ރާއްޖެއަށް ޑިމޮކްރަސީގައި ހޯދިފައިވާ ކުރިއެރުންތަކުގެ އަސްލަކީ ދިވެހި ނޫސްވެރިން ކުރި މިންނެތް މަސައްކަތް ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.
އެ ހިތާބުގައި އެމަނިކުފާނު ވަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ނޫސްވެރިންނަށާއި ނޫސްވެރިންގެ އާއިލާތަކަށް، އަދި ނޫސް އިދާރާތަކުގެ ވެރިންނާއި މުވައްޒަފުންނަށް، ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި، ރާއްޖެއަށް ޑިމޮކްރެސީގައި ހޯދިފައިވާ ކުރިއެރުންތަކުގެ މައިގަނޑު އެއް އަސްލަކީ، މައުލޫމާތު ފެތުރުމުގެ ދާއިރާއިން، ދިވެހި ނޫސްވެރިން ކުރި މިންނެތް މަސައްކަތްކަން ފާހަގަކުރައްވައި މުޖުތަމައުގައި ނޫސްވެރިން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުއްވައިލައްވައިފައިވެ އެވެ. އަދި އެ މަނިކުފާނު ވަނީ ދިވެހި ނޫސްވެރިކަމުގައި ހޯދިފައިވާ ތަޖުރިބާތަކުގެ އަލީގައި ނޫސްވެރިކަމުގެ ކުރިމަގު އެއަށް ވުރެ އުޖާލާ ކުރުމަށް މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ.
އެމަނިކުފާނުގެ ހިތާބުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު އެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ހުރިހާ ނޫސްވެރިންގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވާފައިވެއެވެ. ހަމަ އެހެންމެ، ފަރުދުންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށް، އެ މުޖުތަމައެއްގައި ދިރިއުޅޭ އެންމެންގެ އިންސާނީ އަސާސީ ހައްގުތައް ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަށް މަސައްކަތް ކުރުމަކީ ނޫސްވެރިންގެ އިސް ވާޖިބަކަށް ވާން ޖެހޭކަން ވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. އަދި ނޫސްވެރިންގެ އެންމެ މަތިވެރި ޒިންމާއަކީ، ކޮންމެ ހާލަތެއްގައި ވެސް އިތުބާރު ހުރި ތެދު މައުލޫމާތު ފެތުރުންކަމުގައި ވެސް ވިދާޅުވިއެވެ.
ދިވެހި ނޫސްވެރިކަން އޭގެ އެންމެ ފުރިހަމަ މިނިވަންކަމުގައި ދެމެހެއްޓުމަށް، ސަރުކާރުގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށާއި އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުވެސް، ކޮންމެ ފަރުދަކަށް ލިބިދޭކަން ސަރުކާރުގެ ފަރާތުން އަބަދުވެސް ކަށަވަރު ކޮށްދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ފާހަގަކުރައްވާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު