Close
ވާހަކަ

ދީވާނާ ހިތް - 51

2

އިސްކޮޅާ އެއްވަރުގެ މަލުގެ ބޮޑު ގުލްދަސްތާއެއް ހިފައިގެން ހުރި މީހަކު ކޮޓަރީ ދޮރަށް އެރުމާއެކު ހުރިހާ މީހުން އެއްފަހަރާ އެދިމާލަށް ބަލައިލިއެވެ. ހިފައިގެން ހުރި މާބޮނޑީގެ ސަބަބުން ދޮރުމަތީގައި ހުރި ޒުވާނާގެ މޫނު ފެންނަވަރެއް ނުވެއެވެ.

******

މެންދުރުގެ ކެއުމަށް ނަވާލް ގެއަށް އަންނާނެ ވާހަކަ ބުނެފައި އޮތުމުން ތިއާ ބަދިގޭގައި އުޅުނީ ކެއްކުމުގައެވެ. އެވަގުތު ގޭތެރޭގައި އުޅުނީ ތިއާ އެކަންޏެވެ. ނާޔާ ވީ ސްކޫލުގައެވެ. މާޝިތާ އާއި އާމިރު ބޭސްފިހާރައަކަށް ގޮހެވެ. އުނދުން ކައިރީގައި ހުރި ތިއާ ބަލައިލީ ފަހަތުން ހިޔަންޏެއް ވިހެން ހީވެގެންނެވެ. ސިހިފައި ބަލައިލި އިރު ނަވާލް ހުރީ ގާތުގައި ޖައްސައިފައެވެ. ހައިރާންވެފައި ފުރަތަމަވެސް ތިއާ އަށް ބަލައިލެވުނީ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށެވެ. އަންނަން ބުނި ގަޑިއަށް ވުރެ މާއަވަހަށް ނަވާލް އެހުރީ އައިހެވެ.

"މާބޮޑަށް ބަނޑުހައިވީތަ؟" ތިއާ އެހިއެވެ.

ތިއާގެ މޫނާއި ބަނޑުގައި ފިރުމާލާފައި ނަވާލް ގޮސް އިށީނީ މޭޒު ކައިރީގައެވެ. މޭޒުމަތީގައި ހުރި ފިނި ޖޫސް ޖަގު ފެނުމުން ބިއްލޫރި ތަށްޓެއް ހިފައިގެން އައިސް އަލުން އިށީނެވެ.

"މިއީ ކޮންކަހަލަ ފަންޏެއް" ނަވާލް އެހިއެވެ.

"މިކްސް ފުރުޓް. މަންމަ ހެދި" ތިއާ ބުންޏެވެ. ކާން ހަދަންތަ؟"

"ނޫން" ނަވާލް ބުންޏެވެ. ހަގީގަތުގައި އޭނާ ގެއަށް އައީ ބޮލަށް އުނދަގުވެގެންނެވެ. އާލިފްގެ ބަހުގެ ހަމަލާތަކުގެ ސަބަބުން އޭނާގެ ބޯގޮވައިފިއެވެ. އޮފީހަށް ދާން ފޫހިވާވަރު އާލިފް ކޮށްފިއެވެ. ނުވިސްނަން ހުއްޓަސް އޭނާއަށް ވިސްނެން ފަށައިފިއެވެ. އެހެން މީހެއްގެ ފަރާތުން ތިއާ އަށް އެނގުމުގެ ކުރިން އެނާ ހުރިހާ ވާހަކަތަކެއް ތިއާ އަށް ކިޔައިދޭން އެބަ ޖެހެއެވެ. އެކަމަކު އެއީ ތިއާއަށް އެނގުން ކޮންމެހެން މުހިންމު ވާހަކައެއް ހެއްޔެވެ؟

"ބޮލުގަ އަތްއަޅައިގެން ތިއިންނަނީ ބޮލުގަ ރިއްސާތީތަ؟" ތިއާ އެހިއެވެ.

ތިއާ އަށް ގޮވައި ގެނެސް ކައިރީގައި ބައިންދާފައި ނަވާލް ފުންނޭވައެއް ދޫކޮށްލިއެވެ.

"އަހަރެން ވާހަކައެއް އަހަންތަ؟" ނަވާލް ބުންޏެވެ.

"ކައިވެނީގެ ކުރީގައި ހިނގާފައިވާ ކަމަކާ ގުޅިގެން މީހަކު ތިއާ އަށް ވާހަކަތަކެއް ކިޔައިދީފިއްޔާ އެވާހަކަތައް ތިއާ ރިއެކްޓް ކުރާނީ ކިހިނެއް؟ މިބުނީ އެވާހަކަތައް ގަބޫލުކުރާނަންތަ؟

"ތިބުނީ ކޮންކަހަލަ ކަމެއް؟" ތިއާ ބުންޏެވެ.

"މިބުނީ ތިއާ އާ މެރީކުރުމުގެ ކުރިން އަހަރެން ކުއްޖަކާ ޑޭޓްކުރިން. ތިއާ އާ މެރީކުރުމަކީ އަހަރެންގެ ޑިޒިޝަނެއް. މިއުޅެނީ އޮފީސް ތެރެއިން ޝައިހާންގެ މާ ގާތް މީހަކު އެހެން ކިޔާފަ އަހަރެންނަށް އިންޒާރުދޭ ވަރުން" ނަވާލް ބުންޏެވެ.

"މީހަކު ކިޔާހާ އެއްޗެއް ގަބޫލުކުރާހާ އަހަރެން މޮޔައެއް ނޫން. އަހަރެންގެ އަމިއްލަ ނަފްސަށް ވުރެ ބޮޑަށް ނަވާލަށް އިތުބާރުކުރަން"

ތިއާގެ ޖަވާބުން އެވަގުތަށް ނަވާލަށް ހަމަޖެހެވުނެވެ. އެކަމަކު އަދި އެއީ އެވާހަކައިގެ ނިމުމެއް ނޫންކަން އޭނާއަށް އެނގެއެވެ.

*****

"ދަރިފުޅުގެ ކޮން އެކުވެރިއެއް ފޮނުވި މާބޮނޑިއެއް. ހާދަ ބޮޑޭ މި މާބޮނޑި" ދިލްޝާދު ބުންޏެވެ.

ހިނިތުންވެލައިގެން އިނދެ މާބޮނޑީގައި ވަސްބަލަމުން މަންޝާ ދިޔައެވެ. މާބޮނޑި ހިފައިގެން އައީ ނަޒާނޭ އެނާއަށް ހީވިއެވެ. އޭނާ އިނީ ނަޒާނާ އެތައް މޭލެއް ދުރުގައިކަން ހަނދާންވީ މާފަހުންނެވެ.

"ދައްކަބަ. ނަޒާންގެ ނަމެއްނު މީނީ" ޔަލާ ކައިރިވެލިއެވެ.

"ނަޒާން ކިހާ ރަނގަޅު. އޭނަ ރާއްޖޭގަ ހުރެފަ ވެސް ގެޓްވެލްސޫން ވިޝް އެބަފޮނުވައެއްނު. އެ އުޅޭ ހަމް ގުޅާވެސް ނުލައެއްނު" މަންޝާ ބުންޏެވެ.

"ހަމްރާ ކޮންމެ ދުވަހަކު ގުޅާ. ދަރިފުޅަށް ކިހިނެއް އެނގެނީ ނަޒާން ހުރީ ރާއްޖޭގަ ކަމެއް" ދިލްޝާދު ބުންޏެވެ.

"ރާއްޖޭގަ ނޫނިއްޔާ ދެން ކޮންތާކު ހުންނާނީ؟"

ކައިރީގައި މާބޮނޑި ބާއްވާފައި ބާލިސް މަތީގައި ރަނގަޅަށް ބޯނޭޅެނިސް ކޮޓަރީ ދޮރުހުޅުވައިފިއެވެ. މަންޝާ ބަލައިލިގޮތަށް ހައިރާންވެ އަނގަ ހުޅުވުނެވެ. އެއީ ހަމަ ނަޒާނެވެ. މަންޝާއަށް ގަބޫލެއް ނުކުރެވުނެވެ. ނަޒާން މަޑުމަޑުން ހިނގާލާފައި އައިސް ހުއްޓުނީ މަންޝާ އޮތް އެނދު ކައިރީގައެވެ. ދެ ޒުވާނުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބެވެ. ނަޒާން މިތަނަށްވެސް އެހުރީ އައިހެވެ. އޭރުވެސް ހީވިއެވެ. ނަޒާން ބުނެފާނެ އެއްޗަކަށް މަންޝާ ޖެހިލުންވިއެވެ. އެތެރޭގައި ދިލްޝާދާއި ޔަލާ އިނުމުންނެވެ.

"ކިހިނެއް މިހާރު" މަންޝާއަށް އުނދަގުވިހެން ހީވުމުން ނަޒާން އެހިއެވެ. އެހާ ކައިރިއަށް ދާން ހުދު ނަޒާންވެސް ފަސްޖެހުނެވެ.

ދެ ޒުވާނުންނަށް ކުއްލިއަކަށް ސިހުމެއް ލިބުނީ ކޮޓަރިން ދިލްޝާދާއި ޔަލާ ބޭރަށް ނުކުތުމުންނެވެ. ކޮޓަރީގެ ދޮރުފަތް ލެއްޕުމާއެކު ނަޒާން މަންޝާގެ ދެއަތުގައި ހިފައި ކައިރިއަށް ގެނައި ގޮތަށް ބައްދާލައިފިއެވެ. އޭނާ އެގޮތުގައި ހިނދުކޮޅަކު ހުއްޓެވެ. މަޑުމަޑުން މަންޝާގެ ދެއަތްވެސް ހިއްލުނެވެ. އެކަމަކު ފަހުން އޭނާ ތިރިކޮށްލައިފިއެވެ. ޝައިހާން މަތިން ހިތަށް އެރުމުން މަންޝާ ބިރުގަތެވެ.

"ކޮންއިރަކު އައީ؟" މަންޝާ އެހިއެވެ.

"މީގެ މަހެއްހާ ދުވަސް ކުރިން" ނަޒާން ބުންޏެވެ.

"ވަޓް؟ އެހާ އަވަހަށް އައީ ކީއްކުރަން؟" މަންޝާ ބުންޏެވެ.

"އަވަސްތަ؟ ބަލިވެފައި އޮތް މީހަކު އައި އިރު އަހަރެންވެސް އައީ. އަހަރެންނަށް އެނގޭ އަހަރެންގެ ހިތް މިތާ ބާއްވާފަ އަހަރެންނަށް އެތަނުގައި ނުހުރެވޭނެކަން" ނަޒާން ބުންޏެވެ.

މަންޝާ އިނީ ކަޅިޖަހާނުލައި ނަޒާނަށް ބަލަހައްޓައިގެންނެވެ. މަޑުމަޑުން ނަޒާންގެ އަތް މަންޝާގެ ބަނޑުގައި ޖައްސާލިއެވެ. މަންޝާގެ ނޭވާ އަވަސްވެގެން ދިޔަވަގުތު ނިކަން އަވަހަށް އެތެރެއަށް ބަނޑު ހިންދާލިއެވެ.

"ތަދުވޭތަ އަދިވެސް" ނަޒާން އެހިއެވެ. މަންޝާ ދެފަރާތަށް ބޯހޫރާލިއެވެ.

"ވަރަށް ބިރުގަތް. އޭނަ އެއްވެސް ކަމެއް ކުރިތަ؟ ފަހުންވީ އެއްވެސް ގޮތެއް ނޭނގޭ. ނަސީބެއްނު އަހަރެން މަރުނުވިކަން"

ނަޒާން މަންޝާގެ ތުންފަތުގައި އިނގިލި ޖެއްސިއެވެ. މަންޝާ ބަލައިލުމާއެކު ދެފަރާތަށް ބޯހޫރާލިއެވެ.

"މަރަކީ ޔަގީން އެއްޗެއް. އެކަމަކު ތިކަހަލަ ވާހަކަ ނުދައްކަފާނަންތަ؟"

މަންޝާ ބޯޖަހާލިއެވެ. އުނގުތެރޭގައި ބާއްވާފައި އޮތް މަންޝާގެ ދެއަތްތިލައިގައި ނަޒާން ހިފަހައްޓާލިއެވެ. އެދެއަތްތިލައިގައި ނަޒާން ބޮސްދިނެވެ. މަންޝާ އާ ދުރުގައި ހުރެގެން ލައްކަ ދުވަހު އޭނާ ކެތްކޮށްފިއެވެ. އިތުރަށް ކެތް ނުކުރެވޭނެއެވެ. ވީއެންމެ އަވަހަކަށް އޭނާގެ މީހަކަށް މަންޝާ ހަދަން އޭނާ ހުރީ ބޭނުންވެފައެވެ.

"ތިގޮތަށް ނުބަލަފާނަންތަ؟" ނަޒާންގެ ބެލުންތަކުން ރަކިވެގެން މަންޝާ ބުންޏެވެ.

"ކީއްވެ؟ މިއީ އަހަރެން ގަސްދުގައި ކުރާކަމެއް ނޫނޭ. ދެލޯ މަޖުބޫރު ކުރަނީ" ނަޒާން ބުންޏެވެ.

"އަދިވެސް އަހަރެން މިއީ ޝައިހާންގެ އަންބެއް. އަހަރެން ބިރުގަނޭ. ދެން އޭނާ ޖަހާ އެތިފަހަރު ވަރުގަދަވާނެ. އަހަރެންގެ ސަބަބުން ނަޒާނަށް އެއްވެސް ގެއްލުމެއްވާކަށް އަހަރެން ބޭނުމެއް ނޫން"

ނަޒާން ޖަހާލީ ހިނިގަނޑެކެވެ. މަންޝާ ހީކޮށްގެން އިނީ އަދިވެސް އޭނާއަކީ ޝައިހާންގެ އަންބެއް ކަމަށެވެ. އާއިލާގެ މީހަކު އަދި އެއްވެސް ވާހަކައެއް އޭނާއަށް ކިޔައިނުދޭކަން ނަޒާނަށް އެނގުނެވެ. ކީއްވެ ހެއްޔެވެ؟ ނަޒާން ބުނަންދެން މަޑުކުރީ ހެއްޔެވެ؟

*****

މަންޝާ ގެއަށް ދޫކޮށްލީ ޖެހިގެން އައި ހަފުތާގައެވެ. ފާއިތުވީ ދުވަސްތަކުގައި މަންޝާގެ ހާލު ވަރަށް ބޮޑު ތަން ރަނގަޅުވެއްޖެއެވެ. އެނބުރި ދިޔުމުގެ ހުއްދަވެސް ޑޮކްޓަރުން ދީފިއެވެ. މަންޝާއަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވަނީ ތާއަބަދު އޭނާގެ ކުރިމަތިން ނަޒާން ފެންނަން ހުންނާތީއެވެ.

"ދެން ދޭ. ބުނީމެއްނު ފިހާރައަކަށް ދާ ވާހަކަ" މަންޝާ ކައިރީގައި އާފަލު ކޮށަން އިން ނަޒާނަށް ބުންޏެވެ.

"ފިހާރައަށް ދާ ބަޔަކު ހިނގައްޖެ. އަހަރެން ގަންނަން ބޭނުންވާ އެއްޗެއް ނެތް. އެހެންނޫނަސް މަން ނުދާތަނަކަށް ގޮސްގެން އަހަރެންނަށް ކޮން މަޖައެއް ވާނީ" ނަޒާން ވާހަކަދެއްކިއެވެ. އެހިނދު މަންޝާ ވަރަށް ފުންނަޒަރަކުން ނަޒާނަށް ބަލައިލިއެވެ. އެގޮތަށް ނަޒާނަށް ގިނައިރު މަންޝާއަށް ބަލަހައްޓައިގެން އިނދެވުނީ ނަޒާނަށް ވަގަށެވެ. ލޯބިވާ ކަމަށް އަދިވެސް ދުލުން މަންޝާ އިގުރާރެއް ނުވެއެވެ. ނަޒާން ދިމާކުރާނެތީ ބުނަން ނުވެސްކެރެއެވެ.

"ކޯޗެއް މަގޭ މޫނުގަ ލިޔެފަ ހުރީ"

މަންޝާ ތެޅިގަތެވެ. ނަޒާނަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އެހެންދިމާލަށް ނަޒަރު ބަދަލުކޮށްލި ގޮތަށް މަންޝާ ދެތުންފަތް ބައްދާލިއެވެ.

"ނަޒާން..." މަންޝާ ގޮވާލިއެވެ. އެހިނދު ނަޒާން ބަލައިލިއެވެ.

"އަދި ވީކެއް ފަހުން އަހަރެން ޑޮކްޓަރަށް ދައްކަން ޖެހެއެއްނު. ޓިކެޓް ނަގާފައި އޮތީ އެހާތަނަށް ކަންނޭނގެ" މަންޝާ ބުންޏެވެ.

"ދެން؟"

"އަހަރެން މިބުނީ އެހާތަނަށް ދެމަސް ވާނެއްނު. ވަޒީފާއަށް ދާން ޖެހޭނެއްނު"

މަންޝާ އެހެން ބުނިވަގުތު ނަޒާން މަންޝާއަށް ބަލައިލިއެވެ. ދެން ގޮނޑިން ތެދުވެގެން ގޮސް މަންޝާ ކައިރީގައި އިށީނެވެ.

"ކުރިންވެސް އެނގޭ އަހަރެންގެ ސަބަބުން މަންއަށް އުނދަގުވާކަން. އަދި ލޯބިވެސް ނުވާކަން. ބުނެފަ އޮތީވެސް މަންގެ ހަޔާތުގަ މީހަކު ނެތަސް އަހަރެންނާ ގުޅުމެއް ނުއުއްފެދޭނެކަން. އެކަމަކު އެހާ ބޮޑަށް އުނދަގުވާ ކަމެއް ނޭނގޭ. އަހަރެން މާގިނައިން ފެންނާތީ އުނދަގުވަނީތަ؟" ނަޒާން ބުންޏެވެ.

އޭނާ އާފަލު ފޮއްޗެއް ނަގާފައި މަންޝާގެ އަނގަ އާ ކައިރިކޮށްލިއެވެ. އެހެންނަމަވެސް މަންޝާ އަނގަ ނުހުޅުވިއެވެ. އެފަދަ ވާހަކައެއް ނަޒާން ބުނީތީ މަންޝާ ދެރަވެއްޖެއެވެ. މަންޝާގެ ހިތް އޮތް ގޮތް އެނގޭނަމަ އެފަދަ އެއްޗެއް ނަޒާން ބުނާނެ ހެއްޔެވެ؟

"ތީނީ ދެރަވެފަތަ؟ ސޮރީ. އެއީ އެހެން ބުނި އެއްޗެއް ނޫން" ނަޒާން ބުންޏެވެ. މަންޝާ ބަހެއް ނުބުނެ އެނދުން ތެދުވާން އުޅުނެވެ. އަޅާފައި ހުރި ބޭސްގަނޑުމަތިން ކުޑަކޮށް ހިފަހައްޓާލައިގެން ހުރެ ތެދުވި ވަގުތު ތަދެއް އެރިގޮތުން މަންޝާއަށް ސީދާނުވެވުނެވެ. އެވަގުތު ނަޒާން ތެދުވެފައި އޭނާގެ ދެއަތް މައްޗަށް މަންޝާ ހިއްލާލިއެވެ.

"ޓޮއިލެޓަށް މިދަނީ" މަންޝާ ބުންޏެވެ.

"ކީއްތަވީ. މަން ޓޮއިލެޓްގަ ކުރާ އެއްވެސް ކަމެއް ބަލާކަށް އަހަރެން ނޫޅެން. މިއުޅެނީ އެހިސާބަށް ގެންގޮސްދޭން. ނުކުންނަންދެން ހުންނާނަން ދޮރުމަތީގަ" ނަޒާން ބުންޏެވެ. "ސޮރީ އުނދަގު ކުރެވޭތީ. އަހަރެން މިއުޅޭގޮތުން ހައްތާ ރުޅި ދޯ އަންނަނީ"

"އަހަރެންނަށް އުނދަގުލެއްވެސް ނުވޭ. ރުޅިއެއްވެސް ނާދޭ" މަންޝާ ބުންޏެވެ.

"ދެން. ލޯބިވޭތަ؟" މަންޝާ ހިމޭންވިއެވެ.

"ނުކުތީމަ ދޯ ދޮރުލެއްޕޭނީ" މަންޝާ ބުންޏެވެ. އެހިނދު ހީލާފައި ނަޒާން ބޭރަށް ނުކުތެވެ.

*****

ފިހާރައަކަށް ދާން މާޝިތާއަށް ނުކުމެވުނު އިރު ގޭދޮރުގެ ބެލް އަޅާ އަޑު އިވެމުން ދިޔައެވެ. ވަގުތުގެ ގޮތުން ގޭތެރޭގައި އެވަގުތު އުޅުނީ ނާޔާ އެކަންޏެވެ. އަވަސްކޮށްގެން މާޝިތާ ތިރިއަށް ފޭބި އިރު ނާޔާ ދޮރުމަތީގައި ހުއްޓައި ފެނުނެވެ. ބެލްއެޅި މީހަކާ ނާޔާ ވާހަކަދައްކަން ހުރިހެން ހީވުމުން މާޝިތާ އެދިމާލަށް ދިޔައެވެ.

"ކާކު އައީ؟" ނާޔާ ބަލައިލީ މާޝިތާގެ އަޑު އިވިފައެވެ.

"ނޭނގެ ބައްޕަ ހޯދަން އައި ކުއްޖެއް" ނާޔާ ބުންޏެވެ.

މާޝިތާ ފެނުމާއެކު ދޮރުމަތީގައި ހުރި ޒުވާނާ ހީލައިފިއެވެ.

"ޒުހާން ތަ؟" މާޝިތާ ބުންޏެވެ.

"އަދިވެސް ހުރީތަ؟ ދެންވެސް ދޭބަލަ ތައްޔާރުވެގެން އަންނަން" ނާޔާއަށް މާޝިތާ ބުންޏެވެ.

"އާދޭ އެތެރެއަށް. އާމިރުބެ މިވަގުތު ގޭގަ ނެތް. ކަމަކުތަ؟"

"ބައްޕަ ދެއްވި އެއްޗެއް ހަވާލުކޮށްލަން. ދައްތާ. ހުރެވޭކަށްނެތޭ"

ނުކުމެގެން ދަމުންވެސް ޒުހާން ފަހަތަށް އެނބުރި ބެލިއެވެ. ބައްޕަ ރައޫފް ދިން އެއްޗެއް އާމިރާ ހަވާލުކުރަން ޒުހާން އައީ އެގެއިން އެހައި ރީތިކުއްޖެއް ފެނިދާނެ ކަމަކަށް ނޫނެވެ. މިވީގޮތުން ގިނަގިނައިން އެގެއަށް ދާން ޖެހުނީއެވެ. ޒުހާން ނުކުމެގެން ދިޔައިރު ތުންފަތުގައިވީ ހިނިތުންވުމެކެވެ. ކޮންމެހެންވެސް ނާޔާ އާ ގުޅުމެއް އުފައްދަން ޖެހުނީއެވެ.

*****

ހޮޓަލުގެ ތިރީގައި ހުރި ޕާކު ތެރޭގައި މަންޝާ އިށީނދެގެން އިނެވެ. މަދުން ނަމަވެސް ދިވެހިން ފެންނާތީ ބީރައްޓެހިކަމެއް އިހުސާސެއް ނުކުރެވެއެވެ. ކުއްލިއަކަށް މަންޝާ ސިހުނީ ފަހަތުން މީހަކު ކަރުކެހިލިހެން ހީވުމުންނެވެ. ފަހަތަށް ބަލައިނުލެވެނީސް އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އެއީ ނަޒާން ކަން އޭނާއަށް އެނގުނީ ނޭފަތުގައި ޖެހުނު މީރު ވަހުންނެވެ.

"ނުދަންތަ؟" ކައިރީގައި ނަޒާން އިށީނުމުން މަންޝާ ބުންޏެވެ.

"އަނެއްކާ އަހައިފި. ބުނީމެއްނު އަހަރެން ދާތަނަކަށް ދާނީ މަން ގޮވައިގެންނޭ" ނަޒާން ބުންޏެވެ.

ދެން ފާއިތުވެގެން ދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ. މަންޝާގެ ނަޒަރު ހުއްޓިފައި ހުރީ ދޫނިތައް ކައިރީގައި ކުޅެން ތިބި ކުޑަކުދިންތަކަކަށެވެ. ނަޒާން ބަލާކަން އެނގުމުން މަންޝާ ރަކިގޮތަކަށް ހީލިއެވެ.

"އަހަރެން މާލެ ދާގޮތަށް ވަރިވާން ފޯމުލާނަން. އެންމެ ސިކުންތަކުވެސް މަޑުކުރަން ބޭނުމެއް ނޫން" މަންޝާ ބުންޏެވެ.

"މީހަކާ އިނދެގެނެއް ނޫން. އިއްދައިގައޭ ބުނެވިދާނެ"

މަންޝާ ބަލައިލީ ހައިރާންކަން އެކުލެވިގެންވި ނަޒަރަކުންނެވެ. ޝައިހާން އޭނާ ވަރިކުރި ކަމެއް އޭނާއަށް އެނގިފައެއް ނެތެވެ. އެކަން ޔަގީންކޮށްދިނީ މަންޝާ ބަލައިލި ވަގުތު ނަޒާން ބޯޖަހައިލަމުންނެވެ.

"ކޮންއިރަކު؟؟ އަހަރެންނަށް ނުވެސް އެނގޭ" މަންޝާ ބުންޏެވެ.

އެކަން ހިނގައިދިޔަ ގޮތް ނަޒާން މަންޝާއަށް ކިޔައިދިނެވެ. މަންޝާ އުފަލުން ރޮވުނެވެ. ބޮލުން ބޮޑު ބުރައެއް ފިލައިގެން ދިޔަ ފަދަ އުފާވެރި އިހުސާސެއް ކުރެވުނެވެ. ނަޒާންގެ މޫނަށް ބަލައިލީ ނަޒާނަށް ފުރުސަތު އެބައޮތޭ ބުނާ ފަދަ ގޮތަކަށެވެ.

"އަހަރެން ފުރިހަމަ ކުރަންޖެހޭ އިއްދައެއް ނޯންނާނެ" މަންޝާ ބުންޏެވެ. ނަޒާނަށް ގަބޫލެއް ނުކުރެވުނެވެ. އެއީ ހަގީގަތް ހެއްޔެވެ؟ އިނދެގެންވެސް މަންޝާ އުޅުނީ ޝައިހާނާ އެހާ ދުރުގައި ހެއްޔެވެ؟

"ކައިވެނިކޮށްގެން ގޮސް އެގެއަށް އަހަރެންނަށް ވަދެވުނު އިރު ހިތަށް އެރި އެ ކައިވެނި އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކުރާނޭ. ވަރަށް ލޯބިންނޭ އުޅޭނީ. އެކަމަކު އެރޭ ޝައިހާން ހުރީ މަސްތުވެގެން. އަހަރެން ހާދަ ދެރައެއްވިޔޭ. އަހަރެން ރުއިވަރު ﷲ ދެނެވޮޑިގެންވާނީ. ޝައިހާން އަހަރެންނާ ގާތްވާން މަސައްކަތް ކުރި. އަހަރެން އެފުރުސަތު ނުދިނީ. ފުރުސަތެއްދޭށޭ ބުނީމަ އެ ފުރުސަތުވެސް އޭނައަށް ދިނިން. އެކަމަކު ހައްތަހާވީ ގޯސް. އަހަރެން އެ އިންސާނާއަށް ނަފުރަތުކުރަން. މުޅި އުމުރަށްވެސް ކުރާނަން"

މަންޝާއަށް ރޮވުނެވެ. ޝައިހާނާއެކު ހޭދަކުރި ހިތްދަތި ދުވަސްތަކުގައި ހިނގައި ދިޔަ ހުރިހާ ވާހަކަތަކެއް ނަޒާނަށް މަންޝާ ކިޔައިދިނެވެ. އެއީ ދިރިއުޅުމުގެ ވާހަކަ ނަޒާނަށް މަންޝާ ކިޔައިދިން ފުރަތަމަ ފަހަރެވެ. މަންޝާ ތަހައްމަލުކުރި އަނިޔާތައް އިނގުމުން ނަޒާން އިންތިހާއަށް ދެރަވިއެވެ.

"ކީއްވެ އަހަރެން ކައިރީގަ ނުބުނީ. ގުޅާލިނަމަ. މަން ބުނީމަ އަހަރެން ދުރުގަ ހުރީ. މާލޭގަ އަހަރެން ހުރިނަމަ ތިގޭ ދޮށަށް ވެސް ދެވުނީސް. ނަސީބެއް ކަންނޭނގެ އެހާ ކުރިން ނޭނގުނުކަން ވެސް. އެހެން ނޫނީ އަހަރެން އަތުން ފައިން ގޯހެއް ހެދުނީސް"

"އެހެންވިއްޔާ އެދުވަހު ސައިކަލު ފަހަތުގަ އިނީ ކޮން އަންހެން ކުއްޖެއް؟ އެކުއްޖާ އާ އޭރު ރައްޓެހިވެގެންތަ އުޅުނީ" މަންޝާ އެހިއެވެ. ހައިކާ އާ އެކު އެގޭ މަގުން ދިޔަ ދުވަސް ނަޒާން ހަނދާނަށް އައެވެ. ނަޒާނަށް ހެވުނެވެ.

"ތެދެއް ބުނަންތަ؟ ހައިކާ އަކީ ރީތިކުއްޖެއް. އޭނަ އަހަރެންދެކެ ވަރަށް ލޯބިވޭ. ރައްޓެހިވާންވެސް ބުނި. އަނެއްކާ ސްމާޓް ޕޮލިސް ކުއްޖެއް. ވަރަށް ވަރަށް އަހުލާގު ރަނގަޅު ކުއްޖެއް. މަންމަ މެންނަށްވެސް ވަރަށް ކަމުދޭ. މިހިތަށް އަރަނީ އަންހެންކުއްޖަކު އެވަރަށް ތަޅުވާކަށްވެސް ނުވާނޭ ޖަވާބެއް ދޭންވެއްޖޭ"

މަންޝާ ކުއްލިއަކަށް ތެދުވިއެވެ. ދާން ހިނގައިގަތެވެ. ވީގޮތެއް ނަޒާނަށް ނޭނގުނެވެ. ފަހަތުން ހިނގައިގަނެފައި އޭނާއަށް ވުރެ ކުރީގައި ހުރި މަންޝާގެ އަތުގައި ހިފަހައްޓަން އުޅުނެވެ. އެތެރެއަށް ވަދެވެންދެންވެސް މަންޝާއަށް ތަދެއްވާން އެނާ ނޭދެއެވެ.

"ކީއްކުރަން އަހަރެން އަތުގަ ހިފަނީ. ދޫކޮށްލާ" މަންޝާ ބުންޏެވެ.

ނަޒާނަށް ވީގޮތެއް ނޭނގުނެވެ. މަންޝާ އެހެން ބުނުމުން އޭނާ ދެރަވެސްވެއްޖެއެވެ. ހައިރާންވެސްވިއެވެ. މަންޝާގެ ފަހަތުން މަޑުމަޑުން ހިނގާފައި ކޮޓަރި އާ ހަމައަށް ދިޔައެވެ. މަންޝާ ދޮރުފަތް ލައްޕަން އުޅުމުން ނަޒާން ހިފެހެއްޓިއެވެ.

*****

ތިއާ ގޮވައިގެން ދުއްވާލަން ނުކުމެފައި ރެސްޓޯރަންޓަކަށް ނަވާލް ވަނެވެ. އާލިފްގެ އުނދަގޫތައް ބޮޑުވެގެން އެންމެފަހުން ނަވާލް ގޮތެއް ނިންމައިފިއެވެ. ތިއާ އަކީ ވިސްނުން ތޫނު އަންބެކެވެ. ނުވިސްނާ ތިއާ ނިންމުމެއް ނުނިންމާނެއެވެ. އެވާހަކަތައް ތިއާ އަށް ކިޔައިދިނުން ގޯހެއް ނޫނެވެ. ގޯސްވާނީ ނަވާލް ނުބުނެ ހުއްޓައި އެހެން ގޮތަކުން ތިއާއަށް އެނގުމުންނެވެ.

"މިރޭ ނަވާލް ހާދަ ތަފާތޭ. އަހަރެންދެކެ ތިހާ ވަރަށް ލޯބިވާކަން ހާމަނުކޮށްދިނަސް ބުނަން ބޭނުންވާ އެއްޗެއް ބުނެބަލަ" ތިއާ ބުންޏެވެ. ނަވާލަށް ހެވުނެވެ.

"ތިއާ އަށް އެނގޭތަ އަހަރެން ކުރިން ރައްޓެހިވެގެން އުޅުނީ ކާކާ ކަން" ނަވާލް ބުންޏެވެ.

"ސާބަސް ނަވާލް. އަހަރެން މިބުނީނު އަހަރެމެންގެ ކައިވެނީގެ ކުރިން ނަވާލް އުޅުނު ގޮތުގެ ރިކޯޑްސް އަހަރެންނަށް މުހިންމެއް ނޫން. ކާކު ކޯޗެކޭ ކިޔައިގެން ތިއުޅެނީ" ތިއާ ބުންޏެވެ. އޯޑަރު ކުރި ކާއެއްޗެހި ވެއިޓަރު ގެނެސް ބަހައްޓަންދެން ދެމަފިރިން ހިމޭނުން ތިއްބެވެ.

"މިވާހަކަ ދެއްކުން ވަރަށް މުހިންމު. މާދަމާ ކަންނޭނގެ ދޮންބެ މަންޝާ އާ މެރީކުރާނީ. ތިއާ އެކޭ އެއްގޮތަށް މިކަން ދޮންބެއަށްވެސް އެބަޖެހޭ އެނގެން. ނުބައި މީހެއްގެ ފަރާތުން އެނގިގެން ހަތަރު މީހުންގެ މެދުގައި މަސްލަހަތު ގެއްލިދާނެ. އެހެން ވާކަށް އަހަރެން ބޭނުމެއް ނޫން"

ނަވާލަށް ބަލަހައްޓައިގެން ތިއާ އިނެވެ. ވާހަކައިގެ ސީރިޔަސްކަން އޭނާއަށް ވިސްނިއްޖެއެވެ. ހަތަރު މީހުންނާ ގުޅުން ހުރި ކަމެއްވިއްޔާ އެވާހައިގެ ތެރޭގައި އުޅެނީ ނަވާލާއި މަންޝާއެވެ. ނަވާލް މަސައްކަތް އެކުރަނީ ކުރީގެ ލޯބިވެރިޔާގެ ނަން ހާމަކުރާށެވެ. އެއީ މަންޝާއެވެ. ތިއާ އަށް ހުރިހާ އެއްޗެއް ވިސްނިއްޖެއެވެ.

"މަންޝާ...." މަޑުމަޑުން ތިއާ ކިޔާލިއެވެ. ނަވާލް ބޯޖަހާލީ ތިއާ އަށް ބަލަހައްޓައިގެން އިރުކޮޅަކު އިނދެފައެވެ.

****

"ކުއްލިއަކަށް ކިހިނެއްތިވީ؟" އެތެރެއަށް ވަދެފައި ނަޒާން ބުންޏެވެ.

"އަހަރެން މިއީ ހައިކާއެއް ނޫން. އަޑުއިވިއްޖެތަ؟ ކޮންމެހެން އަހަރެން ކައިރީގައި ހައިކާގެ ވާހަކަދެއްކީ ކީއްކުރަން؟" ވީގޮތް ނަޒާނަށް ވިސްނުނީ މާފަހުންނެވެ.

މަންޝާއަށް އަސަރުތަކެއް ކޮށްފިއެވެ. އޭގެ މާނައަކީ ކޮބައި ހެއްޔެވެ؟ ނަޒާންގެ ހިތް ތެޅިލިއެވެ. ކުރިއަށް ފިޔަވަޅެއް އެޅިގޮތަށް މަންޝާގެ އަތުގައި ހިފައި އޭނާ އާ ދިމާލަށް އަނބުރާލައިފިއެވެ.

"ކީއްވެ ނުބުނަން ތިއުޅެނީ؟" ނަޒާން ބުންޏެވެ. ނަޒާންގެ ދެލޮލަށް ބަލަހައްޓައިގެން މަންޝާ ހުއްޓެވެ. އެހާ ކައިރިން ނަޒާންގެ މޫނު ފެނި މަންޝާގެ ދުލުން ބަސްހުއްޓިއްޖެއެވެ. މިފަހަރު ދުރަށް ދާން އޭނާ ނޫޅުނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟