ލައިފް ސްޓައިލް

އެންމެންގެ ސްޓޯރީގައި މިސްޓަބީސްޓް! ދިވެހީންވެސް 50000 ޑޮލަރުގެ އުއްމީދުގައި

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އިންސްޓަގްރާމްގެ ސްޓޯރީތަކުން ފެންނަނީ އެއް ޕޯސްޓެކެވެ. ދިވެހިންނާއި ބޭރު މީހުންގެ ސްޓޯރީތައް ހުޅުވާލާއިރު، މި ފެންނަނީ ހަމަ އެކައްޗެކެވެ. އިންސްޓަގްރާމްގައި ހުރިހާ އެންމެންގެ ސަމާލުކަން ލިބިފައި މިވަނީ މި ޕޯސްޓަށެވެ. ކޮންމެ ސްޓޯރީއަކުންވެސް އެކެއްގެ އެ ޕޯސްޓެވެ. އެންމެންވެސް އަވަދިނެތި އިންސްޓަ ސްޓޯރީގައި މި ޝެއާ ކުރަނީ މަޝްހޫރު ވްލޮގަރު ޖިމީ ޑޮނަލްޑްސަން ނުވަތަ މަޝްހޫރު ނަމުން ނަމަ، މިސްޓަބީސްޓްގެ ޕޯސްޓެވެ. ކީއްވެގެން ހެއްޔެވެ؟

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޔޫޓިއުބް ވްލޮގަރު, މިސްޓަބީސްޓް މިދިޔަ އާދިއްތަ ދުވަހު އިންސްޓަގްރާމަށް ދޫކޮށްލި ޕޯސްޓަކީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔަ ޕޯސްޓެކެވެ. މިފަހަރު އޭނާ ދޫކޮށްލީ ވަރަށްވެސް ހާއްސަ ގިވް އަވޭ ޕޯސްޓެކެވެ. ހިލޭ އަގުބޮޑެތި ހަދިޔާތަކާއި ގިނަ އަދަދެއްގެ ފައިސާ ބަހައި ކޮންޓެންޓް އުފައްދާ މިސްޓަބީސްޓް، އޭނާގެ އުފަން ދުވަހަށް އިންސްޓަގްރާމަށް ދޫކޮށްލީ ފައިސާގެ ބޮޑު އިނާމެއް ލިބޭ ގިވްއަވޭއެކެވެ.

މިމަހުގެ ހަތް ވަނަ ދުވަސް، މިދިޔަ އާދިއްތަ ދުވަހަކީ މިސްޓަބީސްޓްގެ އުފަން ދުވަހެވެ. އޭނާގެ އުފަން ދުވަހު އިންސްޓަގްރާމަށް ދޫކޮށްލި ޕޯސްޓްގައި ބުނެފައިވަނީ، އޭނާގެ އުފަން ދުވަހަށް ހާއްސަކޮށް 50،000 ޑޮލަރު، އޭނާގެ ފަސް ފޮލޮވަރަކަށް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ހޮވޭ ފަސް މީހުންނަށް ކޮންމެ މީހަކަށް 10،000 ޑޮލަރު ލިބޭނެއެވެ. މި ޕޯސްޓާއެކު އެތައް ބަޔަކު ވަނީ މި ގިވްއަވޭގައި ބައިވެރިވާން ފަށައިފައެވެ. އެތައް ކޮމެންޓަކުން ޕޯސްޓް ވަނީ ފުރިފައެވެ.

ސައުވީސް އަހަރުގެ މިސްޓަބީސްޓް އުފަން ދުވަހަށް ދޫކޮށްލި ގިވްއަވޭގައި ބައިވެރިވުމަށް މާ ބޮޑު ކަމެއްވެސް ކުރާކަށް ނުޖެހެއެވެ. ކުޑަކުޑަ ދެތިން ކަމެއް ކޮށްލުމުން އެ ގިވްއަވޭގައި ބައިވެރިވެވޭނެއެވެ. އެއީ މިސްޓަބީސްޓްގެ އެ ޕޯސްޓް އަމިއްލަ ސްޓޯރީއަށް ލުމާއި އެ ޕޯސްޓްގެ ކޮމެންޓް ބައިގައި ރައްޓެއްސަކު ޓެގް ކުރުމެވެ. މީގެ އިތުރުން މިސްޓަބީސްޓް ފޮލޯ ކުރުމަކީވެސް މުހިންމު ކަމެކެވެ. އޭނާ ބުނާ ގޮތުން، ފޮލޯ ނުކުރާނަމަ، ގިވްއަވޭއިން މޮޅުވި ނަމަވެސް، ޕްރައިވެޓްކޮށް މެސެޖް ނުކުރެވޭނެއެވެ. އެހެންވެ، ފައިސާގެ އިނާމު ހަވާލު ކުރަން އުނދަގޫ ވާނެއެވެ.

މި ޕޯސްޓް ދޫކޮށްލި ފަހުން، ގިނަ އަދަދެއްގެ ދިވެހީންގެ ތެރޭގައިވެސް ވަނީ މި ޕޯސްޓަށް ސަމާލުކަން ލިބިގެން ގޮސްފައެވެ. ދިވެހިންނަކީ އަބަދުވެސް ގިނަ އަދަދެއްގެ ގިވްއަވޭތަކުގައި ބައިވެރިވާ ބައެއްގެ ގޮތުގައި ފާހަގަވެގެން ގޮސްފައިވާ އިރު، ގިނަ އަދަދެއްގެ ދިވެހީން ބޭރު މީހެއްގެ ގިވްއަވޭއެއްގައި ބައިވެރިވެފައިވާ މަންޒަރު ފެނުނު މިއީ ފުރަތަމަ ފަހަރެވެ.

ހުޅުވާލި ކޮންމެ މީހެއްގެ އިސްޓަގްރާމް ސްޓޯރީން މި ފެންނަނީ މިސްޓަބީސްޓްގެ ޕޯސްޓެވެ. އިންސްޓަގްރާމުން ނޮޓިފިކޭޝަނެއް އައިސްގެން، ބަލައިލާއިރު، މި އޮންނަނީ އެ ޕޯސްޓްގައި ޓެގް ކޮށްފައެވެ. ދިވެހިންގެ މެދުގައި މިސްޓްބީސްޓްގެ މި ޕޯސްޓް މިވަނީ ވަރަށް ބޮޑަށް މަގުބޫލުވެފައެވެ. އެ ޕޯސްޓްގެ ކޮމެންޓްތަކުން އެކަނިވެސް އެކަން ސާބިތުކޮށްދެއެވެ. އެ ޕޯސްޓަށް 16 މިލިއަނަށްވުރެ ގިނަ ކޮމެންޓް ކޮށްފައިވާ އިރު، ގިނަ އަދަދެއްގެ ދިވެހިންގެ ކޮމެންޓްތައްވެސް ވަރަށް ގިނައެވެ. 14 މިލިއަނަށްވުރެ ގިނަ ލައިކްސް ލިބިފައިވާ އެ ޕޯސްޓަށް ދިވެހީންގެ އިތުރުން ބޭރުގެ އެތައް ބައެއްގެ ކޮމެންޓްތަކުން ވަނީ ކޮމެންޓް ސެކްޝަން ފުރާލައިފައެވެ. އަދިވެސް އެތައް ބަޔަކު އަންނަނީ އެ ޕޯސްޓަށް ކޮމެންޓްކޮށް، ސްޓޯރީއަށް ލަމުންނެވެ.

މިސްޓަބީސްޓަކީ ކާކު؟

ޖިމީ ޑޮނަލްޑްސަން ނުވަތަ މިސްޓަބީސްޓަކީ އެމެރިކާގެ ޔޫޓިއުބަރެކެވެ. އޭނާއަކީ ފިލާންތްރޮޕިސްޓެކެވެ. އޭނާއަށް މަގުބޫލުކަން ލިބިގެން ގޮސްފައިވަނީ 2017 ވަނަ އަހަރު އޭނާ ތައްޔާރުކުރި ޔޫޓިއުބް ވީޑިއޯ ކޮންޓެންޓްތަކުގެ ސަބަބުންނެވެ. އޭނާއަށް މަޝްހޫރުކަން ލިބިގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ އޭނާ ކުރިއަށް ގެންދާ ތަފާތު ގިނަ ޗެލެންޖްތަކުގެ ސަބަބުންނެވެ. ހާއްސަކޮށް މީހުން ބައިވެރިކޮށްގެން އޭނާ ކުރިއަށް ގެންދާ ޗެލެންޖްތަކުގެ ސަބަބުންނެވެ.

އޭނާގެ ކޮންޓެންޓްތައް މަޝްހޫރުވެގެން ދިޔަ އެއް ސަބަބަކީ އެ ޗެލެންޖްތަކުގައި ދެމުންދިޔަ އަގުބޮޑު ހަދިޔާތަކާއި ފައިސާގެ ބޮޑެތި އިނާމުތަކެވެ. އެގޮތުން އޭނާ ވަނީ ކާރާއި ގެތަކުގެ އިތުރުން ބޮޑެތި އަދަދުތަކުން ފައިސާވެސް ބައެއް ފަރާތްތަކަށް ދީފައެވެ. އޭނާ އެންމެ އަގުބޮޑު ހަދިޔާ ދީފައިވަނީ އޭނާގެ ޔޫޓިއުބް ޗެނަލްގެ 100 މިލިއަން ސަބްސްކްރައިބަރަށެވެ. އެގޮތުން އޭނާ ވަނީ އެ މީހާއަށް ހަދިޔާގެ ގޮތުގައި ރަށެއް ދީފައެވެ. މީގެ އިތުރުންވެސް އަގުބޮޑު އެތައް ހަދިޔާތަކާއި ބޮޑެތި ފައިސާގެ އިނާމުތައް އޭނާ ވަނީ އެކި ޗެލެންޖްތަކުގައި ދީފައެވެ.

މިސްޓަބީސްޓް ޗެނަލަކީ މިވަގުތު ދުނިޔޭގެ ހަތަރު ވަނައަށް އެންމެ ގިނަ މީހުން ޔޫޓިއުބުން ސަބްސްކްރައިބް ކޮށްފައިވާ ޗެނަލެވެ. 2012 ވަނަ އަހަރު އުފެއްދި އެ ޗެނަލަށް 151 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ސަބްސްކްރައިބްކޮށްފައެވެ. ޗެލެންޖްތަކުގެ ގިނަ ކޮންޓެންޓްތަކެއް އެ ޗެނަލްގައި ހިމެނޭ އިރު، ގިނަ ވީޑިއޯތަކަށް 100 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައި އެބަހުއްޓެވެ. އެގޮތުން އެންމެ ގިނަ ވިއުސް ލިބިފައިވަނީ މަޝްހޫރު ކޮރެއަން ސީރީސް، ސްކުއިޑް ގޭމްސްގެ އަސްލު މުބާރާތުގެ ވީޑިއޯއަށެވެ. 456 މީހުން ބައިވެރިވި އެ ގޭމްގެ އެއްވަނަ މީހާއަށް ވަނީ 456،000 ޑޮލަރު ދީފައެވެ.

މިސްޓަބީސްޓަށް ގިނަ ބައެއްގެ ލޯބި ލިބިގެންދިޔަ އެއް ސަބަބަކީ އޭނާ މުޖުތަމައަށް ކޮށްދޭ ކަންކަމެވެ. އެގޮތުން މީގެ ތިން މަސް ކުރިން މިސްޓަބީސްޓް ވަނީ ލޮލަށް ނުފެންނަ 1،000 މީހުންގެ އޮޕަރޭޝަނަށް ހަރަދުކޮށް، އެމީހުންނަށް ފެނުމުގެ ނަސީބު ތަނަވަސް ކޮށްދީފައެވެ. އަދި އެމީހުންނަށް ވަނީ އަގުބޮޑު ހަދިޔާތަކާއި ފައިސާ ވެސް ދީފައެވެ. މީގެ އިތުރުން މީގެ ދެ ދުވަސް ކުރިން މިސްޓަބީސްޓް ވަނީ އެފަދަ ތައުރީފު ހައްގު އިތުރު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. އެގޮތުން މިފަހަރު އޭނާ ވަނީ އަޑު އިވުމުން މަހުރޫމްވެފައިވާ 1،000 މީހުންނަށް ފަހުގެ ޓެކްނޮލޮޖީގެ ހިއަރިން އެއިޑް ދީ، އެމީހުންނަށް އަލުން އަޑު އިވުމުގެ ނަސީބު ތަނަވަސް ކޮށްދީފައެވެ. އޭގެ އިތުރުންވެސް އޭނާ މިފަހަރުވެސް ވަނީ އެ ފަރާތްތަކަށް އަގުބޮޑު ހަދިޔާތަކާއި ފައިސާ ވެސް ދީފައެވެ.

އޭނާގެ އުފަން ދުވަހަށް އިންސްޓަގްރާމަށް ދޫކޮށްލި ގިވްއަވޭގެ ނަތީޖާ ހަތްދިހަ ދެ ގަޑިއިރު ފަހުން އިއުލާނު ކުރާނެ ކަމަށް މިސްޓަބީސްޓް ވަނީ ބުނެފައެވެ. އެހެންކަމުން ގިނަ ބަޔަކު އަންނަނީ މި ގިވްއަވޭގެ ނަތީޖާއަށް އިންތިޒާރު ކުރަމުންނެވެ. އެ ފައިސާގެ އިނާމު ލިބޭނެ ކަމުގެ އުންމީދުގައި ހަމަ ޔަގީނުންވެސް ގިނަ އަދަދެއްގެ ދިވެހިންވެސް ތިބީ ކެތްމަދުވެފައިކަން ޔަގީނެވެ.