ސެންޓާ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ދެ މިލިއަން ޑޮލަރު ދައްކަން، ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސް/ ދިވެހި ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން އަމުރުކުރި މައްސަލަ ދައުލަތުން ހައިކޯޓަށް ހުށަހަޅައިފިއެވެ.

މިއީ ސެންޓާ އެންޓަޕްރައިސަސްގެ ފަރާތުން ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސް/ ދިވެހި ދައުލަތުގެ އެދުމަށް ފޯރުކޮށްދިން މެޑިކަލް އެންޑް ކޮންސިއުމަބަލްސްގެ އިންވޮއިސްގެ ފައިސާއާއި އޭގެ ސާޗާޖު އަރާފައި އޮތް މިންވަރަށް އެއްކުރުމުން އަންނަ 5.1 މިލިއަން ޑޮލަރު ދައްކާފައި ނުވަނީ ގާނޫނީ ސަބަބެއް އޮވެގެން ނޫން ކަމަށް ޝަރީއަތުން ކަނޑައަޅައިދިނުމާއެކު ވަގުތުން އެ ފައިސާ، އެމެރިކާ ޑޮލަރުން ދައްކައި ހަލާސްކުރުމަށް ދިވެހި ދައުލަތަށް އަންގާ އަމުރު ކޮށްދިނުމަށް އެދި ސެންޓާ އެންޓަޕްރައިސަސްގެ ފަރާތުން މެޑިކަލް ސާވިސްގެ މައްޗަށް ސިވިލް ކޯޓުގައި ކުރި ދައުވާއެކެވެ.

މި ދައުވާގައި ސެންޓާ އެންޓަޕްރައިސަސްގެ ފަރާތުން އެދިފައިވަނީ، މި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދިން މެޑިކަލް އިކުއިޕްމެންޓާއި ކޮންސިއުމަބަލްސްގެ އިންވޮއިސްގެ ފައިސާއާއި އޭގެ ސާޗާޖް އެއްކުރުމުން ލިބެންޖެހޭ ދެ މިލިއަން ޑޮލަރާއި އެ ފައިސާ މިހާތަނަށް އައިއިރުވެސް ދައްކާފައިނުވާތީ ސާޗާޖަށް ލިބެންޖެހޭ ޖުމުލަ 3.6 މިލިއަން ޑޮލަރު އެއްކުރުމުން އަންނަ ޖުމުލަ 5.1 މިލިއަން ޑޮލަރަކީ ދައުލަތުން ދައްކަންޖެހޭ ފައިސާއެއް ކަމަށާއި އެ ފައިސާ ދައްކާފައި ނުވަނީ ގާނޫނީ ސަބަބެއް އޮވެގެން ނޫން ކަމަށް ކަނޑައެޅުމާއެކު މި ފައިސާ ވީހާވެސް ކުރު މުއްދަތެއްގައި ދައްކާ ހަލާސް ކުރުމަށް ދިވެހި ދައުލަތަށް އަމުރުކޮށްދިނުމަށެވެ.

މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، ދެ ފަރާތުން ވެފައިވާ އެއްބަސްވުމުގައިވާ ގޮތަށް މެޑިކަލް އިކުއިޕްމެންޓާއި ކޮންސިއުމަބަލްސް ފޯރުކޮދޭންޖެހޭ ތަންތަނަށް ފޯރުކޮށްދީފައިވާ ކަމަށް ސެންޓާ އެންޓަޕްރައިސަސް އިން ސާބިތުކޮށްދީފައިވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވާކަން މެޑިކަލް ސާވިސްއިން ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން ނެތް ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން އެ އެއްބަސްވުމާ އެއްގޮތަށް އެކަމަށް ދައްކަންޖެހޭ ދެ މިލިއަން ޑޮލަރަކީ ދައުލަތުން ދައްކަންޖެހޭ ފައިސާއެެއް ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ސާޗާޖުގެ ގޮތުގައި ހޯދުމަށް ސެންޓާ އެންޓަޕްރައިސަސްގެ ފަރާތުން އެދިފައިވާ 3.6 މިލިއަން ޑޮލަރަކީ ދައުލަތުން ނަގައިދެވިދާނެ ފައިސާއެއް ކަމަށް ނުދެކޭ ކަމަށް އަމުރުގައިވެއެވެ.

އެހެންކަމުން ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ސެންޓާ އެންޓަޕްރައިސަސް އިން ރަށްރަށުގެ ހެލްތު ސެންޓަރަށާއި ހެލްތް ޕޯސްޓްތަކަށާއި އަދި ރީޖަނަލް ހޮސްޕިޓަލްތަކަށް ފޯރުކޮށްދީފައިވާ މެޑިކަލް އެންޑް ކޮންސިއުމަބަލްސްގެ އިންވޮއިސް ފައިސާގެ ޖުމުލަ ދެ މިލިއަން ޑޮލަރަކީ ސެންޓާ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސްއިން ދައްކަންޖެހި ނުދައްކާ ފައިސާއެއްކަން ސާބިތުވާ ކަމަށް ކަނޑައަޅައި ހުސްވި އޭޕްރީލް މަހުގެ 28ގެ ކުރިން އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށް ސިވިލް ކޯޓުން ވަނީ ދިވެހި ދައުލަތުގެ މައްޗަށް އަމުރުކޮށްފައެވެ.

އެ މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި މިވަނީ، ސިވިލް ކޯޓުގެ ހުކުމް ގޯސް ކަމަށް ބުނެއެވެ.