އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ގައުމީ ތަރައްގީގެ ވިސްނުމެއްގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތި ކުރުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ފޮނުއްވި ހިތާބުގައި ވިދާޅުވީ, ގައުމުގެ ކޮންމެ ކުއްޖަކީ ވެސް ލޯތްބާއި އުފަލުގައި ހެދިބޮޑުވާ އަދި ރަނގަޅު ތައުލީމު ލިބިގެން އިސްލާމީ ރިވެތި އަހުލާގުގެ މަތީގައި ތަރުބިއްޔަތުވާ ކުއްޖަކަށްވުމަކީ ގައުމަށް ލިބޭނެ އެންމެ ބޮޑު ނަސީބު ކަމަށެވެ.

ކޮންމެ މަންމައަކާއި ކޮންމެ ބައްޕައެއް އަދި ކޮންމެ ބެލެނިވެރިއަކުމެ މަސައްކަތް ކުރަންވީ އެ މީހެއްގެ ބެލެނިވެރިކަމުގެ ދަށުގައި ހުރި ކޮންމެ ކުއްޖަކަށް އެ ފުރުސަތު ހޯދައިދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ، ގައުމީ ތަރައްގީގެ ވިސްނުމެއްގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތި ކުރުމަށެވެ. އެހެންކަމުން ކޮންމެ ކުއްޖަކީވެސް، ގައުމަށް ބޭނުންތެރި ކޮންމެވެސް ފަންނުވެރި ދާއިރާއަކުން ކުރިއަށް ދިއުމުގެ ވިސްނުން ހުރި ކުއްޖަކަށް ހެދޭތޯ ބެލުމަކީ، ދައުލަތުގެ އިތުރުން މުޅި މުޖުތަމައާއި މައިންބަފައިންނާއި ބެލެނިވެރިން އެކުގައި މަސައްކަތްކޮށްގެން ކުރަންޖެހިފައިވާ ކަމެކެވެ," ރައީސް ވިދާޅުވިއެވެ.

އާއިލާގެ ތެރެއިންނާއި މުޖުތަމައުގެ ތެރެއިން ކުޑަކުދިންނަށް ލިބެންވާ ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, މުޖުތަމައުގައި ހިމެނޭ އެންމެ ނާޒުކު ބަޔަކީ ކުޑަކުދިން ކަމަށްވާތީ, އެ ކުދިންގެ އިންސާނީ ކަރާމާތާއި އެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ޒިންމާ އެ މުޖުތަމައުއެއްގައި ދިރިއުޅޭ ބޮޑެތި މީހުންގެ ކޮނޑުގައި އެޅިފައިވާ ކަމަށެވެ.

އެހެންކަމުން ތިމާގެ އަތުން އެހެން ކުޑަކުއްޖަކަށް އެއްވެސް ގޯނާއެއް ނުވަތަ އަނިޔާއެއް ނުދިނުމަށާއި ކޮންމެ ކުއްޖަކީ ތިމާގެ ފަރާތުން ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ލިބިގެންވާ ކުއްޖެއްކަމުގައި ހެދުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ, ކުޑަކުދިން ތަރުބިއްޔަތުކުރުމުގައި އެ ވަގުތަކު ގައުމުގައި ހުރި އިޖުތިމާއީ ހުރިހާ މައްސަލަތަކަށް ރިއާޔަތްކުރަން ޖެހޭ ކަމަށެވެ. އެގޮތުން މިއަދު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހެނީ ކުދިންގެ ހިތްތަކުގައި އިސްލާމްދީނުގެ ސައްހަ އަގީދާއާއި ގައުމީ ލޯބި ފުރިހަމައަށް ބިންވަޅު ނަގައިދިނުމަށް ކަމަށް ވިދާޅުވިއެވެ. އަދި ކުޑަކުދިންނަށް އޯގާތެރިވުމަށާއި ބޮޑެތި މީހުންނަށް އިހުތިރާމް ކުރުމުގެ ރީތި އާދަ އަށަގެންނެވުމަށާއި ތަފާތު ވިސްނުންތަކާ އެކުގައިވެސް ބައިބައިނުވެ އެކަތިގަނޑެއްގެ ގޮތުގައި އިޖުތިމާއީ ގުޅުން ދެމެހެއްޓުމަށް ސަމާލުކަންދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.