ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭއެސްއެމްއެޗް) ގައި ބަނޑުގައި ލޯވަޅު އަޅައިގެން ކުރާ ލަޕަރޮސްކޮޕިކް ސާޖަރީގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ލެޕަރޮސްކޯޕިކް ސާޖަރީއަކީ ބަނޑުފަޅާ ނުލައި ކުޑަ ލޯވަޅުތަކެއް އަޅައިގެން ކުރާ އޮޕަރޭޝަންތަކެކެވެ. ކީހޯލް ސާޖަރީ ނުވަތަ މިނިމަލީ އިންވޭސިވްގެ ނަމުންވެސް ނަންދެވިފައިވާ މި އޮޕަރޭޝަންތަކަށްފަހު ބަލިމީހާ ހޮސްޕިޓަލްގައި މަޑުކުރަންޖެހޭ މުއްދަތާއި ފާރުތައް ފަސޭހަވުމަށް ނަގާ މުއްދަތު ބޮޑުތަނުން ކުޑަވެއެވެ.

އޭއެސްއެމްއެޗްއިން ބުނީ އެ ހޮސްޕިޓަލްގައި ލެޕަރޮސްކޯޕިކް އޮޕަރޭޝަންތައް ކުރަން ފެށުމާއި އެޑްވާންސް ވުންޑް ކެއާގެ ފަރުވާގެ ހިދުމަތް އަންނަ ބުދަ ދުވަހު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެޑްވާންސް ވޫންޑް ކެއާގެ ހިދުމަތަކީ ފަސޭހަ ނުވެ ގިނަ ދުވަސްވެފައި ހުންނަ ފާރުގަނޑުތައް ފަހުގެ ވަސީލަތްތައް ބޭނުންކޮށްގެން އަވަހަށް ފަސޭހަކުރުމެވެ. އެޑްވާންސް ވޫންޑް ކެއާގެ ހިދުމަތް ދިނުމަށް ހާއްސަ ކްލިނިކެއް ވެސް އޭއެސްއެމްއެޗްގައި މިހާރު ވަނީ ގާއިމުކޮށްފައެވެ.

އެ ހޮސްޕިޓަލުން ބުނީ ލަޕަރޮސްކޮޕިކް ސާޖަރީގެ ހިދުމަތް ތައާރަފު ކުރުމުގެ ގޮތުން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެ ކަމަށް ބޭނުންވާ ސާމާނާއި އާލާތްތައް ގެންގޮސްފައިވާ ކަމަށެވެ. އެ

ލަޕަރޮސްކޮޕިކް ސާޖަރީގެ ހިދުމަތްތައް ފެށުމުގެ ގޮތުން ކުރާ ފުރަތަމަ އެފަދަ އޮޕަރޭޝަން ކުރުމަށްޓަކައި އައިޖީއެމްއެޗްގެ ޑިޕާޓްމެންޓް ސާޖަރީގެ ޓީމެއް މާދަމާއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އެ ހޮސްޕިޓަލަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ޓީމުގައި ހިމެނެނީ ޖެނެރަލް ސާޖަރީ ޑޮކްޓަރުންނާއި އޮޕަރޭޝަން ތިއޭޓަރުގެ ނަރުހުންނާއި ހޭނައްތާ ޑޮކްޓަރެއްގެ އިތުރުން ހޭނައްތާ ނަރުހެކެވެ.