ޑްރޯން ބޭނުންކޮށްގެން އައްސޭރި ޖަލަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކޮށްފިއެވެ.
ޑްރޯން ބޭނުންކޮށްގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްސޭރި ޖަލުގެ ޕްރިޒަން އޮފިސަރުން ވަނީ އެ ޑްރޯން ވައްޓާލައި، ޖަލަށް މަސްތުވާތަކެތި ވެއްދުމަށް ކުރި އެ މަސައްކަތް ފެއިލް ކޮށްލާފައި ކަމަށެވެ.
އޭނާ ވިދާޅުވީ ޑްރޯން މެދުވެރިކޮށް ޖަލަށް އެތެރެކުރަން އުޅުނީ ފަސް ބުލެޓް މަސްތުވާތަކެތި ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި 29 ގްރާމް ހުންނާނެ ކަމަށެވެ. މަސްތުވާތަކެތީގެ އިތުރުން ދެ ސިމް ކާޑު ވެސް ޖަލަށް ވައްދަން އުޅުނު ކަމަށް ވިދާޅުވިއެވެ.
މީގެ ކުރިން އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު މައްސަލައެއްގައި ވަނީ ކަރެކްޝަންސްގެ އޮފިސަރަކު ވެސް ހައްޔަރުކޮށްފައެވެ. ހުސެއިން އަކްރަމް ނަމަކަށް ކިޔާ އެ އޮފިސަރު ހައްޔަރުކުރީ މިމަހުގެ 11 ވަނަ ދުވަހު ޖަލަށް މަސްތުވާތަކެތި ވައްދަން އުޅޭކަމަށް ލިބުނު އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ފުލުހުންނާއި ކަރެކްޝަންސްއިން ހިންގި އޮޕަރޭޝަނެއްގައެވެ.
ކުރިމިނަލް ކޯޓުން ވަނީ އެ އޮފިސަރުގެ ބަންދަށް މިދިޔަ ހުކުރު ދުވަހު 15 ދުވަސް ޖަހައިފައެވެ. އެ އޮފިސަރު ހައްޔަރުކުރުމުން އޭނާ ވަނީ ވަޒީފާއިން ސަސްޕެންޑު ވެސް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު