އިނގިރޭސި ރަސްގެފާނު ކިންގް ޗާލްސް 3 ވަނަ، ރަސްކަމުގެ ތަހުތަށް ވެޑުވުމުގެ ރަސްމިއްޔާތުގައި ދިވެހި ސިފައިން ބައިވެރިވެއްޖެއެވެ.
ރަސްގެފާނު ޗާލްސް ތަހުތަށް ވެޑުވުމުގެ ރަސްމިއްޔާތުގެ ހާއްސަ ޕެރޭޑުގައި ދިވެހި ސިފައިންގެ ދިހަ އޮފިސަރުން ބައިވެރިވި އެވެ.
މި ޕެރޭޑުގައި ދިވެހި ސިފައިން ބައިވެރިވީ ކޮމަންވެލްތު މެންބަރު ގައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެ ތަމްސީލުކުރުމަށެވެ. ރާއްޖެ ހިމެނޭ ގޮތަށް ކޮމަންވެލްތު ގައުމުތަކުގެ 400 އެއްހާ ސިފައިން ރަސްމީ ޕެރޭޑުގައި ބައިވެރިވިއެވެ. ކިންގް ޗާލްސް އަކީ ކޮމަންވެލްތުގެވެސް އެންމެ އިސްވެރިޔާއެވެ.
މިއީ މިފަދަ ރަސްމިއްޔާތެއްގައި ދިވެހި ސިފައިން ބައިވެރިވި ފުރަތަމަ ފަހަރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ކިންގް ޗާލްސް ތަހުތަށް ވެޑުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރަސްގެފާނު ޗާލްސް އަދި ރާނީ ކެމީލާ އިނގިރޭސި ޝާހީ ގަނޑުވަރު ބަކިންހަމް ޕެލެސްއިން، ރަސްކަމުގެ ތަހުތުގައި ވެޑުވުމުގެ ރަސްމީ އިހުތިފާލު ބޭއްވެވި ލަންޑަންގެ ވެސްޓްމިންސްޓާ އެބީއަށް ވަޑައިގެންނެވީ ޑައިމަންޑްޖުބިލީ ސްޓޭޓް ކޯޗްގައި ރަސްމީ އިއްޒަތުގައެވެ.
ކިންގް ޗާލްސް 3 ވަނަ އުފަންވެވަޑައިގެންނެވީ 1948 ގައެވެ. ކުރިން ޕްރިންސް އޮފް ވޭލްސް އަދި މިހާރު ކިންގް ޗާލްސް 3 ވަނައަށް ރަސްކަން ވާރުތަވެވަޑައިގެންނެވީ 1952 ވަނަ އަހަރު ރާނީ އެލިޒަބަތު 2 ވަނަ ތަހުތުގައިވެޑުވުމާއި ހަމައިންނެވެ. އެއަށް ފަހު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު، ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވެވަޑައިގެންނެވުމާ ގުޅިގެން ރަސްކަމުގެ ތަހުތާ އެމަނިކުފާނު ހަވާލުވެވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު