Close
ވާހަކަ

ދީވާނާ ހިތް - 52

5

"ކީއްވެ ނުބުނަން ތިއުޅެނީ؟" ނަޒާން ބުންޏެވެ. ނަޒާންގެ ދެލޮލަށް ބަލަހައްޓައިގެން މަންޝާ ހުއްޓެވެ. އެހާ ކައިރިން ނަޒާންގެ މޫނު ފެނި މަންޝާގެ ދުލުން ބަސްހުއްޓިއްޖެއެވެ. މިފަހަރު ދުރަށް ދާން އޭނާ ނޫޅުނެވެ.

"އަހަރެން ކީކޭ ބުނަންވީ؟" މަންޝާ ބުންޏެވެ.

"ތި ހިތުގައި އޮތް އެއްޗެއް. ޕްލީޒް ބުނޭ... އަހަރެންނަށް ދެން އިތުރަކަށް ކެތެއްނުކުރެވޭނެ" ނަޒާން ބުންޏެވެ. އެހިނދު ހިތުގައި އޮތް އެއްޗެއް ހާމަކުރުމަށް މަންޝާ އަނގަ ހުޅުވާލިއެވެ. އެއްޗެއް ބުނަން އުޅޭކަހަލަ ގޮތަކަށް އޭނާގެ ދެ ތުންފަތް ހަރަކާތްކޮށްލިއެވެ.

"ބުނޭ..." އަނެއްކާވެސް ނަޒާން ބުންޏެވެ. މަންޝާގެ ދުލުން އެ ޖާދޫވީ ބަސްތައް ބުނާނެ އިރަކަށް ކެތްތެރިކަމެއްނެތި އޭނާގެ ހިތް އިންތިޒާރުކުރަމުން ދިޔައެވެ.

މަންޝާ ހުރީ ނަޒާންގެ މޫނަށް ބަލަހައްޓައިގެންނެވެ. ދެ ޒުވާނުންގެ ހަތަރުކަޅި ބައްދަލުވިއެވެ. މަންޝާގެ ދުލުން ހާމަކުރަން ނުކުޅެދިފައިވާ ހަގީގަތް ނަޒާން ހޯދީ މަންޝާގެ ދެލޮލުގެ ތެރެއިންނެވެ. މަންޝާ އެދެނީ ކޮން ލޯތްބަކަށް ކަން ނަޒާން ދެނެގަތެވެ. އެހެންނޫނަމަ އޭނާއަށް ތަފާތު އިހުސާސެއް ނުކުރެވޭނެއެވެ. ނަޒާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މަންޝާގެ މޫނުގައި ބޮސްދީފައި އަނެއްކާވެސް ހީލިއެވެ.

"ކޮންއިރަކު؟؟ ކީއްވެ އެހާ ދުވަސްނެގީ" ނަޒާން ބުންޏެވެ.

މަންޝާ މަޑުމަޑުން ނަޒާނާ ކުރިއަށް ވުރެވެސް ގާތްވެލިއެވެ. ނަޒާންގެ މޭގައި ބޯއަޅާފައި މިފަހަރު މަންޝާ އިސްނެގިއެވެ. ނަޒާންގެ ގައިގައި ދެއަތުން ވަށާލިއެވެ.

"އޯވް މަންޝާ... އައި ލަވް ޔޫ.... " ވީ އުފަލުން ނަޒާންގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ.

****

ގެއަށް އައިފަހުން ތިއާ ބަހެއް ނުކިޔައެވެ. އެކަން ނަވާލަށް ވީ ބޮޑުކަމަކަށެވެ. އެވާހަކަ ތިއާއަށް ހާމަކުރެވުމުން ބޮލަށް ފަސޭހަވިއެވެ. އެހެންނަމަވެސް ތިއާގެ ހަމަހިމޭންކަން ފެނި މިހާރު ހިތަށް ތަދުވާން ފަށައިފިއެވެ. ތިއާގެ އެ ހިމޭންކަމަކީ ނަވާލަށް ވޭނަކަށް ވާން ނޭދޭތީ އެކަން ހައްލުކުރަން ބޭނުންވިއެވެ. ކޮޓަރިއަށް ވަންގޮތަށް ހެދުން ބަދަލުކުރަން ހަނދާންނެތިފައި އެނދުގައި އިން ތިއާ ކައިރީގައި ނަވާލް އިށީނެވެ.

"ސޮރީ ނަވާލް. އަހަރެންނަށް މިކުރެވޭ އިހުސާސް. އޭރު މަންޝާ އުޅުނުގޮތް. ރުއި ރުއިން.... އެދުވަސްތައް ހަނދާންވެފަ ވަރަށް އެހެންކަހަލަ ގޮތެއް އެބަވޭ. ލަދުވެސްއެބަގަނޭ. އަނެއްކާ އަހަރެންނަށް އަރައިމިގަނެވުނީ މަންޝާގެ ހައްގަކަށް ނޫންތަ؟" ތިއާ ވާހަކަދެއްކިއެވެ.

"ތިއާ މޮޔަވާހަކަ ތިދައްކަނީ. އަހަރެމެން ހަމައެކަނި ނަމެއްގަ ރައްޓެހިވެގެން އުޅުނުކަން. އެކަކު އަނެކަކު ގައިގައި އަތްލުމާ އަތުގައި ހިފުމާ ލޯބިކުރުމެއް ނެތް. ގިނައިރު ފޯނުން ވާހަކަދެއްކުމާ އެހާ ވަރަށް ބައްދަލެއްނުކުރަން. ދެއްކި ވާހަކައެއް ދެކެވުނީ ގިނައިން އޮފީސްތެރެއިން. އަހަރެން މިހަދަނީ ތެދު"

ތެދެކެވެ. މަންޝާ ކުރިން ދެއްކި ވާހަކަތައް ތިއާ ހަނދާންވިއެވެ. ނަވާލްގެ ދުރުކަމުގެ ވާހަކަދެއްކިއެވެ. ގޮވައިގެން ދުއްވާލަން ނުދާ ވާހަކަ ދެއްކިއެވެ. އެހެން ފިރިހެންކުދިންނާ ނަވާލް ތަފާތޭ ބުންޏެވެ. މަންޝާ ހާމަނުކުރަނީ ހަމައެކަނި ނަވާލްގެ ނަމެވެ.

"އަހަރެމެން ދެމީހުންނާ މެދު މަންޝާ ހީކޮށްގެން ހުރީ ވަރަށް ނުބައިކޮށް. އޭނަ ހީކޮށްގެން އެހުރީ އެރޭ ޕާޓީތެރޭގަ އަހަރެމެން ކައިވެނީގެކުރިން ގުޅުމެއް ހިންގިކަމަށް. އަހަރެންވެސް ސީދާކޮށް އަހަރެމެން ދެމެދުގައި ހިނގި ކަންތަކުގެ ވާހަކަ ނުބުނަން. ނަވާލް އިންނަން އުޅުނީ އެހެންވެކަމަށް ނިންމައިގެން ހުރީ. އަހަރެންނާ ދިމާލަށް ބުނި ތިއާ ވާޖިންއަކަށްވެސް ނުވިއެއްނޫންހޭ" ތިއާ ވާހަކަދެއްކިއެވެ.

"ވަޓް...؟؟ އެހެންވިއްޔާ އަހަރެން ބޭނުން މަންޝާއަށް ކަންތައްވީގޮތް ސާފުކޮށްދޭން. އެކުށްހީ ފިލުވައިދޭން ވާނެއްނު" ނަވާލް ބުންޏެވެ.

"އުނހު. ނަވާލް އެވާހަކަ ދައްކާނެކަމެއް ނެތް. އަހަރެން ކިޔައިދޭނަން" ތިއާ ބުންޏެވެ.

"ހަމަ ތެދެއް މިބުނީ. އަހަރެން ލޯބިވަނީ ހަމައެކަނި ތިއާ ދެކެ. މަންޝާ އާ މެދު އަހަރެން އެފަދަ ނަޒަރަކުން މިހާރު ނުދެކެން. ވިޔަސް ދެން މަންޝާ ވާނީ އަހަރެންގެ ފަހަރިއަކަށްނު. މަންޝާދެކެ ދޮންބެ ލޯބިވާކަން އިނގުމުންވެސް އަހަރެންނަށް އުނދަގޫވި. އެކަމުވެސް ދޮންބެއަށްޓަކައި އަހަރެން މަންޝާ އާ ވާހަކަވެސް ދެއްކިން. ޝައިހާނާ އިންނަން އުޅުމުން ވިސްނައިވެސްދިނިން. މަންޝާ އަހަރެންނަށް ނަފްރަތުކުރޭ. މިހާރުގެ ގޮތެއް ނޭނގޭ"

"ނަވާލް ކީއްވެތަ އެހާވަރުން އަހަރެންނަށް އޮޅުންފިލުވައިތިދެނީ. އަހަރެން ނަވާލަށް ޝައްކެއްނުކުރަން. އަހަރެން ލޮލަށް ކަމެއް ނުދައްކަވާހާ ހިނދެއްގައި އަހަރެން ނަވާލަށް އިތުބާރުކުރާނަން" ނަވާލްގެ އަތުގައި ތިއާ ހިފަހައްޓާލިއެވެ.

****

ފަތިސް ނަމާދަށްފަހު އާމިރު ތަންކޮޅެއް އަވަހަށް ގެއަށް އައި ދުވަހެކެވެ. އަނބިމީހާ ހޯދަމުން އާމިރު އައިސް ބަދިގެއަށް ވަނެވެ. ބަދިގޭގައި ނެތުމުން މާޝިތާ އަދި ކޮޓަރިން ނުނިކުންނަނީ ކަމަށް ހީކޮށް ނިކުންނަން ހިނގައިގަތެވެ. އެހިނދު މާޝިތާ ނިކުތީ ނާޔާގެ ކޮޓަރިންނެވެ.

"މުޅި ގެ ހޯދިއްޖެ" އާމިރު ބުންޏެވެ.

"ނާޔާ ކުޑަކޮށް ރޯގާ ވައްތަރުވެފަ އޮތީމަ ހުން ހުރިތޯ ބަލައިލަން ދިޔައީ. ކިހިނެއްވީ؟ މާބޮޑަށް ހައިވީތަ؟" މާޝިތާ އެހިއެވެ.

"އަހަރެން ވާހަކައެއް ދައްކަންވެގެން" އާމިރު ބުންޏެވެ.

މާޝިތާ ހައިރާންވިއެވެ. ގަޑިން އަދި ހައެއް ނުޖަހައެވެ. ރޭގަ ނިދިއިރު އާމިރު މުހިންމު ވާހަކައެއް ދައްކަންވެފަ އޮތް ވާހަކައެއް ނުބުނެއެވެ. ނަމާދަށް ގޮސްފައި އައިރު އެ އައީ މުހިންމު ވާހަކައެއް ހިފައިގެންނެވެ.

"މިއަންނަނީ ކޮފީ ގިރައިގެން. ނަވާލްވެސް އަންނާނެއްނު އިރުކޮޅަކުން" މާޝިތާ އެހެން ބުނެފައި ވަނީ ބަދިގެއަށެވެ. އިރުކޮޅަކުން ދެ ކޮފީތަށި ހިފައިގެން އައެވެ. ސޯފާގައި ނަވާލްވެސް އިނެވެ. ނަމާދުކޮށްގެން ތިއާ އަދި ކޮޓަރިން ނުނިކުމެއެވެ.

"ކިޔާބަލަ ތިކިޔަން އުޅޭ އެއްޗެއް" ގޮނޑީގައި އިށީންނަމުން މާޝިތާ ބުންޏެވެ.

"މިސްކިތުން ރައޫފް އާ ދިމާވީ. ކުދީންގެ ހާލުއަހުވާލު އަހާފައި އިރުކޮޅަކުން އަހައިފި ކުޑަމަންޖެ ރަނގަޅުހޭ. ދެން އަހަރެން ބުނެފިން އާއެނކޭ. އިނގޭތަ ރައޫފް އެދުނީ ކޮންކަހަލަ ކަމަކަށްކަން" އާމިރު ވާހަކަދެއްކިއެވެ. ނަވާލާއި މާޝިތާ ކޮނޑުއަރުވާލިއެވެ.

"ބުނީ ނާޔާއަށް އަށާރަ އަހަރުވާއިރަށް ތިމަންނަގެ ޒުހާން އާ ކައިވެނިކޮށްދޭށޭ. ޒުހާނަށް އެމަންޖެ ފެނުނުތަނެއްވެސް ނޭނގޭ. ކިހާ ރަނގަޅު ހުށަހެޅުމެއް މިލިބުނީ" އާމިރުގެ އަޑުން އެކަނިވެސް އޭނާ ހިތްހަމަޖެހިފައި ހުރިވަރު ހާމަވެއެވެ.

"ކުރީ ރެއަކު މިގެއަށް އެސޮރު އައި ވާހަކަ ބުނީމެއްނު. ހީވިއޭ ނާޔާއަށް ބަލަހައްޓައިގެން ހުރިގޮތުންވެސް ތިކަހަލަ އެއްޗެއް. އެކަމަކު ދެރަތަންކޮޅަކީ މީހަކަށް ތިކަހަލަ ކަމަކަށް އާބަސް ބުނުމުގެ ކުރިން ނާޔާ އަކީ އެމީހުން އެހީކުރާ ކަހަލަ ކުއްޖަކަށް ނުވެދާނެ. މިބުނީ ކައިވެނީގެ ކުރިން އެކުއްޖާ އެވަނީ...."

"ތިކަހަލަ ވާހަކަނުދައްކާ މަންމާ. ނާޔާ އެކަމަށް ތައުބާވެފަ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެއްނު. އެކަހަލަ ކުދިންނަށްވެސް އުފާވެރި ދިރިއުޅުމެއް ހައްގެއްނޫންތަ؟ ތިގުޅުން ކުރިއަށް ގެންދަން ފެންނަންޏާ ނާޔާ ކައިރީގައިވެސް އަހަންޖެހޭނެ. އަދި ނާޔާ ގަބޫލިއްޔާ ޒުހާން ކައިރީގައި އެވާހަކަދައްކަންޖެހޭނީ ހުދު ނާޔާ. އެއީ ކައިވެންޏަކީ އޮޅުވާލުމާ ދޮގެއްގެ ތެރެއިން ފަށަންޖެހޭ އެއްޗެއްނޫން. އެއީ އެއަށް ވުރެ މާ މާތް ގުޅުމެއް"

މަޑުމަޑުން އިނީ އާމިރެވެ. މާޝިތާ އެފާހަގަކުރި ކަންތައްމަތިން ހިނދުކޮޅަކަށް އާމިރުގެ ހަނދާނުން ކައްސާލީއެވެ. އޭނާ މޫނުމަތި މިލާލީ އެހެންވެއެވެ.

"ﷲ އިރާދަކުރެއްވިއްޔާ ގޯހެއްނުވާނެ. ރައޫފްގެ ތިބެނީވެސް ދެ ފިރިހެން ދަރީން. ރައޫފްގެ ދެ ރިސޯޓް އެވަނީ ދެ ފިރިހެން ދަރީންގެ ނަން މަތީގަ. ޒުހާން އާ ނާޔާގެ ކައިވެނި ކުރެވުނިއްޔާ އަހަރެމެންނަށް ނާޔާއަށް ވަރަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިންކަމަށް ވާނެ. ކޮންމެގޮތެއް ވިޔަސް ކުރީގައި ހިނގާފައިވާ ކަމެއް އަހަރެމެންނަށް ބަދަލެއް ނުކުރެވޭނެ"

****

ދުވަހުގެ އިރު ފެނުން ތޮޅިލައިފިއެވެ. މާޝިތާގެ ހިތަށް ލިބިފައިވީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ދޮޅުމަހަށްފަހު ނަޒާން އަންނަ ދުވަހަށްވުމުން މުޅި ގޭތެރެ ތައްޔާރުކުރަމުން ދިޔައެވެ. އޭނާ ހަމައެކަނި ތައްޔާރުކުރަނީ ނަޒާނަކަށް ނޫނެވެ. މަންޝާއަށް ވެސް މެއެވެ. ރޭގައި ނަޒާން ގުޅާފައި ދިން އުފާވެރި ހަބަރަށްފަހު އޭނާ ވީއުފަލެއްގެ ބޮޑުކަމުން ދެލޮލުން ކަރުނަ ހިލުނެވެ. އޭނާ މިހާރު އެންމެ ދެކެން ބޭނުންވަނީ ނަޒާނާއި މަންޝާގެ ކައިވެނިކުރެވޭ ދުވަހެކެވެ. އެހެނަސް އެކަމަށް އަދި ދުވަސްނަގާނެކަން އޭނާއަށް އިނގެއެވެ.

"ކޮބާ؟ މިއަދު ހާދަ އެހެން ދުވަސްތަކާ ތަފާތޭ" ބަދިގެތެރެއަށް ވަން އާމިރު ބުންޏެވެ.

"އަހަރެންނަށް ވަރަށް އުފާވެރި ދުވުހެއް މިއަދު. އެހާ ދުވަހަށްފަހު އަހަރެންގެ ނަޒާން އަންނަ ދުވަސް. އަނެއްކޮޅުން މިއިން ދުވަހަކުވެސް އަހަރެން އޭނަ އެހާ އުފާވެފަ ވާހަކަދެއްކި އަޑެއް ނާހަން" މޭޒުމަތި ތައްޔާރުކުރުމުން މާޝިތާ ވާހަކަދެއްކިއެވެ.

"އަހަރެން ހަމަ ހައިރާންވެއްޖެ. އެއީ އެންމެ ދިހަ ދުވަހުގެ ޗުއްޓީ ނަގައިގެން ދިޔަ އިންސާނެއް. އަހަރެން މިހާރު ޤަބޫލުކޮށްފިން އަހަރެންގެ ނަޒާން އެ މަންޖެދެކެ ވަރަށް ލޯބިވާކަން އެފަދަ ކުއްޖެއް އަހަރެން މިއިން ދުވަހަކުވެސް ނުދެކެން" އާމިރު ވާހަކަދެއްކިއެވެ.

"މާޝީ. އަހަރެންގެ ދެ ފިރިހެން ދަރީންނާ މެދު އަހަރެން ފަހުރުވެރިވަން. އަހަރެންނަށް ޔަގީން ދެކުދީން ހުޅުވަން އެ އުޅޭ ފިހާރައިގަ ކަންކަން އެކުދީން ވަރަށް ރަނގަޅަށް ބަލަހައްޓާނެކަން. އުފާވެރި އާއިލާއެއްގެ ގޮތުގައި އެކުދީން ދިރިއުޅޭ މަންޒަރު ދުށުމަކީ އަހަރެން ދެކޭ ހުވަފެނެއް"

****

ނަޒާނަށް ގެއަށް ވަދެވުނުއިރު މެންދުރުން އަނބުރައިފިއެވެ. ޣެތެރެއަށް ވަނުމާއެކު އެންމެ ފުރަތަމަވެސް އޭނާގެ ނޭފަތުގައި ޖެހުނީ ހިތްފުރޭހާ މީރު ވަހެކެވެ. ސޯފާގައި ތިބި މައިންބަފައިން ފެނުމާއެކު ނަޒާން ހީލައިފިއެވެ. އޭނާ މާޝިތާގެ ގައިގައި ބައްދާލިއެވެ.

"ދޮންބެ ކޮން ޑޭޓެއް ހަމަޖެއްސީ؟" ނާޔާ ބުންޏެވެ.

"ނާއްކޮ ބުނޭ ހަމަޖައްސަންވީ ޑޭޓެއް" ނާޔާގެ ކޮލުގައި ކުޑަކޮށް ވިލާކާފައި ނަޒާން ބުންޏެވެ.

"އުމްމްމް.... މާދަމާ... ސޮރީ ނެކްސްޓް ވީކް.... ދޮންބެ، އައިމް ސޯ އެކްސައިޓެޑް" ނާޔާ ބުންޏެވެ. އެހިނދު އެންމެން އެއްފަހަރާ ހީލައިފިއެވެ.

"ހެޕީ ފޯރ ޔޫ ދޮންބެ" ނަޒާން ތިއާ އަށް ބަލައިލި ވަގުތު ތިއާ ބުންޏެވެ.

ތިއާ އަށް ޝުކުރުއަދާކޮށްފައި ނަޒާން ބަލައިލީ ނަވާލަށެވެ. ނަވާލް ހީލިއެވެ. އެހިނދު ނަޒާންގެ ހިނިތުންވުން ފަނޑުވިއެވެ. އެހެންނަމަވެސް އޭނާ ނަވާލްގެ ގައިގައި ބައްދާލިއެވެ.

"ޝޮޕު ހުޅުވާ ދުވަހަށް ނިންމަންވީނުން" ނަވާލް ބުންޏެވެ. ނަޒާން ބޯޖަހާލިއެވެ.

"ދޮންބެ ބޭނުން ނަވާ އާ ވަކިން ވާހަކަދައްކާލަން" ނަޒާން ބުންޏެވެ.

****

މެންދުރު ކެއިގޮތަށް ނަޒާން އޮފީހަށް ދާން ތައްޔާރުވެއްޖެއެވެ. މާޝިތާ އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާ ޕޮލިޝްކޮށްގެން އައި ނަޒާންގެ ބޫޓު އެނދު ކައިރީގައި ބަހައްޓާފައި އެނދުގައި އިށީނެވެ.

"އަރާމުކޮށްލުމެއްވެސް ނެތި މިއަދުން މިއަދަށް ހަމަ ނިކުންނަންޖެހޭތަ؟" މާޝިތާ ބުންޏެވެ.

"އާނ މަންމާ. މިއީ މީހަކު ކޮށްދިން ހެޔޮކަމެއް. ދިހަ ދުވަހަށް ދިޔަ މީހަކަށް މިއާދެވުނީ ދޮޅުމަހަށްފަހު. މީހެއްގެ އެހީތެރިކަމެއް ނެތްނަމަ އަޅުގަނޑަށް އެހާ ދުވަހު މަޑެއް ނުކުރެވޭނެއްނު. އެހެންވީމަ އެކަން އަޅުގަނޑުވެސް ދަންނަންވާނެއްނު. އެހެންނޫނަސް ރޭގަ ވަރަށް ރަނގަޅަށް ނިދީމޭ. ވަރުބައްޔެއް ނުވޭ" ނަޒާން ބުންޏެވެ.

އެ ކޮޓަރިއަށް ނާޔާ ވަނީ އެވަގުތުއެވެ. މޫނު ހަދާލައިގެން ހުރިގޮތުން ނާޔާ މޫޑު ކަޓާފައި ހުރިކަން މާޝިތާއަށް އިނގުނެވެ.

"ދޮންބެ ވީހާވެސް އަވަހަކަށް މެރީކޮށްގެން މަންޝާދައްތަ ގޮވައިގެން އެކޮޓަރިއަށް ބަދަލުވޭ. ނާއްކޮގެ ރޫމް ނޫން އެހެން ތަނެއްގަ ރަނގަޅަށް ނުވެސް ނިދޭ. އަނެއްކާ ބައްޕަ ގުގުރިދަމާވަރުން އޮންނަންޖެހޭނީ ދެލޯ ދެ ކާށިވަރުކޮށްގެން" ނާޔާ ޝަކުވާކޮށްލިއެވެ.

"ވަރަށް އަވަހަށް. އިންޝާﷲ" ނާޔާއަށް ނަޒާން ބުންޏެވެ.

ނަޒާންގެ ކޮޓަރި މަރާމާތުކޮށް ނުނިމޭތީ އޭނާ އޭނާއަށް އެކޮޓަރިއަށް ވަދެވޭގޮތް ނުވެއެވެ. މަރާމާތު ކުރިއަށް ދާގޮތް ބެލުމުގެ ހުއްދަވެސް ނަވާލް އޭނާއަށް ނުދިނެވެ. އާއިލާ ހުރިހާ މެންބަރުން އޭނާއަށްޓަކައި ވަމުންދާ ގުރުބާނީ ފެނި އެނާ ހުރީ އިންތިހާއަށް އުފާވެފައެވެ.

"ދަނީ މަންމާ. މަންމަ އަޅުގަނޑަށް ތިދޭ ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރިއްޔާ"

****

އޮފީހަށް ވަންގޮތަށް އޭނާ އެންމެ ފުރަތަމަ ބޭނުންވީ އުފާވެރި ހަބަރު ހައިކާ އާ ހިއްސާކުރާށެވެ. އެހެންނަމަވެސް ކައިވެންޏަށް ޗުއްޓީ ނެގިގޮތަށް ހައިކާ ޑިއުޓީއަށް ނުނިކުންނާތީ އޭނާއަށް އެކަން ކާމިޔާބެއް ނުވިއެވެ. އެހާ ދުވަސްކޮށްފައި ޑިއުޓީއަށް ނިކުތުމުން އޭނާއަށް އުނދަގޫގޮތެއް ވެފައި އިނެވެ. މަސައްކަތު މޫޑް އޮން ނުވާތީ އޭނާ އިނީ ވައިވެފައެވެ. ގޮނޑިން ތެދުވާހިތއްނުވެފައި އޭނާ އިނެވެ. ބޭނުންވީ މަންޝާ ކައިރިއަށް ދާށެވެ. ވީއެންމެ އަވަހަކަށް މަންޝާ ދެކިލުމަށް އޭނާ އިނީ އިންތިހާއަށް ބޭނުންވެފައެވެ. މަންޝާގެ ދުވަސް ހިނގާ ދިޔަ ގޮތް ބަލައިލަން ބޭނުންވެފައެވެ. އެހެންނަމަވެސް އޭނާ ކެތްކުރިއެވެ. މަންޝާ ކައިރިއަށް ދިޔުމަށް އޭނާއަށް މަންޝާ ވަނީ ގަޑިއެއް ދީފައެވެ. އެ ގަޑިއަށް އޭނާ އިންތިޒާރުކުރަމުން ދިޔައެވެ.

****

ލޯގަނޑު ކުރިމަތީގައި އިސްތަށިގަނޑުގައި ފުނާ އަޅަން އިން މަންޝާ ބަލައިލީ އޭނާ ފަހަތުން ހުއްޓުނު ދިލްޝާދަށެވެ. މަންޝާގެ މޫނަށް ބަލައިލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. ނަޒާނާ މަންޝާ ގުޅުނުކަން ދިލްޝާދަށް އަދި ނޭނގެއެވެ. އެހެންނަމަވެސް މަންޝާގެ މިޒާޖަށް އައިސްފައިވާ ތަފާތު އޭނާއަށް ފާހަގަވިއެވެ. އިންޑިޔާގައި އުޅުނުއިރު ނަޒާނާ މަންޝާއަށް ގިނަވަގުތު އޭނާ ދިނެވެ. އެކަމުގެ ސަބަބުން އައިސްފައިވާ ބަދަލެއްކަން ދިލްޝާދަށް އިނގެއެވެ.

"ދަރިފުޅު ތީނީ އުފަލުންތަ؟" ދިލްޝާދު އެހިއެވެ. މަންޝާގެ އަތުން ފުނާ އަތުލާފައި ދިލްޝާދު އަތުން ފުނާއަޅުވަމުން ދިޔައެވެ.

"އަޅުގަނޑު އުފަލުން މިއިނީ. މަންމާ، އަޅުގަނޑު ވަރަށް މުހިންމު ވާހަކައެއްބުނަން ބޭނުން" މަންޝާ ބުންޏެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟