ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ބަޔަކު ހުރަސް އެޅި މައްސަލައިގައި ސަލާމަތީ ކަންކަމާ ގުޅޭ ސިފައިންގެ އިސްވެރިޔާ ކަމުގައި އޭރު ހުންނެވި ކާނަލް އަބްދުﷲ އިބްރާހިމްގެ އެއްވެސް އިހުމާލެއް ފެންނަން ނެތް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ރައީސްގެ މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށްފަހު މާލެ ވަޑައިގެން ބޮޑުތަކުރުފާނު މަގުން ދަތުރު ކުރައްވަމުން ގެންދަނިކޮށެވެ.

ރައީސް ސޯލިހު ދަތުރުކުރެއްވި މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅުމާ ގުޅިގެން ހިނގައި ދިޔަ ކަންކަން ބެލުމަށް ހާއްސަ ކޮމެޓީއެއް އެމްއެންޑީއެފް އިން ވަނީ އެކުލަވާލައިފައެވެ. އަދި އެ މައްސަލައާ ގުޅިގެން، ޕްރެޒިޑެންސަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުގައި އޭރު ހުންނެވި ކާނަލް އަބްދުالله އިބްރާހިމް މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތަކުން އެކަހެރިވެސް ކުރިއެވެ.

ކާނަލްގެ ރޭންކުގައި ހުންނެވި އަބްދުﷲ އަށް ފަހުން ވަނީ ބްރިގޭޑިއާ ޖެނެރަލްކަން ދީފައެވެ.

އެމްއެންޑީއެފް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސްގެ މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅި މައްސަލައިގައި ކާނަލް އަބްދުالله އިބްރާހިމް މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތަކުން އެކަހެރި ކުރީ ސިފައިންގެ ވަޒީފާއާ ބެހޭ ގަވާއިދުގެ ދަށުން ސިފައިންގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑް ކުރުމުގައި އަމަލުކުރާ މާއްދާގެ ދަށުން އެޅި ފިޔަވަޅެއް ގޮތުގައި ނޫން ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގައި ކޮމާންޑަރުން އަދާކުރައްވާ ޒިންމާ އާއި މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން އެކަހެރި ކުރަނީ އެފަދަ ކަންކަމުގެ އިންކުއަރީއަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އިންސާފުވެރިކަމާއެކު ހިންގުމަށް ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.

"އަދި މި މައްސަލަ ބެލިބެލުމުން ކޮމާންޑިން އޮފިސަރުގެ އެއްވެސް އިހުމާލެއް ފެންނަން ނެތް ކަމުގައި ދަންނަވަމެވެ," އެމްއެންޑީއެފްގެ ބަޔާނުގައިވެއެވެ.