދަ ކަމަކަށް އާމިރުގެ ކިބައިން އެދުނީ އެތައް ގޮތަކަށް ވިސްނާފަ. ﷲ އިރާދަކުރެއްވިއްޔާ އަހަރެންގެ ދެ ދަރީންނަކީވެސް އަހުލާގު ރަނގަޅު ތައުލީމީ ދެ ދަރިން. ދިހާނަށް ލިބުނު އަނބިމީހާއަކީ ވެސް ހިތްހެޔޮ ވަރަށް އަހުލާގު ރަނގަޅު ކުއްޖެއް. ސަފިއްޔާ ދުނިޔޭގައި ނެތަސް އަހަރެން އެކުދީން ބެލީ ބަފަޔަކު ދަރިންތަކެއް ބަލާ ބޮޑުކުރާނެ އެންމެ ރަނގަޅަކަށް. އަހަރެންގެ ޒުހާން ދުވަހަކުވެސް އަންހެންކުއްޖެއްގެ ވާހަކަ އަހަރެން ކައިރީގަ ނުދައްކާ. މިގޭ މަންޖެ ފެނުނު ފުރަތަމަ ފަހަރުވެސް ޒުހާނަށް ޔަގީންވެއްޖެ އޭނާގެ ދިރިއުޅުމަށް ގެނެވޭނެ އެންމެ ރަނގަޅު ކުއްޖަކީ ނާޔާ ކަން. ތި ދެމަފިރިންގެ އެއްވެސް މައްސަލައެއް މިކަމުގައި ނެތްނަމަ އަހަރެން ބޭނުން ކުރިއަށްދާން"

މާޝިތާ ބަލައިލީ އޭނާގެ އެއްފަރާތުގައި އިން ނާޔާއަށެވެ. އެދެމަފިރިންގެ ރުހުން މާކުރިން ދެވިއްޖެއެވެ. އެހެންނަމަވެސް ނާޔާގެ ރުހުން މުހިންމެވެ. އެއްޗެއް ބުނާނީ ނާޔާއެވެ. ނާޔާ މާޝިތާއަށް ބަލައިލިއެވެ. ހުރިހާ މީހުންގެ ތެރޭގައި އާނބަސް ބުނަން ނާޔާ ލަދުގަތެވެ.

"އަޅުގަނޑަށް ފެންނަނީ ޒުހާން އާއި ނާޔާ ވާހަކަދައްކާލަން ވަގުތުކޮޅެއް ދޭން. އެއީ ދިރިއުޅޭނީ އެ ދެކުދީން. މައިންބަފައިން ވާހަކަދައްކައިގެން ނިންމި ނިންމުމަކަށް ވިޔަސް އެދެކުދީން ގޮތް ނިންމަން ފުރުސަތުދޭން ޖެހޭނެއްނު"

****

ނަޒާން ގޭތެރެއަށް ވަންއިރު މަންޝާ ހުރީ ބެލްކަނީގައި މަޑުކޮށްލައިގެންނެވެ. ނަޒާން ގޭތެރެއަށް ވަންތަން ފެނުމުން އޭނާގެ ހިތްތެޅިލިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ނަޒާން އެ އައީ އޭނާ އެތައް އިރަކު އިންތިޒާރުކުރި ފަހުންނެވެ. ނަޒާން އައިސް ކައިރީގައި ހުއްޓުނުއިރުވެސް މަންޝާއަށް ހުރެވުނީ ހިނިތުންވެލައިގެންނެވެ.

"ކިހިނެއްތަ ލަވް؟" ލޯތްބާއެކު ނަޒާން އެހިއެވެ.

"ޒާން ފެނުނީމަ މާބޮޑަށްވެސް ރަނގަޅު" މަންޝާ ބުންޏެވެ. މީގެކުރިން ދުވަހަކުވެސް މަންޝާ ނުކިޔާ ނަމެއް ބޭނުންކުރުމުން ނަޒާން ހައިރާންވިއެވެ.

"އަދި އެއްފަހަރު ކިޔާލަބަ" ނަޒާން ބުންޏެވެ.

"ޒާން..." މަންޝާ ބުންޏެވެ.

ނަޒާން ހިނިތުންވެލާފައި މަންޝާ އާ ގާތަށް ފިޔަވަޅެއް އެޅިއެވެ. ފަހަތަށް ޖެހުނު މަންޝާ ބެލްކަނީގެ ކުޑަ ފާރުކޮޅުގައި ޖެހުމާއެކު ތިރިއަށް ބަލައިލިއެވެ. އިތުރަށް ފަހަތަށް ޖެހެވޭނެ ޖާގައެއް ނެތެވެ. ނަޒާން ހިއްލާލި އަތުން މަންޝާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ.

"ކިހިނެއްތިވަނީ؟ މަންމަމެން އެތިބީ އަހަރެމެން ފެންނަ ހިސާބުގަ" ނަޒާންގެ އަތުގައި ހިފަހައްޓާލަމުން މަންޝާ ބުންޏެވެ.

"އެހެންވިއްޔާ މީހަކަށް ނުފެންނަ ހިސާބަށް އަހަރެން ގެންދެބަލަ" ލާނެއްކަން އެކުލެވޭ ރާގެއްގައި ނަޒާން ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟