ކެންސަރު ބަލި ތަހައްމަލު ކުރަމުންދާ ބަލި މީހުންނަށް ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭއެސްއެމްއެޗް) އިން ކީމޯތެރަޕީގެ ހިދުމަތް ދޭން ފަށައިފިއެވެ.

އެ ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިއަދެއެވެ. އެކަމަށްޓަކައި އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހުކޮށް ދެއްވީ އެ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އަބްދުލް އަޒީޒް ރިފާއުއެވެ.

އޭއެސްއެމްއެޗް އިން ބުނީ ރާއްޖޭގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާ އިރު، ކީމޯތެރަޕީ ހިދުމަތް ދޭން ފެށުމާ ގުޅިގެން ހުވަދު އަތޮޅުގައި މި ފަރުވާ ހޯދުމަށް އާއިލާތަކުން ކުރާ ހޭދަ އަދި ވަގުތުގެ އިތުރުން އުފުލަންޖެހޭ ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

އަދި ހުޅުމާލެ ހޮސްޕިޓަލުގެ އެހީތެރިކަމާއެކު ތިނަދޫ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ކެންސަރު ބައްޔަށް ފަރުވާދިނުމަށް ތަމްރީނުކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ފޯރުކޮށްދިނުމުގައި އެސްޓީއޯގެ ދައުރު ފުޅާކޮށް، ހިދުމަތް މެދުނުކެނޑޭނެ މަގަށް މަސައްކަތް ކުރުމަށް އެސްޓީއޯ އާއެކުވެސް މަޝްވަރާކޮށްފައިވާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުލް އަޒީޒް ރިފާއު ވިދާޅުވީ މިއަދު އިފްތިތާހު ކުރި ކީމޯތެރަޕީގެ ހިދުމަތަކީ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް، ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއަށް އިތުރު ކުރެވުނު ބޮޅެއް ކަމަށެވެ.

އޭއެސްއެމްއެޗްގައި ކީމޯގެ ހިދުމަތް މިއަދު ފަށާފައިވާ އިރު، މިދިޔަ ހަފުތާގައި އެ ހޮސްޕިޓަލުން ވަނީ ލެޕްރޯސްކޮޕިކް ސާޖަރީގެ ހިދުމަތާއި އެޑްވާންސް ވުންޑް ކެއާގެ ހިދުމަތްވެސް ފަށައިފައެވެ.