ކައުންޓާ ޓެރަރިޒަމާއި، ޑިޒާސްޓާ މެނޭޖްމަންޓާއި، ސައިބާ ސެކިއުރިޓީ އަދި މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމަށް އިންޑިއާ އިން ނިންމައިފިއެވެ.
އިންޑިއާ އިން އެކަމަށް އެއްބަސްވެފައިވަނީ ރަސްމީ ދަތުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފައިވާ އިންޑިއާގެ ދިފާއީ ވަޒީރު ޝްރީ ރާޖްނާތު ސިންހް، ރާއްޖޭގެ ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
ޑިފެންސް މިނިސްޓްރީން ބުނީ ސިފައިންގެ މައި މަރުކަޒު ބަންޑާރަ ކޮށީގައި މިއަދު ބޭއްވި އެ ބައްދަލުކުރެއްވުމުގައި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާއި ދުނިޔޭގެ ސަލާމަތީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ބެހޭގޮތުން ދެ ގައުމުގެ ދިފާއީ ވަޒީރުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
ސަރަހައްދުގެ ސުލްހަވެރިކަމާއި، ހަމަޖެހުމާއި އަދި އަމަންއަމާންކަން ދެމިއޮތުމުގެ މުހިންމުކަން ފާހަގަކުރައްވައި، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ދެބޭފުޅުން ވެސް ފާހަގަކުރައްވާފައިވާ ކަމަށާއި އޭގެ އިތުރުން، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ބައިނަލްއަގުވާމީ ގާނޫނުތަކާއި، ގަވާއިދުތަކަށް އިހުތިރާމުކުރުމާއި އަދި ދެ ގައުމު ގުޅިގެން ގާނޫނުތައް ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުކުރެއްވުމުގައި ދިފާއީ އަދި އަސްކަރީ ދާއިރާއިން ދެ ގައުމު ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގައި ހޯދަމުން އަންނަ ކާމިޔާބީ ދެ ވަޒީރުން ވެސް ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން ކައުންޓާ ޓެރަރިޒަމާއި، ޑިޒާސްޓާ މެނޭޖްމަންޓާއި، ސައިބާ ސެކިއުރިޓީ އަދި މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން އެއް ގައުމުން އަނެއް ގައުމަށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިނިސްޓަރު މާރިޔާ ވަނީ، އިންޑިއާ އިން ދިވެހި އަސްކަރިއްޔާއަށް ވަމުންދާ އެހީތެރިކަން ފާހަގަކުރައްވައި އިންޑިއާގެ ސަރުކާރަށާއި އަދި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފައެވެ.
އެ ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން، ބަދަހިކުރުމަށް ކުރެވިދާނެ އިތުރު ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ. އެގޮތުން ދިފާއީ އަދި އިގުތިސާދީ ދާއިރާއިން ގާބިލުކަން އިތުރުކުރުމާއި، ދެ ގައުމު ގުޅިގެން ތަފާތު ތަމްރީންތައް ހިންގުމާއި، އެއްބަޔަކު އަނެއްބައެއްގެ މެދުގައި އޮތް އެކުވެރި ގުޅުން ފަރުދީ ފެންވަރުގައިވެސް އިތުރަށް ހަރުދަނާކުރުމުގެ މުހިއްމުކަން ދެބޭފުޅުން ވެސް ފާހަގަކުރައްވައި، އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓަރު މާރިޔާ އާއި އިންޑިއާގެ ދިފާއީ ވަޒީރުގެ އެ ބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި، މިނިސްޓަރުގެ ނައިބު ހަސަން ޒަމީލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ތިން ދުވަހުގެ މުއްދަތަކަށް މިނިސްޓަރު ރާޖްނާތު ސިންހް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު