އިމާރާތް ކުރާއިރު، އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދާ އެއްގޮތަށް އަމަލުކުރަން ހައުސިން މިނިސްޓްރީން އަންގައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ ބައެއް ފަރާތްތަކުން އިމާރަތްކުރުމުގެ މަސައްކަތް ކުރަމުންދާ އިރު އެ ގަވާއިދާ އެއްގޮތަށް އަމަލު ނުކުރާ ކަމަށާއި އެކަމުގެ ސަބަބުން އިމާރާތްކުރާ މީހުންގެ ފުރާނައަށް ނުރައްކާވާ ކަމަށެވެ.
"އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ސައިޓުތަކުގައި މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތައް ބެލުމުގައި އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދުގައި ބާޔާންކޮށްފައިވާ ގޮތަށް އަމަލު ކުރުމުގައި ބައެއް ފަރާތްތަކުން ސަލާމަތީ ކަންކަން ފުރިހަމަކޮށްފައި ނުވާކަން ފާހަގަކުރެވޭ. އަދި ކޮންޓްރެކްޓަރުން، ކޮންޓްރެކްޓަރުންގެ ފަރާތުން އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރާ މީހުންނަށް ނުރައްކަލުގެ ހާލަތެއް ކުރިމަތިވާ ހިނދު އަމަލުކުރަންވީގޮތް އަންގައިދީ އެކަމަށް އެމީހުން އަހުލުވެރިކުރުވާފައި ނުވާކަން ފާހަގަކުރެވޭ" މިނިސްޓްރީން ބުންޏެވެ.
ގަވާއިދުގައިވާ ސަލާމަތީ ކަންކަން ފުރިހަމަ ކުރުމަށް އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ.
"އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދު" ގައިވާ ގޮތުން ކޮންޓްރެކްޓަރު ކުރުމަށް ހަވާލުވެފައިވާ އިމާރާތްކުރުމުގެ މަސައްކަތަކީ 1،500،000 ރުފިޔާއަށްވުރެ ބޮޑު މަސައްކަތެއް ނަމަ، މަސައްކަތުގައި ހަރަކާތްތެރިވާ އެފަރާތުގެ މުވައްޒަފުންނާއި އާންމުންގެ ސަލާމަތީ ކަންކަމާއި ސިއްހަތު ރައްކައުތެރިކުރާނެ "ސޭފްޓީ އެންޑް ހެލްތު" ނުވަތަ ސަލާމަތީ ކަންކަމާއި ސިއްހީ ކަންކަމާ ގުޅޭ މައުލޫމާތު ކަރުދާހެއް ނުވަތަ އަތްމަތީ ފޮތެއް އެކުލަވައިލައި، މުވައްޒަފުންނަށް ތަމްރީނުދީ، އެ ކަރުދާހުގައިވާ ކަންކަން ތަންފީޒު ކުރަންވާނެއެވެ.
ގަވާއިދުގައިވާ ގޮތުން "ސައިޓް ސޭފްޓީ ސުޕަވައިޒާ" ނުވަތަ "މަސައްކަތުގެ ވެށީގައި ސަލާމަތްތެރިކަން ބަލަހައްޓާ ސަރުދާރު" އައްޔަންކުރަން ޖެހެއެވެ. އަދި ފަސް މިލިއަން ރުފިޔާއަށްވުރެ ބޮޑު މަސައްކަތެއް ހިންގާ ކޮންމެ ކޮންޓްރެކްޓަރުން، މަސައްކަތްކުރާ ފަރާތްތަކަށާއި ވަށައިގެންވާ ސަރަހައްދުގައި އުޅޭ މީހުންނަށާއި ތަކެއްޗަށް، މަސައްކަތުގެ ވެށިން ލިބިދާނެ ގެއްލުމެއްގެ ބަދަލުދެވޭނެ ނިޒާމެއް ހަމަޖެއްސުމަށްޓަކައި، އެކަމާ އެކަށީގެންވާ އިންޝުއަރަންސެއް ހޯދައިދޭންވާނެއެވެ.
މީގެ އިތުރުން މަސައްކަތް ކުރާއިރު ޕަބްލިކް ސޭފްޓީއަށާއި މަސައްކަތް ތެރިންނަށް ޕީޕީއީ، ތިން މީޓަރަށްވުރެ އުހުގައި މަސައްކަތް ކުރާނަމަ، ހާއްސަ ސަލާމަތީ ކަންކަން ފުރިހަމަވާންވާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު