ރާއްޖޭގެ ފަރުތައް މަރުވެއްޖެނަމަ، ރާއްޖެވެސް ނޯންނާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި މިއަދު ފެށި ހަތް ވަނަ އޭބީޔޫ މީޑިއާ ސަމިޓް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޝައުނާ ވިދާޅުވީ، ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް ދިމާވެފައިވަނީ އެއް މައްސަލައެއް ކަމަށާއި ހިއްސާކުރަމުންދަނީ އެއް މައްސަލަތަކެއް ކަމަށެވެ. އެގޮތުން މޫސުމީ ގެއްލުންތަކުގެ އަސަރު ގައުމުތަކަށް ކުރާ ކަމަށް ވިދާޅުވިއެވެ.

މޫސުމީ ގެއްލުންތަކުގެ އަސަރު ރާއްޖެ ފަދަ ގައުމުތަކަށް ބޮޑުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ފަރުތަކެއްގެ މަތީގައި އުފެދިފައިވާ ގައުމެއް ކަމަށެވެ. އަދި އެ ފަރުތަކަކީ ރާއްޖެ ދެމި އޮތުމުގައި މުހިންމު ދައުރެއް އަދާކުރާ ތަންތަން ކަމުގައި ވިދާޅުވިއެވެ.

"މި ފަރުތަކުން އަޅުގަނޑުމެންނަށް ރައްކާތެރިކަން ލިބޭ. މި ފަރުތަކުން އަޅުގަނޑުމެންނަށް ކާނާ މި ލިބެނީ. ހަމަ އެހެންމެ މި ފަރުތަކުން އަޅުގަނޑުމެންނަށް އާމްދަނީވެސް ލިބޭ. ނަމަވެސް މި ފަރުތައް މަރުވުމުން ރާއްޖެވެސް ނޯންނާނެ،" ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ މިއަހަރަކީ އެލް ނީނޯގެ އަހަރެއް ކަމުން ފަރުތަކަށް ލިބޭ ގެއްލުން އިތުރަށް ބޮޑުވާނެ ކަމަށެވެ. އެގޮތުން 2016 ވަނަ އަހަރުގެ އެލް ނީނޯގައި ރާއްޖޭގެ ފަރުތަކުގެ 77 ޕަސަންޓަށް އަސަރުކުރި ކަމަށް ވިދާޅުވިއެވެ.

އެލްނީނޯ އަކީ ކަނޑުގެ ލޮނުގަނޑު ހޫނުވާ، މޫސުމީ ކަމެކެވެ. އެކަމުގެ ސަބަބުން ކަނޑުތައް ހޫނުވުމުން ކަނޑުގެ ދިރުންތައް މަރުވުމުގެ އިތުރުން މޫސުމީ ގޮތުން ކުރިމަތިވާ އެހެން ބޮޑެތި މައްސަލަތައް ވެސް ހުރެއެވެ.

ޝައުނާ އިތުރަށް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ކާނާގެ ރައްކާތެރިކަމަށްވެސް އަސަރުކުރާ ކަމަށެވެ. އެއީ ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވެފައި އެ ގައުމުތަކަށް ދިމާވާ މޫސުމީ ކާރިސާތަކުގެ އަސަރު ރާއްޖެއަށް ކުރާތީ ކަމަށް ވިދާޅުވިއެވެ.