"މަން.. މަގޭ ޖާނާ. އަހަރެންނާ އެތައް މޭލެއް ދުރުގައި މަން ހުންނަން އަހަރެންނަށް ރުހެވޭނީ ކިހިނެއް؟ ބުނީމެއްނު މަން ދިޔަތަނަކަށް އަހަރެންގެ ހިތްދާނޭ. އައި ލަވް ޔޫ.... މާތްﷲ އަވަސް ޝިފާއެއް މަންއަށް ދެއްވާށި.. އާމީން..."
*****
ގެއިން ނުކުތްގޮތަށް ނަޒާން މިސްރާބު ޖެހީ ހޮސްޕިޓަލާ ދިމާލަށެވެ. އެންމެ ވަގުތުކޮޅަކުވެސް މަންޝާއާ ދުރުގައި ހުންނަން އޭނާ ބޭނުމެއް ނުވެއެވެ. ޑޮކްޓަރަކާއި ނަރުހެއްގެ އިތުރުން މިހާދު އެމްބިޔުލާންސަށް އެރިއެވެ. ދެން އެރީ ނަޒާނެވެ. އެ ފުރުސަތު އޭނާއަށް ދިނީ ޒަވީއެވެ. މަންޝާގެ އާއިލާ އެއްވެސް މީހަކު ނަޒާން ފޮނުވާލާކަށް މަސައްކަތެއް ނުކުރެއެވެ. އެއާޕޯޓްތެރޭގަ އާއި ފްލައިޓް ތެރޭގައިވެސް ނަޒާން އިނީ މަންޝާގެ މޫނު ފެންނަ ހިސާބުގައެވެ. މަންޝާގެ މޫނު ފެންނަ ކޮންމެ ވަގުތަކު ނަޒާން ހިތާހިތުން ދުއާކޮށްލައެވެ. މީހަކު ބަލަން ހުރެދާނެ ކަމަކަށް އޭނާ ނުވިސްނައެވެ. ބައެއްފަހަރު މަންޝާގެ މޫނުގައި ފިރުމާލައެވެ.
އެއްގަޑިއިރާއި ފަންސާސް މިނެޓްގެ ދިގު ދަތުރަކަށްފަހު އިންޑިޔާގެ ބެންގަލޫރުގެ ބޮޑު ހޮސްޕިޓަލަށްކަށް މަންޝާ ގެންދެވުނެވެ. ވަގުތުން މަންޝާގެ ފަރުވާގެ ކަންކަން ފެށުނެވެ. މުޅި ދުވަސް އެއްކޮށް އާއިލާ ހޭދަކުރީ ހޮސްޕިޓަލުގައެވެ. ރޭގަނޑު ބާރަޖަހަން ގާތްވުމުން އާއިލާ އެއްތަނަކަށް އެއްވިއެވެ.
"ﷲ އިރާދަކުރެއްވިއްޔާ ދެންވާނީ ހުރިހާ ކަމެއް ރަނގަޅު. މަންމައާއި ބައްޕަ ނިދާލަން ދާން ފެންނަނީ" ޒަވީ ބުންޏެވެ.
"އެއީ ތެދެއް. މާދަމާ އަންނަން ހިނގާ ދަމާ" ޔަލާ ބުންޏެވެ.
"މަންމަ ހާސްނުވެބަލަ. މިތަނުގައި އަޅުގަނޑާއި ނަޒާން މިހުރީނު. ކަމެއް ގޯސްވިއްޔާ ވަގުތުން ގުޅާނަން. ޔަލްއަށް އެނގޭނެ ދޯ ހޮޓަލަށް ދާން. ތިން މިނެޓުން ދެވޭނެ. ހޮސްޕިޓަލުން ބޭރަށް ނުކުންނައިރަށް ހޮޓާ ފެންނާނެ" ޒަވީ ބުންޏެވެ.
ދާން ބޭނުންނުވެފައި ހުއްޓަސް ދޮށީ ދަރިފުޅުގެ ބަސް ގަބޫލުކޮށްގެން ދިލްޝާދު ހިނގައިގަތެވެ. ހިނގައިގަތުމުގެ ކުރިން ޒަވީގެ އެއްފަރާތުގައި ހުރި ނަޒާނަށް މިހާދު ބަލައިލީ ޝުކުރުވެރި ލޮލަކުންނެވެ.
******
ދިލްޝާދު ހެދުން ބަދަލުކޮށްގެން ފާހާނައިން ނުކުތް އިރު މިހާދު އިނީ ފިކުރެއްގައެވެ. މަންޝާ ބަލިވުމާ ހަމައިން މިހާދުގެ އުފާވެރިކަން ގެއްލިއްޖެއެވެ. ކުރިން މީހަކާ ބަހެއް ނުކިޔާތާގައި ކެއުން ބުއިމާވެސް ދުރުވެއްޖެއެވެ. ހަރުގައި ހެދުން އަޅުވާލާފައި އައިސް މިހާދު ކައިރީގައި ދިލްޝާދު އިށީނެވެ. މިހާދު ސަމާލުކަން ނުލިބުމުން ދިލްޝާދު ހިތުގައިޖެހުނެވެ. މިހާދުގެ ކޮނޑުގައި ބޯއެޅީ އެހެންވެއެވެ. އިރުކޮޅަކުން މިހާދުގެ އަތުގެ އިނގިލިތަކާއި އޭނާގެ އިނގިލިތައް ގުޅުވާލިއެވެ.
"އަހަރެން ކިހިނެއް އަހަރެންގެ އަމިއްލަ ނަފްސަށް މައާފުކުރާނީ؟ ބަފައެއްގެ މަގާމުން އަހަރެން ފެއިލްވެއްޖެ. އަހަރެން ކީއްވެތަ އެ ޝައިހާނުގެ ހަގީގަތް ނުހޯދާ މަންޝާއަށް ވަލީ ދިނީ. ކައިވެންޏަށްފަހުވެސް ޝާދު އަހަރެން ކައިރީގައި ކިހާވަރަކަށް ކިއިންތަ މަންޝާގެ ވާހަކަ. އަހަރެން ފަރުވާކުޑަކޮށްލީ. މާބޮޑަށް އިތުބާރުކުރީ" މިހާދު ވާހަކަދެއްކިއެވެ.
"ތިހެން ނުބުނޭ. އަހަރެމެން ފަރުވާކުޑަނުކުރަން. އެއީ އަހަރެމެންގެ އަންހެން ދަރިފުޅުގެ އުފާތައް އަހަރެމެންނަށް މުހިންމުވީ މިންވަރު. އެދަރިފުޅަށް މަޖުބޫރުކުރަން އަހަރެމެން ބޭނުންނުވީނު" ދިލްޝާދު ބުންޏެވެ.
"ޝާދު، ވީކަމެއް ނުވާ ކަމަކަށް އަހަރެމެންނަކަށް ދެން ނުހެދޭނެއްނު. ދުނިޔޭގެ ކޮންމެ ދިމާލަކަށް ދާންޖެހުނަސް އަހަރެން އަނބުރާ ރާއްޖެ ދާނީ ﷲ އިރާދަކުރެއްވިއްޔާ މަގޭ ދަރިއަށް ބޭސްކޮށް ރަނގަޅުކޮށްގެން. އަހަރެން ބޭނުން އެކުއްޖާ އުފަލުގަ ދިރިއުޅޭތަން ބަލަން. އެ އުފާވެރިކަން ގުޅިފައިވަނީ ނަޒާނާ. މާލެ ދެވުމާއެކު ދެކުދީންގެ ކައިވެނި ﷲ އިރާދަކުރެއްވިއްޔާ ވަރަށް ކުލަގަދަކޮށް ކުރުވަން އަހަރެން ބޭނުން. ނަޒާންގެ މައިންބަފައިން ކައިރިއަށް އެ ކައިވެންޏަށް އެދެން ދާނީވެސް ސީދާ އަހަރެން. އަހަރެންގެ މަންޝާގެ އުފާވެރިކަން އެހެން ހުރިހާ ކަމަކަށް ވުރެ އަހަރެންނަށް މުހިންމު" މިހާދު ވާހަކަދެއްކިއެވެ.
އެހިނދު ދިލްޝާދުގެ ދެލޮލުން ފައިބައިގެން ދިޔައީ އުފާވެރިކަމުގެ ކަރުނަ ތިއްކެކެވެ.
******
ޖެހިގެން އައި ދުވަހު މަންޝާގެ އިތުރު އޮޕަރޭޝަނެއް ކުރިއެވެ. ގޮހޮރުގެ ނެރެފައިވާ ބައި އެތެރެއަށް ވެއްދުމަށްފަހު ބަނޑުގެ ފަޅާފައިވާ ތަން ފެހިއެވެ. ނޭވާ ހަމަޔަކަށް އެޅެން ފެށުމުން ވެންޓިލޭޓަރުން ނެގުމަށްފަހު އޮކްސިޖަން ގުޅިއެވެ. އެހެންނަމަވެސް އަދިވެސް ބާއްވާފައި އޮތީ ޑޮކްޓަރުންގެ ބެލުމުގެ ދަށުގައެވެ. ހޮސްޕިޓަލުން އެންމެ ހިނދުކޮޅަކަށްވެސް ނަޒާން ނުނިކުމެއެވެ. ކެއިން ބުއިމާއި ފެންވެރުމާއި އޭނާ ނިދުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ ހޮސްޕިޓަލުގައެވެ. މަންޝާ ބާއްވާފައި އޮތްތަނަށް އެހީތެރިން ވަނުމަށް ފުރުސަތު ހުޅުވާލާއިރަށް އެންމެ ފުރަތަމަ ވަންނަން ހުއްދަ ދެނީ ނަޒާނަށެވެ. އެއީ މަންޝާގެ އާއިލާ ބޭނުންވެގެންނެވެ. މަންޝާއަށްޓަކައި ނަޒާން ފަދަ ހަރުދަނާ ޒުވާނެއް އެގޮތަށް އުޅޭތީ ދިލްޝާދުގެ ދެމަފިރިން ތާއަބަދު ހެއްދެވިފަރާތަށް ޝުކުރުކުރެއެވެ.
ދުވަހުގެ އިރުއޮށްސުނު ވަގުތުގައެވެ. ޑޮކްޓަރުން މަންޝާގެ އާއިލާއަށް ގޮވާލުމާއެކު އެންމެން އެތަނަށް ޖަމާވިއެވެ. ހިތުގެ ބިރުވެރިކަމުގެ ރާޅެއް ދުވެލިއެވެ. ކަމެއް ގޯސްނުވުމަށް އެދި ހިތާހިތުން ދުއާކޮށްލިއެވެ. އެހެންނަމަވެސް ޑޮކްޓަރުން ދިން ހަބަރުން ސަޖިދައަށް ތިރިނުވާ ހަމަ އެކަކުވެސް ނެތެވެ. މަންޝާ ހޭއަރައިފި ކަމަށް ޑޮކްޓަރުން މައުލޫމާތުދިނެވެ.
"ގޮވާލީމަ އަދި އަނގައިން ނުބުނޭ. ވަށައިގެން ތަންތަން ހޯދަނީ. އައިވީ ގުޅާފައި އޮތް އަތަށް ވަރަށް ގިނައިން ބެލި. ހީވާގޮތުން ވެދިޔަ ކަންތައްތައް ހަނދާންކުރަން މަސައްކަތްކުރަނީ"
ޑޮކްޓަރުންގެ ޓީމުގެ ފަރާތުން އެންމެ ސީނިޔާ ޑޮކްޓަރު ބުންޏެވެ.
"އަޅުގަނޑުމެންނަށް ވަދެވޭނެތަ؟ ފަހަރެއްގަ އަޅުގަނޑުމެންގެ ތެރެއިން މީހަކު ފެނިއްޖެނަމަ އަނގައިން ބުނެފާނެ"
ކެތްތެރިކަން ކުޑަ ރާގެއްގައި ދިލްޝާދު ބުންޏެވެ.
"އަދި ފުރުސަތުދޭނަން. އިތުރަށް ނިންދަވާކަށް އިންޖެކްޝަނެއް ނުދޭނަން. އެކަމަކު ސައްވީސް ގަޑިއިރުވީމަ އިމްޕްރޫވް ވަންޏާ ރޫމަކަށް ބަދަލުކޮށްދޭނަން. މިހާރު އާއިލާގެ މީހަކު ފެނިގެން ޝޮކެއް ލިބިދާނެ. ވެދާނެ އެ ޝޮކަކީ އާއިލާ މެންބަރުން ފެނުމުން ކުއްލިއަކަށް ހިތަށް ލިބުނު އުފަލެއްގެ ސަބަބުން ލިބުނު ޝޮކަކަށްވެސް ނުވަތަ އެހާލުގައި އޮންނަން ޖެހުމުން ދެރަވެ ލިބިދާނެ ޝޮކަކަށްވެސް. ސޯ ބަލަމާ. މާދަމާ ހެނދުނަށް ހިނގާ މަޑުކުރަމާ. ބާކީ މިއޮތް ވަގުތުތަކުގައި އަޅުގަނޑުމެން މަސައްކަތްކުރާނަން ވާހަކަދެއްކޭތޯ"
ޑޮކްޓަރުގެ ވާހަކަތަކާ ހުރިހާ މީހުން އެއްބަސްވިއެވެ. ހުރިހާކަމެއް ހީކުރި ވަރަށް ވުރެ ރަނގަޅަށް ދިޔުމުން ހިތަށް ތަސައްލީއެއް ލިބުނެވެ. ނޭފަތުން ބޭރުވެގެންދާ ނޭވާ ވެސް ހީވަނީ މިނިވަންކަމާއެކު އެއްވެސް އަޅައިގަތުމެއްނެތި ބޭރުވެގެންދާހެންނެވެ.
"މަންމަ އާއި ބައްޕަ ދާންވީނުން ނަމާދުކޮށްލަން. އަޅުގަނޑުވެސް މިދަނީ ޔަލާ ގޮވައިގެން ހޮޓަލަށް ގޮސް ފެންވަރައިގެން އަންނަން" ޒަވީ ބުންޏެވެ.
"މިތަނުގަ ގެދޮރު އިމާރާތްކޮށްގެނެއްނު ނަޒާން އެ އުޅެނީ. އޭނަ މަޑުކުރާނެ ދޯ" ސަމާސާ ރާގެއްގައި ޒަވީ ނަޒާނާ ދިލާމޮށްލިއެވެ. މަންޝާގެ ހާލަތާ ބެހޭގޮތުން ޑޮކްޓަރު ހަބަރު ދިންފަހުން ނަޒާންގެ ތުންފަތްމަތިން ހިނިތުންވުން ފިލައިނުދެއެވެ. ހިތްހަމަޖެހުން ސިއްރުކުރަން އުޅުނަސް އެކަން އެނާއަށް ކާމިޔާބުނުވެއެވެ.
އައިސީޔޫ ދޮރުމަތީގައި ދެކޮޅަށް ހިނގަމުން ނަޒާން ދިޔައެވެ. ޑޮކްޓަރު ނުކުންނާނެ އިރެއްގެ އިންތިޒާރުގައި އޭނާ ހުއްޓެވެ. މާދަމާ ހެނދުނަށްވެސް އޭނާއަށް ކެތްކުރަން ދައްޗެވެ. މަންޝާ ދެލޯހުޅުވައިގެން އޮންނަތަން ދެކެން އޭނާ ބޭނުންވެއެވެ. މަންޝާގެ އާއިލާގެ ކުރިމަތީގައި އެގޮތަށް އެދެން އޭނާ ލަދުގަތީއެވެ. ޑޮކްޓަރުންގެ ޓީމު ނުކުމެގެން ވަކި ހިސާބަކަށް ދިޔަތަނާ ނަޒާން ހުއްދައަކަށް އެދުނެވެ. ދުރުދުރުން އޭނާ މަންޝާ ދުށުމަށް އެދޭ ވާހަކަ ބުންޏެވެ. ކައިރިއަށް ނުދާނެކަމުގެ ޔަގީންކަން ދިނެވެ. މިވީ ދުވަސްތަކުގައި ނަޒާނަކީ މަންޝާގެ ކާކުކަން ވަރަށް ރަނގަޅަށް ޑޮކްޓަރުންނަށް ވަނީ އެނގިފައެވެ. ހިތްހެޔޮ ޑޮކްޓަރަކަށް ވުމުން ހިނިގަނޑެއް ޖަހާލާފައި ނަޒާންގެ ކޮނޑުގައި ޖަހާލިއެވެ. ކައިރީގައި ތިބި ޑޮކްޓަރުންގެ ހުއްދައަކަށް އެދިފައި ނަޒާންގެ ކޮނޑަށް އަތްއެއްލައިގެން ޑޮކްޓަރު ހިނގައިގަތީ އެތެރެއަށެވެ.
މަންޝާ ދެލޯ ހުޅުވައިގެން އޮއްވައި ފެނުނު ވަގުތު ނަޒާންގެ ދެލޯ ފުރިގެން އައެވެ. ނަޒާން ބަލަހައްޓައިގެން ހުރީ މަންޝާ އާ ނުހަނު ކައިރީގައެވެ. ހަމައެކަނި ދެމެދަށް ހުރަހަކަށް ހުރީ ބިއްލޫރި ކުޑަދޮރެކެވެ. އެތެރޭގައި ތިބޭ މީހުންނަށް ބޭރު ނުފެނު ނަމަވެސް ބޭރުގައި ހުންނަ މީހާއަށް އެތެރެ ސާފުކޮށް ފެންނަން ހުއްޓެވެ. މަންޝާގެ މޫނާ ދިމާލުން ބިއްލޫރިގަނޑުގައި އިނގިލިތަކުން ނަޒާން ފިރުމަމުން ދިޔައެވެ. ކަޅިޖަހާވެސް ނުލައި މަންޝާ ބަލަހައްޓައިގެން އޮތީ ދިމާ ކުރިމައްޗަށެވެ. ކަމަކާ ވިސްނަނީ ހެއްޔެވެ؟ ނޫނީ އަދިވެސް ތަނަކަށް ތަދުވަނީ ހެއްޔެވެ؟ ކަރުނުން ފުރިގެންވީ ދެލޮލުން ބަލަން ހުރެފައި ވަރަށް އަވަހަށް ބައްދަލުވާނެ ކަމަށް ބުންޏެވެ. އޭނާ އެތަނުން ނުކުތީ ނުކުންނަން ބޭނުންވެގެނެއް ނޫނެވެ. އެސޫރައަށް ބަލަހައްޓައިގެން ކިތަންމެ ގިނައިރަކު އެތަނުގައި ކޮޅަށް ހުންނަން ޖެހުނަސް އޭނާ ހުންނާނެއެވެ. ދުވަހަކުވެސް އަންހެންކުއްޖަކު ދެކެ އެ ދަރަޖައަށް ލޯބިވެވިދާނެ ކަމަކަށް އޭނާ ހީކޮށްފައެއް ނެތެވެ.
އެހީތެރިން ތިބުމަށް ހާއްސަކޮށްފައިވާ ތަނަށް ވަދެ އިށީނދެފައި ފުރަތަމަވެސް އެނާ ގުޅީ މާޝިތާއަށެވެ. މާޝިތާގެ އަޑު ކަންފަތުގައި ޖެހުމާއެކު ނަޒާނަށް ރޮވިއްޖެއެވެ. އެހެނަސް އެއީ އުފާވެރިކަމުގެ ކަރުނައެވެ. ހިތްހަމަޖެހިފައި ހުރިވަރުން އެވާހަކަދައްކަންވެސް އޭނާއަށް ދަތިވިއެވެ.
"މަންޝާ ހޭއެރީތަ؟ ވާހަކަދެއްކުނުތަ؟" ނަޒާން ބުނުމަކާ ނުލައިވެސް ދަރިފުޅު ހިތުގައި އޮތް އެތި މާޝިތާ ދެނެގަނެއްޖެއެވެ. މާ ދުރުގައި ހުރިއިރުވެސް ނަޒާން އެގޮތަށް ރުއި ހިތާމަވެރިކަމެއް ދިމާވެގެން ނޫންކަން މާޝިތާއަށް އެނގުނެވެ.
"މާދަމާ އަދި ވާހަކަދައްކާލެވޭނީ މަންމާ" ނަޒާން ބުންޏެވެ. "މަންމާ، އަޅުގަނޑު މަން އާ މެރީކޮށްގެން ދަންތަ؟ އަޅުގަނޑަށް ކެތްކުރަން ހާދަ އުނދަގުލޭ"
މާޝިތާ ހީލިއަޑު އިވުނެވެ. ދެން ކުލުނުން ފުރިގެންވީ އިހުސާސްތަކާއެކު ނަޒާނާ ވާހަކަދެއްކިއެވެ.
"އެމަންޖެ އާ ކައިވެނިކޮށް ދިރިއުޅުމެއް ފެށުމަކީ ދަރިފުޅު ދެކެމުން އައި ހުވަފެނެއް. ވީއެންމެ އަވަހަކަށް އެ ހުވަފެން ހަގީގަތަކަށް ހަދަން ޒާން ބޭނުންވޭ. އެކަމަކު މަންމަ ބުނެލަން ބޭނުން އެ ހުވަފެނަކީ މިހާރު ޒާންގެ އެކަނި ހުވަފެނެއް ނޫން. މި އާއިލާ ހުރިހާ މީހުން ދެކެމުން އަންނަން ހުވަފެނެއް. ޒާންއަށް އެނގޭތަ ދަރިފުޅުގެ ކައިވެންޏަށްޓަކައި ބައްޕަ ވަމުންދާ ތައްޔާރީތައް. ދަރިފުޅަށް އެނގޭތަ ތިދެކުދިންގެ ކައިވެނީގެ ހުރިހާ ކަމެއް ބައްޕަ ހަމަޖެއްސީ ކޮންތަނެއްކަން. ބައްޕަގެ އެންމެ އެކުވެރި ޖައުފަރުގެ އެންމެފަހުން ހުޅުވި ހަތްތަރީގެ ރިސޯޓް. ތިއާ އާއި ރީމާ މިހާރުން ފެށިގެން މަންޝާގެ ކައިވެނީގެ ހެދުމުގެ ޑިޒައިންތައް ބަލަން ފަށައިފި. އެއްތަނެއްގައި ނާޔާގެ ދެފައި ހަރުނުލާ. ދޮންބެދައްތައަށްޓަކައި އެތައް ކާޑެއް ތައްޔާރުކޮށްފި. ނަވާލް އެދަނީ ދަރިފުޅުގެ ކޮޓަރި މަރާމާތުކުރަމުން. ދެން މިހުރީ މަންމަ. ދަރިފުޅު ލޯބިވާ މީހާއާ ކައިވެނިކޮށްގެން ޒިންމާދާރު ދިރިއުޅުމެއް އުޅޭތަން ދެކޭހިތުން މަންމަގެ ދެލޮލަށް ހަމަނިދި ނުލިބޭ. ދަރިފުޅު ދަރިއަކު މިދުނިޔެއަށް އުފަންވާ މަންޒަރު ދެކޭހިތުން މަންމަގެ ދެލޯ ފުންމައިގެން އަންނަވަރުވޭ. މިހުރިހާ ކަމަކަށް ފަހުވެސް ދަރިފުޅު ކައިވެނިކޮށްގެން އަންނަން ބޭނުން ފަހުން މަންމަގެ އެއްވެސް މައްސަލައެއްނެތް. ބައްޕަ އާ ވެސް ވާހަކަދައްކާނަން"
މާޝިތާގެ ވާހަކަތައް އަހާފައި ނަޒާނަށް އިތުރަށް ރޮވުނެވެ. އޭނާގެ އާއިލާއަށް މަންޝާ މުހިންމުވީ މިންވަރު އިނގުމުން އުފަލުން ހިތްފުރުނެވެ. ވީހާވެސް އަވަހަށް މަންޝާ ގޮވައިގެން ދާން ބޭނުންވިއެވެ.
******
މިސްކިތުން އައިސް ނަވާލް އެތެރެއަށް ވަންއިރު ތިއާ އަދި ނަމާދުން ނުފައިބައެވެ. ނަވާލް އެނދުގައި އޮށޯވެފައި ނިތްމައްޗަށް އަތް އެއްލިއެވެ. ހަނދާނަށް އައީ އޮފީސްތެރޭގައި މިއަދު ދިމާވި ހާދިސާއެވެ. އާލިފްއަކީ ޝައިހާންގެ މާ އަރިސް މީހެކެވެ. އެހެން ގޮތަކުން ބުނަންޏާ ޝައިހާންގެ އެއް އަތެވެ. ޝައިހާންގެ ވާހަކަ އަޑުއިވުނު ހިސާބުން އާލިފްގެ ރުޅިގަނޑު ބޭލީ ނަވާލަށެވެ. ނަޒާނަކީ ނަވާލްގެ ބޭބެކަން މާކުރިންވެސް އާލިފްއަށް އޮތީ އެނގިފައެވެ. މިއަދު އޮފީހުގައި އޮތް ބައްދަލުވުން ނިންމާފައި ނުކުންނަން އުޅުނު ވަގުތު އާލިފް ގޮވާލި ގޮތުންވެސް ލިބޭނީ ނުބައި ހަބަރެއްކަން ނަވާލަށް އެނގުނެވެ.
އޮފީހުގައި އޮތް ބައްދަލުވުމަކީ ބައެއް މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ލިބުމުން އެކަން ފާހަގަކޮށް ކުރިއެރުން ލިބުނު މުވައްޒަފުންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ކުރިއަށްދިޔަ ބައްދަލުވުމެކެވެ. ކުރިއެރުން ލިބުނު ޖުމްލަ ތިން މުވައްޒަފުންގެ ތެރެއިން އެކަކަކީ ނަވާލެވެ. އެކަން ހަޖަމުނުވީ އޮފީހަށް ވަނީއްސުރެ އެއްހިސާބެއްގައި ތާށިވެފައި ހުރި އާލިފްއެވެ. ބައްދަލުވުން ނިންމާފައި ކޮންފަރެންސްރޫމުން ނަވާލް ނުކުތް ވަގުތު ފަހަތުން އާލިފް ގޮވާލިއެވެ. މީގެކުރިން އާލިފްއަކީ ނަވާލާ ވާހަކަދެއްކި މީހެއް ނޫނެވެ. ޝައިހާނާ ޒުވާބެއް ކުރެވުނަސް މީގެކުރިން އާލިފް އަނގަނުލައެވެ. އެހެންނަމަވެސް ކުއްލިއަކަށް އާލިފް ގޮވައިލުމުން ނަވާލް ހައިރާންވިއެވެ. ފުރަތަމަ ހީކުރެވުނީ ލިބުނު ކާމިޔާބިއަށް އާލިފް މަރުހަބާ ކިޔަން އުޅުނު ކަމަށެވެ.
"ކަލޭމެން ހީނުކުރައްޗެ އަހަރެންގެ ބަޑީ ގޮޅިއަށް ލެވުނީ މުޅި އުމުރަށޭ. ރާއްޖޭގައި ހުރި އެންމެ މޮޅު ވަކީލު ހަމަޖައްސައިފިން. ޝައިއްޓޭ ބޭރަށްވެސް ނެރޭނަން. ކަލޭ އާއި އެ ކޮޕަށް ހޭއަރުވާލާނަން" އާލިފް ވާހަކަދެއްކިއެވެ.
ކުއްލިއަކަށް އާލިފް ދެއްކި ވާހަކަތަކުން ނަވާލްގެ ދެބުމަ ގޮށްޖެހުނެވެ. ހިނިވެސްއައެވެ. އެއީ އޭނާ އަހަން ބޭނުންވާ ވާހަކަތަކެއް ނޫނެވެ. އާލިފަށް ޖަވާބެއްނުދީ އެއްތުންފަތުން ހީލުމަށްފަހު އަޅާނުލައި ހިނގައިގަންނަން އުޅުނެވެ. ޒުވާބުކުރަން އުޅެ މީހަކަށް އެންމެ ރީތި ޖަވާބަކަށް ދެވޭނީ ހިމޭންކަމެވެ. ނަޒާނާ ހިލާފަށް ނަވާލަކީ މީހަކު އެއްޗެއް ބުނެގެން އެހާ ފަސޭހައިން ލޭހޫނުވާ ޒުވާނެއް ނޫނެވެ. އާލިފްއަށް ވެސް ރައްދު ނުދިނީ އެހެންވެއެވެ.
"ކަލޭގެ އަންހެންނުން ޕްރެގް ދޯ. ކިހިނެއްވާނެބާ މި އޮފީސްތެރޭގައި ކަލެ އާއި ބަޑިގޮލާ... ހެހެހެ.. މިބުނީ ޝައިހާންގެ އެކްސް ވައިފްގެ ވާހަކަ ކިޔައިދިނިއްޔާ. ކަލޭ ބާކޮށްފަ ދޫކޮށްލީމަ މިހާރު ކަލޭގެ ބޭބެ އެ އުޅެނީ އެ އޮޑިއަށް އަރަންވެގެން. ސަޅި އޭ ދެގޮލާ އެކަކާ ހިތާވީމަ"
"ބުނަން ބަޑީ ރަނގަޅު ވާހަކައެއް. ތިވާހަކަތަކަށް އަހަރެން އިންޓްރެސްޓެއް ނެތް. އަހަރެން ބުނަން އޮތީ އެންމެ އެއްޗެއް. ލަނޑަޔާ ވާނީ ލަނޑަޔާ. ކުރިން މީހުން އެގޮތަށް ބުނާ އަޑު އެހީ. މިއަދު އެނގިއްޖެ އެއީ ހަގީގަތެއްކަން" ހީލަމުން ނަވާލް ހިނގައިގަތެވެ.
"ހަނދާންކުރާތި ޝައިއްޓޭ އެކަނި ނޫންކަން ހުރީ. އޭނައަށް ހެޔޮއެދޭ މީހުން އެބަތިބި. ގޮޅިން ނެރޭއިރަށް ރިވެންޖް ހޯދަން އަހަރެމެން ދާނަން. އެކަމަށް ކިތަންމެ އަހަރެން ނެގިޔަސް ވަރިހަމަ"
ފަހުން އާލިފް ދެއްކި އެއްވެސް ވާހަކައަކަށް ނަވާލް އަޅައެއް ނުލައެވެ. އެކަމަކު ހިތުގައި ނުތަނަވަސްކަމެއް ހިނގާލިއެވެ.
ކުއްލިއަކަށް ނަވާލް ސިހުނީ އޭނާގެ އަތްދަމާލާފައި އަތްމަތީގައި ތިއާ ބޯއެޅުމުންނެވެ. ބަލައިލި އިރު މޫނަށް ބަލަހައްޓައިގެން ތިއާ އޮތީ ދާދި ކައިރީގައެވެ.
"ކޮންވިސްނުމެއްގަ" ތިއާ އެހިއެވެ.
"މާބޮޑުކަމެއްނުވޭ. ހިނގާ ކާންދަމާ" ނަވާލް ބުންޏެވެ.
"އަތްޖައްސާލަބަ" ފަސްމަހުގެ ބަނޑުން ތޮޅިލުމުން ތިއާ ބުންޏެވެ. ނަވާލް އަތްޖެއްސިއެވެ. ދަރިފުޅުގެ ތެޅުން އޭނާއަށް އިހުސާސްވުމާއެކު ހިތުން ހުރިހާ ނުތަނަވަސްކަމެއް ފިލައިގެން ދިޔަހެން ހީވިއެވެ. ތިއާގެ ގައިގައި ލޯބިން ބައްދާލިއެވެ. މޫނުގައި ބޮސްދިނެވެ. އެންމެފަހުން ބީހުންތައް އިތުރުވެ އިތުރު އިހުސާސަކަށް ބަދަލުވާން ގިނައިރެއް ނުނެގިއެވެ.
*****
ޖެހިގެން އައި ދުވަހު ހެނދުނެވެ. މަންޝާ ރޫމަކަށް ބަދަލުކުރާ ވާހަކަ ބުނިއްސުރެ ފެށިގެން ބޭރުގައި ތިބި މީހުން އިންތިޒާރުކުރަމުން ދިޔައެވެ. ފަހުވަގުތު ޑޮކްޓަރު ނުކުމެ ބަލިމީހާ ކައިރީގައި ދެރަވެ އެއްވެސް ވަރަކަށް ހިތާމަވެރި ވާހަކައެއް ނުދެއް ކުމަށް އިރުޝާދު ދިނެވެ. އަދި މަންޝާ އާ އުފާވެރިކަމާއެކު ވާހަކަދެއްކުމަށް ބުންޏެވެ. އާއިލާ އާ ބައްދަލުކުރެވޭނީ ރޫމަށް ގެންދާ ފަހުންނޭ ބުންޏެވެ.
މާގިނައިރުތަކެއް ނުވެ މަންޝާ އައިސީޔޫ އިން ނެރުނެވެ. މަންޝާއަށް އެންމެ ފުރަތަމަވެސް ފެނުނީ ދޮރުމަތީގައި ތިބި އޭނާގެ މައިންބަފައިންނެވެ. މައިންބަފައިންނަށް ވުރެ ކުރިން އުފަލުން ދެލޮލުން ކަރުނަ ހިލުނީ މަންޝާގެއެވެ. މަންމަ އާއި ބައްޕަގެ ދެއަތުގެ ތެރެއަށް ވަންނަހިތުން އޭނާ އެނދުން ތެދުވާހިއްވިއެވެ. އެހެންނަމަވެސް ޑޮކްޓަރުންނާއި ނަރުހުން އެދުނު ފަދައިން އޭނާ ކެތްކުރިއެވެ. ބޮލުގައި މީހަކު ފިރުމާލިހެން ހީވުމާއެކު ބަލައިލިއެވެ. ހިނިތުންވެފައި ދާދި ގާތުގައި ހުރީ ޒަވީއެވެ. މަންޝާ ހިނިތުންވެލިއެވެ.
"އަލްހަމްދުލިއްލާހް. މަންމަ ބައްޕަ ފެނިއްޖެ. ދޮންބެ ދޮންބެދައްތަ. އެކަކުވެސް އަހަރެންދެކެ ހިތްހަމަނުޖެހިފައެއް ނެތް. އަހަރެންގެ ހިތުގަ މިވާ ހުސްކަން ނުފިލާނެ އަހަރެންގެ ޒާން ނުފެންނަހާ ހިނދެއްގަ. ޒާން ކޮބައިބާ؟" މަންޝާގެ ހިތް ވާހަކަދައްކާލިއެވެ. އޮވެވުނީ ރާއްޖޭގެ ހޮސްޕިޓަލެއްގައި ނޫންކަން މަންޝާއަށް އެނގުނީ އައިސީޔޫ ތެރެއިން އިންޑިޔާ މީހުންނާއި ހަރުކޮށްފައިވާ ނޯޓިސްތަކާއި ލިޔެކިޔުންތައް އަދި ޕޯސްޓަރުތައް ފެނުމުންނެވެ.
"ވަރަށް އުފާވެރި ދުވަހެއް. އަލްހަމްދުލިއްލާހް" މިހާދު ބުންޏެވެ.
މަންޝާގެ ނިތުގައި މިހާދު ބޮސްދިނެވެ. ދާދި ކައިރީގައި މަންޝާގެ އަތުގައި ހިފަހައްޓާލައިގެން ދިލްޝާދު ހުއްޓެވެ. އިރުކޮޅަކާ މަންޝާގެ އަތުގައި ދިލްޝާދު ބޮސްދެއެވެ. ދެލޮލުން އުފާވެރިކަމުގެ ކަރުނަ ތިއްކެއް ވެއްޓެން ތައްޔާރުވުމާއެކު ހިނިތުންވެލާފައި ފޮހެލައެވެ. އުފާވެރިކަމުގެ ކަރުނައަށް ވިޔަސް ހެވެވެ. އެހާ އުފާވެރި ދުވަހެއްގައި ހިތާމަވެރިކަން ރަމްޒުކޮށްދޭ އެއްވެސް ނިޝާނަކަށް މަރުހަބާއެއް ނުކިޔޭނެއެވެ.
"ކޮބާ ދޮންބެ އާއި ފަހަރި؟" މަންޝާ އެހިއެވެ.
"ސަޕްރާ..........އިޒް..." އެހިނދު މަންޝާ ސިހުނެވެ. ދޮރުން އެތެރެއަށް ވަނީ ޒަވީ އާއި ޔަލާއެވެ. ކުރީގައި ހުރި ޔަލާ އަތުގައި ވެނީލާ އެންޑް ޗޮކްލެޓް މިކްސް ކޭކެއް ހުއްޓެވެ. ހިނިތުންވެލާފައި ތެދުވަން މަންޝާ މަސައްކަތް ކުރިއެވެ. ދިލްޝާދާއި މިހާދު ދެފަރާތުގައި ތިބެ މަންޝާއަށް އެހީވެދިނެވެ.
"ވާއު.. މައި ފޭވަރިޓް މިކްސް ކޭކް... އެކަމު ކިހިނެއް މިތަނުން ތިކަހަލަ ކޭކެއް އެހާ ފަސޭހައިން ހޯދީ"
"އެއްކަލަ މަގޭ މޮޔަ މަންކޮ... މިޒަމާނު ކޭކު ނުލިބޭ ތަންތަން ހުރޭތަ؟" ކުރެވުނީ މޮޔަ ސުވާލެއްކަން މަންޝާއަށް ފަހުމުވީ މާފަހުންނެވެ. އެނދުގައި އިށީނުމުން ކޭކު ބެހެއްޓީ މަންޝާގެ ކުރިމަތީގައެވެ. ޒަވީ ކުޑަ ވަޅިއެއް ދިއްކޮށްލުމުން މަންޝާ ކޭކު ފެޅިއެވެ. ފުރަތަމަ ކޭކުކޮޅު އޭނާ ދިނީ ދިލްޝާދަށެވެ. އެންމެންނަށް ކޭކުކޮޅު ކަމުން ދިޔައިރު އިތުރު ކޭކުކޮޅަކު ހިފަހައްޓާލައިގެން މަންޝާ އިނެވެ. ނަޒާން ހުރިނަމައެވެ. އެ އުފާވެރިކަން އެންމެ ބޮޑަށް އޭނާ ހިއްސާކުރަން އެންމެ ބޭނުންވީ ނަޒާނެވެ. އެކަމަކު ނަޒާންގެ ހަބަރެއްވެސް ނުވެއެވެ. ހާލު ބަލަން ގުޅި ހެއްޔެވެ؟ "އަނެއްކާ އެ ހާދިސާގައި ނަޒާނަށްވެސް ޝައިހާން ހަމަލާ..... ނޫން...." ހިތަށް އައިސް ބިރުވެރި ހިޔާލުތަކުން މަންޝާއަށް ސިހުން ލިބުނެވެ. ކޭކު ކޮޅު ތިރިއަށް ދޫކޮށްލާފައި އެނދުގެ ހުދު ކުލައިގެ ބެޑްޝީޓުގެ ދެފަރާތުގައި އޭނާ ބާރަށް ހިފަހައްޓާލިއެވެ.
"ކިހިނެއްވީ ދަރިފުޅާ" މަންޝާ އުޅުނުގޮތުން ދިލްޝާދު އެހިއެވެ.
އިސްކޮޅާ އެއްވަރުގެ މަލުގެ ބޮޑު ގުލްދަސްތާއެއް ހިފައިގެން ހުރި މީހަކު ކޮޓަރީ ދޮރަށް އެރުމާއެކު ހުރިހާ މީހުން އެއްފަހަރާ އެދިމާލަށް ބަލައިލިއެވެ. ހިފައިގެން ހުރި މާބޮނޑީގެ ސަބަބުން ދޮރުމަތީގައި ހުރި ޒުވާނާގެ މޫނު ފެންނަވަރެއް ނުވިއެވެ.
(ނުނިމޭ)