ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ތަރައްގީކުރަމުން އަންނަ ލަގްޒަރީ ރިސޯޓް، ޖަވާކަރަ މޯލްޑިވްސް އައިލެންޑްސް އަންނަ އޮގަސްޓް މަހު ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޅ. އަތޮޅުގައި އޮންނަ ޖަވާކަރަ އައިލެންޑްސްގައި ބްރިޖަކުން ގުޅިފައިވާ ދެ ރަށެއް ހިމެނެ އެވެ. އެއީ "މާބިން އައިލެންޑް" އާއި "ދެރު އައިލެންޑް" އެވެ. ޖަވާކަރަ އައިލެންޑްސްގައި ޖުމުލަ 290 ވިލާ ހުންނައިރު، މާބިން އައިލެންޑުގައި 202 ވިލާ އަދި ދެރު އައިލެންޑްގައި 88 ވިލާ ހުރެ އެވެ.

މާބިން އައިލެންޑަކީ މި ދެ ރަށުގެ ތެރެއިން ބޮޑު ރަށެވެ. އެރަށަކީ އާއިލާ އެކީ ޗުއްޓީ ހޭދަކުރުމަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ރަށެކެވެ.

މާބިން އައިލެންޑްގެ ވިލާތަކަކީ ޖާގަ ތަނަވަސް ވިލާތަކަކަށް ވާއިރު، އެއިން ކޮންމެ ވިލާއެއްގައި ކިންގް ސައިޒްގެ އެނދާއި އެއާކޮންޑިޝަން އާއި ޕާސަނަލް ސޭފް އަކާއި ސިޓިން އޭރިއާއެއްގެ އިތުރުން ޗައިޒް ލައުންޖާއި މޭޒާއި ގޮނޑީގެ ޕްރައިވެޓް ސަންޑެކެއް ހުރެ އެވެ. އެ ރަށުގައި 92 ބީޗް ވިލާ، 60 ބީޗް ޕޫލް ވިލާ، 10 ޓޫ ބެޑްރޫމް ވިލާ އަދި 40 ވޯޓާ ޕޫލް ވިލާ ހުރެ އެވެ.

ދެރު އައިލެންޑުގެ ކޮންމެ ވިލާއެއްގައި ވެސް މާބިން އައިލެންޑްގައި ހުރި ފަދަ ވަސީލަތްތައް ހުންނައިރު އެ ރަށުގައި 18 ބީޗް ވިލާ، 30 ބީޗް ޕޫލް ވިލާ، 5 ޓޫ ބެޑްރޫމް ވިލާގެ އިތުރުން 30 ވޯޓާ ޕޫލް ވިލާ ހިމެނެ އެވެ.

ވީއައިއޭއިން ސީޕްލޭނެއްގައި ގާތްގަނޑަކަށް 40 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ޖަވާކަރަ އައިލެންޑްސް މޯލްޑިވްސް އިން އަންނަނީ އެ ރިސޯޓު ހުޅުވާ ދުވަސްވަރަށް ހާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން 1 އޮގަސްޓް 2023 އިން 23 ޑިސެމްބަރު 2023 ގެ ނިޔަލަށް ވިލާތަކުން 50 ޕަސެންޓް ސޭވިންއާއެކު ކުޑަކުދިންނަށް ކޮމްޕްލިމެންޓްރީ ސްޓޭ ލިބޭނެ ކަމަށް އެ ރިސޯޓުން ބުނެ އެވެ. އަދި 31 އޮކްޓޯބަރު 2024 ގެ ނިޔަލަށް އެހެނިހެން ދީލަތި އޮފާތައް ވެސް ގެސްޓުންނަށް ލިބޭނެކަމަށް ބުންޏެވެ.