ގައުމީ އެއާލައިން، މޯލްޑިވިއަންއިން ދަރަވަންދޫއަށް އަލުން ދަތުރުތައް ފަށަން ނިންމައިފިއެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ ޕީއާރު މެނޭޖަރު އަހުމަދު މުޝްއިލް ސޮބާހު މިއަދު "ވަން" އަށް ވިދާޅުވީ، އަންނަ ޖޫން މަހުގެ 15 އިން ފެށިގެން ދަރަވަންދޫއަށް ފްލައިޓް ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށެވެ.
އެ ދަތުރުތަކަށް މިއަދުން ފެށިގެން ޓިކެޓް ވިއްކަން ފަށާފައިވާ ކަމަށާއި މޯލްޑިވިއަންގެ ވެބްސައިޓް، މޯބައިލް އެޕް، ކޯލް ސެންޓަރު އަދި ހުއްދަ ދީފައިވާ އެޖެންޓުން މެދުވެރިކޮށް ޓިކެޓް ގަނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ދަރަވަންދޫ އެއާޕޯޓް އޮޕަރޭޓް ކުރަނީ އައިލެންޑް އޭވިއޭޝަނުންނެވެ. ނަމަވެސް 2019 ވަނަ އަހަރު އެ އެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް ވަނީ މެދުކަނޑާލައިފައެވެ.
ދިގު މުއްދަތަކަށް ފަހު ދަރަވަންދޫއަށް އަލުން ދަތުރުތައް ފަށާއިރު ކޮންމެ ދުވަހަކު ފްލައިޓެއް ބާއްވާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މޯލްޑިވިއަނުން މައުލޫމާތު ދޭ ގޮތުގައި ދަރަވަންދޫއަށް ކުރާ ދަތުރުތަކުގެ ނޯމަލް ފެއާގެ ޓިކެޓެއްގެ އަގު އުޅޭނީ 1،125ރ އަށެވެ. ނަމަވެސް ދުރާލާ ޓިކެޓު ނަގާ ނަމަ، 15-5 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓް ރޭޓެއްގައި ޓިކެޓު ލިބޭނެއެވެ. އޭރުން އެންމެ އަގު ހެޔޮ ފެއާގެ ޓިކެޓުގެ އަގު އުޅޭނީ 869ރ އަށެވެ. އަދި ދަތުރުތައް ފަށާ ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަކަށް އަގު ހެޔޮ ފެއާގައި ނެގޭނެ ޓިކެޓުގެ އަދަދު އިތުރުވާނެ ކަމަށްވެސް މޯލްޑިވިއަނުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު