ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ހިއްސާ އޮންނަ ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުން ހިންގި "ކޮޕީ ޓްރޭޑިން ސްކީމް"އަށް އިންވެސްޓު ކުރި ފަރާތަކަށް 90،000 ރުފިޔާ ދިނުމަށް ކިންގްސް ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ކިންގްސް ކުންފުންޏާ ދެކޮޅަށް 90،000 ރުފިޔާ ހޯދުމަށް މައްސަލަ ހުށަހެޅީ ރ. ރަސްމާދޫ، ނަސީމީވިލާ އިސްމާއީލް އަނީސްއެވެ.

އަނީސް ހުށަހެޅި މައްސަލައިގައި ބުނީ، އޭނާއާއި ކިންގްސް ކުންފުންޏާ ދެމެދު ވެފައިވާ ކިންގްފޮރެސްޓީ އޮންލައިން ކޮޕީ ޓްރޭޑާއަކަށް ވުމުގެ އެއްބަސްވުމުގައިވާ ގޮތަށް އިންވެސްޓު ކުރި ފައިސާ ލިބެމުން ނުދާ ކަމަށެވެ. އަދި ފައިސާ އަނބުރާ ދިނުމަށް އެދުމުން، ފައިސާ ދޭނެކަމަށް ކިންގްސް ކުންފުނިން ބުނި ނަމަވެސް އެ ފައިސާ ލިބިފައިނުވާ ކަމަށެވެ. އެހެންވެ ކިންގްސް ކުންފުނިން އޭނާއަށް ލިބެން ޖެހޭ 90،000 ރުފިޔާ ނަގައިދިނުމުގެ އަމުރަކަށް އަނީސް ވަނީ އެދިފައެވެ.

ކިންގްސް ކުންފުނިން ފައިސާ ދޭން ޖެހޭކަން ސާބިތުކުރަން އަނީސްގެ ފަރާތުން ވަނީ ކިންގްސްއާއެކު ވެފައިވާ އެއްބަސްވުމުގެ ކޮޕީއަކާއި، ޗެޓް ލޮގު އަދި ޓްރާންސްފާ ސްލިޕުތައް ހުށަހަޅައިފައެވެ. އެ މައްސަލައާ ގުޅިގެން ކިންގްސް ކުންފުންޏަށް ލިޔެކިޔުންތައް ރައްދުކުރުމަށް މަސައްކަތް ކުރި ނަމަވެސް، އެޑްރެސް ނޭނގުމުގެ ސަބަބުން ލިޔެކިޔުންތައް ރައްދު ކުރެވިފައެއް ނުވެއެވެ.

އެހެންވެ ކިންގްސް ކުންފުނީގެ ޣައިރު ހާޒިރުގައި އެ މައްސަލައިގެ ހުކުމްކޮށްދިނުމަށް އަނީސް ވަނީ އެދިފައެވެ.

އަނީސް އެދުނު ގޮތަށް ސިވިލް ކޯޓުން ވަނީ ކިންގްސް ކުންފުނީގެ ޣައިރު ހާޒިރުގައި، 90،000 ރުފިޔާ އަނީސްއަށް ދިނުމަށް ކިންގްސް ކުންފުނީގެ މައްޗަށް އަމުރުކޮށްފައެވެ. ހުކުމުގައި ބުނީ ޣައިރު ހާޒިރުގައި ހުކުމްކުރަން ނިންމީ އެގޮތަށް ހުކުމްކުރަން ޖެހޭ އިޖުރާއަތްތަކާއި އަދި މަދަނީ އިޖުރާއަތުގައި ޣައިރު ހާޒުރުގައި ހުކުމް ކުރެވޭނެ ހާލަތްތައް ރިއާޔަތްކޮށް، އެ ކަންކަމާ ހިލާފުނުވާ ގޮތަށް ކަމަށެވެ.

ކިންގްސް ކުންފުނިން ހިންގި ކަމަށް ތުހުމަތުކުރެވޭ ޕޮންޒީ ސްކީމުން ލިބުނު ފައިސާ އަލްހާން ލޯންޑާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ. ފުލުހުން ބުނެފައިވަނީ ކިންގްސް އިން އާއްމުކޮށް ހުޅުވާލައިގެން ރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމެންޓް ސްކީމެއް ތައާރަފުކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި، އެ ފައިސާ ލޯންޑުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ އަލްހާންއާ ސުވާލުކޮށްފައެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އަލްހާންގެ ފޯނުވެސް ވަނީ ހިފަހައްޓައިފައެވެ.